ހުތުރު ބަހުން ވާހަކަދެއްކެވި ކަމަށްބުނެ ކޯޓަށް ވައްދާފައިވާ މައްސަލައިގައި، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ކޯޓަށް ހާޒިރުވާން އޭނާއަށް ޗިޓު ފޮނުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އޮކްޓޯބަރު 26، 2020 ގައި އޭނާގެ މައްޗަށް އެ ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ދުވަހު އެ ކޯޓުގެ ބޭރުގައި ހުންނަވައި ސަޕޯޓަރުންނާ ދެއްކެވި ވާހަކައެއްގައި ބޭނުންކުރެއްވި ހުތުރު ބަސްތަކަކަށް ބިނާކޮށެވެ.
ނޮވެމްބަރު 28، 2019 ގައި ކޯޓު ބޭރުގައި ހުންނަވައި އަބްދުއްރަހީމް ހުތުރު ބަސް ބޭނުންކުރެއްވީ ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތްކުރައްވަ އެވެ. އަދި ޕީޕީއެމްގެ ވެރިކަމެއްގައި އެ ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ އެދުވަހު އިންޒާރު ވެސް ދެއްވާފައެވެ. އަބްދުއްރަޙީމްގެ ވާހަކަތަކަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބަލައިދޭން ފުލުހަށް ހުށަހެޅީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް ސާވިސް (ޑީޖޭއޭ) އިންނެވެ.
މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލު ކޮށްފައިވަނީ މި މަހުގެ 31 އަށެވެ.
One Response
މިކަހަލަ މީބުން ގިނައީ. މިގައުމުގެ އާދަކާދައަކީ އެއްވަގު އަނެއްވަގަށް ވަގޭ ގޮވުން ނުވަތަ ގުދޯ ގުދޯ ގޮވުމެވެ. ގައުމުގެ ގިނަ ރައްޔަތުން އެގޮތްބޭނުންވާތީ އެހެންވަނީ ދޯ؟