ހޮރްމުޒް ކަނޑުއޮޅި އެމެރިކާއިން ބަންދުކުރުމުގައި ހުރި ރެނދުތައް

Loading

Facebook
Twitter
WhatsApp

އީރާނުގެ ތެޔޮ ގަތުމާއި އަދި މިހާރު އީރާނުގެ އެއްވެސް ބަނދަރަކަށް އެއްވެސް ބޯޓަކަށް ނުދެވޭނެކަން އަންގައި އެމެރިކާއިން އިންޒާރު ދީފައިވާއިރު އެމެރިކާގެ އިންޒާރަށް ރަނގަޅަށް ފެތޭ އީރާނާ ގުޅުންހުރި ޓޭންކަރުތައް އީރާނުގެ ބަނދަރުތަކުން ބަރުކޮށްގެން ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރަމުންދާއިރު އެމެރިކާގެ ކަނޑު ސިފައިން ބަލަބަލާ ތިބުންނޫން އެހެން ކަމެއް ނުކުރެވެއެވެ.


އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގަމުން ގެންދިޔަ ހަނގުރާމައިގާ ސުލްހަވެރި މަގެއް ހޯދުމަށްޓަކައި ޕާކިސްތާނުން އިސްނަގައިގެން ކުރި މަސައްކަތުގައި ދެހަފުތާގެ މުއްދަތަކަށް ހަމަލާތައް މެދުކަނޑާލަން އެއްބަސްވެވި ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި އެމެރިކާއާއި އީރާނުން 21 ގަޑިއިރުވަންދެން މަޝްވަރާތައް ކުރިއަށް ގެންދިއަކަމަށްވެއެވެ. އެ ހިސާބުން އެމެރިކާ ވަފުދުގެ އެންމެ އިސްކޮށްހުންނެވި ނައިބު ރައީސަށް ޖޭ ޑީ ވޭންސް އަށް ލިބިވަޑައިގެންނެވި ފޯން ކޯލްއަކާއެކު އީރާނުގެ ސަބަބުން ވާހަކަތައް ކާމިޔާބު ނުރެވޭނެކަމަށް ވިދާޅުވެ ކުއްލިއަކަށް އެނބުރި އެމެރިކާއަށް ވަޑައިގެންފިއެވެ. ދަ ހިލް އިން ރިޕޯރޓް ކޮށްފައިވާގޮތުގައި ހަމަލާތައް ހުއްޓާލަން އެއްބަސްވުން ސަބަބަކަށް ހަދައި އެ ފުރުސަތުގައި ހޮރްމުޒް ކަނޑުއޮޅީގައި އީރާނުން އަޅާފައިވާ މައިންތައް ސާފުކުރުމުގެ ބަހަނާގައި އެމެރިކާގެ 2 ޑެސްޓްރޯޔަރ ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ގަލްފުގެ ތެރެއަށް ވަނުމަށް ގަސްދުކުރިއެވެ. ބައެއް ރިޕޯރޓްތަކުގައި ގަލްފުގެތެރެއަށް ދެމިގަތް ކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް އެމެރިކާގެ ޑެސްޓްރޯޔަރ ހޮރްމުޒް ކަނޑުއޮޅިއަށް ވަންނަން ދަތުރުކުރަނިކޮށް އީރާނުގެ އިންގިލާބީ ލަޝްކަރުން އެއްވެސް މިލިޓްރީ އުޅަނދަކަށް ހުއްދަ ނުލިބޭނެކަން އަންގައި އިންޒާރު ދީފައިވާ ކަމަށް ވެއެވެ. އޭގެ ޖަވާބުގައި މިއީ ހަމަލާތައް ހުއްޓުމުގެ އެއްބަސްވުމުގެ މުއްދަތުގެތެރޭގައި ބައިނަލް އަގްވާމީ ގާނޫނުތަކުގެ ހުދޫދުގެ ތެރެއިން އާންމު ދަތުރު ތަކަށް ހޮރްމުޒްގައި ހުރި މައިންތައް ނަގައި ސާފުކުރުމަށްޓަކައި އެ ކަނޑުއޮޅިއަށް ވަންނަނީ ކަމަށާއި އީރާނަށް އެއްވެސް ގޮތަކުން ޗެލެންޖް ކުރުމުގެ ގަސްދެއް ނެތް ކަމަށް ޑެސްޓްރޯޔަރުން އަންގާފައި ވެއެވެ.
އެމެރިކާގެ މަނަވަރުތައް ހޮރްމުޒް ކަނޑުއޮޅި ހުރަސް ނުކުރާކަން އީރާނުން ބުނެފައިވާތީ އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ބަހެއް ހޯދުމަށް ދަ ހިލް އިން ކުރި މަސައްކަތުން ހޮރްމުޒް ކަނޑުއޮޅީގައި އަޅާފައިހުރި މައިންތައް ނަގައި އާންމު ދަތުރުތަކަށް އެ ކަނޑުއޮޅިއަކީ އަމާން ތަނެއްކަމުގައި ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކްސްގައި ސެންޓްރަލް ކޮމާންޑުން ޕޯސްޓެއް ކޮށްފައި އޮތް ކަން އެގިގެންދިޔައެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ހަނގުރާމަ ފެށުމާގުޅިގެން އީރާނުންވަނީ ވަކި ގައުމުތަކަށް ހޮރްމުޒް ކަނއޮޅިން ދަތުތު ނުކުރެވޭގޮތަށް ބަންދުކޮށްފައިވާކަން އިއުލާންކޮށްފައެވެ. އީރާނުގެ ހުއްދައާއެކު ބައެއް ގައުމުތަކަށް ނިސްބަތްކުރެވޭ ޓޭންކަރ ތަކާއި އެހެނިހެން އުޅަނދުތައް ގެންދިޔައީ އަމާން ކަމާއެކު އެ ކަނޑުއޮޅިން ދަތުރުކުރަމުންނެވެ.
އެމެރިކާއިން ގެންގުޅޭ ހިޔަޅުގެ ވިސްނުމުގައި ހޮރްމުޒް ކަނޑުއޮޅީގައި އަޅާފައިހުރި މައިންތައް ނަގައި ސާފުކުރުމުގެ ނަމުގައި އެ ސަރަހައްދަށް ކައިރިވުމުގެ ފުރުސަތު ލިބުމާއެކު ހޮރްމުޒް ކަނޑުއޮޅިން އެއްވެސް އުޅަނދަކަށް ވަދެ ނިކުމެ ނުހެދޭނެކަން އެމެރިކާގެ ރައީސް އަމުރު ކޮށްފިއެވެ. އެމެރިކާގެ އަމުރު ނުހިނގާނެކަން އެންމެ ފުރަތަމަ ސާބިތުކޮށްދިނީ ޗައިނާ އިންނެވެ. 2 މިލިއަން ފީފާ ތެޔޮ އީރާނުން ބަރުކޮށްގެން ހޮރްމުޒް ކަނޑުއޮޅި އެންމެ ފުރަތަމަ ހުރަސްކުރީ ޗައިނާގެ ތެޔޮ ޓޭންކަރެކެވެ. އެމެރިކާގެ ނޭވީންނަށް ޖެހުނީ ދުރުގައި ބަލަން ތިބޭށެވެ. ޗައިނާއިން އީރާނާއެކު ވިޔަފާރީގެ އެއްބަސް ވުމެއް ވަނީ ގާއިމް ކޮށްފައި ކަމަށާއި އެ ކަމަށް ދުނިޔޭގެ އެއްވެސް ގައުމަކުންހުރަސް އެޅުމަށް ފުރުސަތު ނުލިބޭނެކަމަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ.
ޗައިނާގެ ދިފާއީ ވަޒީރު އެޑްމިރަލް ޑޯންގް ޖުން ވިދާޅުވެފައިވަނީ ޗައިނާގެ ބޯޓުފަހަރު މިނިވަންކަމާއެކު ހޮރްމުޒް ކަނޑުއޮޅިން ދަތުރު ކުރަމުން ގެންދާނެ ކަމަށާއި އަދި އެކަން ނުހުއްޓުވޭނެ ކަމަށެވެ. މިއީ އާދައިގެ އިންޒާރެއް ކަމަށް ނުބެލެވޭ ކަމަށާއި މެދުއިރުމަތީގެ ހާލަތު ހުރިހާ ވަގުތެއްގައި ވެސް ޗައިނާއިން ގެންދަނީ ވަރަށް ކައިރިން ބަލަމުންކަން ދޭހަވެއެވެ. ޗައިނާގެ ހަކަތައިގެ ލޭނާރުގައި އެއްވެސް ގައުމަކުން އަތް އެޅުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި ޗައިނާގެ ބައިލޭޓްރަލް ގުޅުންތަކުގެ ތެރެއަށް އެހެން ގައުމަކުން ނުވަދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ހޯމަދުވަހު ހެނދުނު އިންޑިއާ ގަޑިން 7 ޖެހުމާއެކު އެމެރިކާއިން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާކަމަށް އިއުލާންކޮށް ދީފައިވާ އިންޒާރުގައި މިހާރުވެސް ބޮޑެތި ރެނދުތަކެއް އަޅާފައި ހުރިކަން ހާމަވެއްޖެ ކަމަށާއި ޗައިނާގެ ތެޔޮ ޓޭންކަރުގެ ފަހުން އިރާގާއި އެމިރެޓްސް އަދި ޕާކިސްތާނާއި ކުވޭތުގެ ޓޭންކަރތައްވެސް ހޮރްމުޒް ކަނޑުއޮޅިން ދަތުރުކޮށްފައިވާކަމަށް ރޮއިޓާރސް އިން ބުނެފައިވެއެވެ.
ހޮރްމުޒް ކަނޑުއޮޅި ބަންދުކުރާނެކަމަށް އީރާނުން ދެމުން އައި އިންޒާރު އެމެރިކާއިން ތަންފީޒުކުރަން ފެށުމުން ސައޫދީ އެރޭބިއާއާއި ގަލްފުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށް ސުލްހައިގެ މޭޒަށް ދިއުމަށް އެމެރިކާގެ ރައީ ޑޮނާލްޑް ޓްރަމްޕް އަށް ފިއްތުންތައް ކުރިމަތިކުރަން ފަށައިފި ކަމުގައި ވޯލްސްޓްރީޓް ޖާރނަލުން ހާމަކޮށްފިއެވެ. ސައޫދީ އެރޭބިޔާގެ ތެލުން ބައެއް ސަހަރާގެތެރޭގައި އަޅާފައިހުރި ޕައިޕްލައިން މެދުވެރިކޮށް ރެޑް ސީގައި ހިމެނޭ ސައޫދީ އެރޭބިޔާގެ ބައެއް ބަނދަރުތަކަށް ފޮނުވައިގެން ބަރުކުރުމުގެ އިންތިޒާމް ކުރިއްސުރެން އޮތީ ގާއިމް ކޮށްފައެވެ. ގަލްފުގެ އެހެން ގައުމުތަކުން މި ކަހަލަ އިންތިޒާމެއްވެސް ހަމަޖެހިފައެއް ނެތެވެ. މިހާލަތުގައި އީރާނުންދޭ އިޝާރާތަކަށް ހޫތީ މުޖާހިދުން ރެޑް ސީގެ ބާބުލް މަންދޫބް ކަނޑުއޮޅި ބަންދުކޮށްލައިފިނަމަ ރެޑް ސީގެ މަގުވެސް ސައޫދީ އެރޭބިޔާއަށް ބަންދުވާނެއެވެ. އަދި އީރާނުގެ އިރުޝާދު ލިބުމާއެކު ހޫތީ މުޖާހިދުން މި ކަނޑުއޮޅި ބަންދުކުރާނެ ކަމާދޭތެރޭގައި ޝައްކެއްވެސް ނުކުރެވެއެވެ.
މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކުގައި ސުލްހަވެރި ވެއްޓެއް ގާއިމް ކުރެވިދާނެކަމަށް އަދިވެސް ނުބެލެވޭ ކަމަށާއި އެމެރިކާއިން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރަން ކުރާމަސައްކަތުގެ ސަބަބުން ޗައިނާގެ ކެތްތެރިކަން ކޮޅުންލާފާނެކަމުގެ ބިރުވެރިކަންވެސް އަންނަނީ ފެންމަތި ވަމުންނެވެ. އީރާނާއެކު ޗައިނާއިން ވެފައިވާ ވިޔަފާރީގެ އެއްބަސްވުމަށް ހުރަސްއެޅި އީރާނުގެ ތެޔޮ ޗައިނާއަށް ލިބުމަށް މަގުބަންދުކުރަންއުޅުމަކީ ޗައިނާއިން ފުރުސަތުދޭނެކަމެއްނޫންކަން އެ ގައުމުންވަނީ އާންމު އިންޒާރެއް ދީފައެވެ.
ހޮރްމުޒް ކަނޑުއޮޅިން އެއްވެސް އުޅަނދަކަށް ވަދެ ނިކުމެ ނުހެދޭނެކަން އެމެރިކާއިން އިއުލާންކުރުމުން ބައިނަލް އަގްވާމީ ބައެއް ޕްލެޓްފޯމްތަކުގައި އެމެރިކާއަށް މަލާމާތުގެ ބަސްތައް ރައްދުކުރަންފަށައިފިއެވެ. އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުން އެކަން ދިރުވާ ނުލެވިގެން ދުނިޔޭގެ އިގްތިސާދު އީރާނުން ހައިޖެކްކުރަން އެމެރިކާއިން ފުރުސަތު ނުދޭނަން ކަމަށް ބުނެ އީރާނަށް އެތައް އިންޒާރުތަކެއް ދިނުމަށްފަހު އެންމެފަހުން އެ ކަނޑުއޮޅިން އެއްވެސް އުޅަނދަކަށް ވަދެ ނިކުމެ ދަތުރުކޮށް ނުހެދޭނެކަމަށް އެމެރިކާއިން އިންޒާރު ދިނުމަށްވުރެން ހެއްވާކަމެއް 21 ވަނގަރުނުގައި ދިމާވެދާނެބާވައޭ ބުނެ ބައެއް ޕްލެޓްފޯމް ތަކުގައި ޖޯކް ޖަހަމުންވެސް އެބަ ގެންދެއެވެ. އަދި އެމެރިކާގެ ކުރީގެ ބައެއް އޮފިޝަލުން ވެސް ފާޑުކިޔަމުން އެބަ ގެންދެއެވެ. އީރާނަށް އިންޒާރު ދެމުން ގެންދާއިރު އެމެރިކާގެ ގާނޫނު އަސާސީގެ މަޝްހޫރު 25 ވަނަ އިސްލާހް އެކުލަލާލެވުނު ޒަމާނެއްގައި ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމަށް ވަޑައިގަންނަވާނެކަން ހުވެފުނުން ފެނިވަޑައިގެންފައި އޮތީ ބާވައޭ ހިތަށް އަރައޭ ބުނާ މޭރުމަކުން ކުރީގެ ސީއައިއޭގެ ޑިރެކްޓަރ ޖޯން ބްރެނަން ވާހަކަ ދައްކާފައި ވެއެވެ. އަދި ކޮންގްރެސް ގައި ހިމެނޭ 70 ވަރަކަށް ސެނޭޓުން ގެންދަނީ ރައީސް ޓްރަމްޕް މަގާމުން ވަކިކުރަން ބާރު އަޅަމުންނެވެ.
ޕާކިސްތާނުގައި ބޭއްވުނު މަޝްވަރާތައް ކާމިޔާބު ނުވުމުން ރަޝިޔާގެ ރައީސް އީރާނުގެ ރައީސަށް ފޯނުކުރައްވާފައި ރަޝިޔާއިން ސުލްހައިގެ ވާހަކަތަކަށް މެދުވެރިއެއްގެ ބައި އަދާކުރަން ތައްޔާރުކަމުގައި ދަންނަވާފައިވާކަމަށް އޭ ބީ ސީ ނިއުސްގައި ބުނެފައިވެއެވެ.
އޮބާމާގެ ރިޔާސަތުގެ ދުވަސްވަރު އެކި ގައުމުތަކުގައި ހިފާއްޓާފައި ހުރި އީރާނުގެ 105 ބިލިއަން ޑޮލަރުގެ ތެރެއިން ގަތަރުގެ ބޭންކާ ހަމަޔަށް ލިބިފައިހުރި 6 ބިލިއަން ޑޮލަރު ވަރަށް އަވަހަށް އީރާނަށް ދޫކުރެވޭނެކަމަށް ބުނެފިއެވެ. ހިފާއްޓާފައިހުރި ގިނަ ފައިސާ އެމެރިކާގެ ސްވިފްޓް ނިޒާމްގެ ތެރެއިން މެނުވީ އީރާނަށް ލިބޭނެގޮތެއްވެސް ނެތެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް