ކުުރިއަށް އޮތީ ”ޕެންޑެމިކް“އެއްބާ؟

Loading

Facebook
Twitter
WhatsApp

ޔޫގަންޑާ އާއި ކޮންގޯގައި ފެތުރެމުންދާ އިބޯލާ ބަލިމަޑުކަމަކީ ދުނިޔޭގެ ފެންވަރުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން އިއުލާނުކުރުމާ ގުޅިގެން، މުޅި ދުނިޔެ އަނެއްކާވެސް މިވަނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. މީގެ އިތުރުން، ދެކުނު އެމެރިކާގެ ކުރޫޒް ޝިޕަކާ ގުޅުންހުރި ހަންޓާވައިރަސް ބަލިމަޑުކަމެއް ކޮންޓްރޯލް ކުރުމަށް ވެސް ގައުމުތަކުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ނުރައްކާތެރި ކުރިއެރުންތަކާއެކު، ކޯވިޑް-19 ގެ ހިތްދަތި ހަނދާންތައް އައުވެ، މުހިންމު ސުވާލެއް ވަނީ އުފެދިފައެވެ: ދެން ކުރިމަތިވެދާނެ ބޮޑުބަލިމަޑުކަމަކަށް ދުނިޔެ ހަގީގަތުގައި ވެސް އޮތީ ތައްޔާރަށް ހެއްޔެވެ؟ ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މީގެ ޖަވާބު އުނދަގުލެވެ، އަދި ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.

ޑަބްލިއު.އެޗް.އޯ އިން އިންޒާރު ދޭ ގޮތުގައި، ބަޖެޓުން ކުރާ ހޭދަ ބޮޑުތަނުން ކުޑަކުރުމާއި، ސިޔާސީ ހިޔާލުތަފާތުވުންތަކާއި، ވެކްސިނާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ދުނިޔޭގެ ތައްޔާރީތައް ދަނީ ދަށަށެވެ. ޚާއްޞަކޮށް، މިއަހަރުގެ ކުރީކޮޅު އެމެރިކާ އެ ޖަމްއިއްޔާއިން ރަސްމީކޮށް ވަކިވުމާ ގުޅިގެން، 2025 ވަނަ އަހަރުން ފެށިގެން ޑަބްލިއު.އެޗް.އޯ އަށް ވަނީ މާލީ ބޮޑު ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އެމެރިކާއަކީ ކުރިން އެ ޖަމްއިއްޔާގެ މުޅި ބަޖެޓުގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރި ގައުމެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، ޑަބްލިއު.އެޗް.އޯ ގެ 2026-27 ވަނަ އަހަރުގެ ބަޖެޓުން 9 އިންސައްތަ އުނިކުރަން ޖެހި، ބަލިތައް ދެނެގަތުމާއި ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ މުހިންމު ޕްރޮގްރާމްތަކަށް ވަނީ ބުރޫއަރާފައެވެ. މީގެ ސަބަބުން ކުރިމަތީގައި އޮތް ސިއްހީ ކުއްލި ނުރައްކާތައް ދެނެގަތުމާއި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތައް ވިލަރެސްކުރުން ލަސްވެދާނެ ކަމުގެ ބިރު މާހިރުން ފާޅުކުރެއެވެ.

އިންފެކްޝަސް ޑިޒީޒް ސްޕެޝަލިސްޓެއް ކަމަށްވާ ކްރިޓިކާ ކުއްޕައްލީ އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އަލަށް އުފެދޭ ގައިންގަޔަށް އަރާ ބަލިތައް އިތުރުވެ، އެ ބަލިތަކުގެ ނުރައްކާތެރިކަން ބޮޑުވަމުންދާ ކަމަށެވެ. އަދި ތައްޔާރީތަކަށް ކުރާ ހޭދަ ކުޑަކުރުމުގެ ސަބަބުން، ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކާއި އެކަންކަމަށް އިޖާބަދިނުމަށް ހުރި ގާބިލުކަމާ ދެމެދު ބޮޑު ހާސްކަމެއް އުފެދެމުންދާކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ހަންޓާވައިރަސް ފެތުރިގެން ދިޔަ ގޮތުން، ބަލިތައް ބޯޑަރުތައް ހުރަސްކޮށް ކިހާ އަވަހަކަށް ފެތުރިދާނެކަން މިވަނީ ހާމަވެފައެވެ. އެ ބަލިމަޑުކަން ފެނުނު ކުރޫޒް ޝިޕުން 20 އަށް ވުރެ ގިނަ ގައުމުގެ ފަސިންޖަރުންނާއި ފަޅުވެރިންނަށް މޮނިޓަރކުރުމާއި، ކޮންޓެކްޓް ޓްރޭސިން ހެދުމާއި، ސިއްހީ އެހީތެރިކަން ފޯރުކޮށްދޭން ޖެހުނެވެ.

އަނެއް ބޮޑު ކަންބޮޑުވުމަކީ ވެކްސިނާ ގުޅޭގޮތުން ފަތުރާ ދޮގު މައުލޫމާތުތައް އިތުރުވުމެވެ. ކޯވިޑް-19 ގެ ދުވަސްވަރު ސޯޝަލް މީޑިއާގައި ވެކްސިނާ ބެހޭގޮތުން ފެތުރި ދޮގު ވާހަކަތަކުގެ ސަބަބުން، މިލިއަނުން މީހުން ވަނީ ފުރާނަ ސަލާމަތްކޮށްދޭ ވެކްސިން ޖަހަން ދެކޮޅު ހަދާފައެވެ. މާހިރުން މިހާރު ބިރުގަންނަނީ ކުރިމަތިވެދާނެ ބަލިމަޑުކަމެއްގައި މިފަދަ ދޮގު މައުލޫމާތުތައް މިއަށްވުރެ މާ ހަލުވިކަމާއެކު ފެތުރިގެން ހިނގައިދާނެތީއެވެ.

ހަމައެއާއެކު، ސަރުކާރުތަކުން ވެކްސިން ދިރާސާކުރުމަށް ކުރާ ހޭދަވެސް ދަނީ ކުޑަކުރަމުންނެވެ. މިދިޔަ އަހަރު އެމެރިކާއިން ވަނީ އެމް.އާރް.ނެން.އޭ ވެކްސިން އުފެއްދުމާ ގުޅޭ 500 މިލިއަން ޑޮލަރުގެ ގްރާންޓްތަކާއި ކޮންޓްރެކްޓްތައް އުވާލާފައެވެ. މީގެ ސަބަބުން ޕެންޑެމިކް ފްލޫ، އާރު.އެސް.ވީ އަދި އެހެނިހެން ނުރައްކާތެރި ވައިރަސްތަކާ ބެހޭ ދިރާސާތަކަށް ވަނީ އަސަރުކޮށްފައެވެ.

ދުނިޔޭގެ އިގްތިސާދީ ދަތިތަކުގެ ސަބަބުން ވެސް ތައްޔާރީތައްވުމަށް ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ. ބައިނަލްއަގުވާމީ ހަނގުރާމަތަކުގެ ސަބަބުން ތެލުގެ އަގު އުފުލި، ބޭސް ފޯރުކޮށްދޭ ނިޒާމުތަކަށް ބުރޫއަރައި، ގިނަ ގައުމުތަކެއްގައި ސިއްހީ ހިދުމަތުގެ އަގު ވަނީ ބޮޑުވެފައެވެ.

އެހެންނަމަވެސް، އަދިވެސް އުއްމީދެއް އެބައޮތެވެ.

ކޯވިޑް-19 އަށްފަހު، ސައިންސްވެރިން ވަނީ ބައިނަލްއަގުވާމީ އެއްބާރުލުމާއި، ބަލިތައް މޮނިޓަރކުރާ ނިޒާމުތަކާއި، ވެކްސިން ޓެކްނޮލޮޖީ ވަރަށް ބޮޑަށް ކުރިއަރުވާފައެވެ. ޑަބްލިއު.އެޗް.އޯ އާއި ވޯލްޑް ބޭންކުން ގުޅިގެން 100 އެއްހާ ގައުމެއްގެ ލެބޯޓްރީތަކާއި، ކުއްލި ހާލަތްތަކަށް ތަމްރީނުވުމުގެ ނިޒާމުތައް ވަރުގަދަކުރުމަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މާހިރުން ވިދާޅުވާ ގޮތުގައި، ކޯވިޑް ވެކްސިންތައް ހަލުވިކަމާއެކު އުފެއްދުމުން ސާބިތުވެގެން ދިޔައީ، ގައުމުތައް ގުޅިގެން މަސައްކަތްކޮށްފިނަމަ ދުނިޔެއަށް ވަރަށް އަވަހަށް އިޖާބަދެވިދާނެ ކަމެވެ.
ޑަބްލިއު.އެޗް.އޯ ގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ދާދިފަހުން އިންޒާރު ދެއްވި ގޮތުގައި، ދެން އޮތް ބޮޑުބަލިމަޑުކަމަކީ ”އަންނާނެތޯ ނުވަތަ ނޫންތޯ“ ކުރެވޭ ސުވާލެއް ނޫނެވެ؛ އެއީ ”އަންނާނީ ކޮން އިރަކުތޯ“ ކުރެވޭ ސުވާލެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް