ހުރުމުޒު ކަނޑުއޮޅިއާބެހޭގޮތުން މުސްތަގްބަލްގައި އީރާނާއި އޮމާނުގެ ތަސައްވުރު

Loading

Facebook
Twitter
WhatsApp

ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް މިނިވަންކަމާއެކު ހުޅުވާލުމުގައި އެ ކަނޑުއޮޅި ހުރަސްކުރަންބޭނުންވާ ކޮންމެ އުޅަނދަކުން އެއްމިލިއަން ޑޮލަރަށްވުރެން ގިނައިން ޓޯލް ފީ ދައްކަންޖެހޭނެކަމުގެ ޚަބަރު މީޑިއާތަކުގައި ދައުރު ވާން ފަށައިފިއެވެ. އިންޝޫރެންސް ޖާރނަލުން ބުނެފައިވާގޮތުގައި ބައެއް އުޅަނދުފަހަރުން 2 މިލިއަން ޑޮލަރގެ ޓޯލް ފީއެއްވެސް ވަނީ ދައްކަން ޖެހިފައެވެ.


މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުމުގެކުރިން ދުވާލަކު އެވްރެޖްގޮތެއްގައި 135 އުޅަނދު އެ ކަނޑުއޮޅި ހުރަސްކުރާކަމަށް ވެއެވެ. އެހެންނަމަވެސް މިހިނގާ މޭމަހުގެ 20 އަދި 21 ވަނަދުވަހު އީރާނުގެ މިލިޓްރީގެ ރައްކާތެރިކަމުގެ ދަށުން އެ ކަނޑުއޮޅިން ޖުމުލަ 26 ބޯޓު ދަތުރުކުރުމަށް ހުއްދަ ދެވިފައިވާކަމަށްވެއެވެ. ދުވާލަކު 135 އުޅަނދު އެ ކަނޑުއޮޅި ހުރަސް ކުރުމާއި އަދި ދެ ދުވަހުގެ ތެރޭގައި ހަމައެކަނި 26 އުޅަނދު އެ ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ ދިނުމުން އެ ސަރަހައްދުގެ ހާލަތު އިތުރަށް ކިޔާދޭކަށް ނުޖެހެއެވެ.
ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުމުގައި ޓޯލް ފީއެއް ނެގުމުގެ މަޝްވަރާތައް އޮމާނާއެކު ކުރެވެމުންދާކަމަށް ބުލޫމްބާރގަށް ދެއްވި ބަސްދީގަތުމެއްގައި އީރާނުން ފަރަންސޭސި ވިލާތަށް ކަނޑައޅުއްވާފައިވާ ސަފީރު މުޙަންމަދު އަމީން ނެޖާދު މި މަހު 20 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ. ނެޖާދުގެ ބަސްދީގަތުމާބެހޭގޮތުން އޮމާނުގެ ޖަވާބެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ޚަބަރުތަކުގައި ބުނެފައިވާގޮތުން އެ މަޝްވަރާތަކަކީ ހޮރްމުޒް ކަނޑުއޮޅި ހުޅުވުމުގެ އިތުރުން އެ ކަނޑުއޮޅި ކޮންޓްރޯލް ކުރާނީ ކޮންގައުމަކުންތޯ އާއި މާލީ ކަންތައް އިންތިޒާމް ކުރުމުގެ މައްޗަށް ކުރެވޭ މަޝްވަރާތަކެކެވެ. އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނާއި އޮމާނުން ރައްކާތެރިކަން ކަށަވަރުކޮށްދޭނެއެވެ. ހޮރްމުޒް ކަނޑުއޮޅި އޮންނަނީ އީރާނާއި އޮމާނުގެ ދޭތެރޭގައެވެ. އުތުރުފަރާތުން އީރާނު އަދި ދެކުނުފަރާތުން އޮމާނެވެ. ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެލާއި ގުދުރަތީ ގޭހާއި އަދި އެލުމިނިއަމްއާއި ގަސްކާނާގެ ފަސްބައިކުޅަ އެއްބައި ބޭރުވެގެންދަނީ މި ހަނި ކަނޑުއޮޅީގެތެރެއިންނެވެ. މަޝްވަރާތަކުގެ ފުރަތަމަ ބުރުގައި ޓޯލް ފީ އެއް ނެގުން ބައިނަލް އަގްވާމީ ގާނޫނުތައް ހުއްދަ ނުކުރާކަމަށްބުނެ އޮމާނުން ވަނީ ރުހުންދިނުމަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް އޮމާނުން ދެކޭގޮތް ބަދަލު ވުމަކީ ވެސް އެކަށީގެންވާކަމެއް ކަމުގައި ބެލެވެއެވެ. ކޮންމެގޮތެއްގައިވެސް ޓޮލްފީ ނެގުމަށް އީރާނުން އެކަނި ގޮތެއް ނުނިންމޭނެއެވެ. އީރާނުން ދެކޭގޮތުގައި ހޮރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ގޮތުން ޚިދުމަތުގެ އަގެއް ނެގުން ބައިނަލް އަގްވާމީ ގާނޫނު މަނާ ނުކުރާނެއެވެ.
ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށް ޓޯލްފީ ދެއްކުން ގަބޫލުނުކުރެވޭނެ ކަމަށް ގްރީކުގެ ބޮޑުވަޒީރު ކިރިއާކޯސް މިޓްސޯޓާކިސް ވަނީ ވިދާޅުވެފައިވާކަމަށްވެސް ފޮކްސް ނިއުސްގައި ބުނެފައި ވެއެވެ. ގްރީކަކީ ދުނިޔޭގެ ޝިޕިންގގައި ވަރަށް އިސް ދައުރެއް އަދާކުރާ ގައުމެކެވެ.
ޔުނައިޓެޑް ނޭޝަންސްގެ ކަނޑާބެހޭ ގާނޫނުގައި ބައިނަލް އަގްވާމީ ކަނޑުއޮޅިތަކުން މިނިވަންކަމާއެކު ކަނޑުދަތުރުކުރުން ހަމަކޮންމެ އުޅަނދަކަށްވެސް ހުއްދަކުރެއެވެ. އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުން މިދިޔަ އޭޕްރިލް މަހުގެ 9 ވަނަދުވަހު މިކަން ވަނީ އާންމުކޮށްފައެވެ. ފޮކްސް ނިއުސްއަށް އައި އެމް އޯ ގެ ތަރުޖަމާނު އޮޅުންފިލުވާ ދީފައިވާގޮތުގައި ބައިނަލް އަގްވާމީ ކަނޑުއޮޅިތަކުން ދަތުރުކުރުމުގައި ޓޯލްފީއެއް ނެގޭނެ ގާނޫނެއް މިހާރަކު ނެތެވެ. އަދި އެފަދައިން ޓޯލް ފީ ނެގުން ވެގެންދާނީ އިތުރު މައްސަލަ ތަކެއް އުފެދިގެން އައުންކަމަށްވެސް އޭނާ ކިޔާދީފައި ވެއެވެ.
ޓޯލް ފީއެއް ނަގަން ފެށުމުގެ ސަބަބުން ގަލްފުގެ ގައުމުތަކުން ދުނިޔޭގެ ބާޒާރަށް ނިކުންނަ ތެލުގެ އަގު އިތުރަށް އުފުލިގެން ދިއުމާއެކު ދުނިޔޭގެ ބާޒާރުގައި މުދަލު އަގުތައްވެސް އުފުލިގެންދާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް