މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ސަރަހައްދީ ދެ ބާރުގެ މެދުގައި ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، އިސްރާއީލުގެ ޕާލަމެންޓް މެންބަރަކު ތުރުކީއަކީ ”ޢަދާވާތްތެރި ދައުލަތެއް“ ކަމަށް އާންމުކޮށް އިއުލާނުކުރުމާއެކު، ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެއްޖެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަންކުރާ ލިކޫޑް ޕާޓީގެ މެންބަރެއް ކަމަށްވާ އެރިއަލް ކެލްނާ މި މޭރުމުން ވާހަކަދެއްކެވީ ’ގަލޭ އިސްރާއީލް‘ ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ތުރުކީއަކީ ”ހުރިހާ ގޮތަކުން ބެލިޔަސް ޢަދާވާތްތެރި ދައުލަތެކެވެ.“ އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާނަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.އުރުދުޣާނަކީ އިސްލާމީ ޚިލާފަތެއް އަލުން އިއާދަކުރަން މަސައްކަތްކުރައްވާ ނުރައްކާތެރި ބޭފުޅެއްގެ ގޮތުގައި ކެލްނާ ތުހުމަތުކުރެއްވިއެވެ. ”އޭނާއަކީ އިސްރާއީލަށް އިންތިހާއަށް ނަފުރަތުކުރާ ވަރަށް ނުރައްކާތެރި މީހެއް،“ ކެލްނާ ވިދާޅުވިއެވެ. އަދި އިސްރާއީލާއި ހުޅަނގުގެ ގައުމުތަކުން ތުރުކީގެ ލީޑަރަކީ ނުރައްކަލެއްގެ ގޮތުގައި ދެކެންޖެހޭނެ ކަމަށްވެސް އޭނާ އިތުރުކުރެއްވިއެވެ.މި ވާހަކަތައް އައިސްފައިވަނީ، ސޫރިޔާ އާއި ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަކީ ތުރުކީގެ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަންތައްތަކެއް ކަމަށް އުރުދުޣާން އިންޒާރު ދެއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. މި ހަފުތާގެ ކުރީކޮޅު ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން އަވަށްޓެރި ގައުމުތަކުގެ އިތުރުން، މުޅި ސަރަހައްދާއި ދުނިޔޭގެ ހަމަޖެހުމަށްވެސް ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ.“އިސްރާއީލު ހުއްޓުވަންޖެހޭ، މިއީ އިންސާނިއްޔަތު ހައްގުގައި އަހަރެމެންނަށް ވާޖިބެއް“ އިސްރާއީލުގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވަމުން އުރުދުޣާން ވިދާޅުވިއެވެ.އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އުރުދުޣާނަކީ ”ޔަހޫދީންނާ ދެކޮޅު ޚުދުމުޚުތާރު ވެރިއެއް“ ކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ. މިއާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ހަތުރުވެރިކަން ވަނީ އިތުރަށް ވަރުގަދަވެފައެވެ.މިދަނޑިވަޅުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އުރުދުޣާންގެ ވާހަކަތަކާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ދެއްވީ ތަފާތު ޖަވާބެކެވެ. ޓްރަމްޕް ސިފަކުރެއްވި ގޮތުގައި ތުރުކީގެ ލީޑަރަކީ ”ވަރަށް ގާތް އެކުވެރިއެއް“ ކަމަށާއި، މީގެ ކުރިން ދެ ބޭފުޅުން އެކުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރެއްވި ކަމަށެވެ.ޣައްޒާ، ލުބުނާން އަދި އީރާނުގައި އިސްރާއީލުން ހިންގާ އަސްކަރީ އޮޕަރޭޝަންތައް އެންމެ ބޮޑަށް ކުށްވެރިކުރާ އެއް ގައުމަކީ ތުރުކީއެވެ. 2024 ވަނަ އަހަރުގެ މެއި މަހު އަންކާރާއިން އިސްރާއީލާއެކު އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑާލައި، ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓުގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ ގަތުލުއާންމުގެ މައްސަލައިގައި ބައިވެރިވުމުން، ދެ ގައުމުގެ ސިޔާސީ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.ވިޔަފާރީގެ މުއާމަލާތްތައް މަނާކޮށްފައިވީ ނަމަވެސް، ވިޔަފާރީގެ ގުޅުންތައް މުޅިން ކެނޑިފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި ތިންވަނަ ގައުމުތައް މެދުވެރިކޮށް ތުރުކީގެ މުދާ އަދިވެސް އިސްރާއީލަށް ދަނީ ފޯރަމުންނެވެ. އަދި 2025 ވަނަ އަހަރު މިގޮތަށް ފޮނުވި މުދަލުގެ އަގު އެތައް މިލިއަން ޑޮލަރަކަށް އަރާ ކަމަށްވެއެވެ. މީގެ އިތުރުން، ބާކޫ-ތިބިލިސީ-ޖޭހާން ހޮޅިލައިން މެދުވެރިކޮށް އަންނަ އަޒަރުބައިޖާންގެ ތެޔޮވެސް ތުރުކީގެ ބަނދަރުތައް މެދުވެރިކޮށް އިސްރާއީލަށް ދަނީ ފޯރުކޮށްދެމުންނެވެ.ދެ ގައުމުގެ މެދުގައި ބަދަލުކުރެވެމުންދާ ހަރުކަށި ބަސްމަގުގެ ސަބަބުން ޖިއޯޕޮލިޓިކަލް ގޮތުން ބޮޑު ރެނދެއްލައިފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މެއި މަހުގެ ފަހުކޮޅު އިސްރާއީލުގެ ކަލްޗަރ އެންޑް ސްޕޯޓްސް މިނިސްޓަރު މިކީ ޒޯހަރުވެސް ވަނީ ތުރުކީއަކީ ޢަދާވާތްތެރި ދައުލަތެއްގެ ގޮތުގައި ބެލުމަށް ގޮވާލައްވާފައެވެ. އަދި އަންކާރާއަކީ ކުރިއަށް އޮތް ތަނުގައި އިސްރާއީލުގެ އެންމެ ބޮޑު ދުޝްމަނަށް ވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.ދެ ގައުމުގެ ސަރުކާރުން އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތުތަކާއި އިންޒާރުތައް ދެމުންދާއިރު، މި ބޮޑުވަމުންދާ ދެބަސްވުމުގެ ސަބަބުން މެދުއިރުމަތީގެ ނުތަނަވަސް މަސްރަހު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު މުހައްލިލުން ދަނީ ފާޅުކުރަމުންނެވެ.
![]()
