އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި ފެތުރެމުންދާ އެބޯލާ ވައިރަހުގެ ނުރައްކާ ކުޑަނުކުރުމަށް އިލްތިމާސްކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ސީރިއަސް އިންޒާރެއް ނެރެފިއެވެ. ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވާ ގޮތުގައި، މި ބަލިޖެހިފައިވާ އެންމެ މީހެއްގެ ފަރާތުންވެސް ބައިނަލްއަގުވާމީ ފެންވަރުގައި ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، މިކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އަވަހަށް އެޅުން މުހިންމެވެ.ޖެނީވާގައި ހުންނަ ޑަބްލިޔު.އެޗް.އޯގެ މައި މަރުކަޒުގައި ވާހަކަދައްކަވަމުން، އެފްރިކާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރު މުހައްމަދު ޔައުގޫބު ޖަނާބީ ވިދާޅުވީ، ގައުމުތަކުން މިކަމަށް އަވަސް އިޖާބައެއް ނުދީފިނަމަ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިފަހަރު ފެތުރެމުންދަނީ އެބޯލާގެ ނިސްބަތުން މަދުން ފެންނަ ’ބުންޑިބުގްޔޯ‘ ނަމަކަށް ކިޔާ ބާވަތެކެވެ. މި ބާވަތަށް މިހާތަނަށް އެއްވެސް ވެކްސިނެއް އުފައްދާފައެއް ނުވެއެވެ.“މި ބަލީގެ ނުރައްކާ ކުޑަކޮށްލުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް“ކަމަށް ރޮއިޓާސް ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ޖަނާބީ ވިދާޅުވިއެވެ. ބަލި އިތުރަށް ފެތުރުމުގެ ކުރިން، ހުރިހާ ގައުމުތަކާއި ސިއްހީ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އޭނާ ބާރުއެޅުއްވިއެވެ.
މި ބަލި މިހާރު އެންމެ ބޮޑަށް ފެތުރެމުންދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަދި ޔުގެންޑާގައެވެ. ނަމަވެސް، ދަތުރުފަތުރުގެ ފަސޭހަކަމާއެކު، އެހެން ގައުމުތަކަށް ބަލި ފެތުރުމުގެ ބިރު އެބައޮތް ކަމަށް މާހިރުން ބުނެއެވެ. ޑަބްލިޔު.އެޗް.އޯއިން ބުނާ ގޮތުގައި، ބަލި ޖެހިފައިވާކަން ނޭނގޭ އެންމެ މީހަކަށްވެސް އަވަށްޓެރި ގައުމުތަކަށާއި ދުނިޔޭގެ އެހެން ހިސާބުތަކަށް ބަލި ފަތުރާލެވިދާނެއެވެ.އެބޯލާއަކީ ދުނިޔޭގައި ފެތުރޭ އެންމެ ނުރައްކާތެރި އެއް ވައިރަހެވެ. މި ބަލި ޖެހުމުން ގަދައަށް ހުން އައުމާއި، ހަށިގަނޑުގެ އެކި ތަންތަނުން ލޭ އައުމާއި، ގުނަވަންތައް މަސައްކަތް ކުރުން ހުއްޓުމުގެ އިތުރުން ގިނަ ފަހަރަށް މީހާ މަރުވެއެވެ. މި ވައިރަސް ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ދިޔާ އެއްޗެއްގައި ޖެހުމުން ނުވަތަ ބަލިޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތަކެތީގެ ޒަރީއާއިންނެވެ. މީގެ ކުރިން 2014 އާއި 2016 އާ ދެމެދު ހުޅަނގު އެފްރިކާގައި މި ބަލި ފެތުރުނުއިރު އެތައް ހާސް ބަޔަކު މަރުވެ، މުޅި ދުނިޔެއަށް ބިރުވެރިކަން ފެތުރިގެން ދިޔައެވެ.މާހިރުން އެންމެ ބޮޑަށް ކަންބޮޑުވަނީ މިހާރު ފެތުރެމުންދާ މި ބައްޔަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ކުޑަވުމުންނެވެ. ޖަނާބީ ފާހަގަކުރެއްވި ގޮތުގައި، ދާދި ފަހުން ކްރޫޒް ޝިޕްތަކެއްގައި ފެތުރުނު ’ހަންޓާވައިރަސް‘ އަށް ލިބުނު ސަމާލުކަމާ އަޅާބަލާއިރު، އެބޯލާގެ ނުރައްކާ މާ ބޮޑު ނަމަވެސް އެކަމަށް ދެވޭ ސަމާލުކަން ކުޑައެވެ.ސިއްހީ އިދާރާތަކުން މިހާރު ދަނީ ބަލި ފެތުރޭ ސަރަހައްދުތަކުގައި ބަލި ދެނެގަތުމުގެ ނިޒާމު ހަރުދަނާކޮށް، އަވަސް ޓެސްޓުތައް ހެދުމަށާއި، ކުއްލި ހާލަތްތަކުގައި ވިލަރެސްކުރުން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ސިއްހީ ސާމާނު ފޯރުކޮށްދިނުމަށް އެހީދޭ ޖަމިއްޔާތަކުން ދަނީ ގޮވާލަމުންނެވެ.ކުރީގެ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެ، ގައުމުތަކުން އަވަސް ފިޔަވަޅު އަޅައިފިނަމަ މި ހާލަތު ކޮންޓްރޯލް ކުރެވޭނެ ކަމަށް ޑަބްލިޔު.އެޗް.އޯއިން ގަބޫލުކުރެއެވެ. ނަމަވެސް، މިހާރު ލިބެމުންދާ އިންޒާރުތަކަށް އިހުމާލުވެއްޖެނަމަ، އޭގެ ނަތީޖާ މުޅި ދުނިޔެއަށް ހިތިވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.ދުނިޔޭގެ ސިއްހީ ކުއްލި ހާލަތެއް އަތުވެދާނެ ކަމުގެ ބިރު ބޮޑުވަމުންދާއިރު، މިއީ އެކަކު އަނެކަކާ ގުޅިފައިވާ މި ދުނިޔޭގައި ނުރައްކާތެރި ވައިރަސްތައް ފެތުރޭލެއް ހަލުވިކަން ހަނދާންކޮށްދޭ ކަމެކެވެ.
![]()
