މެކްސިކޯގެ ގޮޑަލަޔާރާ ފުޓުބޯޅަ ސްޓޭޑިއަމްގެ ގޮނޑިތައް ފުރިފާކަމަށް ފީފާއިން ބުނަމުން ގެންދިޔަކަމުގައިވިޔަސް ބުރާސްފަތި ދުވަހު ބޭއްވުނު ދެކުނު ކޮރެއާއާއި ޗެކް ރިޕަބްލިކްގެ މެޗްގައި ގިނަގޮނޑިތަކެއް ހުރީ ހުސްކޮށް ކަމުގައި ފެންނަ ފޮޓޯތަކުން އެނގިއްޖެއެވެ. ދި އެޓްލާންޓިކުން ޚަބަރުދީފައިވާގޮތުގައި ސްޓޭޑިއަމްގެ އެކި ހިސާބުގައި ގިނައަދަދެއްގެ ހުސްގޮނޑި ފެންނަމުން ދިޔައިރު ވީ އައި ޕީ ގައި ގިނަ ގޮނޑިތަކެއްވެސް ހުރީ ފަޅުކޮށެވެ.
ފީފާއިން ރިޕޯރޓްކޮށްފައިވާ ގޮތުގައި ގޮޑަލަޔާރާ ފުޓުބޯޅަ ސްޓޭޑިއަމްގެ ފުލް ކެޕޭސިޓީ އަކީ 46000 އެވެ. މެޗް ބެލުމަށްޓަކައި 44985 މީހުން ވަދެފައިވާކަމަށް ބުނެފައި ވެއެވެ. އެކަމަކު އެ ރިޕޯރޓް ބިނާކޮށްފައިވަނީ ވިކުނު ޓިކެޓްތަކުގެ މައްޗަށް ބިނާކޮށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ. މިއަހަރު ޓިކެޓްތަކުގެ އަގު 2018 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕް ޓިކެޓްގެ އަގު 21 އެމެރިކާ ޑޮލަރަށްވުރެން އަގުބޮޑުނުވާނެކަމަށް ފީ ފާއިން ބުނަމުން ގެންދިޔަ ކަމުގައި ވިޔަސް 2022 ވަނައަހަރު ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕްގެ ޓިކެޓް އަގަށްވުރެން މިފަހަރު ޓިކެޓްގެ އަގު ފަސްގުނަ އިތުރުކަން ޔޫރަޕް ފުޓުބޯޅައިގެ ސަޕޯރޓަރުންގެ ޖަމާއަތުން ފާހަގަކޮށްފައި ވެއެވެ. މިފަހަރު ޓިކެޓް އަގުބޮޑުވި ސަބަބު ފީފާއިން ވަނީ ދިފާއުކޮށްފައި ކަމަށް ރޮއިޓާރސް އިން ބުނެފައި ވެއެވެ. ފީފާގެ ރައީސް ޖިއާނީ އިންފާންޓިނޯ ބުނެފައިވަނީ ދުނިޔޭގައި ބޭއްވޭ އެހެނިހެން ބައިނަލް އަގްވާމީ މުބާރާތްތަކަށްވުރެން ވޯލްޑް ކަޕްގެ ޓިކެޓްތައް ނިސްބަތުން އަގުބޮޑު ކަމަށް ބެލެވޭނެތަނެއް ނޯންނާނެ ކަމަށެވެ. އަހަރެމެންގެ ޓިކެޓްތަކުގެ އަގު ބޮޑުކަމަށް ބަލާނަމަ ނޯތު އެމެރިކާގައި ބޭއްވޭ ހުރިހާ މުބާރާތެއްގައިވެސް ޓިކެޓްތަކުގެ އަގު ބޮޑުކަމަށް ބުނަންޖެހޭނެއެވެ. ވޯލްޑް ކަޕްގެ 75 މެޗްގެ ތެރެއިން 29 މެޗްގެ ޓިކެޓްތައް ވަނީ ވިކިފައިކަމަށް އެސޯޝިއޭޓެޑް ޕްރެސް އިން ބުނެފައި ވެއެވެ. އަދި ފީފާގެ އޮފިޝަލް ރިސޭލް ޕްލެޓްފޯރމްގައި މިހާރުވެސް 180000 ޓިކެޓް ނުވިކި ހުރިކަމަށް ފީފާގެ އޮފިޝަލުންނާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް އިން މިދިޔަ އަންގާރަ ދުވަހު ހާމަކޮށްފައި ވެއެވެ. ސްޓަބްހަބް އާއި ސީޓްގީކް ފަދަ ތިންވަނަ-ޕާރޓީން އަލުން ވިއްކާ ޓިކެޓްތަކުގެ އަގު ވަނީ ވިހި އިން ސައްތަ ވެއްޓިފައެވެ.
ފާޑުކިއުންތައް އިތުރުވެ ޓިކެޓް ތަކުގެ އަގުގެ މައްސަލަ ހޫނު ވެފައިވާ މި ދަނޑިވަޅުގައި 104 މެޗްގައި 60 އެމެރިކާ ޑޮލަރަށް ޓިކެޓެއް ކަމަށް އަގު ކަނޑައަޅާފައިވާ ގިންތީން ކޮންމެވެސް ވަރަކަށް ޓިކެޓްގެއަގު ދަށްކޮށްފައިވާކަމަށާއި އެ ގިންތީއަށް 130000 ޓިކެޓް ޚާއްސަ ކުރެވިފައިވާކަމަށް އިންފާންޓިނޯ ބުނެފައިވެއެވެ. އަދި މެޗްތައް ކައިރިވީ ވަރަކުން ޓިކެޓްތަކުގެ އަގު ހެޔޮ ވާނެކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާއި މެކްސިކޯ އަދި ކެނެޑާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ޓިކެޓްތަކުގެ އަގު ގަބޫލުނުކުރެވޭ މިންވަރަށް އުފުލުމުން ނިއު ޔޯރކާއި އަދި ނިއު ޖާރސީގެ ބަންޑާރަ ނައިބުން އެ މައްސަލައިގެ ތެރެއަށްމިހާރު ވަނީ ވެދެ ވަޑައިގެންފައެވެ.
މިފަހަރުގެ ވޯލްޑް ކަޕް މެޗްތަކަށް އެމެރިކާގެ 45 އިން ސައްތަ ރައްޔިތުންގެ ތަރުހީބު ނެތްކަމަށް އިމާރސަން ކޮލެޖްގެ ވޯޓުން ވަނީ ހާމަވެފައެވެ. ފުޓުބޯޅަ މެޗަބަލަން ބޮސްޓަންއަށް ދަތުރުކުރި މީހުންނާ ބައްދަލުވި އެމެރިކާގެ ގިނަބަޔަކަށް ވޯލްޑް ކަޕްގެ އެއްވެސް މައުލޫމާތެއް ލިބިފައިނެތްކަމަށް ބީ ބީ ސީ ސްކޮޓްލޭންޑް އިންވެސް ބުނެފައިވެއެވެ.
އެމެރިކާގައި ބޭއްވޭ މެޗްތަކުގެ ޓިކެޓް ގެ އެންމެ ދަށް އަގަކީ 140 އެމެރިކާ ޑޮލަރެވެ. ފުރަތަމަ ބުރުގެ މެޗްތަކުގެ އަގު 1000 އެމެރިކާ ޑޮލަރަށް ކަނޑައަޅާފައިވާއިރު އެންމެ އަގުބޮޑު ޓިކެޓްތަކުގެ އަގަކީ 2735 އެމެރިކާ ޑޮލަރެވެ. އެމެރިކާގެ އާންމު ރައްޔިތުންގެ ތަރްހީބު ނެތްކަމުގައި ވިޔަސް މިފަހަރުގެ ވޯލްޑް ކަޕް ދުނިޔޭގެ ކަންކޮޅުތަކުން 5.8 މިލިއަން މީހުން ބަލާނެކަމަށް ފީ ފާ އިން އަންދާޒާކުރެއެވެ.
![]()
