މިއަންނަ އަންގާރަ ދުވަހުގެ ކުރިން އީރާނުން ހޮރްމުޒް ކަނޑުއޮޅި ހުޅުވަން ޖެހޭނެ

Loading

Facebook
Twitter
WhatsApp

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ ދޭތެރެދޭތެރޭން މެދުކަނޑާލަން އެމެރިކާގެ ރައީސް އިއުލާންކުރައްވަމުން ގެންދެވިނަމަވެސް ހަނގުރާމައަށް ހުއްޓުމެއް ނާދެއެވެ.

ވަގުތީގޮތުން ހަނގުރާމަ ހުއްޓުވުމަށާއި ސުލްހައިގެ ވާހަކަތަކަށް އެނބުރި އައުމަށް އަންގަވައި އީރާނާ ދެކޮޅަށް ބާރުގަދަ ބަސްތައްވެސް ރައީސް ޓްރަމްޕް ގެންދަވަނީ ބޭނުން ކުރައްވަމުންނެވެ. ސުލްހައިގެ މަޝްވަރާތަކަކީ ދެފަރާތުގައިހުރި މައްސަލަތަކާދޭތެރޭ ހަމަހަމަ ނަޒަރަކުން މުތާލިއާކޮށް އެއްބަސްވުމެއް ހޯދުންކަމަށް ކުރީގެ ރައީސް ބިލް ކްލިންޓަން ބާރުއަޅުއްވަމުން ގެންދަވާ ފަލްސަފާ ރައީސް ޓްރަމްޕްގެ ވިސްނުންފުޅަށް ވަންނަހެން ހީއެއް ނުވެއެވެ. ސުލްހައިގެ މަޝްވަރާތައް ކުރިއަށް ދަނީ ހިތްހަމަޖެހިވަޑައިގަންނަވާ މަގަކަށެވެ. އަމާންދިނުން ނޫން އެހެންގޮތެއް އެހެން ގޮތެއް އީރާނަކަށް ނޯންނާނެއެވެ. ވައިޓްހައުސްއިން މީޑިއާތަކަށް ފޮނުވާ ޚަބަރެއް ފިޔަވައި ބައިނަލް އަގްވާމީ މީޑިއާތަކަށްވެސް ވެގެންއުޅޭގޮތެއް ނޭންގެއެވެ. ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމާ ބެހޭ ޚަބަރުތަކުގެ ތަފްސީލާއެކު މީޑިއާ ޕްލެޓްފޯމްތަކަށް ކުއްލިއަކަށް ނިކުތީ ރޮއިޓާރސް އެވެ. ވަގުތީގޮތުން ހަނގުރާމަ ހުއްޓާލަން ބޭނުންވަނީ އެމެރިކާއިންނެވެ. އިދިކޮޅު އީރާނުގެ ހަނގުރާމަވެރިން އެމެރިކާ ލަޝްކަރަށް ނިސްބަތްކުރެވޭ ހަނގުރާމައިގެ މުހިން ހަތިޔާރުތަކެއް ނައްތާލުމުން ހަމައިން ނެއްޓި ހަޑިހުތުރު ބަސްމަގުން ހަޅޭއްލަވަން ފެށުމަކީ ހާލަތުގެ ކޮންޓްރޯލް ލިބިފައިއޮތް ކޮމާންޑަރެއްގެ އަމަލުތައް ހުންނާނެ ގޮތެއް ނޫނެވެ. ހަނގުރާމައިގެ ފަލްސަފާގައި އެއީ ގޮތްހުސްވުމުން ލަޝްކަރުތަކާއި ހަތިޔާރު އަލުން ރި-އެރޭންޖް ކުރަން ވަގުތު ހޯދުމެވެ. ރައީސްޓްރަމްޕްއަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވަނީ ސްޓްރާޓީޖިކް މައްސަލަތަކަކާއެވެ. އެމެރިކާއިން ކަންތައް ކުރަމުން ގެންދާގޮތުން މިއީ ޝައްކުކުރަން ޖާގައޮތް ކަމެއްވެސް ނޫނެވެ. މިއަންނަ އަންގާރަދުވަހު އީރާނުގެ ތެލާއި ބްރިޖްތަކާއި އަދި ކަރަންޓާއި ހަކަތައިގެ ވިއުގަތައް ނެތިކޮށްލުމަކީ ރައީސް ޓްރަމްޕް ރޭގައި ދެއްވި އެންމެ ފަހުގެ އިންޒާރެވެ. އެމެރިކާއާއި ބައިނަލް އަގްވާމީ މީޑިއާތަކަށް ރައީސް ޓްރަމްޕް ފޮނުއްވި މެސެޖެ ހަމަ އެ ބަސްމަގު ބޭނުންކޮށްގެން ބައެއް މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ. ރައީސް ޓްރަމްޕް އީރާނަށް ދެއްވި އިންޒާރުގައި ވިދާޅުވެފައިވާ ކަމަށް ބުނެފައިވެއެވެ. “ ކަލޭމެން ހަރާމްޒާދާއިން ހޮރްމުޒް ކަނޑުއޮޅި ހުޅުވާށެވެ. އެހެންނޫނީ ނަރަކައަށްދާން ތައްޔާރު ވާށެވެ “ އީރާނުގެ ތެލާއި ބްރިޖްތަކާއި ކަރަންޓާއި ހަކަތައިގެ ވިއުގަތައް މިއަންނަ އަންގާރަދުވަހު އެއްކޮށް ނައްތާލާނެކަމަށް ފޮކްސް ނިއުސްއަށް ރައީސް ޓްރަމްޕް ވިދާޅުވިކަމަށްވެއެވެ. ހަނގުރާމައިގެ ވަގުތުގައި މިނިވަން އިސްތިގްލާލް ގައުމަކާ ދޭތެރޭ މިމޭރުމުން އެމެރިކާގެ ރައީސް އިންޒާރު ދިނުމަކީ އެ މަނިކުފާނުގެ ސިކުނޑީގެ ހާލަތާދޭތެރޭގައިވެސް ސުވާލު އުފެދޭ ކަމެކެވެ. އީރާނުން ކަކޫ މައްޗަށް ތިރިވެ ހަނގުރާމަ ހުއްޓާލަން އާދޭސް ކުރުވާނެކަމަށް ވިދާޅުވަމުންގެންދަވާއިރު ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލަން ބޭނުންފުޅުކަން ހާމަކޮށް އެހެން މީޑިއާތަކަށް ވިދާޅުވަމުން ގެންދަވަނީ ރައީސް ޓްރަމްޕް އެވެ. ރައީސް ޓްރަމްޕްގެ ހުރިހާ ހުށައެޅުމަކާއި އިންޒާރަށް އީރާނުން ދީފައިވަނީ އެންމެ ޖަވާބެކެވެ. ނޫނެކޭ އެވެ. ރޮއީޓާރސް އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލަން އެމެރިކާއިން ފޮނުވި ހުށައެޅުމަށް އީރާނުން ދީފައިވާ ޖަވާބަކީ ނޫނެވެ. އެމެރިކާއިން ހުށައެޅި މަޝްވަރާތަކަށް އީރާނުން ދިން ޖަވާބަކީ ނޫނެކެވެ. އެމެރިކާގެ ހުށައެޅުންތަކާދޭތެރޭ ވިސްނާކަށް ވަގުތެއް ނެތެވެ. އީރާނުން ހަމަލާތަކެއް ނުހުއްޓާނެއެވެ. އީރާނުގެ ހަމަލާތައް އޭގެ އަސްލާއެކު ބައިނަލް އަގްވާމީ މީޑިއާއަށް ދައްކަމުންގެންދާނަމެވެ. ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލަން އެދެމެން ގެންދަނީ ވޯޝިންގްޓަނުންނެވެ. އެއްބަސް ނުވަނީ އީރާނުންނެވެ. ރޮއިޓާރސްގެ އިތުރުން ސްކައި ނިއުސް އިން ވެސް ވަނީ އެ ޚަބަރު ކަށަވަރުކޮށްދީފައެވެ. ވޯޝިންގްޓަނުން ބޭނުންވާ ގޮތަކަށް ޚަބަރުތައް އެޑިޓްކުރުމަކީ އީރާނުން ވިސްނަން ބޭނުންވާ ކަމެއް ނޫނެވެ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ މިލިޓްރީއަކީ ދުނިޔޭގެ ސުޕަރ ޕަވަރކަށް އިންކާރު ނުކުރެވޭނެއެވެ. ހަނގުރާމައިގެ ހަތިޔާތުތަކާއި ވަސީލަތްތައް އަޅާ ނުކިޔޭނެއޭ ބުނެވިދާނެއެވެ. އެމެރިކާގެ އެއާރފޯސްގައި ބޭނުންކުރާ އެފް-35 އެއަރކްރާފްޓަކީ 30 އަހަރުގެ ތަހްލީލު ތަކާއި މިލިޓްރީ އެންޖިނިއަރިންގ ހުނަރުގެ ނަތީޖާއެކެވެ. އެމެރިކާ އެއާރފޯސްގައި ބޭނުންކުރާ ސީ-1-30-ޖޭ އަކީ މެދުކެނޑުމެއްނެތި ތަރައްގީ ކުރެވެމުންދާ ޕްލެޓްފޯރމެކެވެ. ބްލެކް ހައުކް އަކީ އެމެރިކާ އެއާރފޯސްގެ މައިބަދައޭ ބުނެވިދާނެއެވެ. މިއިން ކޮންމެ އެއްޗެއްގެ އަގު އުޅޭނީ އާސްމާނާހަމައިގައެވެ. ހަލާކުވެއްޖެނަމަ ބަދަލުގައި އެއްޗެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނެއެވެ. ފާހަގަ ކޮށްލަން ޖެހޭ އެންމެ މުހިންމު ކަމަކީ އީރާނުން މިހާރު އުފައްދާފައިވާ ވެށީގައި ފަސޭހަކަމާއެކު އެއިން އެއްވެސް އުޅަނދެއް ބޭނުމެއް ނުކުރެވޭނެއެވެ. އީރާނުގެ އަގުހެޔޮ ޑްރޯންތަކުގެ ސަބަބުން ހަލާކުވެ އަދި ގެއްލިގެންދާ އެމެރިކާގެ އަގުބޮޑު އެއާރކްރާފްޓްތަކުގެ އަގު އެމެރިކާގެ ބަޖެޓުން އުފުލަން ކުޅަދާނައެއް ނުވާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް