ޔަމަނާއި ސައޫދީއާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކަށް ބަލައިލުމެއް

Loading

July 25, 2026
profile
Facebook
Twitter
WhatsApp

ޖުލައި 24 ވަނަ ދުވަހުގެ ރޭ ސައޫދީން ޔަމަނުގެ ހުޅަނގު ޕްރޮވިންސެއް ކަމަށްވާ ހުދައިދާގެ ބަނދަރަށް ދިން ގިނަ ހަމަލާތަކަކާ ގުޅިގެން، އަންޞާރުﷲ އިން ވަނީ ވަރުގަދަ ރައްދެއް ދީފައެވެ.

ހޫޘީންގެ އަލް-މަސީރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައޫދީގެ ހަމަލާތައް އަމާޒުވެފައިވަނީ ހުދައިދާ ސިޓީގައި ހުރި ޓެލެކޮމިއުނިކޭޝަން ކޯޕަރޭޝަންގެ ވަސީލަތްތަކަށެވެ. އަދި މި ހަމަލާގައި އެތަނުގެ މުވައްޒަފަކަށް އަނިޔާވި ކަމަށް އެ ނޫހުން ބުނެއެވެ. މީގެއިތުރުން އެ ޕްރޮވިންސްގެ އެހެން ބައެއް ސަރަހައްދުތަކަށްވެސް ހަމަލާދީފައިވާ އިރު، ކަމަރާން އައިލެންޑަށް ދިން ހަމަލާއެއްގައި އަންހެނަކަށް އަނިޔާވި ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ޔަމަނުގެ އަސްކަރީ ވައިގެ ދިފާއީ ނިޒާމުން ސައޫދީގެ ބައެއް ހަނގުރާމަމަތީ މަތިންދާބޯޓުތައް ޔަމަނުގެ ވައިގެ ސަރަހައްދުން ބޭރުކޮށްލި ކަމަށް ސަންޢާގައި ގާއިމުވެފައިވާ ހޫޘީ ސަރުކާރުގެ ދިފާއީ މިނިސްޓްރީން ބުންޏެވެ.

🔴 ސައޫދީ ކޯލިޝަނުގެ ރައްދު

މި ހަމަލާތަކުގެ މަސްއޫލިއްޔަތު އުފުލައި ސައޫދީ އިސްވެއޮންނަ ކޯލިޝަނުން ބުނީ، މިއީ ހުދައިދާގައި ހުރި ހޫޘީންގެ އަސްކަރީ އަމާޒުތަކަށް ދެވުނު އެކަށީގެންވާ އަސްކަރީ ރައްދެއް ކަމަށެވެ.

ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރްކީ އަލް-މާލިކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި އޮޕަރޭޝަން ހިންގާފައިވަނީ ރަތްކަނޑުގައި ދަތުރުކުރާ އާންމު އުޅަނދުފަހަރަށް ހޫޘީން ދެމުންދާ ނުރައްކާތެރި ހަމަލާތަކާ ގުޅިގެން ކަމަށެވެ. އަދި މި ހަމަލާތައް އަމާޒުކޮށްފައިވަނީ ކަނޑުގެ ދަތުރުފަތުރަށް ހުރި ނުރައްކާތަކާ ގުޅުންހުރި އަސްކަރީ ތަންތަނަށް ކަމަށާއި، ހަމަލާތައް ދީފައިވަނީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

🔴ހަމަލާތައް ފެށެން ދިމާވި ސަބަބު

ސައޫދީ ކޯލިޝަނުން މިފަދައިން ބުނި ނަމަވެސް، 2015 އިން ފެށިގެން ސައޫދީ ކޯލިޝަނުން ވަނީ ޔަމަނުގައި އޮތް ޙޫޘީންގެ ސަރުކާރު ވައްޓާލުމަށް އެގައުމު ބްލޮކޭޑް (ޙިޞާރު) ކޮށް، ވަރުގަދައަށް ބޮންއެޅުމުގެ ހަނގުރާމައެއް ދަމަހައްޓާފައެވެ. މި ބްލޮކޭޑާއި ބޮންއެޅުމުގެ ހަނގުރާމަ 2022 ގައި ޤާއިމުކުރެވުނު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހަމައަށް ދެމިއޮތެވެ. އަދި މި އަނިޔާވެރި ބްލޮކޭޑުގެ ސަބަބުން ޔަމަނުގެ އެތައް މިލިއަން މީހުން ބަނޑަށް ޖެހުނެވެ. 2022 ގައި ކުރެވުނު ސީސްފަޔަރ އަށް ފަހު ބޮންއެޅުން ހުއްޓާލި ނަމަވެސް، ޔަމަނާ ދެކޮޅަށް އަޅާފައިވާ ބްލޮކޭޑް ސައޫދީ ކޯލިޝަނުން ވަނީ ދަމަހައްޓާފައެވެ.

މިފަހުގެ ހަމަލާ ބަދަލުކުރުންތައް ފެށިފައިވަނީ އަލީ ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވި ޙޫޘީންގެ ވަފުދާއި، އީރާނުގައި ބޭސްފަރުވާއަށް ގޮސްތިބި ޔަމަނުގެ މީހުން ގޮވައިގެން އީރާނުގެ މަތިންދާބޯޓެއް ސަންޢާގެ އެއަރޕޯޓަށް ޖެއްސިޔަ ނުދިނުމަށް ސައޫދީން އެއަރޕޯޓަށް ހަމަލާދީ ރަންވޭ ހަލާކުކޮށްލުމުންނެވެ.

”ބްލޮކޭޑަށް ބްލޮކޭޑް“

ޔަމަނަށް އަރައިގަނެގެން އުޅޭތީ އެކަމުގެ ރައްދުގައި ސައޫދީ އަރަބިއްޔާއާ ދެކޮޅަށް ”ބްލޮކޭޑަށް ބްލޮކޭޑް“ ކަނޑުގެ ޙިޞާރެއް ޤާއިމުކުރާނެ ކަމަށް ހޫޘީން ޖުލައި 20 ގައި ބުނެފައިވެއެވެ. އަދި އޭގެ ތިން ދުވަސް ފަހުން ސައޫދީގެ ދެ ތެޔޮ އުޅަނދަކަށް ހަމަލާދީ، އޭގެ ތެރެއިން އެއް އުޅަނދުގައި ވަނީ ރޯކޮށްލާފައެވެ.

މި ހަމަލާތަކަށްފަހު، ހޫޘީން ވަނީ ސައޫދީ އަރަބިއްޔާއަށް ރައްދު ދޭނެ ކަމަށް ބުނެ، ހިނގާދިޔަ ކަންތައްތަކަކީ ”ނުރައްކާތެރި ނުބައި ފިޔަވަޅެއް“ ގޮތުގައި ސިފަކޮށްފައެވެ.

”ސައޫދީ ދުޝްމަނުން ހުދައިދާއާއި ކަމަރާން އައިލެންޑުގެ އާންމު ވަސީލަތްތަކަށް ހަމަލާދިނުމަކީ ނުރައްކާތެރި ނުބައި ފިޔަވަޅެއް،“ ހޫޘީންގެ އަންޞާރުﷲ މީޑިއާއިން ޓެލެގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ. ”މި ފަހުގެ ޖަރީމާތަކަށް ރައްދުނުދީ ނުހުންނާނެކަމުގެ ޔަގީންކަން އަރުވަން.“

މި ރައްދު ވަރަށް އަވަހަށް އައެވެ. ޖުލައި 25 ގެ ހެނދުނުގެ ވަގުތެއްގައި، ސައޫދީގެ ދެކުނު ޕްރޮވިންސެއް ކަމަށްވާ ޖީޒާންގައި ހުންނަ ސައޫދީ އަރަމްކޯގެ ތެޔޮ ސާފުކުރާ ކާރުޚާނާއަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދިނެވެ. ނާސާގެ ސެޓެލައިޓް މޮނިޓަރިންގ ނިޒާމުން ދައްކާގޮތުގައި، އެ ތަނުން ބޯ ދުންތައް އަރަމުންދިޔައިރު، އެތައް ތަނެއްގައި ރޯވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ގާތްގަނޑަކަށް 9 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ މި ރިފައިނަރީއަކީ ދުވާލަކު 400،000 ފީފާގެ ތެޔޮ ސާފުކުރުމުގެ ގާބިލުކަން ލިބިފައިވާ، އަދި ސައޫދީން މަތީ ފެންވަރުގެ ތެޔޮ އުފެއްދުންތަކަށް ބަދަލުކުރުމަށް ހިންގާ ޕްރޮޖެކްޓުގެ މުހިންމު ބައެކެވެ. އަރަމްކޯއިން މި ހަމަލާއާ ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ޝައުގުވެރިކަން އުފެދޭ އަނެއް ކަމަކީ، ގްރީކް އަސްކަރިއްޔާއިން ސައޫދީ އަރަބިއްޔާގައި އޮޕަރޭޓްކުރާ ވައިގެ ދިފާއީ ނިޒާމަކުން، މަދީނާ ޕްރޮވިންސްގެ ހުޅަނގުގައިވާ ޔަންބު ގައި ހުރި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް އަމާޒުކޮށް ޔަމަނުން ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ވައްޓާލާފައިވާ ކަމަށް ގްރީކުގެ ސެކިއުރިޓީ މަސްދަރުތަކުން ރޮއިޓާސްއަށް މައުލޫމާތު ދީފައިވުމެވެ. މީގެއިން އެނގިގެންދަނީ އެމެރިކާގެ އިތުރުން ނޭޓޯ ގައުމުތަކުގެ ސިފައިންވެސް ސައޫދީގައި ގާއިމުވެ ތިބި ކަމެވެ.

🔴ސީސްފަޔަރ އެއްބަސްވުން ރޫޅިގެންދިއުމުގެ ބިރު

ފަހުން ހޫޘީން ވަނީ ސައޫދީއަށް ދިން ހަމަލާގެ މައްސޫލިއްޔަތު އުފުލައި، އަންޞާރުﷲ ގެ އަސްކަރީ ތަރުޖަމާނުގެ ބަޔާނެއް އާންމުކޮށްފައެވެ. އަދި އެ ޖަމާއަތުން ދިން ހަމަލާތަށް ނިންމާފަ ވާކަމާ، ނަމަވެސް ސައުދީއިން އިތުރު ހަމަލައެއް ދީފިނަމަ ރައްދުދޭނެ ކަން ވަނީ ހާމަކޮއްފައެވެ.

ސައޫދީ އަރަބިއްޔާއާއި ހޫޘީންގެ މެދުގައި ބަދަލުކުރެވުނު މި ހަމަލާތަކުގެ ސަބަބުން، ޔަމަނުގައި އޮތް ނާޒުކު ހަމަލާބަދަލުނުކުރުމުގެ އެއްބަސްވުން ރޫޅިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. އެ ގައުމުގައި ނުވަތަނަވަސްކަން ބޮޑުވަމުންދާތާ މަސްތަކެއް ވެފައިވާއިރު، ޔަމަނުގައި ތިބި ޙޫޘީންނާ ދެކޮޅު ސައޫދީގެ މަދަދުގާރުން އަނެއްކާވެސް ހަނގުރާމަ ފެށުމަށް ތައްޔާރަށް ތިބިކަން ވެސް ފާހަގަވެއެވެ. އިޒްރޭލުން ޣައްޒާގައި ކުރި ގަތުލުއާންމާ ދެކޮޅަށް އިޒްރޭލަށް ހަމަލާދިން ބަޔަކަށް ޔަމަނު ވާއިރު، ސައޫދީން ޔަމަނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަކީ އިޒްރޭލުން ވަރަށް ތާއީދުކުރާނެ ކަމެކެވެ.
➖ މުހަންމަދު މުސްތާގު

Loading

Leave a Reply

ފަހުގެ އަޕްޑޭޓް