އެމެރިކާ-އީރާނު ހަމަލާތަކާއެކު ޚަލީޖު ހޫނުވެ، ތެލުގެ ސަޕްލައިއަށް ނުރައްކާވެއްޖެ!

Loading

Facebook
Twitter
WhatsApp

ސްޓްރެއިޓް އޮފް ހޯރްމޫޒްގައި ހިނގަމުންދާ ކުރިމަތިލުންތަކާއެކު، ޚަލީޖުގެ މަސްރަހު އިތުރަށް ގޯސްވެ، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް އޮތް ކަންބޮޑުވުންތައް ބޮޑުވެފައިވަނިކޮށް، އަންގާރަ ދުވަހު އެމެރިކާ އާއި އީރާނުން އަސްކަރީ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.

އެންމެ ފަހުން ހިނގި މި ކުރިމަތިލުންތަކުގައި އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އެކި އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާއިރު، ބަހްރޭނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އީރާނުން ސިފަކުރި ގޮތުގައި ”އެމެރިކާގެ ދުޝްމަން އުޅަނދަކަށް“ މިސައިލާއި ޑްރޯން ހަމަލާ ދީފައިވާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް ސެންޓްކޮމް އިން ބުނި ގޮތުގައި ގާތްގަނޑަކަށް ފަސް ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަނުގައި އަމާޒުކޮށްފައިވަނީ ބޫޝެހްރު، ޗާބަހާރު، ޖާސްކް، ކޮނާރަކް، އަބޫ މޫސާ އަދި ބަންދަރު އައްބާސްގައި ހުރި އީރާނުގެ އައްސޭރިފަށުގެ ދިފާއީ ނިޒާމުތަކަށާއި، މިސައިލާއި ޑްރޯން އުފައްދާ ތަންތަނަށާއި، ކަނޑުގެ އަސްކަރީ ގާބިލުކަމަށެވެ. އަސްކަރިއްޔާއިން ބުނީ މި ހަމަލާތަކުގެ މަގްސަދަކީ ޚަލީޖުގައި ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ނުރައްކާ ކުރުމަށް އީރާނަށް އޮތް ގާބިލުކަން ކުޑަކުރުން ކަމަށެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި އެމެރިކާގެ 50،000 އަށްވުރެ ގިނަ ސިފައިން މިހާރުވެސް ތިބިކަން ފާހަގަކޮށް، ސެންޓްކޮމްއިން ވަނީ އެ ސަރަހައްދުގައި އޮތް އަސްކަރީ ބާރުގެ ބޮޑުމިން ހާމަކޮށްފައެވެ.

އެމެރިކާގެ ހަމަލާތައް ކުރިއަށް ދިޔައިރު، ކިޝް އައިލެންޑް، ގޭޝްމް އައިލެންޑް، ބޫޝެހްރު އަދި ބަންދަރު އައްބާސް ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކުގައި ގޮވުންތަކެއް ގޮވާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

މިދަނޑިވަޅުގައި، ތެޔޮ އުފުލާ ދެ އުޅަނދަކަށް އީރާނުން ދިން ”ލަދުކުޑަ“ މިސައިލް ހަމަލާ ޔުނައިޓެޑް އަރަބް އެމިރޭޓްސް ޔޫއޭއީ އިން ވަނީ ކުށްވެރިކޮށްފައެވެ. ޔޫއޭއީގެ އޮފިޝަލުން ވިދާޅުވީ ’މޮމްބާސާ‘ އަދި ’ބަހިއާ‘ ނަމަކަށް ކިޔާ ދެ އުޅަނދަށް ދިން ކްރޫޒް މިސައިލް ހަމަލާތަކުގެ ސަބަބުން އެ ދެ އުޅަނދުގައި އަލިފާން ރޯވި ކަމަށެވެ.

މޮމްބާސާ އުޅަނދުގައި ތިބި އިންޑިއާގެ ފަޅުވެރިންގެ ތެރެއިން އެކަކު މަރުވެފައިވާއިރު، އިތުރު އަށް މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރޭގައި އިންޑިއާގެ ހަތަރު މީހަކާއި ޔޫކްރޭނުގެ ދެ މީހަކު ހިމެނެއެވެ. އަނިޔާވި މީހުންގެ ތެރެއިން ހަ މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ޔޫއޭއީން ވަނީ މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް ސިފަކޮށް، އެ ގައުމުގެ މުދަލާއި މަސްލަހަތު ހިމާޔަތް ކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އައިއާރުޖީސީ އިން ފަހުން ވަނީ ބަހްރޭންގެ އަލްޖުފައިރު ބޭސްއަށް ދިން ހަމަލާތަކުގެ ޒިންމާ އުފުލާފައެވެ. އެ ޖަމާއަތުން ބުނީ ”ނަސްރު 2“ ގެ ނަމުގައި ކުރިއަށްގެންދާ އޮޕަރޭޝަނުގެ ދެވަނަ މަރުހަލާގެ ދަށުން، ހަތިޔާރު ރައްކާކުރާ ތަންތަނަށާއި، ސެޓެލައިޓް މުވާސަލާތީ މަރުކަޒަކަށާއި އެމެރިކާ ސިފައިން ތިބޭ އިމާރާތްތަކަށް މިސައިލާއި ޑްރޯން ހަމަލާ ދީފައިވާ ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން ބަހްރޭންގެ އެކި ސަރަހައްދުތަކުގައި ނުރައްކަލުގެ ރަނގަބީލު ތަކުރާރުކޮށް ޖަހާފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ ރައްޔިތުން ވަގުތުން ރައްކާތެރިކަމުގެ ހިޔާވަހިކަން ހޯދުމަށް އިލްތިމާސްކޮށްފައެވެ.

މި ހަމަލާތައް އަލުން ފެށިފައި މިވަނީ ޖޫން މަހު އެމެރިކާ އާއި އީރާނާ ދެމެދު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވާލުމާ ގުޅިގެންނެވެ. ކުރިމަތިލުންތައް ބޮޑަށް އަމާޒުވެފައިވަނީ ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ސްޓްރެއިޓް އޮފް ހޯރްމޫޒަށެވެ.

މި ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ފާއިތުވި ހަފުތާތަކުގައި ނުދާހާ ދަށަށް ގޮސްފައިވާއިރު، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ދިގު މުއްދަތަކަށް ބުރޫ އަރާފާނެ ކަމުގެ ބިރު ބޮޑުވުމާއެކު ބްރެންޓް ކްރޫޑް ތެލުގެ އަގު ވަނީ އުފުލިފައެވެ.

ސަލާމަތީ މަސްރަހު ގޯސްވުމުގެ ސަބަބުން އިންސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެސް ދަނީ ލިބެމުންނެވެ. އދ. އިން މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ސްޓްރެއިޓް އޮފް ހޯރްމޫޒް ސަރަހައްދުގައި ދިން ހަމަލާތަކުގައި މަދުވެގެން 14 ފަޅުވެރިން މަރުވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ އިންޑިއާގެ ރައްޔިތުންނެވެ.ދުނިޔޭގެ އެންމެ ބާރުބޮޑު ކަނޑުގެ ވިޔަފާރި މަގުތަކުގެ ތެރެއިން އެއް މަގުގެ ރައްކާތެރިކަމާމެދު އުފެދިފައިވާ ކަންބޮޑުވުންތައް، އެންމެ ފަހުން މަރުވި މީހުންނާއެކު އިތުރަށް ވަނީ ބޮޑުވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް