މި ވަގުތު ދުނިޔޭގައި ފެށިގެން ހިނގަމުންދާ އެންމެ މުހިންމު ބައްދަލުވުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބައިވެރިކުރުމަކާ ނުލައި އަރމީނިއާގެ ޔެރެވާންގައި ކުރިއަށް ދާކަން މީޑިއާތަކަށް ހާމަވެއްޖެއެވެ.
އެ ބައްދަލު ކުރެއްވުމުގައި ބައިވެރިވަމުން ގެންދަވާ ޔޫރަޕްގެ 40 ގައުމެއްގެ ސިޔާސީ އެންމެ އިސް މަންދޫބުންގެ ކުރިމައްޗަށް ހުށައެޅިފައިވާ މައްސަލަތަކުގައި ގޮތެއް ނިންމުމަށް އއެމެރިކާގެ ރައިސް ނެތިގެން ވަގުތު ބޭކާރުކުރަން ބޭނުމެއް ނުވެއެވެ. ދައުވަތު ދީފައިވާ ޔޫރަޕްގެ ގައުމެއްގެ ގޮތުގައި ނުބެލެވޭ ހަމައެކަނި ގައުމަކީ ކެނެޑާއެވެ. ޒެލެންސްކީ އާއި މެކްރޯން ބައިވެރި ވަޑައިގަންނަވައެވެ. ކެނެޑާގެ މާރކް ކާނީ ބައިވެރިވެ ވަޑައިގަންނަވައެވެ. ގައުމުތަކުގެ ލީޑަރުންގެ ކުރިފުޅުމަތީގައި އޮތީ ދުނިޔޭގެ އާންމު ރައްކާތެރިކަމާއި ސަލާމަތުގެ ޗާޓެއް އަލުން އެކުލަވާލުމެވެ. މުސްތަގްބަލްގައި ގްލޯބަލް އޯރޑަރ އޮންނަންޖެހޭ ގޮތް އަލުން ފަރުމާކޮށް އެކަށައެޅުމެވެ. ބައްދަލުވުން ކުރިއަށް ގެންދެވެނީ ރައީސް ޓްރަމްޕް ބައިވެރިކުރުމަކާ ނުލައެވެ. އެމެރިކާގެ މަންދޫބެއްގެ ބައިވެރިކުރުމަކާނުލައެވެ. އެކަމަކު މިއީ އާދައިގެ ބައްދަލު ވުމެއްނޫނެވެ.
މި ބައްދަލު ވުމުގައި އެމެރިކާ ބައިވެރިކުރަން ބޭނުންނުވާކަހަލައެވެ. މި ގައުމުތަކުން ބައްދަލު ކުރުމުގެ މައިގަނޑު އަމާޒަކީ މުސްތަގްބަލްގައި ދުނިޔޭގެ ވިޔަފާރއާއި ސެކިއުރިޓީ އަދި ޔޫކްރެއިނާއި އީރާން އަދި އާރޓިކް ސަރަހައްދުގެ ދިފާއީ ކަންތައްތަކާ ދޭތެރޭ ގުޅިފައިވާ ނިންމުމެއް ނިންމުމެވެ. އެ ކަންތައްތަކުގެ މުހިންމު ކަމާދޭތެރޭ މަޝްވަރާކޮށް ފައިސަލާ ކުރަނިވި ނިންމުމެއް އޮތީ މަޝްވަރާ މޭޒުގެ އެންމެ މަތީގައެވެ. އަދި މި މަޝްވަރާތަކުގައި އެމެރިކާގެ މަންދޫބަކު ބައިވެރިކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވައެވެ. އެމެރިކާގެ މަންދޫބަކަށް ދައުވަތު ދިންކަމަށްވެސް ނުވެއެވެ. އެއީ އިއްތިފާގެއް ނޫނެވެ. އެއީ ގަސްދުގައި ދީފައިވާ މެސެޖެކެވެ. ފާއިތުވެގެން މިދާ އަހަރު ދުވަހު ރައީސް ޓްރަމްޕްގެ ކޮންމެ ފިޔަވަޅެއް ދިރާސާ ކުރެއްވުމަށްފަހު މިހާރު ދެން އެމަނިކުފާނު ދެކިވަޑައިގަންނަވާގޮތް އޮޅުންފިލުވަން ޔޫރަޕުން ބޭނުންމެއް ނުވެއެވެ. މިއީ ޔޫރަޕުންކުރި ފައިސަލާއެކެވެ. މިއީ ޔޫކްރެއިނުންވެސް ބައިވެރިވާ ނިންމުމެކެވެ. މިއީ ކެނެޑާއިން ހިއްސާކުރަން ބޭނުންވާ ނިންމުމެކެވެ. ނިންމުމުގެ ބޭނުމަކީ ފަސް ބެލުމެއްނެތި ކުރިއަށް ދިއުމެވެ. ހަމަނުޖެހުންތަކާއި ދެކޮޅުވެރިކަން އެއްފަރާތަކުރުމަށްފަހު ބިނާކުރަނިވި ފައިސަލާއެއްކޮށް ނިންމުމެވެ. އެމެރިކާއަށް ދައުވަތު ދިނުން ބޭނުން ނުވުމަކީ މި ނިންމުންތަކުގައި ރައީސް ޓްރަމްޕްގެ ހިއްސާއެއް ބޭނުން ނުވާކަމުގެ މެސެޖެކެވެ.
މާރކް ކާނީ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނަށް ދެއްވި ދައުވަތަށް ޝުކުރުވެރިވެ ވަޑައިގަންނަވަމުން މިހާރުގެ ގްލޯބަލް ނިއު އޯރޑަރގެ މިސްރާބަށް ފާޑު ވިދާޅުވެ އަލުން އެކަށައަޅަންޖެހޭކަމަށާއި ތިމަން މަނިކުފާނު ދެކިވަޑައިގަންނަވާގޮތުގައި ގްލޯބަލް އޯރޑަރ އެކަށައެޅިގެން ދާންޖެހޭނީ ޔޫރަޕުން ކަމަށް ވިދާޅުވިއެވެ. ގްލޯބަލް އޯރޑަރ އުފަންކުރެވިގެން އަންނަންޖެހޭނީ ޔޫރަޕް އިން ކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
ކެނެޑާގެ ބޮޑުވަޒީރު އަރމީނިއާގައި ޔޫރަޕްގެ އެންމެ އިސްވެރިންގެ ކުރިފުޅުމަތީގައި ހުންނަވާފައި އަޑަށް ބާރުލައްވައި ގްލޯބަލް ނިއު އޯރޑަރ އެކަށައެޅިގެން ދާންޖެހޭނީ ވޯޝިންގޓަނުން ނުވަތަ ރައީސްޓްރަމްޕްގެ މާރަލޭގޯ ރިސޯރޓުން ނޫންކަމަށާއި ޔޫރަޕުން ކަމަށް ވިދާޅުވި އެ ޖުމްލައާ ދޭތެރޭ ވިސްނާ ފިކުރުކުރަން ޖެހެއެވެ. އަދި އެކަން ކުރެވިގެން ދާންޖެހޭނީ މެންދަމު 3 ޖަހާއިރު ނުނިދާހުންނަވާފައި ދަ ޓުރުތުގައި ކުރައްވާ ޕޯސްޓަކުންވެސް ނޫނެވެ. މާރކް ކާނީގެ ބަސްފުޅުގައި އަޒުމާއި އަމިއްލަ ނަފުސަށް ކުރައްވާ އިތުބާރު ވަނީ އެކުލެވިފައެވެ. ބައިވެރިންނާއެކު ކުރެވިފައިވާ ވިޔަފާރީގެ އެއްބަސްވުންތަކުގައި ރައީސް ޓްރަމްޕް ގެންގުޅުއްވާ އަމިއްލަ ފައިދާގެ ސިޔާސަތު މާރކް ކާނީ ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ.
މާރކް ކާނީގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމެރިކާއިން ބޭނުންވާ ގާނޫނުތައް ހަދައި ދުނިޔޭގެ އާބާދީ ތަކުގެ މައްޗަށް އެ ގާނޫނުތައް ތަންފީޒު ކުރަމުންގެންދިޔަ ޒަމާން މާޒީގެ ތެރެއަށް ގެއްލުވާލައި ގްލޯބަލް ނިއު އޯރޑަރަކީ ދުނިޔޭގެ އާބާދީތަކުން އެކުލަވާލައި އެމީހުންގެ މައްޗަށް ތަންފީޒުކުރެވޭ އެއްޗަކަށް ހަދަން ޔޫރަޕްގެ ގައުމުތަކުން އެއްބައިވަންތަކަން ދައްކަންޖެހޭ ޒަމާން އަތުވެއްޖެއެވެ. އެމެރިކާގެ އެންމެ ގާތް ބައިވެރިޔާ ކެނެޑާއަކީ އެމެރިކާގެ ސްޓޭޓެއްކަމުގައި ކަނޑައަޅަން ރައީސް ޓްރަމްޕް މިދިޔައަހަރު ކުރެއްވި އިންޒާރުގެ ޒުވާބުގެ މަތިން އަދި ހަނދާން ނުނެތޭކަމަށް ވިދާޅުވިއެވެ. ނަތީޖާއަކަށް ވެގެންމިދިޔައީ ފަހުގެ ތާރީޚެއްގައި ޔޫރަޕްގެ ގައުމުތަކުން ބޭއްވިގެންދާ އެންމެ މުހިންމު ބައްދަލު ވުމުގައި ކެނެޑާއިން ބައިވެރިވުމެވެ. ރައީސްޓްރަމްޕްގެ ބުލީކުރުމުން އެއްފަރާތަށް ޖެހި ކެނެޑާއިން ޔޫރަޕްގެ ކޮޅަށް ލެބިގެން ދިޔައީއެވެ. އެއީ އެމެރިކާގެ ޚާރިޖީ ސިޔާސަތު އަގެއްނެތްކަން ދުނިޔެއަށް އިތުރަށް ހާމަވެގެންދިއުމެކެވެ.
![]()
