އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު އޮތް ނުތަނަވަސް ގުޅުމުގެ ތަފްސީލުތައް އާ ފޮތަކުން ހާމަވެއްޖެއެވެ. މި ފޮތުގައި ޓްރަމްޕްގެ ދެވަނަ ދައުރުގައި މި ދެ ބޭފުޅުންގެ މެދުގައި ހިނގާފައިވާ ބައެއް ހޫނު ޒުވާބުތަކުގެ ވާހަކަ ބަޔާންކޮށްފައިވެއެވެ.
ނިއުޔޯކް ޓައިމްސްގެ ރިޕޯޓަރުން ކަމަށްވާ މެގީ ހެބަރމަން އަދި ޖޮނަތަން ސްވޯން ލިޔެފައިވާ ފޮތުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި ފޯނު ކޯލެއްގައި ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެއީ ގާޒާގައި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އެކުލަވާލި އެއްބަސްވުމަށް އެއްބަސްވުމަށް ނަތަންޔާހޫއަށް ބާރުއެޅުމުގެ ތެރެއިންނެވެ.
މި ވާހަކަތައް ހިނގާފައިވަނީ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައެވެ. އެއީ ގާޒާ ހަނގުރާމަ ހުއްޓުވައި، ސުންނާފަތިވެފައިވާ އެ ސަރަހައްދު އަލުން އާރާދުކުރުމުގެ މަސައްކަތް އެމެރިކާއިން ކުރަމުންދިޔަ ދުވަސްވަރެކެވެ. އެ ފޯނު ކޯލުގައި ޓްރަމްޕް ނަތަންޔާހޫއާ މުހާތަބުކޮށް ވިދާޅުވި ކަމަށްވަނީ، ”ބީބީ، އެންމެންވެސް ތިބީ ކަލޭދެކެ ފޫހިވެފަ… ހުރިހާ ޔަހޫދީންވެސް ތިބީ ކަލޭދެކެ ފޫހިވެފަ… މި ކޯލުގައި ތިބި ދެ ޔަހޫދީންވެސް ތިބީ ކަލޭދެކެ ފޫހިވެފަ..“ މިހެންނެވެ. ޓްރަމްޕް އެ އިޝާރާތް ކުރެއްވީ އެ ކޯލުގައި ބައިވެރިވި އެމެރިކާގެ އޮފިޝަލުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނާއަށެވެ.
އެ ފޮތުގައިވާ ގޮތުން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުން ފަހަތަށް ނުޖެހުމަށް ޓްރަމްޕް ނަތަންޔާހޫއަށް އިންޒާރު ދެއްވިއެވެ. އަދި އޭނާއަކީ އިސްރާއީލަށް އެންމެ ބޮޑަށް އެހީތެރިވި މީހާ ކަމަށް ވިދާޅުވިއެވެ. ”އަހަންނަކީ އިސްރާއީލަށް މިހާތަނަށް ލިބުނު އެންމެ ގާތް އެކުވެރިޔާ. އެންމެން ކަލޭދެކެ ނަފުރަތު ކުރާއިރުވެސް އަހަރެން މިހުރީ ކަލޭގެ ފަހަތުގައި“ ޓްރަމްޕް ވިދާޅުވި ކަމަށް އެ ފޮތުގައިވެއެވެ.
މި ނުތަނަވަސް ވާހަކަތައް ހިނގާފައިވަނީ، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ތައްޔާރުވަމުންދިޔަ ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ގަތަރުގައި އިސްރާއީލުން ދިން ވައިގެ ހަމަލާއަކަށް ފަހުގައެވެ. އެ ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވި ނަމަވެސް، ހަމާސްގެ ބައެއް މެންބަރުންނާއި ގަތަރުގެ ސެކިއުރިޓީ ގާޑަކު މަރުވުމާ ގުޅިގެން ހާރިޖީ މަޝްވަރާތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މީގެ އިތުރުން، ޓްރަމްޕްގެ ދެވަނަ ދައުރުގެ ކުރީކޮޅު ނަތަންޔާހޫއަކީ ”މަކަރުވެރިއެއް“ ކަމަށް ޓްރަމްޕް ސިފަކުރެއްވި ކަމަށްވެސް އެ ފޮތުގެ މުސައްނިފުން ލިޔެފައިވެއެވެ. މިއީ މި ދެ ބޭފުޅުންގެ މެދުގައި އޮތް ސިޔާސީ ގުޅުމުގެ ތެރެއިން އުފެދެމުންދިޔަ ނުތަނަވަސްކަން ހާމަކޮށްދޭ ކަމެކެވެ.
މި ފޮތުގެ ވާހަކަތައް ފެންމަތިވެފައި މިވަނީ، ވޮޝިންޓަނާއި ގުދުސްއާ ދެމެދު އޮތް ހިޔާލުތަފާތުވުންތައް އާންމުންނަށް ހާމަވަމުންދާ ދަނޑިވަޅެއްގައެވެ. މި މަހުގެ ކުރީކޮޅު އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލުބުނާނުގައި އިސްރާއީލުން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކާ ގުޅިގެން ޓްރަމްޕް ވަނީ ނަތަންޔާހޫ ދެކެ ވަރަށް ބޮޑަށް ކޯފާވެފައެވެ. އެއީ އީރާނާއެކު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކަށް އޭގެ ސަބަބުން ހުރަސް އެޅިދާނެތީއެވެ.
އެ ރިޕޯޓުގައިވާ ގޮތުން، އެހެން ފޯނު ކޯލެއްގައި ޓްރަމްޕް ވަނީ ނަތަންޔާހޫއަކީ ”މޮޔައެއް“ ކަމަށް ވިދާޅުވެ، ހަރުކަށި ބަހުރުވަ ބޭނުންކުރައްވާފައެވެ. އަދި ނަތަންޔާހޫގެ ކޮރަޕްޝަންގެ ޝަރީއަތްތަކުގައި އޭނާއަށް ތާއީދުކޮށް، އޭނާ ޖަލަށް ދިޔަނުދީ ހިފެހެއްޓީ ޓްރަމްޕް ކަމަށްވެސް ވިދާޅުވި ކަމަށްވެއެވެ. މީގެ އިތުރުން، އިސްރާއީލުގެ އަސްކަރީ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުގެ އަބުރަށް ލިބެމުންދާ ގެއްލުންތަކާ މެދުވެސް ޓްރަމްޕް ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވީ ނަމަވެސް، ޓްރަމްޕް ފަހުން ވިދާޅުވީ ނަތަންޔާހޫއާ އޮތް ގުޅުން އަދިވެސް ”ރަނގަޅު“ ކަމަށާއި، އެމެރިކާއިން ކުރަންޖެހޭ ކަމަކީ އޭނާ ”ކުޑަކޮށް ހަމަބުއްދީގައި ބެހެއްޓުން“ ކަމަށެވެ. ހަމައެފަދައިން، ނަތަންޔާހޫ ވެސް ވަނީ ދެބަސްވުންތަކެއް އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، އެއީ ގާތް ގުޅުންތަކުގައި ވެސް ދިމާވެދާނެ އާދައިގެ ”ޓެކްޓިކަލް“ ތަފާތުތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ދެ ބޭފުޅުންގެ މެދުގައި އޮތް މައިގަނޑު ސްޓްރެޓީޖިކް ލަނޑުދަނޑިތަކުގައި އެއްބަސްވެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
![]()
