އެމެރިކާއާއި އިސްރާއީލުން އީރާނަށް އަސްކަރީ ހަމަލާތަކެއް ދޭން ފެށިތާ ސަތޭކަ ދުވަސް ފާއިތުވެފައިވާއިރު، އެމެރިކާގެ ގިނަ ރައްޔިތުންނަށް މި ހަނގުރާމައިގެ އަސަރު ދަނީ ކުރަމުންނެވެ. މިއީ ހަނގުރާމައިގެ މައިދާނާ މާ ދުރުގައި ތިބި ނަމަވެސް، ކާބޯތަކެއްޗާއި، ތެލާއި، ފްލައިޓް ޓިކެޓާއި، އަދި ހައުސިންގ ލޯނުތަކުގެ އަގުތަކުން ފެންނަން އޮތް ހަގީގަތެކެވެ.އެ ގައުމުގައި އަލަށް ހެދި އިގްތިސާދީ ދިރާސާއަކުން ދައްކާގޮތުގައި، ހަނގުރާމަ ފެށުނު ފަހުން އެމެރިކާގެ އެވްރެޖް އާއިލާއަކުން އިތުރަށް 750 ޑޮލަރު ހޭދަކުރަން ޖެހިފައިވެއެވެ.
މިއީ ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން ކުރިންވެސް ދަތި ހާލުގައި އުޅެމުންދިޔަ އާއިލާތަކަށް ކުރިމަތިވި އިތުރު ބުރައެކެވެ. އިތުރު ތަކުލީފެކެވެ.އެންމެ ބޮޑު ލޮޅުމެއް އައީ ތެލުގެ އަގަށެވެ. 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ގެލަނެއް 2.98 ޑޮލަރަށް ހުރި ޕެޓްރޯލްގެ އަގު، ހަނގުރާމަ ފެށުނު ފަހުން ވަނީ 4.22 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. މާހިރުން ބުނާގޮތުގައި މީގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކެވެ. ދުނިޔޭގެ ތެޔޮ އުފުލާ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި އީރާނުން ހިންގާ ހަރަކާތްތަކުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.އިގްތިސާދީ މާހިރުން އިންޒާރު ދޭގޮތުގައި މީގެ އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހެނީ މެދު ފަންތިއާއި ދަށް ފަންތީގެ އާއިލާތަކަށެވެ. މުއްސަނދި އާއިލާތަކާ ހިލާފަށް، އާދައިގެ އާއިލާތަކުން އެމީހުންގެ އާމްދަނީގެ ބޮޑުބައެއް ހޭދަކުރަނީ ކާބޯތަކެއްޗާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރާއި އަދި ފެނާއި ކަރަންޓު ފަދަ ޒަރޫރީ ބޭނުންތަކަށެވެ.މިކަމުގެ އަސަރު މިހާރު އެ ގައުމުގެ މުޅި އިގްތިސާދަށް ދަނީ ފެތުރެމުންނެވެ. އިންފްލޭޝަން ރޭޓް 3.8 އިންސައްތައަށް އުފުލިފައިވާއިރު، މިއީ ފާއިތުވި ތިން އަހަރު ތެރޭގައި އައި އެންމެ ބޮޑު އުފުލުމެވެ. ސަރުކާރުގެ އެންމެ ފަހުގެ ރިޕޯޓްތައް ދައްކާގޮތުން ހަމައެކަނި ހަކަތައިގެ އަގުވެސް ވަނީ 5.5 އިންސައްތަ މައްޗަށް ގޮސްފައެވެ. މީގެ ސަބަބުން އެހެނިހެން މުދަލާއި ހިދުމަތްތަކުގެ އަގުވެސް ދަނީ އުފުލެމުންނެވެ.މި ހާލަތާ ކުރިމަތިލުމަށް ގިނަ ބަޔަކު ދަނީ ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެންނަމުންނެވެ. ދިރާސާތަކުން ދައްކާގޮތުގައި ތެލަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި ގިނަ ބަޔަކު ގޭގައި ތިބެގެން މަސައްކަތްކުރުން އިތުރުކޮށްފައިވާއިރު، ދެބައިކުޅަ އެއްބައި މީހުން ބުނެފައިވަނީ ކުރިއަށްވުރެ މަދުން ދުއްވާ އެއްޗެހި ބޭނުންކުރާ ކަމަށެވެ.ވައިގެ ދަތުރުފަތުރުގެ ސިނާއަތަށްވެސް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ފްލައިޓް ޓިކެޓްގެ އަގުތައް ދަނީ މަހުން މަހަށް އުފުލެމުންނެވެ. ބަޖެޓް އެއާލައިން ”ސްޕިރިޓް އެއާލައިންސް“ އިން ދާދި ފަހުން އޮޕަރޭޝަންތައް ހުއްޓާލާފައިވާއިރު، އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ތެލުގެ އަގު އުފުލުމެވެ.ކާބޯތަކެތީގެ އަގުތައްވެސް މިހާރު ދަނީ މައްޗަށެވެ. ދަނޑުވެރިން ބޭނުންކުރާ ޑީސަލާއި ގަސްކާނާގެ އަގު ބޮޑުވެފައިވާއިރު، މީގެ ބޮޑުބައެއް ބިނާވެފައިވަނީ ގަލްފް ސަރަހައްދުން ލިބޭ ސަޕްލައިގެ މައްޗަށެވެ. މާހިރުން ލަފާކުރާގޮތުގައި މީގެ ފުރިހަމަ އަސަރު ސުޕަމާކެޓްތަކުގެ ހަރުތަކުން ފެންނަން ފަށާނީ މި އަހަރުގެ ފަހުކޮޅު އާ ފަސީލްތައް ބާޒާރަށް ނުކުތުމުންނެވެ. ބައެއް ބާވަތްތަކުގެ އަގު މިހާރުވެސް ވަނީ އިންތިހާއަށް އުފުލިފައެވެ. މީގެ ތެރޭގައި ޓޮމާޓޯ ފާހަގަކޮށްލެވެއެވެ.ކުރިއަށް އޮތް މަސްތަކުގައި ހަރަދުތައް އިތުރަށް ބޮޑުވާނެތީ އެމެރިކާގެ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި ގިނަ ރައްޔިތުން މި ހަނގުރާމަ ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހެއެވެ. އަދި ދުވަހުން ދުވަހަށް ކުރިމަތިވަމުންދާ އިގްތިސާދީ ދަތިތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.ގިނަ އާއިލާތަކަކަށް، ހަނގުރާމައިގެ އަގަކީ މިހާރު ހަމައެކަނި ބޭރުގެ ޚަބަރުތަކުން ފެންނަ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، އެ އަގު ވަޒަންކުރެވެނީ ކޮންމެ ފަހަރަކު ވެހިކަލަށް ތެޔޮ އަޅާއިރު، ކާބޯތަކެތި ގަންނައިރު، ނުވަތަ ބިލްތަކަށް ފައިސާ ދައްކަން ޖެހޭ ހިނދުގައެވެ.
![]()
