އެމެރިކާއާއި އީރާނާއި ދެމެދު މި ދެދުވަހު ވަނީ ޕާސިއަން ކަނޑުގެ ސަރަހައްދުގަ ހަމަލަތަކެއް ބަދަލު ކޮށްފައެވެ. އެކަން ހިގާދިޔަ ގޮތް މި ދެ ދުވަހު ވަރައްފޯރިގައި ދެކެވުނު ނަމަވެސް އެކަން ކުރުކޮށް ދަންނަވާލާނަމެވެ. ފުރަތަމަ ރޭގައި އެމެރިކާއިން ޓޭންކަރެއް ޗެކްކުރަން އުޅުނު އައިއާރުޖީސީގެ ކުޑަ ދެބޯޓަކަށް ހަމަލަދީ އީރާނުގެ 4 ސިފައިން ޝަހީދުކޮށްލީއެވެ.
އަދި ޖެހިގެން އައިރޭ އެމެރިކާގެ 4 މަނަވަރު ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރަން މަސަތްކަތް ކުރީއެވެ. ނަމަވެސް މި މަނަވަރުތަކަށް ސީދާކޮށް ނުވަތަ މަނަވަރުތަކުގެ މަތިން ވިއަސް އީރާނުން މިސައިލްތަކެއް ފަޔަކުރުމުން މަނަވަރުތަށް ވަނީ އަނބުރާ ގޮއްސައެވެ.
ދެން ރޭގައި އީރާނުން ކުވައިތުގައި އެމެރިކާއިން ބޭނުން ކުރަމުންދާ އެއަރ ބޭސަކަށް ބެލިސްޓިކް މިސައިލް ހަމަލަތަކެއް ދިނީއެވެ. މިހާހިސާބުން ހަމަލަ ބަދަލު ކުރުން ވަނި ނިމިފައެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް މޭ 29 ގައި ވިދާޅުވީ، ”ވައިޓް ހައުސް ސިޓުއޭޝަން ރޫމް“ އަށް މިވަންނަނީ ”ފަހުގެ ނިންމުން“ ނިންމުގައެވެ.
ބެލެވޭ ގޮތުގައި އޭނާ އެ އިޝާރާތް ކުރީ އީރާނާއެކު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރުމަށާއި ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ވެވޭ ފަހުމުނާމާ އަށެވެ.
އޭގެ އެއް ދުވަސް ކުރިން ވައިޓް ހައުސް ތަރުޖަމާނު ބުނެފައިވަނީ އެމެރިކާ އައި އީރާނާ ދެމެދު ފަހުމުނާމާއަކަށް އެއްބަސްވެފައިވާ ކަމަށާއި، ނަމަވެސް ޓްރަމްޕްގެ ހުއްދަ އަދި ބޭނުންވާ ކަމަށެވެ.
އެހެންނަމަވެސް، އީރާނުން ވަނީ އެފަދަ އެއްބަސްވުމަކަށް އާދެވިފަވާކަމަށް ވަނީ އިންކާރު ކޮށްފައެވެ.
”އީރާނުން އެއްބަސްވާންޖެހޭނެ އެގައުމުގައި ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުވަތަ ބޮމެއް ނުހުންނާނެކަމަށް. ހުރުމުޒް ކަނޑުއޮޅި އެއްވެސް ފީއަކާ ނުލައި، ދެކޮޅަށް ދަތުރުކުރާ އުޅަނދުފަހަރަށް ވަގުތުން ހުޅުވާލަންޖެހޭނެ،“ މިއީ ވައިޓް ހައުސް ތަރުޖަމާނު ކަށަވަރުކޮށްދިން ފަހުމުނާމާގެ ޝަރުތުތަކަށް އިޝާރާތް ކޮށް، ޓްރަމްޕް އޭނާގެ ”ޓްރުތް ސޯޝަލް“ ޕޯސްޓެއްގައި ލިޔުނު ގޮތެވެ.
”ކަނޑުއަޑީގެ މައިންތައް ހުރިނަމަ، އެ ތަކެތި ނައްތާލެވޭނެ އަދި އަހަރެމެންގެ މައިން ސާފުކުރާ ބޯޓުތަކުން މިހާރުވެސް ވާނީ ގިނަ އަދަދެއްގެ މައިން ނައްތާލާފަ. ބާކީ ހުރި މައިންތައް ނައްތާލުމުގެ މަސައްކަތް އީރާނުން ފުރިހަމަކުރަންޖެހޭނެ!“ އޭނާ އިތުރަށް ބުނެފައިވެއެވެ.
”އަހަރެމެންގެ ވަރުގަދަ ކަނޑުގެ ބްލޮކޭޑްގެ ސަބަބުން ތާށިވެފައި ތިބި އުޅަނދުތަކަށް، މިހާރު އެ ބުލޮކޭޑް އުވާލުމުން ’އެނބުރި ގައުމަށް ދިއުމުގެ‘ ކަންކަން ފެށިގެންދާނެ!“ ޓްރަމްޕް ބުނެފަވެއެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ކަށަވަރުކޮށްދީފައިވާ ޝަރުތުތަކަށް ބަލާއިރު، މި ބްލޮކޭޑް އުވާލުމަށް ހަމަޖެހިފައިވަނީ ފަހުމުނާމާގައި ސޮއިކުރުމުންނެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އިތުރުކުރާ 60 ދުވަހުގެ ތެރޭގައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އެގައުމުގައި ރައްކާކޮށްފައިވާ މަތީ ދަރަޖައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްއާ ގުޅޭގޮތުން ދެފަރާތުން އިތުރު މަޝްވަރާތައް ބޭއްވުމަށް ފަހުމުނާމާގައި ލާޒިމުކުރި ނަމަވެސް، ޓްރަމްޕް އަނެއްކާވެސް ވިދާޅުވީ މި ”ނިއުކްލިއާ މެޓީރިއަލް“ އީރާނާއި އައިއޭއީއޭ އާ ގުޅިގެން އެމެރިކާއިން އެތަކެތި ހޯދާ ނައްތާލާނެ ކަމަށެވެ.
ފަހުމުނާމާގައި ސޮއިކުރުމުން އީރާނަށް ލިބޭނެ ކަމަށް ބެލެވޭ ހިފަހައްޓާފަވާ އީރާނުގެ ފައިސާ އާއި ދަތިކުރުމުގެ ފިޔަވަޅުތަށް ލުއިކުރުމަށް އިޝާރާތް ކޮށް ޓްރަމްޕް ބުނީ، ”އިތުރު އެންގުމެއް އަންގަންދެން އެއްވެސް ފައިސާއެއް ދޫނުކުރެވޭނެ“ ކަމަށެވެ.
”މުހިންމު ނޫން އެހެން ކަންކަމަށްވެސް ވަނީ އެއްބަސްވެވިފައި. ވީމާ ފަހުގެ ނިންމުން ނިންމުމަށް އަހަރެން މިހާރު މިދަނީ ސިޓުއޭޝަން ރޫމަށް،“ އޭނާ އިތުރަށް ބުނެފައި ވެއެވެ .
މިކަމަށް ރައްދުދެމުން އީރާނުގެ އިސް އޮފިޝަލަކު އެގައުމުގެ ސެމީ-އޮފިޝަލް ފާރްސް ނިއުސް އެޖެންސީއަށް ބުނީ، ”ޓްރަމްޕްގެ މި ވާހަކަތަކަކީ ”ތެދާއި ދޮގުގެ މަސްހުނިގަނޑެއް“ ކަމަށެވެ.
”އެއްބަސްވުމުގެ ލިޔުމުގައި ނެތް ނަމަވެސް، އީރާނުން އެއްވެސް ފީނެގުމަކާނުލައި ހުރުމުޒް ކަނޑުއޮޅި ހުޅުވަންޖެހޭނެ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ“ ފާރްސް އިން އޮފިޝަލާ ހަވާލާދީ ބުނެފައިވެއެވެ.
އީރާނުގެ މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ނައްތާލުމަށް ޓްރަމްޕް ބުނުމާ ގުޅޭގޮތުން އެ އޮފިސަލް އިތުރަށް ބުނީ: ”މިކަން ފަހުމުނާމާގައި ނެތްތާނގައި، މިއީ އެއްވެސް އަސާސެއް ނެތް ދައުވާއެއް“ ކަމަށެވެ.
ދެން މިކަމުގެ ނުސީދާ ރައްދެއް ދެއްވީ ހާރިޖީ ވަޒީރު އަރާގްޗީއެވެ. އޭނާ އޮމާންގެ ހާރިޖީ ވަޒީރަށް ދެންނެވީ، އެމެރިކާއާއެކު އެއްބަސްވުމަކަށް އާދެވުން ބިނާވެގެން ވަނީ ވޮޝިންޓަނުން ކުރާ ”ހައްދުފަހަނަ އެޅި ޑިމާންޑްތައް“ ދޫކޮށްލުމުގެ މައްޗަށް ކަމަށެވެ.
”ހާރިޖީ ވަޒީރު… ފާހަގަކުރެއްވީ ފައިނަލް އެއްބަސްވުމަކަށް އާދެވުން ބިނާވެގެން ވަނީ އެމެރިކާގެ ފަރާތުންހައްދުފަހަނައެޅި ޑިމާންޑްތަކާއި، އެއްދުވަހުން އަނެއްދުވަހަށް ބަދަލުވާ ސިޔާސަތުތައް ދޫކޮށްލުމުގެ މައްޗަށް“ ކަމަށެވެ.
އީރާނުގެ ހާރިޖީ ވުޒާރާއިން ބުނެފައިވަނީ، އެމެރިކާ އާއި އީރާނާ ދެމެދު ބޮޑެތި މައްސަލަތަކެއް ހުރިކަން ސާފުވީ ނަމަވެސް، މިފަދަ ފަހުމުނާމާއެއްގެ ބޭނުމަކީ މި މައްސަލަތައް ހައްލުކުރުމަށް ވަގުތު ހޯދުން ކަމަށެވެ.
އެހެންނަމަވެސް، 60 ދުވަހުގެ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މުއްދަތަށްފަހު ވެސް ހަނގުރާމައަކަށް ދިއުމުގެ ނުރައްކާ އެބައޮތެވެ. ސަބަބަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި، ހުރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ފަދަ ކަންކަމުގައި އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވަރަށް ކުޑަވުމެވެ. މީގެ އިތުރުން، މި ފަހުމުނާމާގައި އިސްރާއީލުން ސޮއި ނުކުރާނެކަމުގެ ހަގީގަތްވެސް އެބައޮތެވެ. އެމެރިކާއިން ކިތަންމެ ގަދަ ކަށަވަރުކަމެއް ދިން ނަމަވެސް، އީރާނަށް ނުވަތަ ލުބްނާނަށް ހަމަލާދިނުމަށް ކޮންމެވެސް ބަހަނާއެއް އިސްރާއީލުން ހޯދާނެއެވެ.
![]()
