އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގެ ހިލްޓަން ހޮޓަލުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ވައިޓް ހައުސް ކަރެސްޕޮންޑެންޓްސް ޑިނަރގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވަމުން ދަނިކޮށް އެތަނަށް ބަޑީގެ ޙަމަލާތަކެއް ދިނުމާ ގުޅިގެން ރައީސް ޓްރަމްޕް ސަލާމަތްކޮށް، ރައްކާތެރި ތަނަކަށް ބަދަލުކޮށްފައިވެއެވެ.
ޝޮޓްގަންއަކާއި އިތުރު ހަތިޔާރުތަކެއް އަޅައިގެން ހުރި މީހާ ފުރަތަމަ ހަމަލާދީފައި ވަނީ، އެތަނުގައި ހުރި ސީކްރެޓް ސަރވިސް އޮފިސަރަކަރަކަށް ކަމަށް ވެއެވެ. އޭނާގެ ޙާލު ރަނގަޅުކަން ވައިޓްހައުސް އަށް ވަޑައިގެންނެވުމަށްފަހު ޓްރަމްޕްވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ބަޑީގެ ޙަމަލާތަކުގެ އަޑު އިވުނީ ހޯލުގެ ބޭރުގައި ފަރިއްކޮޅު ކުރިޔަށް ދިޔަ ތަނުންނެވެ.އެއާއެކު ހާސްކަން އުފެދި ގިނަ ބަޔަކު ހޯލް ތެރެޔަށް ވަދެ ރައްކާތެރިކަން ހޯދަން މަސައްކަތް ކޮށްފައި ވެއެވެ.
ބަޑީގެ ޙަމަލާތަކުގެ އަޑު އިވުމާއިއެކު، ސީކްރެޓް ސަރވިސްގެ އޭޖެންޓުން ވަގުތުން ވަނީ ވަކި ސްޓޭޖެއްގައި ތިއްބެވި ރައީސް ޓްރަމްޕާއި އޭނާގެ އަނބިކަނބަލުން މެލާނިޔާ ޓްރަމްޕް ރައްކާތެރިކޮށް، ހޯލުން ނެރެފައެވެ.އެއާ އެކުއެކީ ހަމަ އެސްޓޭޖްގައި ތިއްބެވި އެހެން އިއްޒަތްތެރިންނަށްވެސް ވަނީ ހިމާޔަތް ދީގެން އެތަނުން ނެރެފައެވެ.
އެ ފަރީއްކޮޅަށް އަމާޒުކޮށް ބަޑީގެ ޙަމަލާތަކެއްދިން މީހާ ހައްޔަރުކޮށްފައިވާއިރު، ކަމާގުޅޭ އިދާރާތަކުގެ އޮފިސަރުން މިހާރު ގެންދަނީ ކެލިފޯނިޔާގައިހުންނަ އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށް އިތުރު ތަހްގީގުތައް ކުރަމުންނެވެ. މިއީ، ހަމަލާ ދިންމީހާ އަމިއްލައަށް ރާވައި، ދީފައިވާ ޙަމަލާއެއް ކަމުގައި އެމެރިކާގެ ތަޙުޤީޤީ އިދާރާތަކުން ބުނެފައި ވެއެވެ.
ބަޑީގެ އަޑާއެކު ފަރީއްކޮޅުގައި ބައިވެރިވި 2,600 އެއްހާ މީހުންގެ މެދުގައި ބޮޑު ހާސްކަމެއް އުފެދި، މީހުން ހަޅޭއްލަވައި މޭޒުތަކުގެ ދަށަށް ވަދެ ފިލި މަންޒަރު، އެ ސަރަޙައްދުން ޢާންމުކޮށްފައިވާ ވީޑިއޯތަކުން ފެނެއެވެ. ޓްރަމްޕް ވަނީ، ބަޑީގެ ޙަމަލާތައް ދިން މީހާ ހުއްޓުވުމުގައި ސީކްރެޓް ސަރވިސްގެ އޭޖެންޓުން އަދާކޮށްފައިވާ ހިތްވަރުގަދަ ދައުރު ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ ތައުރީފް ކުރައްވާފައެވެ.
މިއީ، 2024 ވަނަ އަހަރު ޕެންސިލްވޭނިޔާގެ ބަޓްލަރގައި ޓްރަމްޕްގެ ކަންފަތްޕުޅަށް އަނިޔާވި ޙަމަލާއާއި، ފްލޮރިޑާގެ ގަލްފް ކްލަބުގައި އޭނާ އަވަހާރަކޮށްލަން އުޅުނު ހާދިސާއަށްފަހު ދީފައިވާ މި ފަދަ ތިންވަނަ ޙަމަލާ އެވެ.
މި ހާދިސާ ހިނގި ހިލްޓަން ހޮޓަލަކީ 1981 ވަނަ އަހަރު ކުރީގެ ރައީސް ރޮނަލްޑް ރޭގަން އަވަހާރަކޮށްލުމަށް ވެސް ބަޑީގެ ހަމަލާތަކެއް ދީފައިވާ ތާރީޚީ ހޮޓަލެކެވެ. ސީކްރެޓް ސަރވިސްގެ ތަރުޖަމާނު ބުނީ، ހަތިޔާރު އަޅައިގެން ހުރި މީހާއަށް، ޓްރަމްޕް ހުންނެވި ސަރަޙައްދާ ގާތަށް ވަދެވުނު ގޮތް ހޯދުމަށް ތަޙުޤީޤު ކުރަމުންދާ ކަމުގައެވެ.
މިފަހަރަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ރައީސް ގެ މަގާމުގައި ހުންނަވައިގެން ކަރެސްޕޮންޑެންޓްސް ޑިނަރ ގައި ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ފަހުން ރައީސް ވިދާޅުވެފައިވާ ގޮތުގައި ރޭގެ ހަމަލާ ދިންމީހާ މަސައްކަތް ކުރީ އޭނާޔާ ހަމަޔަށް އައިސް ސީދާ އޭނާޔަށް ހަމަލާ ދިނުމަށް ކަމަށް ގަބޫލު ކުރެވެއެވެ. މިކަން ހުއްޓުވުމަށް ސީކްރެޓް ސަރވިސް ގެ އޮފިސަރުން ކުރި މަސައްކަތަށް ޓްރަމްޕް ތައުރީފް ކުރައްވާފައިވެއެވެ.
![]()
