އީރާންގެ ވައިގެ ސަރަހައްދުން ބައެއް ހޮނިހިރު ދުވަހުން ފެށިގެން ބައިނަލް އަޤްވާމީ ދަތުރު ތަކަށް ހުޅުވާލާފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.
އީރާންގެ ސިވިލް އެވިއޭޝަން އޯގަނައިޒޭޝަނާ ހަވާލާދީ މެހެރު ނޫސް އެޖެންސީން ބުނި ގޮތުގައި އީރާނުގެ އިރުމަތީ ފަޅީގެ ވައިގެ ސަރަހައްދު، އިންޓަނޭޝަނަލް ފްލައިޓް ތަކަށް މިހާރު ބޭނުން ކުރެވޭނެ ކަމުގައެވެ. މިގޮތުން މިސަރަހައްދުގައި ހިމެނޭ ހަ އެއާޕޯޓްގައި ދަތުރުތައް ފަށާފައިވާ ކަމަށްވެސް އެނޫސް ބުނެފައިވެއެވެ.މިލިޓަރީ އަދި ސިވީލިއަން އިދާރާ ތަކުން އާންމު ފަސިންޖަރުންނަށް ޚިދުމަށް ދިނުމަށް ތައްޔާރުވަމުންދާ މިންވަރުގެ މައްޗަށް ބިނާކޮށް އެހެން އެއާޕޯޓްތައް ވެސް ހުޅުވުމުގެ ހުއްދަ ދެމުން ގެންދާނެ ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.މިހަބަރާއެކު އީރާންގެ އެއާލައިން ތަކުންވެސް ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ފްލައިޓް ތައްފެށުމަށް ތައްޔާރު ވަމުން ދާކަމަށް މީޑިޔާ ރިޕޯޓްތަކުން ބުނެފައި ވެއެވެ. އެމެރިކާ އަދި އިޒްރޭލު ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ވަނީ އީރާނަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީފައެވެ.މިކަމުގެ ރައްދުގައި އީރާނުންވެސް ވަނީ އިޒްރޭލުގެ އިތުރުން އެމެރިކާ އަދި އިޒްރޭލަށް މަދަދުވެރިވާ އަވަށްޓެރި ބައެއް ގައުމުތަކަށް ރައްދު ހަމަލާތަކެއް ދީފައެވެ. މިހަމަލާތައް މިހާރުވަނީ 2 ހަފްތާ އަށް މެދުކަޑާ ލާފައެވެ.އެއީ ޕާކިސްތާން މެދުވެރިވެގެން ބޭއްވި ސުލްހައިގެ މަޝްވަރާތަކަކަށް ފަހުއެވެ. މަޝްވަރާ ތަކުގައި ބައިވެރިވުމަށް ތެހްރާން އަދި އެމެރިކާގެ ވެރިން ވަނީ އިސްލާމް އާބާދަށް ވަޑައިގެންފައެވެ. ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު މިއަންނަ ބުދަ ދުވަހަށް ހަމަވާއިރު، މަޝްވަރާތަކުގެ ދެވަނަ ބުރެއް ބޭއްވުމަށްވެސް ހުރިހާ ފަރާތްތަކަކުން ދަނީ ތައްޔާރު ވަމުންނެވެ.
![]()
