ކުރީގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނޭއީއަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމަށް އެތައް މިލިއަން މީހުން ޖަމާވަމުންދާއިރު، އީރާނުގެ ފަހުގެ ތާރީޚުގައި ހިންގާ ސަލާމަތީ އަދި ކުއްލި ނުރައްކަލުގެ އެންމެ ބޮޑު އެއް އޮޕަރޭޝަން އެގައުމުން ވަނީ ފަށާފައެވެ. ކަމާބެހޭ ފަރާތްތަކުން މަސްލަހަތު އޮތް ކަމަށް ދެއްކި ނަމަވެސް، އެތައް ދުވަހަކަށް ދެމިގެންދާ ޖަނާޒާގެ ހަރަކާތްތަކުގެ ތެރޭގައި ބޮޑު ހާދިސާއެއް ހިނގައިފާނެ ކަމަށް ބަލައި އޮފިޝަލުން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޖަރުމަނުގެ ނޫހެއް ކަމަށްވާ ”ޑީ ވެލްޓް“ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މީހުން ގިނަވެ ފިތުމުގެ ސަބަބުން ނުވަތަ ގަދަ ހޫނުގެ ސަބަބުން ނުވަތަ ކުއްލިއަކަށް ދިމާވާ އެހެން ހާދިސާއެއްގެ ސަބަބުން 1،500 އާއި 3،000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެދާނެ ފަދަ ހާލަތަކަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކުއްލި ނުރައްކަލުގެ ޕްލޭންތަކެއް އެކުލަވާލާފައެވެ. މި ރިޕޯޓުގައިވާ ގޮތުން، މަރުވާ މީހުންނާއި ގެއްލޭ މީހުންގެ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ ޔުނިޓެއް އުފައްދާފައިވާއިރު، ތެހެރާންގެ ބެހެޝްތޭ ޒަހްރާ ގަބުރުސްތާނުގައި މިހާރުވެސް އެތައް ހާސް އާ ކަށްވަޅެއް ވަނީ ތައްޔާރުކޮށްފައެވެ.
ނަން ހާމަނުކުރުމަށް އެދި ”ޑީ ވެލްޓް“ އަށް މަޢުލޫމާތު ދިން ތެހެރާން މުނިސިޕަލްޓީގެ މުވައްޒަފަކު ވަނީ މި ތައްޔާރީތަކަކީ ހަގީގަތެއްކަން ކަށަވަރުކޮށްދީފައެވެ. ”ތައްޔާރުކޮށްފައިވާ ކަށްވަޅުތައް ހަގީގަތުގައިވެސް އެބަހުރި“ އެ މުވައްޒަފު ބުނެފައިވެއެވެ. އަދި ހާލަތު ގޯސްވެއްޖެނަމަ 3،000 މީހުން މަރުވެދާނެ ކަމަށް ބަލައި ތައްޔާރުވުމަށް އޮފިޝަލުންނަށް އަންގާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
ޖަނާޒާގެ ރަސްމިއްޔާތުތައް ހޮނިހިރު ދުވަހު ތެހެރާންގައި ފަށާފައިވާއިރު، މުގައްދަސް ސިޓީއެއް ކަމަށްވާ ގޮމްގެ އިތުރުން އިރާގުގެ ނަޖަފް އަދި ކަރުބަލާގައިވެސް މި ހަރަކާތްތައް ކުރިއަށްދާނެއެވެ. ޖަނާޒާގެ އެންމެ ފަހު މަރުހަލާ ބުރާސްފަތި ދުވަހު މަޝްހަދުގައި ނިންމާލާއިރު، ޚާމަނޭއީ ފަސްދާނުލެވޭނީ އެ ސިޓީގައެވެ.
މީހުން ގިނަވުމުގެ ސަބަބުން ލޮޖިސްޓިކް ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ރޭވުންތައް ރާވާފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ތެހެރާންގެ އެކި ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރުން ވަނީ ހަނިކޮށްފައެވެ. އަދި މީހުން އުފުލުމަށް އެތައް ހާސް ބަހެއް ހަމަޖައްސައި، ކާބޯތަކެތި ފޯރުކޮށްދިނުމަށް ވަގުތީ ބަދިގެތައް އުފައްދައި، އީރާނުގެ އެކި ކަންކޮޅުތަކުންނާއި އަވަށްޓެރި ގައުމުތަކުން އަންނަ މީހުން ބޭތިއްބުމަށް ސްކޫލްތަކާއި މިސްކިތްތައް ވަނީ ބަދަލުކޮށްފައެވެ.
އީރާނުގެ މި ކަންބޮޑުވުންތައް ބިނާވެފައިވަނީ މާޒީގައި ކުރިމަތިވި ހިތްދަތި ތަޖުރިބާތަކުގެ މައްޗަށެވެ. 2020 ވަނަ އަހަރު ކަރްމާންގައި އައި.އާރު.ޖީ.ސީގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ ޖަނާޒާގެ ތެރޭގައި މީހުން ފިތިގެން މަދުވެގެން 56 މީހުން މަރުވެ 200 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. އޭގެ ކުރިން 1989 ވަނަ އަހަރު އާޔަތުﷲ ރޫހުﷲ ޚުމައިނީގެ ޖަނާޒާގައިވެސް ކަންތައްތައް އަތުންދޫވެ، އެތައް ބަޔަކު މަރުވެ ސަތޭކަ އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ.
މީހުން ގިނަވުން ކޮންޓްރޯލް ކުރުމުގެ އިތުރުން، ސަލާމަތީ ނުރައްކާތަކަށްވެސް އޮފިޝަލުން ތިބީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ”އައި.އާރު.ޖީ.ސީ“ އިން ވަނީ މި ރަސްމިއްޔާތުތަކުގެ ތެރޭގައި އީރާނަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ދޭން މަސައްކަތް ނުކުރުމަށް އިންޒާރު ދީފައެވެ. މިއީ އީރާނުގެ އެންމެ މަތީ ލީޑަރު މުޖްތަބާ ޚާމަނޭއީ އަކީ ”މަރާލަން ކަނޑައަޅާފައިވާ“ މީހެއް ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނިކަމަށް ރިޕޯޓްތައް ބުނުމާ ގުޅިގެން ދިން އިންޒާރެކެވެ.
ތެހެރާންގެ އެކި ސަރަހައްދުތަކުގައި ސަލާމަތީ ބާރުތައް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތެހެރާނުގެ އެކި ހިސާބުތަކުގައި ޕެޓްރޯލް ކުރާ މަންޒަރު ފެނެއެވެ. އީރާނުން ވަނީ ތެހެރާންގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އަދި ބޭރުގެ ދުޝްމަނުންނާއި ގައުމުގެ އެތެރޭގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތަކަށް ކަމާބެހޭ ފަރާތްތަކުން ދަނީ ސަމާލުވަމުންނެވެ. މި ނުރައްކާތައް ހުރި ނަމަވެސް، އީރާނުގެ އިސް ވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. މިއީ ސަރުކާރުން ގާއިމުކޮށްފައިވާ ވަރުގަދަ ސަލާމަތީ އިންތިޒާމުތަކަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެކެވެ.
![]()
