އައްބާސް އަރާގްޗީ ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން މެދުއިރުމަތި

Loading

Facebook
Twitter
WhatsApp

މިއަދު ހެނދުނު އީރާނުން ލިބިފައިވާ ރިޕޯރޓްތަކަށް ބަލާއިރު އެ ގައުމުގެ ޚާރިޖީ ވަޒީރު އަރާގްޗީ ޕާކިސްތާނަށް ވަޑައިގަތުމަށްފަހު އޮމާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭގެ ވަގުތެއްގައި އަނެއްކާވެސް ޕާކިސްތާނަށް ވަޑައިގަންނަވާނެއެވެ.

އަދި އެއަށްފަހު ދެން ވަޑައިގަންނަވާނީ ތެހެރާނަށެވެ. އެއީ މޮސްކޯއަށް ކުރައްވާ ދަތުރުފުޅަށް އެންމެފަހުގެ ނިންމުންތަކާއި އިރުޝާދު ހޯއްދެވުމަށެވެ. އެއަށްފަހު މޮސްކޯއަށް ދަތުރުފުޅު ފެއްޓެވީއެވެ. 48 ގަޑިއިރުތެރޭގައި 3 ގައުމަކަށް 4 ފަހަރު މިކުރައްވާ ދަތުރުފުޅުގައި އެމެރިކާއާ ގުޅުން ހުރި އެއްވެސް ބޭފުޅަކާ ބައްދަލު ނުކުރައްވައެވެ.
ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުތަކުގެ އެންމެ ފަހު މަންޒިލަކަށް މޮސްކޯ ހަމަޖެހިގެންދިޔަ ގޮތަކާ ދޭތެރޭ ފިކުރުކުރަން ޖެހެއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ އެންމެ ފުރަތަމަ ދުވަހުންފެށިގެން ރަޝިޔާއިން ގެންދަނީ އީރާނާއެކުގައި ހަނގުރާމައިގާ ބައިވެރިވަމުންނެވެ. ލަޝްކަރުތައް ފޮނުވައިގެނެއް ނޫނެވެ. ހަތިޔާރު ފޯރުކޮށްދީގެނެއްވެސް ނޫނެވެ. އޭގެ ބަދަލުގައި ހަނގުރާމައެއްގައި ބޭނުންވާނެ އެންމެ މުހިންމު 3 ވަސީލަތަކަށް މަގުފަހި ކޮށްދީގެންނެވެ.
އެމެރިކާ މަނަވަރުތަކުގެ ދަތުރުތަކާއި މިލިޓްރީ ހަރަކާތްތަކުގެ ފުރިހަމަ މައުލޫމާތު މާރޗް މަހުން ފެށިގެން ވަގުތުން ވަގުތަށް ރަޝިޔާއިން އީރާނަށް ފޯރުކޮށްދެމުންގެންދާކަމަށް މައުލޫމާތު ލިބިފައިވާ އެމެރިކާގެ އޮފިޝަލުންނަށް ހަވާލާދީ ސީ އެން އެން އިން ވަނީ ރިޕޯރޓްކޮށްފައެވެ. މޮސްކޯއިން އީރާނާ އެކުގައި އެމެރިކާއާ ދެކޮޅަށް ހަނގުރާމައިގާ ބައިވެރިވަމުން ގެންދާ ކަމަށް ފުރަތަމަ ލިބުނު ހެއްކަކީ އެއީއެވެ. ރަޝިޔާއިން އެކަމާގުޅޭގޮތުން ވާހަކަ ދައްކަން ބޭނުމެއް ނުވެއެވެ.
ދެވަނަ ކަމަކަށް އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ރައްކާތެރިކަމާއެކު ރަޝިޔާއަށް ގެންގޮސް މުސްތަގްބަލްގައި އީރާނުން ބޭނުންވާގޮތެއްގެ މަތިން އިތުރަށް ފައްކާކޮށް އީރާނަށް ނިއުކްލިއަރ ވަސީލަތްތައް ފޯރުކޮށްދެމުންގެންދިއުމެވެ. ރައީސް ޓްރަމްޕް ގެންދަވަނީ ރަޝިޔާއިން އީރާނަށް ނިއުކްލިއަރ ފިއުލް ފޯރުކޮށްދިނުމަށް އެއްބަސް ނުވެވޭނެކަމަށް ވިދާޅުވެ މި ހުށައެޅުމަށް ދެކޮޅު ހައްދަވަމުންނެވެ.
ޚާރިޖީ ވަޒީރު އަރާގްޗީގެ ވިދާޅުވަނީ އެމަނިކުފާނު މޮސްކޯއަށް ކުރައްވާ ދަތުރުފުޅުގެ އެންމެ އިސް އެޖެންޑާއަކީ ސަރަހައްދީ އަދި ބައިނަލް އަގްވާމީ މައްސަލަތައް ކަމަށެވެ.
ޚާރިޖީ ވަޒީރުގެ ދަތުރުފުޅުތައް ހިނގަމުންދާއިރު ރައީސް ޓްރަމްޕް ފޯނުކައިރީގައި އިންތިޒާރު ކުރައްވަމުންގެންދަވަނީ ސުލްހައިގެ ވާހަކަތަކަށް އީރާނުންދޭނެ ޖަވާބަކަށެވެ. އެ މަނިކުފާނުގެ އަމިއްލަ ސޯޝަލް މީޑިއާގައި ލިއުއްވާފައިވަނީ “ ހުރިހާ މަންނަތަކެއް ހުރީ އަހަރެން އަތުގައެވެ. އީރާނުން ވާހަކަ ދައްކަން ބޭނުންނަމަ އަހަރެންނާ ގުޅާށެވެ. “ ނަތީޖާއަކަށް ވެގެން ދިޔައީ އެމެރިކާއިން ޕާކިސްތާނަށް ފޮނުވި ވަފުދު އަނބުރާގެނައުމެވެ. އީރާނުން އެއިން އެއްވެސް ބޭފުޅަކާ ބައްދަލު ނުކުރައްވައެވެ. ދުނިޔެއަށް އަނެއްކާވެސް ހާމަވެގެން މިދިޔާ ކާމިޔާބު ނުވި ބައްދަލުވުމެކެވެ. މީޑިއާތަކުން ގެނެސްދޭ ޚަބަރަކީ އެއީ އެވެ. އެކަމަކު އަރާގްޗީ ގެ ދަތުރުފުޅުކުރައްވަމުން ގެންދަވަނީ މުޅިން އެހެން މަގްސަދެއްގައެވެ. މިދިޔަ ހުކުރު ދުވަހު ޕާކިސްތާނަށް ވަޑއިގެން ޕާކިސްތާނުގެ ބާރުގަދަ ފީލްޑް މާރޝަލް އާސިމް މުނީރް އާއި ބޮޑުވަޒީރު ޝާހްބާޒު ޝަރީފާއި އަދި ދިފާއީ ވަޒީރު އިސްހާގް ދަރް އާއި ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ބައްދަލު ކުރެއްވިއެވެ. އެ ބައްދަލު ކުރެއްވުމުގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލެވިދާނެ ފްރޭމްވާރކެއްގެ ދެލި ކޮޕީ އެބޭފުޅުންގެ އަތްޕުޅަށް އެރުވި ކަމަށްވެއެވެ.
ޚާރިޖީ ވަޒީރު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ އެއްވެސް ބޭފުޅަކާ ބައްދަލު ނުކުރައްވާކަމަށް އީރާނުގެ ޚާރިޖިއްޔާއިން ބުނެފައިވެއެވެ. އެއާއެކު އެމަނިކުފާނު ދަތުރުފުޅާބެހޭ މައުލޫމާތު ދުނިޔެއަށް އަންގާދިނުމުގެ ގޮތުން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގެ މަގްސަދު ވަރަށް ފުރިހަމައަށް ހާސިލު ކުރެވުނު ކަމަށް އިނގިރޭސި ބަހުން އެމަނިކުފާނު އެކްސް ގައި ޕޯސްޓެއް ކުރެއްވިއެވެ.
އޮމާނަކީ ހަނގުރާމަ ފެށުމުގެ ކުރިން ސުލްހައިގެ މަޝްވަރާތަކުގައި ވަރަށް އިސް ދައުރެއް އަދާކުރި ގައުމެކެވެ. އަދި އޮމާނަކީ ހޮރްމުޒް ކަނޑުއޮޅި އީރާނާއެކު ހިއްސާކުރާ ހަމައެކަނި ގައުމެވެ.
އައްބާސް އަރާގްޗީ މަސްކަތުގައި އެގައުމުގެ ރަސްގެފާނު ހައިތަމް ބިން ތާރިގް އަލް ސައީދު އާއި ބައްދަލު ކުރެއްވިއެވެ. އެއީ އިޙްތިރާމްގެ ޒިޔާރަތެއް ނޫނެވެ. އެމަނިކުފާނުގެ ދަތުރުފުޅު ކެލިބްރޭޓް ކުރެއްވުމުގެ މަގްސަދުގައި ( އެހެން އިބާރާތަކުން ބުނާނަމަ އެއްބައިވަންތަކަމުގައި ހުރެދާން ކުނިތައް ފިލުވައިލެއްވުމުގެ ދަތުރުފުޅެކެވެ. )
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގެ ތެރެއަށް ޗައިނީޒް-ކެނޭޑިއަން ޕްރެޑިކްޓިވް ހިސްޓްރީގެ ޕްރޮފެސަރ ޖީއާންގް ޝްވެޗީން ކުރަމުންގެންދާ ދިރާސާ ތަކުގެ އުސް އަލިތަކަށް ބަލާލުމުން އާންމުކޮށް ހަނގުރާމައިޚަބަރުތައް ގެނެސްދޭ ވަސީލަތް ތަކުން ސިއްރުކުރަމުންގެންދާ ގިނަ ހަގީގަތްތަކެއް ފެނިގެންދާނެއެވެ.
ޕްރޮފެސަރ ޖީއާންގް ޝްވެޗީންގެ ދިރާސާގެ އުސްއަލިތަކަށް ބަލާލާއިރު އެންމެ ފުރަތަމަ ފާހަގަ ކުރައްވާފައިވަނީ ވަގުތީ ގޮތުން ހަމަލާތައް ބަދަލުކުރުން ހުއްޓާލާފައި އޮތް އޮތުމުގެ މައްޗަށެވެ. މިދިޔަ ހަފުތާގެ ބުދަދުވަހުގެ ކުރިން އެމެރިކާއިން ބޭނުންވާ ސުލްހަވެރި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އަލުން ބޮމުގެ ހަމަލާތަކަށް އީރާނުން ކުރިމަތިލާން ޖެހޭނެކަމަށް ރައީސް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ. އެހެންނަމަވެސް ކުއްލިއަކަށް އެ މަނިކުފާނުގެ ވިސްނުންފުޅު ބަދަލުވެ މުއްދަތެއް ނެތް ގޮތުގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލީ ކަން އިއުލާން ކުރެއްވިއެވެ. ސަބަބެއް ހާމަ ނުކުރައްވައެވެ.
ވައިޓް ހައުސްގެ ބަންދުކޮޓަރީގެ ތެރޭގައި ކަންތައް ދިޔަގޮތް ސިއްރެއް ނުކުރެވުނެވެ. އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގައި އީރާނުން ތަބާވާންޖެހޭ ކަންތައްތަކުގެ ލިސްޓެއް ބުދަ ދުވަހުގެ މާކުރިން އީރާނަށް ފޮނުވުނެވެ. ސުލްހައަށް އީރާނުން އެއްބަސްވާންޖެހޭނެ ކަންތަކުގެ ތަފްސީލާ އެކުގައެވެ.
އީރާނުން ދިން ޖަވާބަކީ ހަނުހުރުމެވެ. ފުރިހަމަ މާނައިގާ ހަނުހުރުމެވެ. ދުވަސްތައް ހޭދަވެގެން ދިޔައީއެވެ. އީރާނުގެ ޖަވާބަކަށް ބަދަލެއް ނާދެއެވެ. ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާނެކަން ނުވަތަ ނޫންކަންވެސް ބުނެ ނުލައެވެ. އީރާނުގެ ވަފުދެއްގެ މަންދޫބުން ޕާކިސްތާނަށް ދާނެކަން ނުވަތަ ނުދާނެކަންވެސް ނުބުނެއެވެ. އީރާނުން ބޭނުންވާކަންތަކުގެ މައުލޫމާތުވެސް ހާމައެއް ނުކުރެއެވެ.
އެމެރިކާގެ އެއާރފޯސް-2 ޖޮއިންޓް ސެއިންޓް އެންޑްރޫ އެއާރބޭސްގެ ޓަރމެކް މަތީގައި އިށީންދެގެން އިނެވެ. ނައިބުރައީސް ޖޭޑީ ވޭންސް އާއި ރައީސް ޓްރަމްޕްގެ ދަނބިދަރި ޖެރާރޑް ޚުޝްނަރ އަދި ވިކްޓޯފް ތިބީ އިސްލާމް އާބާދަށް ދިއުމަށްޓަކައި ފުރަން ތައްޔާރަށެވެ. އެކަމަކު ދެވަނަ ބުރުގެ މަޝްވަރާތަކަށް އެމެރިކާގެ މަންދޫބުން ގެންދިއުމަށްޓަކައި އަދިވެސް އެ ފްލައިޓް އުދުއްސައެއް ނުލައެވެ. ދެން ފެނިގެންދިޔައީ އެމެރިކާގެ ކަމާބެހޭ އިސް ބޭފުޅުންނާއެކު މަޝްވަރާކުރުމަށްފަހު މުއްދަތެއް ނެތްގޮތުގައި ހަމަލާތައް ހުއްޓާލަން އެމެރިކާގެ ރައީސް އިއުލާންކުރެއްވުމެވެ. ހަމަލާތައް ހުއްޓާލަން އަމުރުކުރެއްވީ ހެޔޮ ނިޔަތެއްގަނޫންކަމަށާއި ރައީސް ޓްރަމްޕް ދެކިވަޑައިގަންނަވާގޮތުގައި އެމެރިކާއާއި އިސްރާއީލުގެ ހަމަލާތައް ބަރުދާޝްތު ކުރުމުގެ ގާބިލުކަން މިހާރު އީރާނުގައި ނެތުމުންނެވެ. ރައީސް ޓްރަމްޕްގެ މުޝީރުން ތިބީ އީރާނަށް ނޭވާލާނެ ފުރުސަތު ލިބުނީކަމަށްދެކި ހިތްހަމަނުޖެހިފައެވެ. އީރާން ސަރުކާރުން މަޝްވަރާތަކުގައި ބައިވެރިވާ ވަފުދު އެއްފަރާތެއްގައި އަދި އީރާނުގެ ބާރުގަދަ އިންގިލާބީ ލަޝްކަރުތައް އަނެއްފަރާތުގައިތިބިއިރު ސުޕްރީމް ލީޑަރ ޚާމަނީގެ ހުއްދަ ލިބިގެންނޫނީ ސުލްހައިގެ އެއްބަސްވުމަކަށް ނުދެވޭނެ ކަން އެނގެއެވެ. އެމެރިކާއިން މަޝްވަރާ ކުރަމުން ގެންދަނީ އީރާނުގެ ސަރުކާރާއެކުގައި ކަން ނުވަތަ އިންގިލާބީ ލަޝްކަރުތަކާ އެކުގައިކަން ވެސް ނޭންގެއެވެ. އީރާން ކޮންޓްރޯލް ކުރަނީ ސަރުކާރުންކަމެއް ނުވަތަ އިންގިލާބީ ލަޝްކަރުން ކަމެއް ނޭންގެއެވެ. އެނގޭ ކަމަކީ ހަމައެކަނި އެމެރިކާއިން އީރާނުގެ ބަދަރުތައް ބަންދުކޮށްގެން އުޅޭހާ ދުވަހަކު އީރާނުން ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމުގެ މެސެޖްތައް ޕާކިސްތާނަށް ލިބިގެންދާކަމެވެ. އަދި އީރާނުގެ އިނގިލާބަށް އިތުރު އަހަރެއްފުރުން ފާހަގަކުރުމުގެގޮތުން އެގައުމުގެ މަގުތަކުގައި އާންމުންގެ ކުރިމަތީގައި ހަނގުރާމައިގާ ބޭނުންކުރާ ހުރިހާ ވަސީލަތެއް ތަމްސީލު ކުރެވެމުންދާކަމެވެ. އީރާނަށް އަންނަ ކޮންމެ ހަމަލާއަކުން ގައުމު ދިފާއުކުރާނެ ކަމުގެ މެސެޖްތަކާއެކުގައެވެ.
ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުން ރައީސް ޓްރަމްޕް އިއުލާން ކުރެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހޮރްމުޒް ކަނޑުއޮޅިން ހުރަސްކުރަން މަސައްކަތްކުރި އުޅަނދަކަށް އީރާނުގެ ގަންބޯޓުތަކުން ހަމަލާދީފިއެވެ. އެ ހަމަލާއިން ހާމަވެގެންދިޔައީ ހަލަމާތައް ހުއްޓާލަން އެމެރިކާގެ ރައީސް އިއުލާންކުރެއްވުމަކީ އީރާނާ ބެހޭކަމެއްނޫނޭ ބުނުމެވެ. ހަމަލާތައް މުއްދަތެއް ނެތި ހުއްޓާލަން ރައީސް ޓްރަމްޕް އިއުލާންކުރެއްވިނަމަވެސް އެމެރިކާގެ ސިފައިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފާއޮތުމަކަށް ނިމުމެއް ނުގެނެއެވެ. އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވަމުން ގެންދަވަނީ އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން ގެންގުޅުމަކީ ހަނގުރާމަ ނުހުއްޓި ކުރިއަށް ދިއުންކަމަށެވެ. އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން ގެންގުޅުން އެމެރިކާއިން ހުއްޓާލުމާއެކު މަޝްވަރާތަކަށް މަގުހުޅުވިގެންދާނެއެވެ. އެކަމަކު ރައީސް ޓްރަމްޕް ވިދާޅުވަނީ އެހެންވާހަކައެކެވެ. އެއްބަސްވުމަކަށް އައުމުގެ ކުރިން ބަނދަރުތަކެއް ނުހުޅުވޭނެއެވެ.
މެދުއިރުމަތީގެ މަސްރަހުން ދެން ފެންނަން ފެށީ މީގެ ކުރިން ނުފެންނަ މަންޒަރެކެވެ. ޔޫރަޕްގެ ގައުމުތަކުން ތެޔޮ ހުސްވަމުންދާ ކަމުގެ އިންޒާރު އާންމުވަމުން ދިއުމެވެ. ހަނގުރާމަ މިއަދު ހުއްޓާލެވުނަސް ތެޔޮ އުފެއްދުން އާންމު ހާލަތަކަށް ގެނައުމަށްޓަކައި މަދުވެގެން 2 އަހަރު ދުވަސް ހޭދަވެގެންދާނެކަން ޔޫރަޕްގެ ވެރިންނަށް އެނގެއެވެ. ގައުމުތަކުގެ އިގްތިސާދަށް ލިބިފައި ގެއްލުން އެބޭފުޅުންނަށް ވިސްނި ވަޑައިގަންނަވައެވެ. ހަނގުރާމައިގާ ފަނާކޮށްލެވިފައިވާ ގެއްލުންތައް މަރާމާރުކޮށް އާންމު ހާލަތަކަށް ގެންނަށް ކުރަން ޖެހޭނެ ހޭދަ އަދި އޮތީ އަންދާޒާކުރަންވެސް ނޭންގޭ ހިސާބެއްގައެވެ.
އިއްޔެ ހެނދުނު 2.30 ގައި މޮސްކޯގެ ދެކުނުން ނައްޓާލި ބިޔަ މިލިޓްރީޖެޓްތަކަކީ އިންސާނީ އެހީއަށް ބޭނުންވާ ސާމާނުތަކަކާއެކު އުދުއްސާލި ޖެޓްތަކެއް ނޫނެވެ. ހުޅަނގުގެ ގައުމުތަކުން ކަށަވަރުކޮށްގެންތިބީ ރަޝިޔާގެ މިލިޓްރީ ޖެޓްތައް ހުރަސްކުރާނީ އެގައުމުތަކުން ރައްކާތެރިކޮށްފައިވާ ވައިގެ ސަރަހައްދުން ކަމަށެވެ. އަދި އެއީ އެމެރިކާއިން ތަންކޮޅެއް ދުރުގައި ތިބެގެން ފާރަލަމުންގެންދާ ސަރަހައްދެއްވެސް މެއެވެ. މީގެ 72 ގަޑިއިރުކުރިން މޮސްކޯގެ ރަންވޭއެއްގައި ހިނގި މިހަރަކާތަކީ ދުނިޔެއިން ބަލަމުންގެންދާ ނަމަ ސިއްރަކަށް ނުވާނެއެވެ. އާދައިގެ މިލިޓްރީ ހަރަކާތެކެވެ. ހުޅަނގުގެ މީޑިއާތަކުގެ ފަލަ ސުރުޚީއަށް ގެންނަން ބޭނުމެއް ނުވިއެވެ. ކްރެމްލިން އިން މައުލޫމާތު ހާމަކުރަން ބޭނުން ނުވާކަހަލައެވެ. ރައީސް ޕޫޓިން އެކަމާބެހޭގޮތުން ވާހަކަ ފުޅެއް ނުދައްކަވައެވެ. މިއީ އަބަދުވެސް ރަޝިޔާގެ ސިޔާސަތެވެ. ކުރަންބޭނުންވާ ކޮންމެ ކަމެއްގެ ވާހަކަ ކުރިން ނުދައްކާނެއެވެ.
ދެކޮޅުވެރި ހަމަލާތަކުގައި އެތައް އިންސާނުންގެ ފުރާން ގެއްލި ގެދޮރާއި މިލްކިއްޔާނު ވީރާނާވެގެންދާއިރު ހުޅަނގުގެ ލީޑަރުން ބަޔާނެއް ނެރުމުން ފުއްދާލަނީއެވެ.
ރަޝިޔާގެ މި އަމަލަކީ މިލިޓްރީ އަމަލެކޭ ނުބުނެވިދާނެއެވެ. އެއީ ހާމަކޮށްލުމެކޭވެސް ބުނެވިދާނެއެވެ. ކޮންމެހެން ސަރަހައްދުގައިތިބި ދެކޮޅުވެރިންނަކަށް ނޫނެވެ. މުޅިދުނިޔެއަށް ކުރި އިއުލާނެއް ކަމަށްވެސް ބެލެވިދާނެއެވެ. އަހަރެމެން އެބަތިބީމެވެ. އަދި އަހަރެމެންނަށް ކަންތައްތަކެއް ކުރެވިދާނެވެސް މެއެވެ. އެހެންގައުމުތަކުން ފައި އުރާލައިގެން ތިބޭ މަންޒަރު ރަޝިޔާއިން ބަލާކަށް ނޯންނާނެއެވެ.
އިއްޔެ ހެނދުނު ރަޝިޔާއިން އުދުއްސާލި ޖެޓްތަކަކީ އެގައުމުގެ ބަހާއި އަމަލު ރަމްޒުކޮށްދޭ ހެއްކެއް ކަމުގައި ބަލަންޖެއެވެ. މީގެ ހައެއްކަ މަސްދުވަސްކުރިން ރަޝިޔާއިން މިފަދަ ފިޔަވަޅެއް އެޅިނަމަ އެއީ ހަމައެކަނި ގޮތްދައްކާލުން ކަމަށް ސަރަހައްދުގައިތިބި އެމެރިކާއަށް ލެބިފައިވާ ގައުމުތަކުން ބުނުމަކީ ދުރުކަމެއް ނޫނެވެ. ރަޝިޔާއިން ވަގުތު ނަގައިގެން އަމަލުކުރުމަކީ އާންމުގޮތެއްގައި ބާރުގަދަ ގައުމުތަކުގެ ދިފާއީ ވުޒާރާތަކުގައި ދޮރުބަންދު ކޮށްގެންތިބެ ކުރާ ސައްލާތަކުގެ މައިގަނޑު ނުކުތާތަކެވެ. ފުރުސަތުގެ ބޭނުންކުރުމަށްޓަކައި ވަގުތު ހޯދުމެވެ. ބާރުގަދަ ގައުމަކުން ބައިނަލް އަގްވާމީ ގާނޫނުތައް އެއްފަރާތްކޮށް އެހެން ގައުމެއްގެ އިސްތިގްލާލަށް އަރައިގަތުމުން އަވަސް އަރުވާލާފައި އެކަން ކުށްވެރި ކުރުމުގެ ބަދަލުގައި ދެން އަޅަންޖެހޭ ފިޔަވަޅަކާ ދޭތެރޭ މަޝްވަރާކުރުމަށްޓަކައި ހޭދަކުރަންޖެހޭ ވަގުތަށް ކިޔޭ ނަމެކެވެ. ބޭނުމަކީ ބައިނަލް އަގްވާމީ ގާނޫނުތައް އެއްފަރާތްކުރުމުގެ އިޚްތިޔާރު އެއްވެސް ގައުމަކަށް ނުލިބޭނެކަން ކަށަވަރުކުރުމެވެ.
ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ހުޅަނގުން ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ ތެޔޮ ވިއްކުމަށްވެސް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ހެޔޮ އަގުގައި ތެޔޮ ގަންނަން ލިބުނުކަމުގައިވިޔަސް އެމެރިކާއާއި ހުޅަނގުން އަޅާފައިވާ ދަތިކުރުރުމުގެ ފިޔަވަޅުތަކާހުރެ ތެޔޮ ގަންނަން ބޭނުންވާ ގައުމުތަކާ ހަމަޔަށް ގެންދިއުމުގެ މަގުތައް އޮތީ ބަންދު ވެފައެވެ. އެހެންނަމަވެސް އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގާ އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދު ކޮށްލުމާއެކު ހުޅަނގުގެ ގައުމުތައްވެސް ހިމެނޭގޮތުގައި ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެޔޮ ނުލިބިގެން ބަޑަށް ޖެހިއްޖެއެވެ. މިހާލަތުގައި އެމެރިކާއާއި ހުޅަނގުގެ ގައުމުތަކަށް މަޖުބޫރު ވެގެން ދިޔައީ ރަޝިޔާގެ ތެޔޮ ގަތުމަށް ކުރިމަތިކޮށްފައިވާ ހުރަސްތަކަށް ލުއިދިނުމަށެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އީރާނުގެ ސަބަބުން ރަޝިޔާއަށް ކޮންމެ ދުވަހަކު އެތައް ބިލިއަން ޑޮލަރު އާމްދަނީ ލިބުމަށް މަގުފަހިވެގެން ދިއުމެވެ. މިއި މުޅިން އާދަޔާ ޚިލާފް ސިޔާސީގުޅުމެކެވެ.
މެދު އިރުމަތީގެ ހަނގުރާމައާ ބެހޭގޮތުން ރަޝިޔާގެ ޚާރިޖީ ވަޒީރު ވަރަށް ސަރީޙަބަސްފުޅުން ވިދާޅުވެފައިވަނީ އެމެރިކާއިން އީރާނަށް އަރާގަތުމުގެ ބޭނުމަކީ ޔުރޭނިއަމް މަޝްރޫއު ނުވަތަ މިސައިލް އުފެއްދުން ނައްތާލުން ނޫންކަމަށާއި ހަމައެކަނި މަގްސަދަކީ އީރާނުގެ ތެލުގެ މައްޗަށް ވެރިވެގަތުން ކަމަށެވެ. ރަޝިޔާގެ މި އިލްޒާމަށް އެމެރިކާއިން ބަހެއް ނުބުނުން އެއީ ސިޔާސީ ބަހުރުވައިގާ އެމަކަށް އިއުތިރާފްވުންކަން ސާބިތުވެގެންދާކަމަށްވެސް ލަވްރޯވް ވިދާޅުވިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު މޮސްކޯއަށް ވަޑައިގަތީ ދެގައުމުގެ ގުޅުންތަކާއި ސަރަހައްދީ ގުޅުންތަކާއި އަދި ބައިނަލް އަގްވާމީ މައްސަލަ ތަކާބެހޭގޮތުން މަޝްވަރާކުރުމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް