ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ އިގްތިސާދީ ނުފޫޒު ރަޝިޔާގެ އެތެރެއިން ފެންނަން ފަށައިފިއެވެ. ތެލުގެ ދަތިކަމާއި، ޕެޓްރޯލް ކޮންޓްރޯލްކޮށްގެން ދޫކުރުމާއި، އަދި މުހިންމު އުމްރާނީ ވަސީލަތްތަކަށް ލިބެމުންދާ ގެއްލުންތަކުން ދޭހަވަނީ، މި ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ އާންމު ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް އިތުރުވަމުންދާ ކަމެވެ.
ފާއިތުވި މަސްތަކުގައި ޔޫކްރޭނުން ވަނީ ރަޝިޔާގެ ތެޔޮ ރައްކާކުރާ ތަންތަނަށާއި، ރިފައިނަރީތަކަށާއި، އަދި އަސްކަރީ ސިނާއީ މަރުކަޒުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައެވެ. އެންމެ ފަހުން ދިން ހަމަލާތަކާ ގުޅިގެން، ރަޝިޔާގެ 50 އަށްވުރެ ގިނަ ސަރަހައްދުގައި ތެޔޮ ކޮންޓްރޯލްކޮށްގެން ދޫކުރަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރޭގައި މޮސްކޯ އާއި ސެއިންޓް ޕީޓަރސްބާގް ފަދަ ބޮޑެތި ސިޓީތައް ހިމެނެއެވެ.
ތެޔޮ ވިއްކާ ބައެއް ފަރާތްތަކުން ވަނީ، ފަންނީ މައްސަލަތަކާއި ސަޕްލައިއަށް ދިމާވެފައިވާ ދަތިތަކާ ހުރެ، ޕެޓްރޯލާއި ޑީސަލް ވިއްކާ މިންވަރު ލިމިޓްކުރަން ފަށާފައެވެ. ބައެއް ޝެޑްތަކުން ކޮންމެ ކަސްޓަމަރަކަށް ވަކި މިންވަރަކަށް ތެޔޮ ދޫކުރާއިރު، އަނެއްބައި ތަންތަނުން ވަނީ ހަން ފަދަ ތަކެއްޗަށް ތެޔޮ އެޅުން މުޅިން މަނާކޮށްފައެވެ. ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުއްލި ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ފެންވަރު ދަށް ތެޔޮ ބޭނުންކުރުމުގެ ހުއްދަ ދިނުމާއި، އޭޝިއާގެ ގައުމުތަކުން ސާފުކުރި ތެޔޮ އެތެރެކުރާ މިންވަރު އިތުރުކުރުން ހިމެނެއެވެ.
މި ދަތިތައް ކުރިމަތިވެފައިވަނީ ޔޫކްރޭނުން ރަޝިޔާގެ އިސްތިރާތީޖީ ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދެމުންދާ ދަނޑިވަޅެއްގައެވެ. ފާއިތުވި ހަފުތާގައި ޔޫކްރޭން ސިފައިން ވަނީ މޮސްކޯގެ ތެޔޮ ރިފައިނަރީއަށް ދެ ފަހަރެއްގެ މަތިން ހަމަލާދީފައެވެ. މީގެ ސަބަބުން އެތަނުގައި އަލިފާން ރޯވެ، މޮސްކޯގެ އުޑުމަތިން ބޯ ދުންތައް ފެނިފައިވެއެވެ. އެ ސަރަހައްދުގެ ރައްޔިތުން ބުނާ ގޮތުގައި ސިޓީގެ ބައެއް ހިސާބުތަކަށް ކަޅު ކުލައިގެ އަޅި ފައިބާފައިވާއިރު، ބައެއް މީހުން މި ހާދިސާއަށް ”ތެލުގެ ވާރޭ“ ގެ ނަމުން ނަންދީފައިވެއެވެ.
ޔޫކްރޭންގެ އަސްކަރީ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެ ރިފައިނަރީއަކީ މޮސްކޯއަށާއި އެ ސަރަހައްދުގެ ބޮޑެތި އެއާޕޯޓްތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. ހަމަލާތަކުގެ ސަބަބުން ތެޔޮ ސާފުކުރާ މެޝިންތަކަށް ލިބުނު ގެއްލުމާ ގުޅިގެން މަސައްކަތްތައް މެދުކަނޑާލަން ޖެހުމުން، ދަތުރުފަތުރަށް ބުރޫއަރައި، ތެޔޮ ލިބުމުގެ ދަތިކަމާ މެދު ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން، ޔޫކްރޭނުން ވަނީ ތަތަރިސްތާނުގައި ހުންނަ ޓަނެކޯ ރިފައިނަރީއަށާއި، ރަޝިޔާގެ ތެޔޮ ބަހާ ނެޓްވޯކާ ގުޅިފައިވާ ސްޓޯރޭޖް ޓާމިނަލްތަކަށް ވެސް ހަމަލާދީފައެވެ. އަދި މިސައިލާއި ރޮކެޓް ފިއުލް އުފެއްދުމަށް ބޭނުންކުރާ ސާމާނު ތައްޔާރުކުރާ ސިނާއީ ކާރުޚާނާތަކަށް ވެސް ހަމަލާތައް އަމާޒުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާތަކުގެ މަގްސަދަކީ ރަޝިޔާގެ އަސްކަރީ ގާބިލްކަން ބަލިކަށިކުރުން ކަމަށް ވިޔަސް، މީގެ ސަބަބުން އެ ގައުމުގެ މާލީ ހާލަތަށް ވެސް ދަނީ ބާރުބޮޑުވަމުންނެވެ. ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިން ދާދިފަހުން ވަނީ ޔޫކްރޭންގެ ހަމަލާތަކުގެ ސަބަބުން އިގްތިސާދީ ގެއްލުންތައް ލިބެމުންދާކަމަށް އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް، ގެއްލުންވި ތަންތަން އަވަހަށް މަރާމާތު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންނަމަވެސް، އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި މާލީ ދަތިތައް ދަނީ އިތުރުވަމުންނެވެ. ދިފާއީ ހޭދަ އިތުރުވަމުންދާއިރު، ސަރުކާރަށް ލިބޭ އާމްދަނީއަށް ދަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ. ބައެއް މާހިރުން އަންދާޒާކުރާ ގޮތުގައި، 2026 ވަނަ އަހަރަށް ކުރިން ރޭވި މިންވަރަށް ވުރެ އަސްކަރީ ހޭދަ މާ ބޮޑަށް އިތުރުވެގެންދާނެއެވެ.
ހަމައެއާއެކު، ޔޫކްރޭނަށް އެ ގައުމުގެ ހުޅަނގުގެ ބައިވެރިންގެ ފަރާތުން ލިބޭ އެހީތެރިކަން ވެސް ވަނީ އިތުރުވެފައެވެ.ބިލިއަން ޔޫރޯގެ އަގުހުރި އާ އަސްކަރީ އެހީތަކެއް އިޢުލާނުކޮށްފައިވާއިރު، ވިލާތުގެ އިއްތިހާދުން ވަނީ ކިއޭވްއާއެކު އެ އިއްތިހާދުގެ މެންބަރުކަން ހޯދުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން ފަށާފައެވެ. މިއީ ސިޔާސީ އަދި އަސްކަރީ ގޮތުން މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ނިޝާނެކެވެ.
ހަނގުރާމައަށް ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ހަނގުރާމައިގެ އަސަރު މިހާރު ހަމައެކަނި ފެންނަނީ ހަނގުރާމައިގެ މައިދާނަކުން ނޫނެވެ. ތެޔޮ ކޮންޓްރޯލްކޮށްގެން ދޫކުރުމުން ފެށިގެން ބަޖެޓަށް ކުރިމަތިވަމުންދާ ފިއްތުންތަކާ ހަމައަށް، މި ހަނގުރާމައިގެ ނަތީޖާތައް ދަނީ މޮސްކޯގެ މަގުތަކާ ހަމައަށް ފޯރަމުންނެވެ. މިއީ ނިމުމެއް ފެންނަން ނެތް މި ހަނގުރާމައިގެ ސިފަ ބަދަލުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.
![]()
