ފާރިސީ ކަނޑުއޮޅީގައި އިންޒާރުތަކާއި، މިސައިލް ހަމަލާތައް ހުއްޓުވުމާއި، އަދި ނުތަނަވަސް ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށްދާއިރު، އެމެރިކާއާއި އީރާނާ ދެމެދު އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ދެ ގައުމުން އަދިވެސް ސުލްހައިގެ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް، މަސްރަހު ދަނީ ދުވަހުން ދުވަހަށް ނުރައްކާވަމުންނެވެ.
ކުޑަވެސް ކުށެއް ކުރެވިއްޖެނަމަ، މުޅި ސަރަހައްދު އަލުން ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.މި ނުތަނަވަސްކަން އިތުރުވެފައިވަނީ، އޭޕްރިލް 8 ގައި ފެށުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިތުރު 60 ދުވަހަށް ދަންމާލުމުގެ އޮނިގަނޑަކަށް ދެ ފަރާތުގެ މަންދޫބުން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވާ ދަނޑިވަޅެއްގައެވެ. މި މުއްދަތު އިތުރުކުރުމުގެ ބޭނުމަކީ ޑިޕްލޮމެޓިކް މަޝްވަރާތަކަށް އިތުރު ވަގުތު ހޯދުމެވެ. ނަމަވެސް، އީރާނުން ރަސްމީކޮށް މި ހުށަހެޅުމަށް އަދި އާނބަސް ބުނެފައެއް ނުވެއެވެ. ހަމައެއާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަޝްވަރާ ކުރެވެމުންދާ ޝަރުތުތަކާ މެދު ހިތްހަމަނުޖެހޭކަން ސާފުކޮށް ހާމަކުރައްވާފައެވެ.ވައިޓް ހައުސްގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހުށަހަޅާފައިވާ އެއްބަސްވުމާ މެދު އޭނާ ”ހިތްހަމަނުޖެހޭ“ ކަމަށާއި، އެމެރިކާއަށް ”ދޭންޖެހޭ ކަންތައްތައް“ އީރާނުން ދެމުން ގެންދަންޖެހޭނެ ކަމަށް އިންޒާރު ދެއްވާފައެވެ. އަދި އެކަން އެގޮތަށް ނުވެއްޖެނަމަ އަލުން ހަނގުރާމައަކަށް ދާންޖެހިދާނެ ކަމުގެ ބިރުވެރި އިންޒާރުވެސް އޭނާ ތަކުރާރު ކުރެއްވިއެވެ.މި ނުތަނަވަސްކަން އިތުރަށް ގޯސްވީ، އީރާނުގެ މުހިންމު ބަނދަރު ރަށެއް ކަމަށްވާ ބަންދަރު އައްބާސްގައި ހުރި ”ގްރައުންޑް ކޮންޓްރޯލް ސައިޓެއް“ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ސިފަކުރާ ތަނަކަށް އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެންނެވެ. އީރާނުން ވަނީ ”އިސްތިއުމާރީ ހަމަލާތަކަށް ރައްދު ނުދީ ނުދޫކުރާނެ“ ކަމަށް ބުނެ އިންޒާރު ދީފައެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ވަނީ އެމެރިކާގެ އެއާ ބޭސްއަކަށް ހަމަލާދިންކަން އިއުލާންކޮށްފައެވެ. އެމެރިކާގެ އޮފިޝަލުން ފަހުން ވިދާޅުވީ ކުވެއިތު މަތިން ބެލިސްޓިކް މިސައިލެއް ހުއްޓުވާފައިވާ ކަމަށެވެ.ދެ ފަރާތުންވެސް އެއްބަސްވުމާ ހިލާފުވި ކަމަށް އެކަކު އަނެކަކަށް ތުހުމަތު ކުރި ނަމަވެސް، ހަނގުރާމައިގެ ފުރަތަމަ ފަސް ހަފްތާ ބައިގެ ތެރޭގައި ފެނުނު ފަދަ ބިރުވެރި ހާލަތަކަށް މަސްރަހު އަދި ބަދަލެއް ނުވެއެވެ. އެ ދުވަސްވަރު އެމެރިކާއާއި އިސްރާއީލުން އީރާނުގެ އެކި ސަރަހައްދުތަކަށް އެތައް ހާސް ހަމަލާއެއް ދީފައިވާއިރު، ތެހެރާނުން ވަނީ އެމެރިކާގެ ބޭސްތަކަށާއި، ގަލްފްގެ ގައުމުތަކަށާއި، އިސްރާއީލަށް އަމާޒުކޮށް ޑްރޯން އަދި ބެލިސްޓިކް މިސައިލް ހަމަލާތައް ދީފައެވެ.އެހެންނަމަވެސް، ޓްރަމްޕްގެ އެންމެ ފަހުގެ ވާހަކަތަކުން ގިނަ ބަޔަކަށް ވަނީ ސިހުން ލިބިފައެވެ. ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު ކޮންޓްރޯލް ކުރުމުގެ ބާރު އީރާނާއި އޮމާނުން ހޯދަން އުޅޭ ކަމަށް ބުނާ ރިޕޯޓްތަކާ ގުޅޭގޮތުން ސުވާލު ކުރުމުން، ޓްރަމްޕް ވަނީ އޮމާނަށް ސީދާ އިންޒާރެއް ދެއްވާފައެވެ.“އޮމާނުންވެސް އުޅެންޖެހޭނީ އެހެން މީހުންވެސް އުޅޭ ގޮތަށް، ނޫންނަމަ އަހަރެމެންނަށް ޖެހޭނީ އެމީހުން ގޮއްވާލަން،“ އޭނާ ވިދާޅުވިއެވެ.މިދަނޑިވަޅުގައި، ސިއްރު ގޮތެއްގައި ޑިޕްލޮމެޓިކް މަޝްވަރާތައް ދަނީ ކުރިއަށެވެ. ރިޕޯޓްތައް ބުނާގޮތުގައި އީރާނުން ބޭނުންވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި، އެމެރިކާގެ ސިފައިން އެ ސަރަހައްދުން ދުރުކުރުމަށާއި، އަދި ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ މަދަނީ އުޅަނދުފަހަރުގެ ކަންކަން އީރާނާއި އޮމާނުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް، ވައިޓް ހައުސްއިން ވަނީ މިފަދަ ހުށަހެޅުންތަކުގެ ރިޕޯޓްތަކަކީ ”ކަނޑައެޅިގެން ދޮގެއް“ ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.ހޫނު ބަހުގެ ހަމަލާތަކާއި އަސްކަރީ ކުރިމަތިލުންތައް ހިނގަމުންދިޔަ ނަމަވެސް، ވޮޝިންޓަނާއި ތެހެރާނުންވެސް އަދި ބޮޑު ހަނގުރާމައަކަށް ދާން ބޭނުންނުވާ ކަމަށް ފެނެއެވެ. މިވަގުތަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމިއޮތް ނަމަވެސް، އެއީ ވަރަށް ނާޒުކު ފަށެއްގައެވެ.
![]()
