މާލެ ސިޓީގެ ހުޅަނގު-ދެކުނު ފަރާތު، ޓީޖެޓީ ސަރަހައްދާއި އިންވެގެން އޮތް ބޮޑުތަކުރުފާނު މަގުގެ ސަރަހައްދު ސާފު ކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ޓީޖެޓީ ސަރަހައްދު ސާފު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ފެށި މި މަސައްކަތުގެ ދަށުން، އިއްޔެ މެންދުރު ފަހުގެ ނިޔަލަށް 19 ޓަނުގެ ކުނި ވަނީ އެ ސަރަހައްދުންނަގައި އުކާލާފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ ވޭސްޓް ސެކްޝަނާއި ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން އިސްނަގައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މާލެ ސާފުތާހިރުކޮށް ބޭއްވުމާއި، މަގުތަކަކީ ހިތްފަސޭހަ ތަނަކަށް ހެދުމެވެ. ކައުންސިލުން ފާހަގަކުރާ ގޮތުގައި މަގުތަކަށް އުކައިލާ ކުނި، ކާނުތަކަށް އެޅި ބެދުމުގެ ސަބަބުން، ވާރޭވެހޭ ދުވަސްވަރު އެ ފެން ކާނުތަކުން ބޭރުނުވެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް އިންތިހާއަށް ދަތިތަކާ ކުރިމަތިވެއެވެ.
މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެއާއި ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަށް ކައުންސިލްގެ މުވައްޒަފުން ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އަދި މާލެ ސިޓީ އަމާންކޮށް ބޭއްވުމަށް ފުލުހުން ދެއްވާ އެއްބާރުލުން ފާހަގަކޮށް މޭޔަރ ވަނީ، ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވީ ކުނީގެ މައްސަލައަކީ ރައްޔިތުންގެ ހޭލުންތެރިކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ.
އެހެންކަމުން، މަގުތަކާއި ޕާކުތަކާއި މައިޒާންތަކުގެ އިތުރުން ފަޅުތެރެއަށް ވެސް ކުނި ނޭޅުމަށް، މޭޔަރ ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވައިފައެވެ.
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ.
މީގެ އިތުރުން ކައުންސިލްގެ ހޮޓްލައިން 1622 އަށް ގުޅައިގެން ވެސް މި ފަދަ މައްސަލަތައް ރިޕޯޓް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
![]()
