އެމެރިކާއާއި އީރާނުން ކުރަމުން ގެންދިޔަ ހަނގުރާމަ ވަގުތީގޮތުން 60 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށާއި އެ މުއްދަތުގެ ތެރޭގައި ދާއިމީ ސުލްހައަކަށް މަގުފަހިކުރުމުގެ މަގްސަދުގައި ސުވިޒަރލޭންޑުގައި ވެފައިވާ އެއްބަސްވުމުގައި ހޮރްމުޒް ކަނޑުއޮޅިން ބައިނަލް އަގްވާމީ ދަތުރުތައް ކުރުން އީރާނުން ތަރުޖަމާކުރާ ގޮތާ ޚިލާފަށް ސިންގަޕޯރ ދިދައިގާ ދުއްވާ އެމް. ވީ އެވަރ ލަވްލީ އީރާނުގެ ހުއްދަ ހޯދުމަކާނުލައި މިދިޔަ ބުރާސްފަތި ދުވަހު ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދަނިކޮށް އީރާނުން ހަމަލާ ދިނުމާގުޅިގެން އެމެރިކާއާއި އީރާނުން ބަދަލުކުރަން ފެށި ހަމަލާތަކަށް 3 ދުވަސްވީ ފަހުން އަނެއްކާވެސް ހަމަލާތައް ހުއްޓާލަން އެމެރިކާއާއި އީރާނުން އެއްބަސް ވެއްޖެކަމަށް އެސޯޝިއޭޓެޑް ޕްރެސް ރިޕޯރޓްކޮށްފިއެވެ.
އެސޯޝިއޭޓެޑް ޕްރެސްގެ ޚަބަރުގައި ބުނެފައިވާގޮތުން އެމެރިކާގެ އޮފިޝަލުން ދެކޭގޮތުގައި ސުވިޒަރލޭންޑުގެ އެއްބަސްވުމުގައި ބުނެފައިވާ ކަންތައްތަކާދޭތެރޭ ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި މަޝްވަރާކޮށް ގޮތެއް ނިންމުމާހަމަޔަށް މިނިވަން ކަމާއެކު ހޮރްމުޒް ކަނޑުއޮޅިން ބައިނަލް އަގްވާމީ ދަތުރުތައް ކުރެވެންޖެހޭނެއެވެ.
ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގައި ހަކަތަ އުފުލާ ބޯޓުފަހަރުން ފީއެއް ނަގަން އޮމާނުން ހުށައަޅާފައިވާ ކަމަށް ދަ ޓެލިގްރާފުން ވަނީ ރިޕޯރޓް ކޮށްފައެވެ. އޮމާނުގެ ހުށައެޅުމުގަ ސަބަބުން ހޮރްމުޒް ކަނޑުއޮޅި އީރާނުގެ ބާރުގެ ދަށުގައި އޮތުމަށް އެ ގައުމުން ބާރުއަޅަމުން ގެންދިއުމާދޭތެރޭ އެމެރިކާއާއެކު އުފެދިފައިވާ ދެބަސްވުމަށް އިތުރު މަގެއްފެނި އަދި އީރާނާއި އޮމާނަށްވެސް ބޮޑު އާމްދަނީއެއް ލިބުމަށް މަގުފެހިވެގެންދާނެއެވެ.
އީރާނާއި އޮމާން ގުޅިގެން ހޮރްމުޒް ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދުފަހަރުން ފީއެއް ނެގުމުގެ މަޝްވަރާތައް އެ ދެ ގައުމުން ކުރަމުން ގެންދާތީ މި ހުސްވި މޭ މަހުގެ 27 ވަނަދުވަހު ބޭއްވުނު ވައިޓްހައުސްގެ ކެބިނެޓް މީޓިންގައިދެކެވުނު ވާހަކަތަކުގައި އޮމާނުންވެސް ގެންގުޅޭނީ އަރަބިންގެ ވިސްނުންކަމަށާއި ކަންތައް ބޮޑުކުރަންޏާ އަހަރެމެންނަށް ޖެހޭނީ އޮމާންވެސް ދުއްވާލަންކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ރައީސް ޓްރަމްޕްގެ މި ވިދާޅުވުން އޮމާނުންވަނީ ވަރަށްބޮޑަށް ކުށްވެރިކޮށްފައެވެ.
އެމެރިކާއަށް ރައްދުދީ އީރާނުން ބުނެފައިވަނީ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ކުރިން އީރާނުގެ ހުއްދަ ހޯދަން ޖެހޭނެކަމަށާއި އަދި ދަތުރުތައް ކުރަންޖެހޭނީ އެ ކަނޑުއޮޅިގެ އީރާނާ ވީ ފަރާތުން ކަމަށެވެ. އެ ކަނޑުއޮޅީގެ އޮމާނާ ވީ ފަރާތުންވެސް މިދިޔަ ހަފުތާގައި ބޯޓުފަހަރު ވަނީ ހުރަސްކޮށްފައެވެ. ގަލްފު ސަރަހައްދުގައި އެމެރިކާއިން އަތްގަދަކުރަން ދެކެމުން އަންނަ ހުވަފެން ދުވަހަކުވެސް ހަގީގަތަކަށް ނުވާނެކަމަށް އީރާނުގެ ސުޕްރީމް ލީޑަރގެ މުޝީރު މުޙަންމަދު މުޚްބަރް މިދިޔަ އާދީއްތަ ދުވަހު އެކްސްގައި ވަނީޕޯސްޓެއް ކޮށްފައެވެ.
ހޮރްމުޒް ކަނޑުއޮޅިން ބައިނަލް އަގްވާމީ ދަތުރުތައް ކުރުން ތަރުޖަމާކުރުމުގައި އުފެދިފައިމިވާ ތަފާތުތައް ނައްތާލުމާބެހޭގޮތުން އެމެރިކާއާއި އީރާނުން މިއަދު ( އަންގާރަ ދުވަހު ) ގަތަރުގައި ބައްދަލުކުރަން ހަމަޖެހިފައިވާކަމަށްވެސް އެސޯޝިއޭޓެޑް ޕްރެސްގެ ރިޕޯރޓްގައި ބުނެފައިވެއެވެ. އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލައި ގަތަރުގައި މިއަދު ބައްދަލު ކުރުމަށް އެއްބަސްވެފައިވާނަމަވެސް އިސްރާއީލުން ގެންދަނީ ލުބުނާނަށް ހަމަލާދީ އެ މަޝްވަރާ ބައްދަލުކުރެއްވުން ފަނިކުރަން މަސައްކަތްކުރަމުންނެވެ.
ސިންގަޕޯރ ދިދައިގާ ދުއްވާ އެ ބޯޓަށް އީރާނުން ހަމަލާދިނުމާގުޅިގެން އެމެރިކާއިން ވަނީ ވަރުގަދަ ހަމަލާތަކެއް އީރާނަށްދީފައެވެ. އީރާނަށް ހަމަލާދިނުމުގައި އެމެރިކާއިން ބޭނުންކުރި ކުވޭތާއި ބަހްރައިންގައި ހުރި އެމެރިކާގެ މިލިޓްރީ ބޭސްތަކަށް އެ ހަމަލާތަކުގެ ރައްދުގައި އީރާނުން ދިން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ހަނގުރާމަ ހުއްޓުވިދާނެ ގޮތްތަކެއް ހޯދަން ބައިނަލް އަގްވާމީގޮތުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު ހަނގުރާމައިގެ ހަރަކާތްތައް ހައްދުންނައްޓާލައިގެންދިއުން ބަހްރައިންގެ ޚާރިޖީ ވުޒާރާއިން ގެންދަނީކުށްވެރި ކުރަމުންނެވެ.
އީރާނުން ދިން ހަމަލާއެއްގައި ބަހްރައިންގައި މީހުން ދިރިއުޅޭ އިމާރާތެއްގެ އެންމެ މަތީ ފަނގިފިލާވަނީ އެއްކޮށް ހަލާކުކޮށްލާފައެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް ބަހްރައިނުން ބުނެފައި ވެއެވެ.
އެމެރިކާއާއި އީރާނުން ބާރުގަދަ ހަމަލާތައް ބަދަލުކުރަމުން ދިއުމުގެ ސަބަބުން މިދިޔަ އާދީއްތަ ދުވަހަށް ތާވަލްކޮށްފައިވާ އެމެރިކާއާއި އީރާނުގެ ޓެކްނިކަލް ކޮމިޓީތަކުގެ މަޝްވަރާ ބައްދަލުވުމަށް އީރާނުން ބައިވެރިއެއް ނުވެއެވެ. އެހެންނަމަވެސް ޓްރަމްޕް އެޑްމިނިސްޓްރޭޝަނުން ސީ އެން އެން އަށް މައުލޫމާތު ދީފައިވާގޮތުގައި ޓެކްނިކަލް ކޮމިޓީތަކުގެ މަޝްވަރާ ބައްދަލުވުންތައް ހުއްޓުމަކަށް ނާންނާނެއެވެ. އަދި ސުވިޒަރލޭންޑްގައި އެއްބަސްވެފައިވާ މެމޯރަންޑަމްގައި ކަނޑައަޅާފައިވާގޮތުގެ މަތިން މަޝްވަރާތައް ކުރިއަށް ދާނެއެވެ.
![]()
