ތެހެރާންގެ މެދުތެރޭގައި ހަރުކުރި އުދުވާނީ ބިލްބޯޑެއްގައި، އެމެރިކާގެ ދިދަ އޮޅާފައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އާއިލާ ދައްކުވައިދީ، ފާރިސީ ބަހުން “ލެޔަށް ލޭ“ މި ޝިއާރު ލިޔެފައިވުމާއެކު، އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އަނެއްކާވެސް ވަނީ އިތުރުވެފައެވެ.
ތެހެރާންގެ އެންމެ ކާރުބާރޫ ބޮޑު އެއް ސަރަހައްދުގައި ހަރުކުރި މި ބޮޑު ބެނާގައި ޓްރަމްޕާއެކު ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕާއި އެ ދެމަފިރިންގެ ފަސް ދަރިން ކަމަށްވާ އިވަންކާ، ޑޮނަލްޑް ޓްރަމްޕް ޖޫނިއާ، އެރިކް، ޓިފަނީ އަދި ބެރަން ޓްރަމްޕް ފެންނަން ހުރެއެވެ. އެމީހުންގެ ފަހަތުން ފެންނަނީ އަލިފާން ރޯވެފައިވާ ވައިޓް ހައުސްއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވެމުންދާ ހަރުކަށި ބަހުގެ ހަމަލާތަކުގެ އިތުރަށް ވަރުގަދަވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.
މިއީ ފާއިތުވި ހަފުތާތަކުގައި އެމެރިކާގެ ރައީސަށް އަމާޒުކޮށް ހަރުކުރި މިފަދަ ދެވަނަ ބިލްބޯޑެވެ. މީގެ ކުރިން ތެހެރާންގެ އިންގިލާބު މައިދާނުގައި ހަރުކުރި ބިލްބޯޑެއްގައި ފެންނަނީ، ކަޅުކުލައިގެ އެއްޗެއްގެ ތެރޭގައި ޓްރަމްޕް އޮށޯވެގެން އޮއްވައެވެ. އޭނާގެ ލޯ މަރާލެވިފައިވާއިރު، އަތް ބާއްވާފައިވަނީ އޭނާގެ ރަމްޒީ ރަތް ކުލައިގެ ޓައި މަތީގައެވެ. މި ކުރެހުމަކީ އެމެރިކާގެ ލީޑަރަށް ސީދާ ދިން އިންޒާރެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ މާނަކޮށްފައެވެ.
ސިޔާސީ މެސެޖުތައް ފެތުރުމަށް އީރާނުން ބޮޑެތި ގުރެފިޓީ ކުރެހުންތަކާއި ބިލްބޯޑުތައް ބޭނުންކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް، ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނާއި އެމެރިކާ-އިސްރާއީލް ފައުޖުތަކާ ދެމެދު ކުރިމަތިލުންތައް ފެށުނު ފަހުން މިފަދަ މަންޒަރުތައް ދެއްކުން އިތުރުވެފައިވާ ކަމަށް މުހައްލިލުން ބުނެއެވެ. އިސްލާމީ ޖުމްހޫރިއްޔާގެ މުވާސަލާތީ ސިޔާސަތުގެ ބައެއްގެ ގޮތުން، އިންގިލާބީ މަންޒަރުތަކާއި، ހަނގުރާމައިގެ ހަނދާންތަކާއި، އެމެރިކާއާ ދެކޮޅު މެސެޖުތައް ތެހެރާންގެ އެކި ސަރަހައްދުތަކުން ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ.
ސިޓީގެ ފާހަގަކޮށްލެވޭ ގިނަ ގުރެފިޓީ ކުރެހުންތަކަކީ، ހާއްސަކޮށް ވަލިއަސްރު މައިދާނުގައި ހުންނަ ކުރެހުންތަކަކީ، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އައި.އާރު.ޖީ.ސީ އާއި ގުޅުންހުރި މުއައްސަސާތަކާ ގުޅިފައިވާ ’އައުޖް އާޓްސް އެންޑް މީޑިއާ އޯގަނައިޒޭޝަން‘ އިން ފަރުމާކޮށްފައިވާ ކުރެހުންތަކެކެވެ.
އެންމެ ފަހުން މި ހަރުކުރި ބިލްބޯޑު ފެނިފައިވަނީ، ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ބަދަލުހިފުމަށް އީރާނުގެ ލީޑަރުން ތަކުރާރުކޮށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ ހަފުތާގައި ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީ ވަނީ، އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ”އެމީހުންގެ އެނދުތަކުގައި އަމާންކަމާއެކު މަރުވެގެން ނުދާނެ“ ކަމަށް ވިދާޅުވެ، ބަދަލުހިފުމަކީ އީރާނުގެ ރައްޔިތުންގެ އެދުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
”އަހަރެމެންގެ ބަދަލުހިފުން ހަމަޔަގީނުންވެސް ކުރިއަށްދާނެ“ އޭނާގެ ޓެލެގްރާމް ޗެނަލްގައި ވިދާޅުވިއެވެ. އަދި އެ އަމަލުގެ ފަހަތުގައި ތިބި މީހުން މިހާރު ދެނެގަނެވިފައިވާ ކަމަށްވެސް އިތުރުކުރެއްވިއެވެ.
ވޮޝިންޓަނުން ވަނީ ހަމަ އެފަދަ ވަރުގަދަ އިންޒާރުތަކަކުން ރައްދު ދީފައެވެ. ނިއުޔޯކް ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، އޭނާ އަވަހާރަކޮށްލުމަށް އީރާނުން ކާމިޔާބު މަސައްކަތެއް ކޮށްފިނަމަ، އާދަޔާ ހިލާފު ވަރުގަދަ އަސްކަރީ ހަމަލާއެއް ދިނުމަށް އެމެރިކާގެ އޮފިޝަލުންނަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
”އަހަރެން ވަނީ އިރުޝާދު ދީފައި… ކަމެއް ދިމާވެއްޖެނަމަ، ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ މިންވަރަކަށް އެމީހުންނަށް ބޮން އެޅުމަށް“ ޓްރަމްޕް ވިދާޅުވިއެވެ. އަދި އީރާނުގެ އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް އެމެރިކާއިން ދިން ހަމަލާއަށްފަހު، އޭނާ އީރާނުގެ އަމާޒުފަތްގަނޑެއްގެ ގޮތުގައި އޮންނަތާ އަހަރުތަކެއް ވެފައިވާކަން ފާހަގަކުރެއްވިއެވެ.
މިދަނޑިވަޅުގައި، އީރާނާ ދެކޮޅަށް ފުޅާ އަސްކަރީ ކެމްޕޭނެއް ފެށުމުގެ ފުރުސަތަށް ތައްޔާރުވުމުގެ ގޮތުން، އެމެރިކާއިން އިސްރާއީލަށް ދިހަވަރަކަށް އޭރިއަލް ރިފިއުލިންގް މަތިންދާބޯޓު ފޮނުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއާއެކު، މިހާރުވެސް ނުތަނަވަސްވެފައިވާ މެދުއިރުމަތި، ސަރަހައްދީ ބޮޑު ހަނގުރާމައަކާ ގާތަށް ޖެހެމުންދާ ކަމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ.
![]()
