އެމެރިކާގެ އާ ހަމަލާތަކަށްފަހު އީރާނުން ބަދަލުހިފަން ފަށައިފި

Loading

Facebook
Twitter
WhatsApp

އީރާނުގެ ސަރަހައްދުތަކަށް އެމެރިކާ ސިފައިން ޖެހިޖެހިގެން ދެވަނަ ރެއަކު ވައިގެ ހަމަލާތަކެއް ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ބަހްރޭނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ތެހެރާނުން މިސައިލާއި ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެން، އެމެރިކާއާއި އީރާނާ ދެމެދު އޮތް ހަމަނުޖެހުން ބުރާސްފަތި ދުވަހު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އައި.އާރު.ޖީ.ސީ އިން ބުނި ގޮތުގައި، މި ހަމަލާތަކަކީ އެމެރިކާގެ އެންމެ ފަހުގެ ބޮން އެޅުންތަކަށް ދޭ ”އަދަބުވެރި ރައްދެއްގެ“ ފުރަތަމަ މަރުހަލާއެވެ. އެ ގައުމުގެ އަސްކަރިއްޔާއިން ބުނީ ކުވެއިތުގައި ހުންނަ ކޭމްޕް އަރިފްޖާން އާއި އަލީ އަލް ސާލިމް އެއާ ބޭސްގެ އިތުރުން، ބަހްރޭނުގައި ހުންނަ ޖުފައިރު ނޭވަލް ފެސިލިޓީ އާއި ޝެއިޚް އީސާ އެއާ ބޭސްއަށް އެ ގައުމުގެ ކަނޑުގެ އަދި ވައިގެ ސިފައިން ގުޅިގެން ހަމަލާދީފައިވާ ކަމަށެވެ.

މަދު ގަޑިއިރުތަކެއްގެ ތެރޭގައި ދެވަނަ ފަހަރަށް ބަހްރޭންގެ އެކި ސަރަހައްދުތަކުގައި ވައިގެ ހަމަލާގެ އިންޒާރުދޭ ސައިރަންގެ އަޑު އިވިފައިވާއިރު، ކުވެއިތުގެ އޮފިޝަލުން ވަނީ ”ދުޝްމަނުންގެ މިސައިލާއި ޑްރޯން“ ހަރަކާތްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. ސަރަހައްދީ ސަލާމަތީ ކަންބޮޑުވުންތައް އިތުރުވަމުންދާތީ، ރައްޔިތުން ހަމަޖެހިގެން ތިބުމަށާއި ރައްކާތެރި ހިޔާވަހިކަން ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ކުރިމަތިލުންތައް ހިނގާފައި މިވަނީ ހޯރްމޫޒް ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތައް ހިމެނޭހެން، އީރާނުގެ ދެކުނުގެ މުހިންމު ސަރަހައްދުތަކަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުޝެހްރު، ބަންދަރު އައްބާސް، ޗަބަހާރު، ސިރިކް، ޖާސްކް އަދި އަބޫ މޫސާ ރަށުގައި ގޮވުންތަކެއް އިވިފައިވާއިރު، އިރާންޝަހަރުން މަދުވެގެން އެކަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.

އައި.އާރު.ޖީ.ސީ އިން ދައުވާކުރި ގޮތުގައި، އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވާ މަޝްހަދަށް ދާން އޮންނަ ފާލަންތަކަށްވެސް އެމެރިކާއިން ވަނީ ހަމަލާދީފައެވެ. އީރާނުގެ އޮފިޝަލުން ވޮޝިންޓަނަށް ތުހުމަތުކުރި ގޮތުގައި މިއީ ތާރީޚީ ޖަނާޒާގެ ފޯކަސް ގެއްލުވާލުމަށް ކުރި ކަމެކެވެ. އަދި އެމެރިކާއިން އިތުރު ހަމަލާއެއް ދީފިނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިއަށްވުރެ ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޝާރާތް ކުރެއްވި ގޮތުގައި ތެހެރާނާއެކު ކުރިއަށްދިޔަ ޑިޕްލޮމެޓިކް މަސައްކަތްތައް ވަނީ ގާތްގަނޑަކަށް ފޭލްވެފައެވެ. ވޮޝިންޓަނުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މަޝްވަރާތަކަކީ ”ވަގުތު ބޭކާރުކުރުމެއް“ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އީރާނުން އެއްވެސް އެއްބަސްވުމަކަށް އިހުތިރާމް ކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް، އިތުރު މަޝްވަރާތައް ކުރުމުގެ ފުރުސަތު އެއްކޮށް ބަންދުނުކުރައްވައި، ޓްރަމްޕް ވިދާޅުވީ ޑިޕްލޮމެސީ ކުރިއަށް ގެންދިއުމާ މެދު ފަހުގެ ނިންމުމެއް ނިންމެވުމުގެ ކުރިން އިސް މަންދޫބުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މި ދަނޑިވަޅުގައި، އަލުން ފެށުނު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. ބްރެންޓް ކްރޫޑްގެ އަގު ގާތްގަނޑަކަށް އެއް އިންސައްތަ މައްޗަށް ގޮސް ފީފާއެއްގެ އަގު 79 ޑޮލަރަށް އަރާފައިވާއިރު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް ކްރޫޑްގެ އަގުވެސް ވަނީ އެއް އިންސައްތަ މައްޗަށް ގޮސްފައެވެ. މިއީ ދުނިޔޭގެ ހަކަތަ އުފުލާ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއަރާފާނެތީ ވިޔަފާރިވެރިންގެ މެދުގައި އޮތް ބިރެއްގެ ސަބަބުންނެވެ.

އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވެސް ވަނީ ވޮޝިންޓަނަށް ހަރުކަށި އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދޭ ކޮންމެ ހަމަލާއަކަށްވެސް އެފަދަ ރައްދެއް ލިބޭނެ ކަމަށެވެ. އަދި ހޯރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން ބިނާވެފައި އޮންނާނީ އެމެރިކާގެ ފިއްތުންތަކުގެ މައްޗަށް ނޫން ކަމަށާއި، އެއީ އީރާނުގެ ނިންމުންތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްކަރީ ހަރަކާތްތައް ކުރިއަށްދާއިރު، ޑިޕްލޮމެޓިކް މަގުތައް ހަނިވެ، ހަކަތައިގެ ބާޒާރުގެ ނުތަނަވަސްކަން އިތުރުވަމުން ދިއުމާއެކު، މި ކުރިމަތިލުން މުޅި ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެ، ދުނިޔެއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ދަނީ ބޮޑުވަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް