ޞައްހަ ހައްޖު ވިސާނެތި ހައްޖުވާ މީހުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ސައޫދީ އިންޓީރިއާ މިނިސްޓްރީން އަންގާރަ ދުވަހު އިއުލާން ކޮށްފައި ވެއެވެ. އަދި ވިސިޓް ވިސާ ފަދަ އެހެނިހެން ވިސާތަކުގައި ގޮސްތިބި ފަރާތްތަކަށް ހިޔާވަހިކަން ދީ ދަތުރު ފަތުރުގެ ޚިދުމަތް ދޭ ފަރާތްތައް ވެސް ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރާނެ ކަން ވަނީ އަންގާފައެވެ.
މިގޮތުން ވިސާ އޯވަރ ސްޓޭ ކުރާފަރާތްކަށް އެހީވާ ފަރާތްތައް ގިނަވެގެން އެއްލައްކަ ސައޫރިޔާލުން ޖޫރިމަނާ ކުރާނެ ކަން ވަނީ އަންގާފައެވެ.
ސައޫދީ ސަރުކާރުން ކުރިން ވަނީ ޒުލްޤައިދާ މަހުގެ އެއްވަނަ ދުވަސް ކަމަށްވާ އެޕްރިލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޒުލްހިއްޖާ މަހުގެ 14 ވަނަ ދުވަހާ ހަމަޔަށް ސައޫދީ އަށް އެތެރެ ވެވޭނީ ހަމައެކަނި ޞައްހަ ހައްޖު ވިސާ އޮތް ފަރާތް ތައްކަން އިއުލާން ކޮށްފައެވެ.
އަންގާރަ ދުވަހު އިއުލާން ކޮށްފައިވާ ގޮތުގައި އެޕްރިލް 18 ވަނަ ދުވަހުގެ ކުރިން ދޫކޮށްފައިވާ ވިސިޓް ވިސާގައި އެތެރެވެފައިވާ މީހުން ހައްޖު ވެއްޖެ ނަމަ ނުވަތަ ހައްޖުވާން މަސައްކަތް ކުރާ ކޮންމެ މީހަކު 20 ހާސް ރިޔާލުން ޖޫރިމަނާ ކުރާނެއެވެ. ހަމަ އެފަދައިން އެމުއްދަތުގައި ވިސިޓް ވިސާގައި މައްކާ އަށާ އެހެންވެސް މުހިންމު ސިޓީ ތަކަށް އެތެރެވެ އެތަންތަނުގައި ތިބިކަން އިގިއްޖެ ނަމަވެސް ހަމަ އެއަދަދުން ޖޫރިމަނާ ކުރާނެއެވެ.
ކަނޑައެޅިފައިވާ މުއްދަތުގައި ޞައްހަ ހައްޖު ވިސާ ނެތި ހައްޖުވި ފަރާތަކަށް ވިސިޓް ވިސާ ހޯދަން ހުށައަޅާފަރާތްތައް ވެސް ގިނަވެގެން އެއްލައްކަ ސައޫދީ ރިޔާލުން ޖޫރިމަނާ ކުރާނެކަން ވަނީ އަންގާފައެވެ. މީގެ އިތުރުން އެފަދަ ފަރާތްތަކަށް އެކޮމޮޑޭޝަންދޭ ހޮޓާ ތަކާއި އެޕާޓްމަންޓް، ޕްރައިވެޓް ގެތައް، ޝެލްޓަރ ތަކުގެ އިތުރުން ހައްޖުވެރިންނަށް ޚާއްސަކޮށް ތައްޔާރުކުރާ އެކޮމޮޑޭޝަން ތައްވެސް ، އެފަދަ ފަރާތްތަކަށް އެހީތެރިވެދިންކަން ހާމަ ވެއްޖެ ނަމަ އެފަރާތްތައްވެސް ގިނަވެގެން އެއްލައްކަ ރިޔާލުން ޖޫރިމަނާ ކުރާނެ އެވެ.
ޖޫރިމަނާ ގެ އިތުރުން، ޞައްހަ ހައްޖު ވިސާ ނެތި ހައްޖުވި ނުވަތަ ހައްޖުވާން އުޅޭ ފަރާތައް، 10 އަހަރު ވަންދެން ސައޫދީއަރަބިއްޔާއަށް ނޭރޭ ގޮތަށް އަނބުރާ ފޮނުވާލެވޭނެ ކަންވެސް ވަނީ އަންގާފައެވެ.
![]()
