އެމެރިކާގެ ކުރީގެ އާރމީ ކާނަލް ޑަގްލަސް މެގްރެގަރ ދެކޭގޮތުގައި އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގާ މިހާތަނަށް އައިއިރު ނަތީޖާ ދައްކާގޮތުން އެމެރިކާއިން އަލުން ހަމަލާދޭން ފެށިކަމުގައި ވިޔަސް ނުވަތަ ހަމަލާތައް ހުއްޓާލަން ނިންމިކަމުގައި ވިޔަސް އަދި އެމެރިކާއާއި އިސްރާއީލުން އަޑަށްބާރުލާފައި ހަނގުރާމަ ކާމިޔާބު ކޮށްފިކަމަށް އިއުލާންކުރިއަސް ނުކުރިއަސް ހަގީގަތަކީ މެދުއިރުމަތީގައި އެމެރިކާ ބޮޑުތަނުން ފެއިލްވެއްޖެއެވެ.
ނަތަންޔާހޫއަށް ނިދިގެއްލިގެން އުޅޭ ސަބަބަކީވެސް މިއީ އެވެ. ގަލްފު ސަރަހައްދުން “ އީރާނުގެ ގޮންމުށް “ އެމެރިކާއަށް ހުޅުވާ ނުލެވިއްޖެނަމަ އެމެރިކާއިން އަލުން ގަލްފް ސަރަހައްދަށް އައުން މާޒީގެތެރެއަށް ގެއްލިގެން ދިޔައީއެވެ. ކުރިއަށް އޮތް ޒަމާންތަކުގައިވެސް އެމެރިކާއަށް އެ ފުރުސަތު އަލުންނުލިބޭނެކަން މިހާރުފެންނަ މަންޒަރުތަކުން ކަށަވަރު ކުރެވެއެވެ. އެމެރިކާއިން އެނބުރި އައިސް ގަލްފު ސަރަހައްދުގައި އާރާސްތުކުރާނެ ތަނެއްވެސް ނޯންނާނެއެވެ. އެ ގައުމުތަކުގެ ހާލަތަށް ބަލާއިރު މާޒީއަށް ރުޖޫއުވުމަށްވެސް ގިނަ އަހަރުތަކެއް ނަގާނެއެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ފެނުގެ ވަސީލަތްތައް ލިބިފައި ހުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ. ގަލްފުގެ ސަރަހައްދައް ފެންލިބުމުގެ ތަނަވަސްކަން ލިބިފައެއް ނެތެވެ.
އެމެރިކާއިން އެހެން ގައުމުތަކުގައި ގާއިމްކޮށްފައިހުރި މިލިޓްރީ ބޭސްތައް ނަގަންވީ ދުވަސް މާޒީ ވެގެން ހިނގައްޖެއެވެ. މިވާހަކަތައް ކޮލެޖްތަކުގެ ދަރިވަރުންނާ މުޚާތަބު ކޮށް އަދި މިލިޓްރީންނަށް ދެވޭ ތަގްރީރުތަކުގައި ފާއިތުވެގެން މިދާ 15 ވަރަކަށް އަހަރު ވަރަށް ގިނަފަހަރު އަހަރެން އަލިއަޅުވާލާފައިވެސް ވާނެއެވެ. މިލިޓްރީގޮތުންވެސް ގައުމުތައް ކުރިއަރަމުން ދިއުމާއެކު އެމެރިކާގެ މިލިޓްރީ ބޭސް ތަކަށް ގައުމުތަކުން މިހާރު މަރުހަބާ ކިޔަމުން ނުގެންދެއެވެ.
ޕްރޮފެސަރ ޖިއާންގެ ރިޕޯރޓަށް ބަލާއިރު އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރު ގާނޫނީ ހަނގުރާމައިން ލަދެއްގައި ނުބެދި ނިކުމެވޭނެ މަގެއް ހޯދަން ރައީސް ޓްރަމްޕް ހުންނެވީ ގޮތް ހުސްވެފައެވެ. 60 ދުވަހުގެ މުއްދަތަށް ވަގުތީގޮތުން ހަމަލާތައް ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކުގައި ހޮރްމުޒް ކަނޑުއޮޅި ހުޅުވުމާއި އަދި އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ ވާހަކަތައް ފަހަށް ބާއްވަން އުސޫލެއްގެގޮތުން އެމެރިކާއިން ރުހުން ދިނުމުން އެނގި ހާމަވެގެންދަނީ މަޝްވަރާތަކުގައިވެސް އީރާނުން ބޭނުންވާގޮތް ނޫނެކޭ ބުނެ ބޭރުކޮށް ނުލެވޭނެކަމެވެ. އީރާނުގެ މަޝްވަރާތައް ފަރުމާކުރަމުންގެންދަނީ އެމެރިކާގެ ނުކުޅެދުންތެރިކަން އެނގިތިބެއެވެ. ލަދުވެތިކަމާ ދުރުން ގޮތެއް ނިންމަން އެމެރިކާގެ ރައީސަށް ވަގުތު ބޭނުންވާނެކަން އީރާނަށް އެނގޭތީ އެކަމަށް ވަގުތު ދެނީއެވެ.
އީރާނާއެކު ކޮންމެ ވަގުތެއްގައިވެސް ސީދާ މަޝްވަރާކުރުމުގެ ފުރުސަތު ރައީސް ޓްރަމްޕް އަށް އޮތީ ހުޅުވިފައިކަން އެނގިވަޑައިގަންނަވައެވެ. އެކަމަކު ބޮޑުވަޒީރު ނަތަންޔާހޫ އެގޮތް ބޭނުންނުވާތީ ރައީސް ޓްރަމްޕް ހުންނަވަނީ އެ ފުރަސަތުގެ ބޭނުން ކުރައްވަން ބިރުންނެވެ. ޕާކިސްތާނު މެދުވެރިއަކަށް ހައްދަވާފައިވާ ސަބަބަކީ އެއީއެވެ. ރައީސް ޓްރަމްޕް އީރާނުގެ ވެރިންނާއެކު ވާހަކަދައްކަވާ ހައްދަވާނަމަ އިސްރާއީލުން ގައްޒާއާއި ލެބަނަންގައި ހިންގަމުންގެންދާ އުދުވާނުތަކަށް ހުރަސްއެޅޭނެކަން ނަތަންޔާހޫއަށް އެނގެއެވެ. ރައީސް ޓްރަމްޕް އީރާނުގެ ވެރިންނާ ވާހަކަ ދެއްކެވިޔަސް ނުވަތަ ނުދެއްކެވިޔަސް ގައްޒާއާއި ލެބަނަންގެ މައްސަލާގައި އީރާނުން ހަމަހިމޭނުން ނޯންނާނެއެވެ. ދިފާއު ވެވޭނެ އެއްވެސް ހަކަތައެއް ނެތް ލެބަނަން އާއި ގައްޒާ ވީރާނާކުރަމުންގެންދާއިރު އީރާނުން އެމެރިކާއާއެކު މެމޯރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އަކަށް އަތުވެދާނެ ކަމަށް ހީކުރުމަށްވުރެން ބޮޑަށް ސިޔާސީ ގޮތުން ތަސައްރުފް ނުފުދޭކަން ހާމަވެގެންދާ އެހެން ފާހަގައެއް ނެތެވެ. ލެބަނަން އާއި ގައްޒާގެ މައްސަލައަށް ފުރިހަމައަށް ބަލާލެވިފައިނުވާ އެމް އޯ ޔޫ އެއްގައި އީރާނުން އެއްބަސްވެ ސޮއި ނުކުރާނެއެވެ.
އީރާނުގެ މިލިޓްރީ ހަކަތަ ބައެއްފަހަރު 1941 ގައި ޖަރުމަނުން ސޯވިއެޓް ޔޫނިއަންއަށް އަރައްގަތުމުގެ ހަނދާންތައް ގެނުވާދެއެވެ. ސޯވިއެޓް ޔޫނިއަންގެ ބިޔަ ސަރަހައްދުތަކާއި އެކުގައިވެސް ޖަރުމަނުގެ ރޭވުންތެރިކަން އެ ޒަމާނުގައި ވަރަށް މޮޅުކަމަށް ބެލެވެވިދާނެއެވެ. އެކަމަކު އެ މޮޅު ރޭވުންތެރިކަން ތަންފީޒުކުރެވިދާނެ ގޮތެއް ނެތްކަން ޖަރުމަނަށް އެނގުނީ މާފަހުންނެވެ.
މިފަހަރު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިއިރު އީރާނުގެ މިލިޓްރީ ބާރުވެރިކަން ހުރި މިންވަރު އެ ދެގައުމަށް އަންދާޒާކުރެވިފައެއްނެތެވެ. ނަތިޖާއަކަށް ވެގެން މިދިޔައީ އެމެރިކާއާއި އިސްރާއީލުން ރަނގަޅު މަޅިފައްޗެއްގައިޖެހި ތާށިވުމެވެ. ބޭޒާރުނުވެ ނިކުމެވިދާނެ މަގެއް ފެންނާން ނެތް އިރުވެސް އެކަމަށް އެއްބަސް ވާނެ ހިތްވަރެއް ނެތެވެ.
ހަނގުރާމަ ފެށުމުގެ ކުރިން ޕަރޝިއަން ގަލްފް ސަރަހައްދުގައި އެމެރިކާގެ ޝައުގުވެރިކަން އޮތީ ހަމައެކަނި ދުނިޔެއަށް ބޭނުންވާ ހަކަތައާއި މުދަލުގެ ބާވަތްތައް ހޮރްމުޒް ކަނޑުއޮޅިގެ ތެރެއިން މިނިވަންކަމާއެކު ދުނިޔޭގެ ބާޒާރަށް ނިކުތުމެވެ. މިހާރު 3 މަސްދުވަސްވާންދެން ހަނގުރާމަކޮށް އެތައް އިންސާނުންގެ ލެއި ބިމަށް އޮހޮރުވާލައި ބޮޑެތި ގެއްލުންތަކެއްގެބުރަ އުފުލަން ޖެއްސުމަށްފަހު ހާސިލު ކުރެވުނު އިތުރު އެއްވެސް ކަމެއް ނެތެވެ. ހަމައެކަނި ތަފާތަކީ ކުރިން މިނިވަންކަމާއެކު ދުނިޔޭގެ ބާޒާރަށް ލިބިލިބި ހުރި ހަކަތައާއި މުދާ ލިބުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ވެގެންދިއުމެވެ.
ހަނގުރާމައިގެ މުޅި ނަތީޖާއަށް ބަލާއިރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހުންނެވީ އެކުވެރިންނާއި ބައިނަލް އަގްވާމީ މުޖުތަމައުގައި ބާކީވެ އަދި ކޮންގްރެސްއާ ކުރިމަތިލާން ޖެހުމަށްވެސް ނުކުޅެދިފައި ކަމަށް ބުނުން ނޫން އެހެން ގޮތެއް ނެތެވެ. ރައީސް ޓްރަމްޕްގެ ހާލަތު ޚުލާސާގޮތެއްގައި ބުނާނަމަ މިހާރު އެ ހުންނެވީ ފެތެމުން އަޑިއަށްދާ ޓައިޓޭނިކްގެ ހުންގާނުގޭގައި ތާށިވެފައެވެ. އެތަނުގައި މަޑުކުރިއަސް ނުވަތަ ބޭރަށް ފުންމާލިއަސް ނަތީޖާއަކަށް ބަދަލެއް ނާންނާނެއެވެ. ދަތުރުގެ ޗާޓްގައި މިސްރާބު ކުރެހިފައި އޮތީ މުޅިން ނުބައި އަމާޒަކަށެވެ. އެމެރިކާގެ ރައްޔިތުން ތިބީ ދުނިޔޭގެ މަސްރަހަށް ހޭލާ ކަމަކަށް ނުބުނެވޭނެއެވެ. އެކަމަކު ދާދި އަވަހަށް ރައީސް ޓްރަމަޕް އެޅުއްވި ފިޔަވަޅުގެ ހިތިރަހަ އެމެރިކާރައްޔިތުންގެ ކަރުތެރޭގައި ގަދަޔަށް ހިފާލާނެއެވެ. ގޭހުގެ އަގު މައްޗަށްގޮސް ދިރިއުޅުމުގެ އެހެން ޚަރަދުތައް އަތްނުފޯރާ ހިސާބަށް ކުރިއަށް އޮތް ދެ ތިން މަސްދުވަހުގެ ތެރޭގައި އަރައިގެންދާނެއެވެ. އިންޓެރެސްޓް ރޭޓްތައް ކޮންމެ މަހަކު އުފުލިގެން ދަނީއެވެ. މިހާރު ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ހަމަލާތައް އަލުން ފަށައިފިނަމަ އެމެރިކާގެ އެތެރޭގައި އެފެދޭ ދާޚިލީ ހަމަނުޖެހުން ހަމަޔަކަށް އެޅުވިދާނެކަމަކަށް ނުބެލެވެއެވެ. ފާއިތުވެގެންމިދާ އަށްޑިހަ ވަރަކަށް އަހަރު އެމެރިކާގެ ރައްޔިތުން ދިރިއުޅެމުންގެންގޮސްފައިވަނީ ދިރިއުޅުމަށް ބޭނުންވެދާނެ ހުރިހާ ވަސީލަތެއް ލިބިފައި އޮތުމާއެކުގައޭ ބުނެވިދާނެއެވެ. އެ ވަސީލަތްތަކަށް ބުރޫއަރައިފިނަމަ އެރައްޔިތުން ހަމަހިމޭނުން ނުތިބޭނެއެވެ. އެދުވަހުން ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ވަޑައިގެން “ އަހަރެންނަށް ޅައެއްޗެއް އެޅުނިއްޔޭ “ ވިދާޅުވާކަށް ނުކެރޭނެއެވެ. އެކަމަކު ހިތްވަރުކޮށްލާފައި އަދިވެސް ވަގުތު އޮއްވާ ރައްޔިތުންގެ ކުރިމަތީގައި ތެދުބަހުން އެ ހާލަތު މިހާރު ރަނގަޅުކުރައްވަން މަސައްކަތްކުރައްވާކަމަށް ވިދާޅުވެއްޖެނަމަ ރައްޔިތުން ގަބޫލުކޮށްފާނެއެވެ. މާދަމާއަށް ލަސްކުރާކަށް ފުރުސަތެއް ނެތެވެ. ރައީސް ޓްރަމްޕް އެކަންކުރައްވަން ކިތަންމެ ބޭނުންފުޅުވިޔަސް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެ މަގު ބަންދުކުރާނެކަން ރައީސް ޓްރަމްޕް އަށް އެނގިވަޑައިގަންނަވައެވެ. އެމެރިކާގެ ރިޔާސީ ނިންމުންތަކުގައި ސިއްކަޖެހިގެން އަންނަނީ އިސްރާއީލުގެތެރޭންކަން އެންމެންނަށްވެސް އެނގެއެވެ. ކެޕިޓްލް ހިލްގެ ނިންމުންތައް ތަންފީޒުކުރުމުގެ ބާރު ލިބިފައިވަނީވެސް އިސްރާއިލަށް ކަމުގައި ބުނެވެއެވެ.
![]()
