އެމެރިކާއާއި އީރާނާ ދެކޮޅަށް މިހާރު ކުރިއަށްދާ ހަނގުރާމައިގެ މިސްރާބާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ޔަހޫދީ ބެންޖަމިން ނަތަންޔާހޫއާ ދެމެދު ވަރަށް ބޮޑު ހިޔާލުތަފާތުވުންތަކެއް އުފެދިއްޖެއެވެ. މި ދެ މީހުންގެ މެދުގައި ފޯނުން ކުރެވުނު އެއް ގަޑިއިރުގެ ހޫނު މަޝްވަރާތަކާއި ފިނި ބަހުސަކަށްފަހު، ހަނގުރާމައިގައި ދެ ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުމަށް ބުރޫއަރާފައިވާ މިންވަރު ވަނީ ހާމަވެފައެވެ.
ޑިޕްލޮމެޓިކް މަސްދަރުތަކުން ކަށަވަރުކޮށްދޭ ރިޕޯޓްތަކަށް ބަލާއިރު، މި މަޝްވަރާތަކަށް ފަހު ނަތަންޔާހޫ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. އީރާނުގެ އަސްކަރީ ގާބިލިއްޔަތު ނައްތާލައި، އެ ގައުމުގެ މުހިންމު އިންފްރާސްޓްރަކްޗާތަކަށް ހަމަލާދީ ސަރުކާރު ބަލިކަށިކޮށްލުމަށްޓަކައި، ވަރުގަދަ ވައިގެ ހަމަލާތައް ވަގުތުން އަލުން ފެށުމަށް ނަތަންޔާހޫ ބާރުއަޅައެވެ. ހަނގުރާމަ މެދުކަނޑާލުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް ދެކޭ ޔަހޫދީ ނަތަންޔާހޫ، އެއްވެސް ފަރާތަކުން ކުރާ ސުލްހައިގެ މަޝްވަރާތަކަށް އިތުބާރެއް ނުކުރެއެވެ.
މީގެ އިދިކޮޅަށް، ޑޮނަލްޑް ޓްރަމްޕް ބާރުއަޅަނީ ސަރަހައްދީ ފެންވަރުގައި ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން އަސްކަރީ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލުމަށެވެ. ގަތަރާއި ޕާކިސްތާނު ފަދަ ގައުމުތަކުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން، ހަނގުރާމަ ހުއްޓާލުމުގެ ”ލެޓަރ އޮފް އިންޓެންޓް“ (އެއްބަސްވުމަކަށް އައުމުގެ ގަސްދު އޮތްކަމުގެ ލިޔުން) އެއް ތައްޔާރުކުރަމުންދާކަން ޓްރަމްޕް ހާމަކުރިއެވެ. މި ލިޔުމުގައި އެމެރިކާގެ ވޮޝިންގޓަނާއި އީރާނުގެ ތެހެރާނުން ސޮއިކޮށްފި ނަމަ، ރަސްމީކޮށް ހަމަލާތައް ހުއްޓާލައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ހޯމްޒް ކަނޑުއޮޅި ހުޅުވުމާ ގުޅޭގޮތުން 30 ދުވަހުގެ މުހިންމު މަޝްވަރާތަކަކަށް މަގުފަހިވާނެއެވެ.
ޓްރަމްޕްގެ މި ނިންމުމުގެ ސަބަބުން އިސްރާއީލުގެ ވެރިންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ފާހަގަކުރައްވައެވެ. މަޝްވަރާތަކަށްފަހު ނަތަންޔާހޫ ހުރީ ވަރަށް ބޮޑަށް ހާސްވެފައި ކަމަށް އޮފިޝަލުން ސިފަކުރެއްވިއެވެ. އިސްރާއީލުގެ މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި، ރޭވިފައިވާ އަސްކަރީ ހަމަލާތައް ފަސްކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށް ނަތަންޔާހޫ ވަނީ ސީދާ ޓްރަމްޕް ކައިރީގައި ބުނެފައެވެ. މި ހިޔާލުތަފާތުވުންތަކާ ގުޅިގެން، ޓްރަމްޕާ ބައްދަލުކޮށް އިސްތިރާޖީ ރޭވުންތައް އަލުން އެއްގަލަކަށް އެރުވުމަށްޓަކައި ވޮޝިންގޓަނުގައި ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނަތަންޔާހޫ މިހާރު ދަނީ އެދެމުންނެވެ.
މިފަދަ ނުތަނަވަސްކަމެއްގެ ތެރޭގައި އޮތް ނަމަވެސް، ޓްރަމްޕް ނޫސްވެރިންގެ ކުރިމަތީގައި ދެއްކީ ހުރިހާ ކަމެއް އޭނާގެ ކޮންޓްރޯލްގެ ދަށުގައި އޮތް ކަމުގެ މަންޒަރެކެވެ. ކޯސްޓް ގާޑް އެކަޑަމީގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ބުނީ، ނަތަންޔާހޫ އަކީ އޭނާ ބޭނުންވާ ކޮންމެ ކަމެއް ކުރާނެ މީހެއް ކަމަށާއި، އެ ދެމީހުންގެ ދެމެދުގައި އޮތް އަމިއްލަ ގުޅުން އަދިވެސް ވަރުގަދަ ކަމަށެވެ. އަދި މިވަގުތު އޮތީ ޑިޕްލޮމެޓިކް ކާމިޔާބީއެއް ހޯދުން ނުވަތަ ފުރިހަމަ އަސްކަރީ ހަނގުރާމައަކަށް އެނބުރި ދިއުމާ ދެމެދު ނާޒުކު ފަށެއްގެ މަތީގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޑިޕްލޮމެސީއާ ދިމާލަށް މި ފެނުނު ކުއްލި ބަދަލަކީ، ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ގަތަރު ފަދަ ގަލްފުގެ ގައުމުތަކުގެ ބާރުގެ ދަށުން، އީރާނާ ދެކޮޅަށް އެމެރިކާއިން ދޭން ރޭވި ”އޮޕަރޭޝަން ސްލެޖްހެމަރ“ މަޑުޖައްސާލުމަށް ޓްރަމްޕް ނިންމެވުމާ ގުޅިގެން އައި ބަދަލެކެވެ. ތުރުކީއާއި މިސްރު ހިމެނޭހެން ސަރަހައްދީ މެދުވެރިންގެ ކޯލިޝަނަކުން މިހާރު ވަނީ ހިޔާލުތަފާތުވުންތައް ކުޑަކުރުމަށްޓަކައި ސުލްހައިގެ އާ ޑްރާފްޓެއް ތައްޔާރުކޮށްފައެވެ. ހަމައެއާއެކު، އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ އެ ގައުމުގެ 14 ނުކުތާގެ ހުށަހެޅުމަށް ބިނާކޮށް މަޝްވަރާތައް ކުރިއަށްދާކަން ކަށަވަރުކޮށްދީފައެވެ. އީރާނުން ބާރުއަޅަނީ އެއްވެސް ދާއިމީ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން، އެމެރިކާއިން ކަނޑުގެ ސަރަހައްދުތަކަށް ވަނުން ހުއްޓާލުމަށާއި، ހިފަހައްޓާފައިވާ އެ ގައުމުގެ ފައިސާ ދޫކޮށްލުމަށެވެ.
![]()
