ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ ވިޔަފާރި އުޅަނދަކަށް މަރުގެ ހަމަލާއެއް ދީފައިވާ ކަމަށް ބުނެ އީރާނުން ޔޫކްރެއިނަށް ތުހުމަތުކޮށްފިއެވެ. މިއާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވެ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް އާ ބަދަލުތަކެއް ވަނީ އައިސްފައެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ހަމަލާގެ ސަބަބުން އުޅަނދުގައި ގޮވުމެއް އިތުރުވެ، އެކަކު މަރުވެ އިތުރު މީހަކަށް ވަނީ އަނިޔާވެފައެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ މިއީ ”ދުޝްމަނު އަދި ޖިނާއީ“ އަމަލެއްގެ ގޮތުގައި ސިފަކޮށް ކުށްވެރިކޮށްފައެވެ. އަދި މި ހަމަލާއާ ގުޅިގެން ރަސްމީކޮށް އިހުތިޖާޖު ކުރުމަށް ތެހެރާނުގައި ހުންނަވާ ޔޫކްރެއިންގެ ޗާޖް ޑި އެފެއާޒް ވަނީ ހާޒިރުކޮށްފައެވެ. ދައުލަތުގެ ނިއުސް އެޖެންސީ އިރްނާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގި ކަމަށް ޔޫކްރެއިންގެ ލީޑަޝިޕުން އިއުތިރާފުވެފައިވާ ކަމަށް ތެހެރާނުން ބުނެއެވެ. އަދި މިއީ އީރާނާ މެދު ކިއީވްއިން ގެންގުޅޭ ”ބުއްދިވެރިކަމެއް ނެތް، ދުޝްމަނު އަމަލުތަކުގެ“ އިތުރު ހެއްކެއް ކަމަށް ވެސް ބުނެފައިވެއެވެ.
މި ހަމަލާއަކީ އެހެން ގައުމެއްގެ ސަރަހައްދީ ނުވަތަ ސިޔާސީ މިނިވަންކަމަށް ބާރުގެ ބޭނުންކުރުން މަނާކުރާ އދ. ގެ ޗާޓަރުގެ 2 ވަނަ މާއްދާގެ 4 ވަނަ ނަންބަރާ ހިލާފު އަމަލެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އާ ސަރަހައްދުތަކަށް ފެތުރިގެން ދިއުމުގެ ބިރު އޮތް ކަމަށް ވެސް އީރާނުގެ އޮފިޝަލުން އިންޒާރު ދެއްވިއެވެ.
ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ކާޖާ ކާލަސްއާ ފޯނުން ގުޅުއްވައި މި މައްސަލައާ މެދު މަޝްވަރާ ކުރައްވާފައެވެ. އަރާގްޗީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، އދ. ގެ ސަލާމަތީ މަޖިލީހާއި، ވިލާތުގެ އިއްތިހާދާއި، ބައިނަލްއަގުވާމީ މުޖުތަމައުން މިކަމާ މެދު ހަރުދަނާ ފިޔަވަޅު އެޅުމަށް ގޮވާލެއްވި ކަމަށެވެ. އަދި މިކަމުގައި ޒިންމާވާ ފަރާތްތަކާއި އެ ފަރާތްތަކަށް ވާގިވެރިވާ އެންމެން ޖަވާބުދާރީ ކުރުވުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
އަލްޖަޒީރާގެ ތެހެރާން ރިޕޯޓަރު ބުނި ގޮތުގައި، މި ހަމަލާގެ ސަބަބުން އީރާނުގެ ކަނޑުގެ ވިޔަފާރިއަށް އިތުރު ޕްރެޝަރުތަކެއް ވަނީ ކުރިމަތިވެފައެވެ. ހާއްސަކޮށް އެމެރިކާއިން އީރާނުގެ ދެކުނު އައްސޭރިފަށަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލަމުންދާ ދަނޑިވަޅެއްގައި، އުތުރުގެ ކެސްޕިއަން އައްސޭރިފަށުގައި މިފަދަ ހުރަސްތަކެއް ކުރިމަތިވުމަކީ ވިޔަފާރި އުޅަނދުތަކުގެ ދަތުރުފަތުރަށް އިތުރު ދަތިތަކެއް ކުރިމަތިވާނެ ކަމެކެވެ.
މިކަމަށް ރައްދު ދެއްވަމުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ސޯޝަލް މީޑިއާގައި ވިދާޅުވީ، ކެސްޕިއަން ކަނޑުގައި ދިން ދުރު ރާސްތާގެ ހަމަލާތަކުން ޔޫކްރެއިނަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ. މި ހަމަލާތައް އަމާޒުކުރީ އީރާނާ ގުޅުންހުރި އަސްކަރީ މުދާ އުފުލާ އުޅަނދުތަކަށާއި ހަނގުރާމަމަތީ އުޅަނދަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ތެހެރާނުން ބުނާ ވިޔަފާރި އުޅަނދުގެ ނަން އޭނާ ފާހަގައެއް ނުކުރައްވައެވެ.
2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމުގައި ބޭނުންކުރުމަށް އީރާނުން ”ޝާހިދު“ ޑްރޯން ފޯރުކޮށްދިން ހިސާބުން ފެށިގެން އީރާނާއި ޔޫކްރެއިންގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޔޫކްރެއިނުން ބުނާ ގޮތުގައި ހަނގުރާމަ ފެށުނީއްސުރެ އީރާނުން ފަރުމާކޮށްފައިވާ 44،000 އަށްވުރެ ގިނަ ޑްރޯން އެ ގައުމުން ވަނީ ހުއްޓުވާފައެވެ.
މީގެ އިތުރުން، ޔޫކްރެއިނުން ވަނީ ގަލްފުގެ ގައުމުތަކާ އެކު އޮންނަ އެއްބާރުލުން އިތުރުކޮށް، ޑްރޯން ހުއްޓުވާ ޓެކްނޮލޮޖީ ފޯރުކޮށްދީ، ގަތަރު، ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި ކުވެއިތު ފަދަ ގައުމުތަކަށް ފަންނީ މާހިރުން ފޮނުވާފައެވެ. ހަމައެއާއެކު، ރަޝިޔާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ޔޫކްރެއިނާއި ހުޅަނގުގެ ގައުމުތަކުން ކުރާ ތުހުމަތުތައް ދޮގުކޮށް، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއަށް ވަދެފައިނުވާނެ ކަމަށް އީރާނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
![]()
