އެމެރިކާއާއެކު ވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް މަހަކަށްވުރެ ގިނަ ދުވަސްވީފަހުން، އީރާނުން ރޭ އިސްރާއީލަށް މި ސައިލް ހަމަލާތަކެއް ދީފިއެވެ.
މިސައިލް ހަމަލާ ދީފައިވަނީ ހިޒްބުالله ގެ ބާރުގަދަ ސަރަހައްދެއް ކަމަށްވާ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދާހިޔާ އަށް އިސްރާއީލުން ހަމަލާތަކެއް ދިންތާ ދެތިން ގަޑިއިރު ތެރޭގައެވެ. އިސްރާއީލުގެ އެ ހަމަލާތަކުގައި ދެ މީހަކު މަރުވެ ވިއްސަކަށް މީހުން ޒަހަމްވިއެވެ. އިސްލާމީ ޖުމްހޫރިއްޔާއިން މީގެ ކުރިން ވަނީ މިފަދަ ކޮންމެ ހަމަލާއަކަށް ރައްދުދޭނެ ކަމުގެ އިންޒާރު ދީފައެވެ.
އީރާނުން މަދުވެގެން ވިއްސަކަށް ބެލިސްޓިކް މިސައިލް ތިން ބުރަކަށް ފޮނުވާލާފައިވާއިރު، އިސްރާއީލުން ބުނެފަވަނީ، އީރާނުން ފޮނުވާލި ހުރިހާ ބެލިސްޓިކް މިސައިލެއް ހުއްޓުވި ކަމުގައެވެ. ނަމަވެސް ބައެއް މިސައިލް އިޒްރާއިލަށް އަރާތަން ފެންނަ ވީޑިއޯ ވަނީ ސޯޝަލްމީޑިއާގައި ޕޯސްޓުކޮއްފައެވެ.
މި ހަމަލާއަށްފަހު އީރާނުގެ ޙާތަމުލް އަންބިޔާ މަރުކަޒީ ކޮމާންޑުން ބުނީ، އައިޑީއެފް އިން ލުބުނާނަށްދޭ ހަމަލާތައް ހުއްޓާލަންޖެހޭނެ ކަމަށާއި، ހަމަލާތައް އިތުރަށް ފުޅާކޮށް ނުވަތަ އީރާނުގެ އަމަލުތަކަށް ރައްދުދީފިނަމަ، އިސްރާއީލުގެ އުތުރަށް ދިން ފުރަތަމަ ބެލިސްޓިކް މިސައިލް ހަމަލާތަކަށްވުރެ ”މާ ވަރުގަދަ އަދި ހިތާމަވެރި ރައްދަކާ“ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
”އަހަރެމެން މީގެކުރިން އިންޒާރު ދިނިން ބެއިރޫތުގެ ދާހިޔާ ސަރަހައްދުގައި ހިންގާ ޖަރީމާތައް ފުޅާކޮށްފިނަމަ، ހިފާފައިވާ ސަރަހައްދުތަކުގައިވާ އަމާޒުތަކަށް ހަމަލާދޭނެ ކަމަށް،“ ޚާތަމް އަލްއަންބިޔާ ކޮމާންޑުގެ ވެރިޔާ ޖެނެރަލް އަލީ އަބޮލާހީ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ފަރާތުން ނެރުނު ބަޔާނެއްގައި އިންޒާރު ދީފައިވަނީ، އިސްރާއީލަށް ދިން މިސައިލް ހަމަލާއަކީ ހަމައެކަނި ”އިންޒާރެއް“ ކަމަށާއި، ”އުދުވާންތައް“ ތަކުރާރުކޮށްފިނަމަ މެދުއިރުމަތީގައިވާ އެމެރިކާ އަދި އިސްރާއީލުގެ ހުރިހާ އަމާޒުތަކެއް ހިމެނޭގޮތަށް ފުޅާ ރައްދެއް ދޭނެ ކަމަށެވެ.
އެއާއެކު، އިސްރާއީލުގެ އޮފިޝަލުން ޗެނަލް 12 އަށް މައުލޫމާތު ދެމުން ބުނެފަވަނީ، އީރާނުގެ މިސައިލް ހަމަލާއަށް އައިޑީއެފް އިން ”ވަރުގަދަ ރައްދެއް“ ދޭނެ ކަމަށެވެ. އެ ރިޕޯޓުގައިވާ ގޮތުން، ލުބުނާނުގެ ވެރިރަށުގައި ހުރި ހިޒްބުالله ގެ އަމާޒުތަކަށް އިސްރާއީލުން ހަމަލާދިނުމުން، އޭގެ ބަދަލުގައި އީރާނުން އިސްރާއީލަށް ހަމަލާދޭ ފަދަ އުސޫލެއް ގާއިމުވުމަށް ފުރުސަތެއް ނުދެވޭނެކަމުގައެވެ.
އީރާނުގެ މިސައިލް ހަމަލާއަކީ، އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު ކުރަން ފެށި ހަނގުރާމަ ފެށުނުތާ ގާތްގަނޑަކަށް 40 ދުވަސް ފަހުން، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ.
މަސްރަހު ފިނިކުރުމުގެ މަސައްކަތެއްގެ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިސައިލް ފޮނުވުން ހުއްޓާލުމަށާއި އަލުން މަޝްވަރާތަކަށް އެނބުރި އައުމަށް އީރާނަށް ގޮވާލާފައެވެ.
ފޮކްސް ނިއުސްގެ ކޮރެސްޕޮންޑަންޓެއް މެދުވެރިކޮށް ޓްރަމްޕް އެ ނެޓްވޯކަށް ވިދާޅުވީ، ”އަހަރެން އީރާނަށް ބުނަން ބޭނުމީ: ކަލޭމެން މިސައިލްތައް ފޮނުވާލައިފީމު، އެވަރުން ފުއްދާފަ އަލުން މޭޒުދޮށަށް އައިސް އެއްބަސްވުމެއް ގާއިމުކުރުމަށެވެ“ މިފަދައިންނެވެ.
މީގެ އިތުރުން ޓްރަމްޕް އެ ނެޓްވޯކަށް ވިދާޅުވީ، ބެއިރޫތަށް އިސްރާއީލުން ދިން ހަމަލާތަކަކީ އޭނާއާއި ކޯޑިނޭޓްކޮށްގެން ރޭވިގެން ދިން ހަމަލާތަކެއް ނޫން ކަމަށާއި، އެކަމާ މެދު ”ހިތްހަމަޖެހިވަޑައިނުގަންނަވާ“ ކަމަށެވެ.
ޓްރަމްޕްގެ މި ވާހަކަތަކުން އެނގެނީ އީރާނާއެކު އަލުން ހަނގުރާމައެއް ފެށުމަށް އެމެރިކާ ތައްޔާރަށް ނެތް ކަމެވެ. އެހެންނަމަވެސް، އިސްރާއީލުން ރައްދު ހަމަލާ ދޭނެއެވެ. މިއީ އީރާނުގެ ފަރާތުން އިތުރު ފިޔަވަޅުތަކެއް އެޅުމަށް މެދުވެރިވާނެ ކަމެކެވެ. އަދި އަނެއްކާވެސް މުޅި ސަރަހައްދަށް ފެތުރިގެންދާ ހަނގުރާމައެއް އަލުން ފެށިގެންދާނެ ކަމަކަށް ވުން ވަރަށް ގާތެވެ.
އިޒުރާއިލުގެ މުޖްރިމު ބޮޑުވަޒީރު ބޭނުންވަނީ އެމެރިކާއާއި އީރާނު ސުލްހަވިޔަ ނުދިނުމަށެވެ.
މީގެ އިތުރުން އިޒްރާއީލުން ހިޒްބުﷲ އާދެކޮޅަށް އިތުރު ހަމަލާތަށް ކުރިޔަށް ގެންދާނެއެވެ. ރައީސް ޓްރަމްޕް ހަނގުރާމަ ހުއްޓުމަށް ބޭނުންވަނީ އެމެރިކާގެ އެތެރޭގަ ޕެޓްރޯލާއި އަދި ފާޓިލައިޒަރ ފަދަ މުހިންމު ތަކެތި ވަރަށް އަގުބޮޑުވެ ރައްޔިތުންގެ ތާއީދު ޓުރަމްޕަށް ގެއްލެމުން ދިއުމާއި އަދި އެމެރިކާގެ ކޮންގްރެސްގެ އިންތިހާބާ އެންމެ ފަސް މަހަށްވެފައި އޮތުމުން އޭނާގެ ޕާޓީއަށް އޮތް މެޖޯރިޓީ ގެއްލި ދިމާވާނެ ސިޔާސީ ގޮންޖެހުންތަކަށް ޓަކައެވެ.
މިމައްސަލައިގަ އީރާނަށް ބަލާއިރު އެމެރިކާއާއި އެކު ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަކަށް އައުމުގަ ދިމާވެފަވާ އެންމެބޮޑު ގޮންޖެހުމަކީ އީރާނުގެ ލީޑަރު ކަނޑައަޅުއްވާފަވާ އަސާސީ އެއް ޝަރުތު ކަމުގައި އިޒްރާއިލުން ލުބްނާނުގެ ހިޒްބުﷲ އަށް ދެމުންގެންދާ ހަމަލަ މުޅިންހުއްޓުން ހިމަނާފައިވާތީއެވެ. އެމެރިކާއިން ބާރުއެޅިޔަސް އިޒުރާއިލުގެ ވެރިން މިކަމަށް އެއްބަހެއް ނުވާނެއެވެ. މިވަގުތުގެ ހާލަތު ކުރުކޮށް މިދަންނަވާލެވުނީއެވެ.
ލިޔުނީ : މުހަންމަދު މުސްތާގު
![]()
