ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ އެއާރފޯސްއަށް އެމް-ކިޔޫ 9 މަރުކާގެ ރީޕަރ ޑްރޯން ތަޢާރުފް ކުރެވުނީ 2007 ވަނައަހަރުގައެވެ. އޭގެ ފަހުން އެމެރިކާއިން ކުރި ހަނގުރާމަތަކުގައި، ޚާއްސަކޮށް އިރާގާއި އަދި އަފްގާނިސްތާނުގައި ހިންގި ހަނގުރާމަތަކުގައި އެމް-ކިޔޫ 9 މަރުކާގެ ޑްރޯނުން ވަރަށް މުހިންމު ދައުރެއް ވަނީ އަދާކޮށްފައެވެ. އަދި އެއީ އެއާރފޯރސްގައި އެންމެ އިތުބާރުކުރެވޭ އެއް ހަތިޔާރު ކަމުގައި ވެގެން ހިނގައްޖެއެވެ. އެމް-ކިޔު 9 މަރުކާގެ ރީޕަރ ޑްރޯން ފަރުމާކުރެވިފައިވަނީ އެމެރިކާގެ ބާރުގެ ދަށުގައި ހިމެނޭ ވައިގެ ސަރަހައްދުތައް ބެލެހެއްޓުމުގެ ބޭނުމުގައެވެ.
މިދިޔަ މޭމަހު ބަޖެޓްގެ ބަހުސް ކުރެވެމުންދިޔައިރު މިހާރު އީރާނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމައިގާވެސް އެމް-ކިޔޫ 9 މަރުކާގެ ޑްރޯނުގެ މަގްސަދު ފުރިހަމައަށް ހާސިލުކުރެވެމުންދާކަމަށާއި އަދި އެއީ މިހަނގުރާމައިގާ އެންމެ ކާމިޔާބު އަތްމަތީ ހަތިޔާރުކަމަށް އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ކުރިމަތީގައި އެއާރފޯރސްގެ އެންމެ އިސްވެރިންގެ ތެރޭގައި ހިމެނޭ ޖެނެރަލް ކެނެތު ވިލްސްބެކް ބުނެފައިވެއެވެ.
އެމެރިކާގެ އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައިގާ މިހާތަނަށް އެމް-ކިޔޫ 9 މަރުކާގެ 30 ޑްރޯން އީރާނުންވަނީ ވައްޓާލާފައެވެ.
އީރާނުގެ ހަމަލާތަކުގެ ކުރިމަތީގައި އެމް-ކިޔޫ 9 މަރުކާގެ ޑްރޯން ވަނީ ނުކުޅެދިފައިކަން މިލިޓްރީ ކަންތައް ދިރާސާ ކުރާ ތަޖްރިބާކާރުންވެސް ބުނެފައިވެއެވެ. މިދިޔަ ބުދަދުވަހު ދެކުނު އީރާނުގެ ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާދިނުމަށް ބޭނުންކުރި ޑްރޯންތަކުން އެކަތި ވައްޓާލާފައިވާނެކަމަށްވެސް އީރާނުން ބުނެފައިވެއެވެ.
ހޮރްމުޒް ކަނޑުއޮޅީގެތެރެއިން ދަތުރުކުރި ބައެއް އުޅަނދުފަހަރަށް އީރާނުން ހަމަލާދިނުމާގުޅިގެން އެމެރިކާއިން ގެންދަނީ އީރާނަށް ގިނަ ހަމަލާތަކެއް ދެމުންނެވެ. އަދި އެއްބަސްވުމާ ޚިލާފް ވެފައިވަނީ އީރާނުންކަމަށް ބުނެ އެމެރިކާގެ ހަމަލާތައް ދިފާއުކުރަމުންނެވެ. މިހާރު ކުރިއަށްދާ ނޭޓޯގެ ބައްދަލުކުރުމުގެ ހަވާސާގައި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ވެސް ވަނީ އެމެރިކާއިން ދެމުންގެންދާ ހަމަލާތައް ދިފާއުކޮށް ވާހަކަދައްވާފައެވެ.
ސުވިޒަރލޭންޑުގެ މެމޯރެންޑަމްގެ 13 ވަނަ ޕެރެގްރާފްގައި ހަނގުރާމަހުއްޓާލުމަށާއި ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށާއި އަދި އެމެރިކާއިން ހިފާއްޓާފައިވާ އީރާނުގެ ފައިސާ ދޫކުރުމަށް އެމެރިކާއާއި އީރާނުންވެސް ސަރީހާ އިބާރާތުން އެއްބަސްވެފައިވާކަމަށް އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރާގްޗީ ވަނީ ވިދާޅުވެފައެވެ. އަދި އޭގެ އިތުރުން އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވެސް ވަނީ އެއްބަސްވެފައެވެ. އެހެންވީމާ ބަހަނާދެއްކުމުގެ ކުރިން އަމިއްލައަށް ކޮށްފައިވާ ސޮއިގެ މައްޗަށް އިހްތިރާމްކުރަން ދަސްކުރންޖެހޭނެއެވެ. މިކަންތައްތައް ހަމަޖެހުމާހަމަޔަށް އީރާނުން އެމެރިކާއާއެކު ފައިނަލް ޑީލްއާބެހޭ އެއްވެސް މަޝްވަރާއެއް ނުކުރާނެއެވެ.
ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް އީރާނުން ކަނޑައަޅާފައިވާ ޗެނަލުން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ފުރިހަމައަށް ރައްކާތެރިކަން ފޯރުކޮށްދޭނެއެވެ. އެނޫން މަގެއް އިޚްތިޔާރު ކުރާ އުޅަނދުފަހަރަށް މެދުވެރިވެދާނެ ހާލަތަކަށް އީރާނުން ޒިންމާ ނު އުފުލާނެއެވެ.
![]()
