ސުލްހައިގެ 60 ދުވަސް އަންނަނީ އަނެއްކާވެސް ބަނަވަމުން

Loading

Facebook
Twitter
WhatsApp

މިދިޔަ ހަފުތާގައި މެދުއިރުމަތީގެ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލަން އެމެރިކާއާއި އީރާނުން އެއްބަސްވުމާ ގުޅިގެން ގަލްފު ސަރަހައްދުގައި ތާށިވެފާއޮތް ބޯޓުފަހަރުގެ ފަޅުވެރިން މިނިވަންކުރުމަށްޓަކައި ޔުނައިޓެޑް ނޭޝަންސް އިން ކުރަމުން ދިޔަ މަސައްކަތުގެ ތެރޭން މިދިޔަ ބުރާސްފަތިދުވަހު ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސިންގަޕޯރގައި ރަޖިސްޓަރީ ކޮށްފައިވާ ބޯޓަކަށް އީރާނުން ހަމަލާދީފިކަމަށްބުނާ ޚަބަރެއް ރޮއިޓާރސް އިން ވަނީ އިއްޔެ ހާމަކޮށްފައެވެ. އީރާނުން ދިން ހަމަލާގެ ވާހަކަ ތަފްސީލަކާ ނުލައި އެމެރިކާގެ އޮފިޝަލަކު ވަނީ ސީ އެން އެން އަށް ކިޔާދީފައެވެ. އެހެންނަމަވެސް މި ހަމަލާއާބެހޭ އެއްވެސް މައުލޫމާތެއް އީރާނުން ހާމަކޮށްފައެއް ނުވެއެވެ. މިހާތަނަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައިވަނީ ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރެވޭނީ އީރާނުގެ ހުއްދަ ލިބިގެން ހަމައެކަނި އީރާނުން ކަނޑައަޅާފައިވާ ދިމާލަކުން ކަމަށާއި ބޭނުންހާ ދިމާލަކުން ދަތުރުކުރުމުގެ ހުއްދަ ނުދެވޭނެކަމަށެވެ. ސީ އެން އެން އިން ވައިޓް ހައުސްގެ ކޮމެންޓަކަށް އެދުމުން މިހާތަނަށް ޖަވާބު ދީފައެއް ނުވެއެވެ.


ހޮރްމުޒް ކަނޑުއޮޅީގެތެރެއިން އެ ބޯޓަށް ހަމަލާދީފައިވަނީ ޑްރޯނަކުން ބޯޓުގެ ސްޓާރބޯރޑް ފަރާތަށް ކަމަށާއި ބޯޓުގެ ބްރިޖަށް ގެއްލުން ވެފައިވާކަމަށް އިނގިރޭސި ވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަނުން ބުނެފައިވެއެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް ގެއްލުން ނުލިބޭ ކަމަށްވެސް އެ ރިޕޯރޓުގައި ބުނެފައިވެއެވެ. ގަލްފު ސަރަހައްދުގައި ތާށިވެފާތިބި އެގާރަހާސް ފަޅުވެރިން މިނިވަންކުރުމަށް ޔުނައިޓެޑް ނޭޝަންސް އިން ފެށި މަސައްކަތް މިހަމަލާއާ ގުޅިގެން ވަގުތީ ގޮތުން ހުއްޓާލާފައެވެ.
މި ހަމަލާގެ ޚަބަރުތަކާ ގުޅިގެން އަނެއްކާވެސް ދުނިޔޭގެ ތެލުގެ ބާޒާރުގައި ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން އަންނަނީ އުފެދެމުންނެވެ. ހަމައެއާއެކު އެމެރިކާއާއިއެކު އީރާނުން ވެފައިވާ އެއްބަސްވުމުގެ ސަބަބުން ގަލްފުގެ ގައުމުތަކަށްލިބޭނެ ގެއްލުމުގެ ވާހަކައިން އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ގެންދަވަނީ ބައެއް އަރަބި ގައުމުތަކުގެ ވެރިންގެ ބޮލަށް އެރެން މަސައްކަތް ކުރައްވަމުން ކަމުގައިވެސް ބައެއް މަސްދަރު ތަކުން އިޝާރާތް ކުރަމުން ގެންދެއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމަ ހުއްޓުވައި މެދުއިރުމަތީގައި ސުލްހަވެރި ވެއްޓެއް ގާއިމް ކުރަން ޕާކިސްތާނާއި ގަތަރުން ކުރީ ސަފަށް ނިކުމެ ކުރަމުން ގެންދާ މަސައްކަތުގައި މިހާތަނަށް ކާމިޔާބީ ތަކެއް ހާސިލުކުރެވެމުންދާއިރު ހާލަތު ކިލަނބުކުރުމަށްޓަކައި އެމެރިކާގެ ބައެއް އިސްވެރިންނާއި ބައިނަލް އަގްވާމީ ބައެއް މީޑިއާތަކުންވެސް ގެންދަނީ އޮޅުވާލުންތަކަކަށް މަގުފަހިކުރަމުންނެވެ. އިވްނިންގ ބްރީފް މީޑިއާ ނިއުސް އެންޑް މީޑިއާ ވެބްސައިޓުން ތުހުމަތު ކުރާ ގޮތުގައި އެ ހަރަކާތުގައި ގުނާލެވޭ އެމެރިކާގެ ސިޔާސީ ބޭފުޅުންގެ ތެރޭގައި ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯއާއި ލިންސީ ގްރާމް އާއި ފޮކްސް ނިއުސްގެ މާރކް ލެވިން އާއި އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ ހިމެނެއެވެ.
ރައީސް ޓްރަމްޕްގެ ޚާރިޖީ ވަޒީރުގެ ހަރަކާތްތަކުން މިހާރުވެސް އެމަނިކުފާނު ގެންދަވަނީ އިސްރާއީރުލުގެ ރުހުން ހޯއްދަވައިގެން 2028 ގެ ރިޔާސީ އިންތިޚާބަށް އަމާޒުކުރައްވައި ކެމްޕޭން ކުރައްވަމުން ކަމަށް ބެލެވެއެވެ. މެދު އިރުމަތީގެ ހަނގުރާމަ ހުއްޓުވުމަށް ރައީސް ޓްރަމްޕް މަސައްކަތް ކުރައްވަމުންގެންދަވާއިރު އެ މަސައްކަތް ކާމިޔާބު ކުރެވުނަ ނުދިނުމަށްޓަކައި ފަރުދާގެ ފުރަގަހުން އެމަނިކުފާނުގެ ޚާރިޖީ ވަޒީރު މި ހިންގަވާ ހަރަކާތްތައް ރައީސަށް ފެނިވަޑައި ނުގަންނަވަނީ ކަމަށްވެސް ވެދާނެއެވެ.
ސްވިޒަރލޭންޑްގައި މެދުއިރުމަތީގެ ހަނގުރާމަހުއްޓުވައި ސުލްހަ ގާއިމް ކުރުމުގެ މަޝްވަރާގައި ރައީސް ޓްރަމްޕްގެ ފަރާތްޕުޅުން ނައިބު ރައީސް ޖޭ ޑީ ވޭންސް ބައިވެރިވެ ވަޑައިގެން އުޅުއްވިވަގުތު ޖެރޫސަލަމްގައި ބައިނަލް އަގްވާމީ ކޮންފަރެންސެއް ކުރިއަށް ދިޔަ ކަމަށްވެއެވެ. އެ ކޮންފަރެންސްގައި އެމެރިކާގެ ސަފީރު އެމެރިކާގައި ތަފާތު ނަސްލުތަކާއިދީންތައް ގަބޫލުކުރާ ތިންސަތޭކަ މިލިއަން ރައްޔިތުންނާ ނުގުޅޭ އެކަމަކު އިސްރާއީލުގެ ހަރުކަށި ޚާރިޖީ ސިޔާސަތަށް ތާއީދު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކަކީ ޚާރިޖީ ވަޒީރުގެ ރިޔާސީ ކެމްޕޭނުގެ ބައެއް ކަމަށްވެސް ޝައްކުކުރެވެއެވެ. އެ ކޮންފަރެންސްގައި ލެބަނަންގެ މައިން ބަފައިންގެ ކަރުނަތަކުގެ ތެރޭން ވިޔަސް ލެބަނަންއަކީ އިސްރާއީލުގެ ބިމަކަށް ވެގެންދާނެކަން އިސްރާއީލުގެ ސަލާމަތާބެހޭ ވަޒީރު އިތާމަރބެން ގުވިރ އިއުލާން ކުރަމުންގެންދިޔައިރު އެމެރިކާގެ ސަފީރު އިންނެވީ ދިވެހިންގެ ބަހުންނަމަ އަތްޖައްސަވާށެވެ. ޢެމެރިކާގެ ޚާރިޖީ ވަޒީރަށް އެ އަޑު އިވި ވަޑައިގެންނެވި ކަމަކަށް ނުވިއެވެ. އެމެރިކާއާއި އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫސްތައްތިބީ ނިދާފައެވެ.

މެދުއިރުމަތީގެ މަސްރަޙް ދިރާސާ ކުރައްވަމުންގެންދަވާ ތަޖްރިބާކާރުން ދެކިވަޑައިގަންނަވާ ކުރިމަގު އޮތްގޮތް ކިޔާ ދެއްވަމުން ގެންދަވާއިރު މިދިޔަ ހަފުތާގައި ސްވިޒަރލޭންޑުގައި ހިނގާދިޔަ ސުލްހައިގެ މަޝްވަރާތަކަށް އަދި އެއްފަހަރު ބަލާލުމަށް ބާރު އަޅާފައި ވެއެވެ.
ސުވިޒަރލޭންޑުގައި ބޭއްވުނު އެ މަޝްވަރާ ބައްދަލު ކުރެއްވުމަކީ ދުނިޔޭގެ އިގްތިސާދަށް ދިމާވެފައިވާ ހުރިހާ ގޮންޖެހުންތަކެއްގެ ހައްލު ފެނިގެން ހިނގައިދާނެ މަޝްވަރާތަކެކެވެ. ހަނގުރާމައިގެ ސަބަބުން އިތުރު ޒުވާނުންތަކެއްގެ ގަބުރު ގޯނި ގޯނީގައިގެނައުން ދުރުހެލިވެވިގެން ހިނގައިދާނެ މަޝްވަރާ ކުރުން ތަކެކެވެ. މޭސްތިރިއަކަށް ހުންނެވި އެމެރިކާގެ ނައިބުރައީސަކީ މިހާތަނަށް ފަސް ޑޮލަރަށްވުރެން އަގުހެޔޮ އެއްވެސް ތަރުކާރީއެއްގެ ނަންވެސް އެނގި ވަޑައި ނުގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ދިރިއުޅުއްވުމަކީ ވަރަށް އާދައިގެ ދިރި އުޅުއްވުމެކެވެ. ސިޔާސީ ހަޔާތަށް ނިކުމެ ވަޑައިގެންނެވީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައެވެ. އެކަމަކު
ސުވިޒަރލޭންޑުގައި ގަތަރުގެ ބޮޑުވަޒީރުގެ ކުރިފުޅުމަތީގައި އެ އިންނެވީ މެދުއިރުމަތީގެ ސުލްހައިގެ ވާހަކަތަކުގައި އެމެރިކާ ތަމްސީލު ކުރައްވާ އެންމެ އިސް މަންދޫބުގެ ގޮތުގައެވެ. ޚާރިޖީ ވަޒީރުގެ ބަދަލުގައި ނައިބުރައީސާއެކު ސުލްހައިގެ މަޝްވަރާކުރެއްވުން ގަތަރުގެ ބޮޑުވަޒީރަށްވެސް ބަލާގަނެވުނުކަމަކަށް ނުވިއެވެ. އެމެރިކާގެ ހައިބަތަށް މަނިކުފާނުގެ ސަބަބުން އުނިކަން ގެނެވެނީއޭ ފަދަ ބަސްފުޅެއް ގަތަރުގެ ބޮޑުވަޒީރު ވިދާޅުވިކަމަށްވެއެވެ. ހަގީގަތުގައި އެ މަގާމުގައި އިންނަވަން ޖެހިވަޑައިގަންނަވާނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯއެވެ. ޚާރިޖީ ވަޒީރުގެ ޣައިރު ހާޒިރީ އަކީ އެއީއިއްތިފާގެއް ނޫނެވެ. އެއީ ރޭވުމެކެވެ. ހަނގުރާމަ ހުއްޓުވައި ސުލްހަ ގާއިމްކުރަން މަގެއް ފެނޭތޯ ޖޭ ޑީ ވޭންސް މަސައްކަތްކުރައްވަމުން ގެންދެވިއިރު ޚާރިޖީ ވަޒީރު ރޫބިއޯ ގެންދެވީ މުޅިން ތަފާތު ހަރަކާތްތަކެއް ހިންގަވަމުންނެވެ. 2028 ވަނައަހަރު އެމެރިކާ ރިޔާސީ އިންތިޚާބު އަތުލުމަށްޓަކައި އިސްރާއީލުގެ ރުހުން ހޯދަން ސުލްހައިގެ ވާހަކަތައް ފޭލިކޮށްލުމުގެ ހަރަކާތްތަކެކެވެ. ރޫބިއޯ ހަމައެކަނި އުންމީދަކީ 2028 ގައި ވައިޓް ހައުސް ކާމިޔާބު ކުރެއްވުމެވެ. އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫގެ އުންމީދަކީވެސް އެއީއެވެ. ސުލްހައިގެ ވާހަކަތައް ކުރިއަށް ދިޔަވަގުތު އިސްރާއީލުގެ ބޮޑުވަޒީރު ބޭއްވި ކޮންފަރެންސްގައި ދެއްކި ވާހަކަތަކުން އެކަން ފާހަގަކުރެވެއެވެ. އެ ކޮންފަރެންސްގައި އެމެރިކާގެ ސަފީރު މައިކް ހަކަބީ ދެއްކި އެމެރިކާއާ އެއްވެސް ގުޅުމެއްނެތް ވާހަކަތަކުންވެސް އެކަން ފާހަގަ ކުރެވެއެވެ. އެމަނިކުފާނުގެ މައުޟޫއަކަށް ވެފާ އޮތީ އިސްރާއީލުގެ ޚާރިޖީ ސިޔާސަތެވެ. ލިންސީ ގްރާމަކީ ފާއިތުވެގެން މިދާ ވިއްސަކަށް އަހަރު އެމެރިކާއިން ކުރި ކޮންމެ ހަނގުރާމައަކަށް ފުރިހަމައަށް ތާއީދުކުރި މީހެކެވެ. މިފަހަރުގެ ސުލްހައިގެ މަޝްވަރާތައް ހިނގަމުންދިޔައިރު އޭނާ ފާޅުކުރަމުންގެންދިއައީ ސުލްހައިގެ ވާހަކަތައް ކާމިޔާބު ނުކުރެވޭނެކަމާއި ގަދަބާރުން ވިޔަސް ހޮރްމުޒް ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ގެނެވޭނެކަމުގެ ޝުއޫރުތަކެވެ. މިފަދަ ހާލަތެއްގައި އެމެރިކާއިން އީރާނާ އަދި ޗައިނާއާ ދެކޮޅަށް ކުރިމަތިލާންޖެހުމުގެ ނުރައްކާތެރިކަމާދޭތެރޭ އޭނާގެ ސިކުނޑި އޮތީ ހުސްވެފައި ކަމަށް ވެދާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް