އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ އީރާނުގެ އިގްތިސާދު އިނދަ ޖައްސާލުމުގެ ގޮތުން އެގައުމުގެ އެއްވެސް ބަނދަރަކަށް ކަނޑުމަގުން ދަތުރުކުރުން މަނާކޮށް އެމެރިކާގެ ކަނޑު ސިފައިންގެ ބާރުތަކުން ގެންދަނީ އެކަން ކަށަވަރު ކުރަމުންނެވެ.
އެކަމަކު ބައެއް މީޑިއާތަކުން ހާމަކުރަމުން ގެންދާ ގޮތުގައި އެމެރިކާގެ ފިޔަވަޅުތައް މިހާރުވެސް ދަނީ ފޭލިވަމުންނެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގެ ރާޅުތައް މެދުއިރުމަތީގެ ހަނި ކަނޑުއޮޅިތަކުން ނިކުމެ ޔޫރަޕްގެ ގޮނޑުދޮށްތަކަށް ބީއްސަން ފަށައިފިއެވެ. މިހާތަނަށް އެ ރާޅުތަކުގައި ސުނާމީއެއްގެ ބާރު އެކުލެވިފައިނެތް ކަމަށް ބެލެވިދާނެއެވެ. ޔޫރަޕްގެ ގައުމުތަކުން ހަރުދަނާ ސިޔާސަތެއް ގާއިމް ނުކޮށްފިނަމަ އެ ރާޅުތައް ބިރުވެރި ސުނާމީ ތަކަކަށް ބަދަލުވެގެންދާނެއެވެ. ހަނގުރާމައިގެ ހާލަތު ދިރާސާ ކުރަމުން ގެންދާ އޮލިވިއާ ރީޑްގެ ޕްލެޓްފޯމުގައި ބުނެފައިވާގޮތުން ފާއިތުވެގެންމިދާ މަހެއްހާ ދުވަހުގެ ތެރޭގައި އީރާނުގެ ބަނދަރުތަކުން އެކްސްޕޯރޓްކުރި ތެލަށް 5 ބިލިއަނަށްވުރެން ގިނަ ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އޭނާގެ ޕްލެޓްފޯމުގައި ބުނެފައިވާގޮތުން އީރާނާދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައިގާ ފަރަންސޭސި ވިލާތައި ޔޫރަޕްގެ ބާރުގަދަ ގައުމުތަކުން ބައިވެރިވާކަށް ބޭނުމެއް ނުވެއެވެ. ހޮރްމުޒް ކަނޑުއޮޅީގެ މައްސަލާގައި އެމެރިކާގެ ވިސްނުމަށް ޔޫރަޕްގެ ގައުމުތައް ވަނީ ބައިބައި ވެފައެވެ. އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ ހޮރްމުޒް ކަނޑުއޮޅި ހުޅުވުމަށް ފަރަންސޭސި ވިލާތުން އެމެރިކާއާއި ބައިވެރި ނުވާނެކަން ހުޅުވިފައިވާ ޕްލެޓްފޯމެއްގައި ވަރަށް ސާފު އިބާރާތުން ފަރަންސޭސި ރައީސް މެކްރޯން ވަނީ އިއުލާން ކުރައްވާފައެވެ. ތިޔައީ އަހަރެމެންނާ ބެހޭ ހަނގުރާމައެއްނޫންކަމަށް އެވިދާޅުވަނީ ކާކުތޯ ވިސްނާލަން ޖެހެއެވެ. ޔޫ އެން ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެމްބަރ ގައުމެކެވެ. ޔޫރަޕްގެ އެންމެބާރުގަދަ ގައުމުންނެވެ. އެމެރިކާ މިނިވަންކުރުމުގެ ހަނގުރާމައިގެ އެންމެ ފުރަތަމަ ސަފުގެ ބައިވެރިޔާއެވެ. ފަރަންސޭސި ވިލާތުގެ ރައީސެވެ. ފަރަންސޭސި ވިލާތުގެ ކަނޑު ސިފައިންގެ ލަޝްކަރުތަކަށް އެމެނިކުފާނު އަމުރުކުރައްވާފައި ވަނީ ފަރަންސޭސި ވިލާތުގެ މަގްސަދަކީ ގައުމުތަކުގެ ދިފާއެވެ. ކަނޑުދަތުރުކުރާ އުޅަނދު ފަހަރުގެ ރައްކާތެރިކަމެވެ. އެމެރިކާއާއެކު ހަނގުރާމައިގާ ބައިވެރި ވުމެއް ނޫނެވެ. ފަރަންސޭސި ވިލާތުން އިންތިޒާރުކުރަމުން ގެންދަނީ ހަނގުރާމަ ހުއްޓާލެވޭނެ ދުވަހަކަށެވެ. ފަރަންސޭސި ވިލާތާއި އިނގިރޭސި ވިލާތުން މަސައްކަތް ކުރަމުންގެންދަނީ ހަނގުރާމަ ހުއްޓުވުމަށްފަހު ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އެމެރިކާ ބައިވެރިކުރުމަކާ ނުލައި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ވަސީލަތެއް ހޯދުމަށެވެ. ފަރަންސޭސި ވިލާތުން ދެކޭގޮތުގައި މިއީ އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައެކެވެ. އެ ހަނގުރާމައިގެ ތެރެއަށް ފަރަންސޭސި ވިލާތުން ވަންނާކަށް ނުޖެހެއެވެ. އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރީ އެމެރިކާއިން ދޭންފެށި ހަމަލާތަކުގެ ދިފާއުގައެވެ. އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ ނޭޓޯއާ އެއްވެސް ގުޅުމެއްނެތްކަން ހާމަކުރަމުން ޖަރުމަނުންވެސް ފަރަންސޭސި ވިލާތަށް ތާއީދުކޮށް ހަނގުރާމައިގެ ތެރެއަށް އެއްވެސް ސިފައެއްގައި ނުވަންނާނެކަން ވަނީ ހާމަކޮށްފައެވެ. ސްޕޭނުން ބުނެފައިވަނީ ރައީސް ޓްރަމްޕް ބާރުގެ ބޭނުންކޮށްގެން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ. ޚުލާސާގޮތަކަށް ބުނާނަމަ ބާރުގަދަ އެމެރިކާއިން މިނިވަން ގައުމެއްގެ ބަނދަރުތައް ބަންދުކޮށް އެކަމަށް އ ދ ގެ ރުހުން ހޯދަން ހުށައެޅުމުން އެ ގަރާރު ބޭރުކޮށްލައި އަދި ޔޫރަޕްގެ ގިނަ ގައުމުތަކަކުން އެމެރިކާގެ ރައީސަށް އެއްބާރުލުން ދޭކަށްވެސް ބޭނުމެއް ނުވެއެވެ. އީރާނުގެ ބަނދަރުތަކަށް ދަތުރުކުރުން އެމެރިކާއިން ހުއްޓުވާފައިވާއިރު އީރާނުން ގެންދަނީ އެގައުމުން އެކްސްޕޯރޓް ކުރަން ބޭނުންވާ ގައުމުތައް އިޚްތިޔާރު ކުރަމުންނެވެ. ޗައިނާއާއި ރަޝިޔާއާއި އިންޑިއާ އަދި ޕާކިސްތާނާއި މެލޭޝިޔާއާއި ތައިލޭންޑްގެ އުޅަނދުތައް އެމެރިކާއިން ހުއްޓުވޭކަމަކަށް ނުވެއެވެ. މާނައަކީ އެމެރިކާގެ ދިހަވަރަކަށް ހާސް ނޭވީންނާއި ގިނައަދަދެއްގެ މަނަވަރުތަކެއް ބޭނުންކޮށްގެން އީރާނުގެ ބަނދަރުތަކަށް ދަތުރުކުރުން މަނާކޮށްފައިއޮތުން ހުރިހާ ގައުމެއްގެ މައްޗަކަށް ނުހިނގައެވެ. ފާއިތުވެގެން ދިޔަ މާރޗް މަހު އެކަނިވެސް އީރާނުން ދުވާލަކު 1.9 މިލިއަން ފީފާގެ ތެޔޮ އެކްސްޕޯރޓް ކޮށްފައިވެއެވެ. ހަނގުރާމައިގެ ފުރަތަމަ މަސްދުވަހުތެރޭގައި އީރާނަށް 5 ބިލިއަން ޑޮލަރުގެ އާމްދަނީ ވަނީ ލިބިފައެވެ. ފަރަންސޭސި ވިލާތުން ދެކޭގޮތުގައި އީރާނުގެ ބަނދަރުތަކަށް ދަތުރުކުރުން އެމެރިކާއިން ހުއްޓުވާފައިވާއިރު އީރާނުން އިޚްތިޔާރުކުރާ ގައުމުތަކަކަށް އީރާނުން ގެންދަނީ ތެޔޮ އެކްސްޕޯރޓް ކުރަމުންނެވެ. އެމެރިކާއަށް އެކަން ހުއްޓުވޭނެ މަގެއް ނެތެވެ. އީރާނުން އިޚްތިޔާރުކުރަމުންގެންދާ އިގްތިސާދީ ގޮތުން ބާރުގަދަ ގައުމުތަކާ ދެކޮޅުވެރިވެ އެމެރިކާއަށް ސަނާ ކިއުމަށް ފަރަންސޭސި ރައީސް ބޭނުން ނުވާ ސަބަބަކީ މިއީ އެވެ. އެއީ ފަރަންސޭސި ވިލާތުން ބަލި ގަބޫލު ކުރުމެއް ނޫނެވެ. އެއީ އެ ގައުމުގެ ސިޔާސަތެވެ. ބައިނަލް އަގްވާމީ މާލީ އިދާރާއާއި ދުނިޔޭގެ ބޭންކުން އަންދާޒާކުރާގޮތުގައި ހަނގުރާމަ ހުއްޓުމަށްފަހުގައިވެސް ދުނިޔޭގެ އިގްތިސާދު ހަމަޔަކަށް އެޅެން ދުވަސްތަކެއް ނަގާނެއެވެ. މިހާތަނުން އުފެދޭ ބޮޑު ސުވާލަކީ ހަނގުރާމައިގެ ފަހުން ހުޅަނގުގެ ގުޅިފައިވާ ބާރުތައް ހަމައެގޮތުގައި ދެމި އޮންނާނެ ހެއްޔެވެ ؟ ފަރަންސޭސި ރައީސްގެ ބަސްފުޅުންނަމަ “ ނެވަރ “ އެވެ. އީރާނުން ހޮރްމުޒް ކަނޑުއޮޅި އޮތީ ހަމައެކަނި އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް ބަންދު ކޮށްފައެވެ.
![]()
