ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ހައުސިން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
އެގޮތުން ހައުސިން މިނިސްޓްރީގައި މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްޣަފޫރު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ހައުސިން މިނިސްޓްރީން ބުނިގޮތުގައި ހުޅުމާލޭ ފޭސް އެކެއްގެ ސެންޓްރަލް ޕާކާ އިންވެގެން އޮންނަ 29،490 އަކަފޫޓުގެ ސަރަހައްދެއްގައި ތަރައްގީކުރާ އެ ކޮމްޕްލެކްސްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 720 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެއީ 699.8 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.
ހައުސިން މިނިސްޓްރީން ބުނީ ޖުމްލަ 14 ބުރިއަށް އިމާރާތްކުރާ އެ އިމާރާތަކީ ހައިކޯޓާއި ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓް އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެއް ކަމަށެވެ.
![]()
