ކައިވެނި ކުރި ދުވަހުން ފެށިގެންވެސް އަހަރެންނާއި ފިރިމީހާ އީތަން ނިދަމުން އައީ އެކުގައި އެއް އެނދެއްގައެވެ. އެހެންވެސް ދެމަފިރިން ފަދައިންނެވެ. ނަމަވެސް ވަކިހަމަޔަކުން އީތަން ގެސްޓްރޫމްގައި ނިދަން ދާން ފެށިއެވެ. އަހަރެން ގުގުރި ދަމާވަރުން އުނދަގޫ ވާކަމަށް ބުނެއެވެ.
މިކަމާ ފުރަތަމަ އަހަރެން މާބޮޑަކަށް ނުވިސްނަމެވެ. ނަމަވެސް ކޮންމެ ރެޔަކުވެސް ދާން ފެށުމުން އަހަރެން ކަންބޮޑުވާން ފެށިއެވެ. އެވާހަކަ ދެއްކުމުން އީތަން ބުނެއެވެ.އަހަރެން ލީނާދެކެ ލޯބިވެއެވެ. ނަމަވެސް މިގޮތަށް ދާން ޖެހެނީ އަހަރެންގެ ސިއްހަތަށް ޓަކައެވެ. ފުރިހަމަ ނިދި ނުލިބޭތީއެވެ.
މިވާހަކަތައް އަހަރެން އޭރު ގަބޫލު ކުރީމެވެ. އެހެން ކަމުން ގުގުރި ދެމުން ހުއްޓުމަށްޓަކައި އަހަރެން އެތައް ކަމެއް ކުރީމެވެ. ނޭފަތަށް ޖަހާ ސްޕްރޭ ތައްބޭނުން ކުރީމެވެ. އެކިވައްތަރުގެ ހަރބަލް ސައިތައް ގަނެގެން ބުއީމެވެ. މީގެ އިތުރުން އެކަމަށް ޚާއްސަ އެކިވައްތަރުގެ ބާލީސް ގަނެގެން ބޭނުން ކުރަންފެށީމެވެ. ނަމަވެސް އީތަން ބުނާ ގޮތުން އަހަރެންގެ ގުގުރި ދެމުމަށް ބަދަލެއް ނާދެއެވެ. އަހަރެން ދެރަވެގެން އެވާހަކަ ދައްކަން ފެށުމުން އީތަން ބުންޏެވެ.“އެހާބޮޑަށް ދެން އެކަމާ ނުވިސްނާށެވެ.“
އެކަމަކު އަހަރެންނަށް ނުވިސްނާ ހުރެވޭނެ ހެއްޔެވެ. އީތަން ކޮންމެ ރެޔަކުވެސް ފޯނާ ލެޕްޓޮޕް ހިފައިގެން ގޮސް ގެސްޓްރޫމަށް ވަދެ ދޮރުވެސް ތަޅުލާތީއެވެ. އަދި އެތަނުން ފެންވެސް ވަރަށް ފަށާފައިވާތީއެވެ. ފަހަކަށް އައިސް ހީވަނީ އޭނަ އުޅެނީވެސް ގެސްޓް ރޫމްގަ ހެންނެވެ.
މިއީ ދެމީހުންގެ ކައިވެނި ރޫޅޭވަރުގެ ކަމަކަށް ވެސް ވެދާނެތީ އަހަރެން ގުގުރިދެމުމާބެހޭ ޚާއްސަ ޑޮކްޓަރަކަށް ދައްކަން ނިންމީމެވެ. އަދި ޑޮކްޓަރަށް އަޑު އިއްވުމަށްޓަކައި އަހަރެންގެ ގުގުރީގެ އަޑު ރިކޯޑް ކުރަން އަހަރެން ނިންމީމެވެ.
ހެނދުނު ހޭލެވުމާއި އެކު ދަތްވެސް ނޫގުޅާ އަހަރެން ރިކޯޑަރު ނަގާ ޖައްސާލީމެވެ. މިއީ ކިހާވަރެއްގެ ކަމެއްތޯ ބެލުމަށެވެ. ނަމަވެސް އޭގައި އެއްވެސް ގުގުރީގެ އަޑެއް ރެކޯޑް ވެފައެއް ނުވެއެވެ. ހުރީ ހަމަ އެކަނި ގޭތެރޭގެ ބައެއް އަޑުތަކެވެ. ދޮރެއް ހުޅުވާލައްފާ އަޑުފަދަ، އޭސީ ގެ ހަމް އަޑުފަދަ އަޑުތަކެވެ.
އެހެން ވީމަ އީތަން އަހަރެންނަށް ދޮގު އެ ހަދަނީ ކީއްވެގެން ބާވައެވެ؟މިސުވާލުތަކާއެކު ގެސްޓްރޫމްގައި އޭނާ ކުރާ ކަމެއް ބަލަން އަހަރެން ނިންމީމެވެ. އަދި އެރޭ ދަންވަރު 2 ޖަހާއިރަށް އަހަރެން ފޯނު ސޯނާ ކުރީމެވެ.
އެލާމް ވުމާއި އެކު އެކޮޓަރީގެ ސްޕެއާ ތަޅުދަނޑި ނަގައިގެން އަހަރެން މަޑުމަޑުން ގޮސް ވަރަށް ސިއްރު ސިއްރުން ކުޑަކުޑަކޮށް ދޮރުހުޅުވާލީމެވެ.
އޭނަ ކުރަން އިންކަންތައް ފެނިފަ އަހަރެން ސިއްސައިގެން ދިޔައެވެ….
އަހަރުމެން ދެމީހުން އިނީއްސުރެ އަހަރުމެން އުޅުނީ ދަރިއަކު ނުލިބިގެންނެވެ. ފަހަރަކު ޑޮކްޓަރަކަށް ދައްކާ ފަރުވާ ކުރަމުންނެވެ. އެކި އެކްސްޕަރޓުންގެ ލަފާހޯދާ އެގޮތްގޮތަށް ދެމީހުން ބައްދަލް ކުރަމުން ދިޔައިމެވެ. މިހެން އުޅެމުން އީތަން ކުއްލިއަކަށް އެނދުން ފޭބުމުން އަހަރެން ކަންބޮޑުވާނެ ނޫން ހެއްޔެވެ.
އަހަރެން ދޮރުހުޅުވާލިއިރު އީތަން އިނީ މޭޒު ކައިރީގައި ލެޕްޓޮޕުން މަސައްކަތެއް ކުރާށެވެ. އޭގެ ތެރެޔަށް ރަގަޅަށް ގެނބިގެންނެވެ. އެތައް ތެބް ތަކެއް ހުޅުވާފަ ހުއްޓެވެ.ބޮޑަށް ބަލާލުމުން އަހަރެންނަށް ފެނުނީ އީމެއިލް ޗެއިންއަކާ،ފައިސާދައްކާ ޕްލެޓްފޯމަކާ 12 ވަރަކަށް އަހަރުގެ ފިރިހެން ކުއްޖެއްގެ ފޮޓޯ ތަކެކެވެ. މިތަން ފެނި އަހަރެންނަށް ކުއްލިއަކަށް އީތަންގެ ނަމުން ގޮވާލެވުނެވެ.
އަހަރެންގެ އަޑު އިވުމުން އީތަން ސިއްސައިގެން ދިޔަވަރުން މޭޒުމަތީ ހުރި ކޮފީ މަގްވެސް ނުވެއްޓުނީ ކިރިޔާއެވެ. އޭނަގަޔަށް ހީވީ ކަރަންޓް އައިހެނެވެ. އަދި މިގަޑީގައި ހޭލާ ތިކުރަނީ ކީއްތޯ ސުވާލުކުރިއެވެ.
”އަހަރެންނަށްވެސް އީތަން ކައިރީ ތިޔަ ސުވާލު ކުރެވިދާނެއެވެ“ އަހަރެން ބުނީމެވެ.
އަހަރެން މިހެން ބުނުމުން ކުއްލިއަކަށް އޭނާތެދުވަން އުޅުމުން ގޮޑިވެސް ނުވެއްޓުނީ ކިރިޔާއެވެ. ކޮޅަށް ތެދުވުމަށްފަހު އެކިތަންތަނަށް އޭނަ ނަޒަރު ހިންގަން ފެށިއެވެ. އަހަރެންނާ ދިމާލަށް ފިޔަވައެވެ.
އެންމެ ފަހުން ބުންޏެވެ.“މިއީ ލީނާ ތިޔަހީކުރާކަހަލަ ކަމެއް ނޫނެވެ. އަހަރެން ބައެއް ފްރީލާންސް މަސައްކަތް ކޮށްލަނީއެވެ.“
”ފްރީލާންސް މަސައްކަތް ކުރަނީއޭ؟ ދަންވަރު ދޭއްޖަހާއިރު ގެސްޓްރޫމްގައި ދޮރު ތަޅުލައިގެން ހެއްޔެވެ؟“ އަހަރެން ހަށަން ބަދެގެން ހުރެ ސުވާލުކުރީމެވެ.
”މިކުރާ ކަމެއް އަހަރެން ނަށް ކިޔާދެވިދާނެއެވެ.“ އީތަން އެންމެ ފަހުން ބުންޏެވެ.
”އެހެން ވިއްޔާ ކިޔާދޭށެވެ“ އަހަރެން ހުރި ގޮތަށް ހުރެފަ ބުނީމެވެ.
އޭނަ ބޮލުގެ އިސްތަށިގަޑުން އިނގިލިތައް ހިންގާލިއެވެ.އަދި އަނެއްކާވެސް ގޮޑީގަ އިށީނެވެ. ދެކޮނޑު އެލުވާލިއެވެ. އަދި އިސްޖަހާލުމަށްފަހު ދެއަތްތިލައިން މޫނު ފޮރުވާލިއެވެ. އަދި ބުނަން ފެށިއެވެ. ”މިކަން ލީނާ އަށް އެނގެން އަހަރެން ބޭނުންވީ މިގޮތަކަށް ނޫނެވެ.“
”ދެން ކޮންގޮތަކަށް ހެއްޔެވެ؟“ އަހަރެން މިހެން ބުނީ ވަރަށް މަޑުން ކަމަށްވިއަސް އަހަރެން އައިސްފަ ހުރި ރުޅި އަހަރެންގެ އަޑުން ފާޅުވިއެވެ.
އެންމެ ފަހުން އޭނަ އަހަރެންނާ ދިމާލަށް ބަލާލިއެވެ. އަދި ބުންޏެވެ. ”އާއެކެވެ. އަހަރެން ލީނާ އަށް ދޮގުހެދިއްޖެއެވެ. އެކަމަކު އެއީ ލީނާދެކެ ލޯބި ނުވާތީ އެއްނޫނެވެ. އަހަރެން ވަރަށް ބޮޑަށް ލީނާދެކެ ލޯބިވެއެވެ. މިވާހަކަ ލީނާ ކައިރީ ބުނާނެ ގޮތެއް އަހަރެންނަށް ނޭގުނީ އެވެ.“
”ކޮންވާހަކައެއް ހެއްޔެވެ؟“ އަހަރެން އަނެއްކާވެސް ކިރިޔާ އަޑުބޭރުވާ ވަރަށް ބުނީމެވެ.
އޭނާ މަޑުމަޑުން ލެޕްޓޮޕް އަހަރެންނާ ދިމާލަށް އަނބުރާލިއެވެ. އޭރު ކުޑަ ފިރިހެން ކުއްޖާގެ ފޮޓޯ ވަނީ ސްކްރީން ފުރާލާފައެވެ. މަޑު މުށިކުލައިގެ އިސްތަށިކޮޅެކެވެ. އީތަންގެ އިސްތަށިގަޑު ގޮތަށެވެ. ހިނިތުން ވުމާއި ދަތްދޮޅީގައިވާ އަޑިކޮޅު ވެސް އީތަންއާއި އެއްގޮތެވެ.
”ތިޔައީ ކޮންކުއްޖެއް ހެއްޔެވެ؟“ އަހަރެން ސުވާލު ކުރީމެވެ.
”އަހަރެންގެ ދަރިއެކެވެ.“
އަހަރެންނަށް ހީވީ އަހަރެން ހުރި ދިމާލުން ތަޅުންގަނޑު ދެމިގަތް ހެންނެވެ. ވެއްޓިދާނެތީ އަވަސް އަވަހަށް ތަނެއްގައި ހިފެހެއްޓީމެވެ.
”އޭނަ ހުރިކަން މީގެ ދެތިންހަތަރު މަސް ކުރިން ނޫނީ އަހަރެންނަށްވެސް ނޭގެއެވެ.“ އީތަން އަވަސް އަވަހަށް ބުންޏެވެ. ”އޭނާގެ މަންމަ ލައުރާ އަކީ ލީނާޔާ ބައްދަލު ވުމުގެ ކުރިން އަހަރެން ޑޭޓް ކުރި އަންހެނެކެވެ. ދެމީހުން ރުޅިވުމަށްފަހު އަހަރެންވެސް ވަޒީފާއެއް ލިބި އެހެން ތަނަކަށް ބަދަލުވީއެވެ. އޭގެ ފަހުން ދެމީހުން އެއްވެސް ގުޅުމެއް ނުބާއްވަމެވެ.“
”އޭނަ ބަލިވެއިން ވާހަކަ ނުބުނޭ ހެއްޔެވެ.؟“ ކަރު ބެދިފައިވާ އަޑަކުން އަހަރެން ސުވާލު ކުރީމެވެ.
”އާއެކެވެ. ވަކިވަމުން އޭނަ ބުނި ގޮތުގައި އޭނަޔަށް އެކަނި ހުރިހާ ކަމެއް މެނޭޖް ކުރެވޭނެއެވެ. އޭގެ ފަހުން ހަބަރެއް ނުވެއެވެ. ނަމަވެސް މީގެ ހަތަރު މަސްކުރިން ފޭސްބުކް އިން އޭނަ އަހަރެން ހޯދިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. އޭނާޔަށް ބޮޑު ބައްޔެއް ޖެހިފައިވާ ކަމަށް ބުނެ ދަރިފުޅު ސެލެބް ހުރިކަމުގެ ޚަބަރު ދިނެވެ. އޭނަގެ ބަލި ހާލަތު ހުރި ގޮތުން މިހާރު ވަޒީފާވެސް އަދާކުރެވޭ ވަރުނުވާކަމަށާ އޭނަޔަށް ކަމެއް ވުމުގެ ކުރިން ސެލެބް އަހަރެންނާ ހަވާލުކުރަން ބޭނުން ކަމަށް ބުންޏެވެ.“
”ސެލެބް“… އަހަރެންނަށް އެނަން ކިޔާ ލެވުނެވެ. އެވަގުތު އީތަން ބުންޏެވެ.“އެއީ ދަރިފުޅެވެ.“
”ތިޔަބުނާ ލައުރާ ދެއްކިހާ ވާހަކައެއް ހަމަ އީތަން ގަބޫލު ކޮށްލީހެއްޔެވެ.؟“ އަހަރެން އެންމެ ފަހުން ސުވާލު ކުރީމެވެ. ”ނޫނެކެވެ. އެއީ އަހަރެންގެ ދަރިއެއްކަމުގެ ޕްރޫފް ބޭނުން ކަމަށް އަހަރެން ބުނީމެވެ.
އެހެންވެ ޓެސްޓް ތައް ހެއްދުމުންވެސް އެއީ އަހަރެންގެ ދަރިއެއްކަން ވަނީ ޔަގީން ކުރެވިފައެވެ.“
”އެހެން ވީމަ އަހަރެން ގުގުރި ދަމަނީއޭ ކިޔައިގެން ދެއްކިހާ ބަހަނާ އެއީ ހުސް ދޮގު ނޫން ހެއްޔެވެ.؟“ އަހަރެން މިހެން ބުނުމުން އޭނަޔަށް ހީވީ އަހަރެން އޭނަ ގައިގާ ޖެހި ހެންނެވެ. އަދި ބުންޏެވެ. “ ދޮގު ހެދުމުގެ ގަސްތެއް އަހަރެންގެ އެއްގޮތަކަށް ވެސް ނެތެވެ.ލީނާ ވެސް އުޅެނީ ވަރަށް ބޮޑު ސްޓްރެސް ގަނޑެއްގެ ތެރޭގައި ކަމަށްވާތީ މިވަރުގެ އިތުރު ސްޓްރެސް އެއް ޖައްސަން އަހަރެން ބޭނުން ނުވީއެވެ.
”އެކަމަކުވެސް އަމިއްލަ ދަރިއެއް ހުރިކަން ސިއްރުކުރުން އަހަރެނަށް ބަލައެއް ނުގަނެވޭނެއެވެ.“
”އަހަރެން ވިސްނީ ސިއްރުން އެމީހުންނަށް އެހީތެރިވެދީ ހަދާނަމަ އެއީ އަހަރުންގެ ކައިވެންނަށް އެޅޭ ހިޔަންޔަކަށް ނުވާނެ ކަމަށެވެ.އެހެންވެ އަހަރެން އޮންލައިން ކޮން އިތުރު މަސައްކަތް ކުރަން ފެށީއެވެ.ސެލެބްގެ ސްކޫލް ޚަރަދުތަކަށާ ލައުރާގެ މެޑިކަލް ކަންކަމަށް އަހަރެން ލާރި ފޮނުވަމެވެ.“
”އެކަމަކު އަހަރެންގެ މޫނު މައްޗަށް ދޮގުހަދާފަ ނޫންހެއްޔެވެ.“އަހަރެން ބޮޑާހާކާލީމެވެ.
”އަހަރެން ލީނާ އަށް އިތުރު ހިއްދަތިކަމެއް ދޭން ބޭނުން ނުވީއެވެ.“އޭނާ ތަކުރާރުކޮށް ބުންޏެވެ.
”އެހެންނަމަ އަހަރެން ނަށް އިތުބާރު ކޮށްފަ ފުރަތަމަ ވެސް އަހަރެންނަށް ހުރިހާ ވާހަކަ އެއް ކިޔާދިންނަމަ އަހަރެން ވަރަށް އުފާވީހެވެ.“ އަހަރެން މިހެން ބުނުމުން އީތަން އަހަރެންނާ ގާތަށް ޖެހިލިއެވެ.އަދި ބުންޏެވެ. ”އަހަރެން މިކަން ސިއްރުކުރީ ލީނާ ދެކެ ލޯބިނުވާތީ ކަމަށް ހީނުކުރުން ވަރަށް ބޮޑަށް އެދެމެވެ.ލީނާ އަހަރެންނަށް ގެއްލިދާނެތީ އަހަރެން ބިރުގަތީއެވެ.“
”އީތަން އަށް އަހަރެން ނުގެއްލުނީ ހަމަ ކިރިޔާ ކަމަށް ބަލާށެވެ. އާއެކެވެ. އަދި އަހަރެން އެބަހުރީމެވެ. ނަމަވެސް މިވަގުތު މައިގަޑު ނިންމުން އޮތީ އީތަންގެ އަތުގައެވެ.އެއީ ހާމަ،ދެފުށް ފެންނަ އުސޫލުތަކާއެކު އަހަރުމެންގެ ލައިފް ކުރިޔަށް ގެންދާނީތޯ ނުވަތަ ”ގިލްޓީ“ މީހެއްގެ ގޮތުގައި އެކަނި ހުންނާނީތޯ މިއެވެ.“
އެވަގުތު އޭނަގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. އަދި ބުންޏެވެ.“އަހަރެން މީގެ ފަހުން ލީނާ އަށް އެއްވެސް ކަމެއް ސިއްރެއް ނުކުރާނަމެވެ.“
އަހަރެން އެންމެ ފަހުން ސުވާލުކުރީމެވެ. ”ދެން ކުރިޔަށް ދާން ގަސްތުކުރަނީ ކިހިނެއްހެއްޔެވެ؟“
”އަދި ނޭގެއެވެ.ސެލެބް އާ އަހަރެން ބައްދަލް ކުރަން އޭނަގެ މަންމަ އަދި ސެލެބް ވެސް އެދެއެވެ.ބައްޕަ އަކީ ކާކުތޯ މިހާރު ވަރަށް ސުވާލު ކުރާކަމަށް ވެއެވެ.“
އީތަން ސެލެބްއާ ބައްދަލް ކުރަން ބޭނުންތޯ އަހަރެން ދެން ސުވާލުރީމެވެ.މިސުވާލަށް ބައްދަލް ކުރަން ބޭނުން ކަމަށް އޭނާ ބުންޏެވެ.
އަހަރެން އެވަގުތު ބާރަށް ހިންދިރުވާލުމަށްފަހު ބުނީމެވެ.“އެހެން ވިއްޔާ އަހަރުމެން ދެމީހުން އެކުގައިގޮސް ބައްދަލް ކޮށް ވާހަކަ ދައްކަމާ ހެއްޔެވެ.؟“ މިހެން ބުނުމުން އީތަންގެ ދެލޯބޮޑުވެގެން ދިޔައެވެ.އަދި ބުންޏެވެ. ”ލީނާ އަހަރެންނާއެކުގައި ދާން ހަމަ އޯކޭ ހެއްޔެވެ.؟“
”ހަގީގަތުގައި އަހަރެން އޯކޭއެއްނޫނެވެ. ނަމަވެސް އެއްވެސް ކުށެއްނުކުރާ މައުސޫމް ކުއްޖަކަށް އަދަބެއް ދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އީތަންގެ ހަޔާތުގަ އޭނަ ހިމެނޭ ނަމަ އަހަރެންގެ ހަޔާތުގައިވެސް ހިމެނޭނެއެވެ.“ އަހަރެން މިހެން ބުނުމުން އީތަން ވީއުފަލުން ބުނާނެ އެއްޗެއްވެސް ނޭގިފަ އިރުކޮޅަކު ހުއްޓެވެ.އަދި ބުންޏެވެ.“ތިޔަ ބުނި އެއްޗެއް އަހަރެންނަށް މުހިންމު ވަރު ލީނާ އަށް ހިތަށް ވެސް ނުގެނެވޭނެއެވެ.ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.“ ”އަހަރެންނަށް ޝުކުރު އަދާކުރާނެ ކަމެއްނެތެވެ.ދެންވެސް އަހަރެންނަށް ދޮގުނުހަދާށެވެ.“
”އާއެކެވެ. ދުވަހަކުވެސް އަހަރެން ލީނާ އަށް ދޮގެއް ނުހަދާނަމެވެ.“
އޭގެ ދެހަފްތާ ފަހުން ދެމީހުން އެކުގައި ގޮސް އެއްބަސް ވެވުނު ރެސްޓޯރަންޓެއްގައި އީތަންގެ ދަރިފުޅާ ބައްދަލް ކުރީމެވެ.ކުޑަ ބެކް ޕެކެއް އަޅުވައިގެން އަހަރުންގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރީ ހަމަ ވަރަށް ލޯބި ކުއްޖެކެވެ. އަދަބު އިހްތިރާމް އަދާކުރަން އިނގޭ،އަމިއްލަޔަށް ވާހަކަ ދައްކާ ހީސަމާސާކޮށް ހަދަން ކެރޭ ޕްރީ-ޓީން ކުއްޖެކެވެ. އޭނަ ޝައުގުވެރިވާ ކަންތަކާ ކިޔެވުމުގައި ކުރިޔަށްދާން ބޭނުން ރޮގުތަކުގެ ވާހަކަ އަހަރުންނަށް ކިޔައިދީ ހެދިއެވެ.
މުޅިދުވަސް އެއްކޮށް ހެން ސެލެބް އާއެކު ހޭދަކުރަމުން ދިޔައިރު އަހަރެންނަށް ކަމެއް އިހުސާސް ވިއެވެ.އަހަރެން ކުރިން އައިސްފަ ހުރި ރުޅި ފިލާފައިވާކަމެވެ. އަދި އަހަރެންގެ ހިތް މި މަޑުމައިތިރި ކުއްޖާއަށްޓަކައި ހުޅުވިފައިވާކަން އިހުސާސް ވިއެވެ.
(ނިމުނީ)
![]()
