މިލިއަނުން ގުނާލެވޭ ގިނަ ބަޔަކަށް، ނިދުމަކީ ކުރިމަތިވާ ގޮންޖެހުމުގެ އެއްބައެވެ. ނިދާފައި އޮއްވާ އިރުއިރުކޮޅުން ހޭލެވުމާއި އަލުން ނިދަން އުނދަގޫވުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ. މީގެ ސަބަބުން ކުރިއަށް އޮންނަ ދުވަހު މީހާ މުޅިން ވަރުބަލިކޮށްލައެވެ. ނިދުމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، ”3-2-1“ ނިދުމުގެ އުސޫލުގެ ގޮތުގައި މަޝްހޫރުވެފައިވާ އާދައިގެ ރޫޓިންއެއްގެ އެހީގައި، މިގޮތަށް ހޭލެވޭ ހޭލެވުން މަދުކުރެވިދާނެއެވެ.
މި އުސޫލު ބިނާވެފައިވަނީ ނިދުމުގެ ކުރިން ހަށިގަނޑާއި ސިކުނޑި ހަމަޖައްސާލުމަށްޓަކައި ތަރުތީބުކުރެވިފައިވާ ނިޒާމެއްގެ މައްޗަށެވެ. މީގައި ލަފާދެނީ ނިދުމުގެ ތިން ގަޑިއިރު ކުރިން ބަރު ކެއުންތަކާއި އަލްކަހޮލިކް ބުއިންތައް ބޭނުންކުރުން ހުއްޓާލުމަށާއި، ނިދުމުގެ ދެ ގަޑިއިރު ކުރިން މަސައްކަތްތަކާއި ސިކުނޑިއަށް ބާރުބޮޑުވާ ކަންކަން ނިންމާލުމަށާއި، އަދި ނިދުމުގެ އެއް ގަޑިއިރު ކުރިން ހުރިހާ ސްކްރީންތަކެއް (ފޯނު، ޓީވީ ފަދަ ތަކެތި) ނިއްވާލުމަށެވެ.
މިއީ މުޅިން އާ ގޮތެއް ނޫން ނަމަވެސް، ނިދުމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި މީގެ ސަބަބުން ހަށިގަނޑުގެ ގުދުރަތީ ނިދުމުގެ ބުރު ނުވަތަ ސައިކަލްއަށް އެހީތެރިވެދޭ ސިއްހީ އާދަތައް ވަރުގަދަކޮށްދީ، ނިދަންއުނދަގޫވުމުގެ މައްސަލައާއި އަބަދު އަބަދު ހޭލެވުމުގެ މައްސަލަ ކުޑަކޮށްދެއެވެ.
މީގެ އެންމެ ބޮޑު އެއް ފައިދާއަކީ ލޭގައި ހަކުރު ހުންނަ މިންވަރު ރަނގަޅަށް ކޮންޓްރޯލްވުމެވެ. ފަންކްޝަނަލް ޑައިގްނޯސްޓިކް ނިއުޓްރިޝަން ޕްރެކްޓިޝަނަރ އަދި ނާރސް ޕްރެކްޓިޝަނަރ ކޮނީ ވޭޑް ވިދާޅުވާ ގޮތުގައި، ރޭގަނޑު މާ ލަސްވާ ފަހުން ބަރު ނުވަތަ ސިއްހީ ގޮތުން އެކަށީގެންނުވާ ކެއުންތައް ކެއުމަކީ ރޭގަނޑުގެ ވަގުތުގައި ލޭގެ ހަކުރު ކުއްލިއަކަށް ދަށްވުމަށް މެދުވެރިވާ ކަމެކެވެ. މީގެ ސަބަބުން، ލޭގެ ހަކުރު ހަމައަކަށް އެޅުވުމަށްޓަކައި ހަށިގަނޑުން ’ކޯޓިޒޯލް‘ ފަދަ ސްޓްރެސް ހޯރމޯންތައް ދޫކުރެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މެންދަމު ކުއްލިއަކަށް ހޭލެވުން އެކަށީގެންވެއެވެ.
މާހިރުން ލަފާދެނީ ނިދުމުގެ 3-4 ގަޑިއިރު ކުރިން ރޭގަނޑުގެ ކެއުން ނިންމާލުމަށެވެ. އަދި ފަހުން ބަނޑުހައިވާނަމަ ޔޯގަޓް ނުވަތަ މޭވާ ފަދަ ލުއި އެއްޗެއް އިޚްތިޔާރު ކުރުމަށެވެ. މީގެ އިތުރުން، ނިދާ ވަގުތާ ކައިރިކޮށް އަލްކަހޯލިކް ބުއިންތައް ބޭނުންކުރުމުން ދުރުހެލިވާންޖެހެއެވެ. ސަބަބަކީ އެ މެޓަބޮލައިޒް ކުރާއިރު ހަށިގަނޑުން ކޯޓިޒޯލް ދޫކުރާތީ، ނިދީގެ ފެންވަރު ދަށްވެ، ރޭގަނޑު ހޭލެވޭ މިންވަރު އިތުރުވާތީއެވެ.
ނިދުމުގެ ކުރިން ސިކުނޑި ހަރަކާތްތެރިވުމަކީ ވެސް މުހިންމު ސަބަބެކެވެ. ނިދުމާ ބެހޭ ޑޮކްޓަރު ޖޯޝުއާ ރޯލަންޑް ތަފްސީލުކޮށްދެއްވާ ގޮތުގައި، ލަސްވަންދެން މަސައްކަތް ކުރުމަކީ ސިކުނޑީގެ ހޭލުންތެރިކަމުގެ ނިޒާމުތައް ހަރަކާތްތެރިކުރުވާ ކަމެކެވެ. މީގެ ސަބަބުން ނޯއެޕިނެފްރިން، ޑޯޕަމިން އަދި އޮރެކްސިން ފަދަ ކެމިކަލްތައް ދޫކުރެއެވެ. އަދި ކޯޓިޒޯލްގެ މިންވަރު މަތިވެ، ”ވަރުބަލިވެފައި ހުރި ނަމަވެސް ”ސިކުނޑި ހޭލާ ހުރުން“ ކަހަލައިގެ އިހުސާސް ކުރެވި، ނިދުމަށާއި ނިދާފައި އޮތުމަށް ހުރަސްއެޅެއެވެ.
ސްކްރީން ބޭނުންކުރުމަކީ ވެސް އަރާމު ނިދިލިބުމަށް ހުރަސްއަޅާ ކަމެކެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ’ބްލޫ ލައިޓް‘ އިން ނިދުމަށް އެހީވާ ހޯރމޯން ’މެލަޓޯނިން‘ އަށް ކުރިން ހީކުރި ވަރަށްވުރެ ކުޑަ އަސަރެއް ކުރި ނަމަވެސް، ނަފްސާނީ މާހިރުން ވިދާޅުވަނީ އިންޓަނެޓްގައި ހުންނަ ޝައުގުވެރި މައުލޫމާތުތަކުގެ ސަބަބުން ސިކުނޑި ހޭލާ ހުންނަ ކަމަށެވެ. ސައިކޮލޮޖިސްޓް ޑރ. ޖެސިކާ މިއާސް ފާހަގަކުރައްވާ ގޮތުގައި، މެދުނުކެނޑި ފޯނު ބެލުމަކީ ނާރުތަކުގެ ނިޒާމު ފުރިހަމައަށް ހަމައަކަށް އެޅުމަށް ހުރަސްއަޅާ ކަމެކެވެ.
މެންދަމު ހޭލެވޭ މައްސަލަ ދާއިމީކޮށް ކުރިމަތިވާނަމަ، އިތުރު އުކުޅުތައް ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. މީގެ ތެރޭގައި، ރޭގަނޑު ހާސްކަން ކުޑަކުރުމަށްޓަކައި ކަންބޮޑުވާ ކަންތައްތައް ނިދުމުގެ ކުރިން ލިޔެލުމާއި، ގަވާއިދުން ކަސްރަތުކޮށް ވަކި ވަގުތެއްގައި ހޭލުމުގެ އާދަ އަށަގަންނުވައި ”ނިދުމުގެ ބާރު“ އިތުރުކުރުން ހިމެނެއެވެ. އަދި ނިދުމުގެ ކުރިން ”އިންވިޒިބަލް އަވަރ“ ނުވަތަ ފެންނަން ނެތް ގަޑިއެއް އުފައްދައި، މަސައްކަތާއި ސޯޝަލް މީޑިއާއާ ދުރުވެ، ފޮތް ކިޔުން ނުވަތަ ޕަޒްލް ކުޅުން ފަދަ ހަމަޖެހުން ލިބޭ ކަންކަމުގައި ވަގުތު ހޭދަކުރުން ހިމެނެއެވެ.ކޮންމެ މީހަކަށްވެސް ވަކި ޚާއްޞަ އުކުޅެއް ކާމިޔާބު ނުވެދާނެ ނަމަވެސް، ކޮންމެ ރެއަކުވެސް އެއް ވަގުތެއްގައި ނިދަން އާދަކުރުމާއި، އިރުއޮއްސޭ ފަހުން ސިކުނޑި ހޭލައްވާލާ ފަދަ ކަންކަމާ ދުރުހެލިވުމަކީ ނިދީގެ ފެންވަރު ރަނގަޅުކޮށްދީ، މެދުކެނޑުމެއްނެތި ރޭގަނޑު ނިދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް މާހިރުން ބުނެއެވެ.
![]()
