އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގާ ރައީސް ބިލް ކްލިންޓަން

Loading

Facebook
Twitter
WhatsApp

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ފެށުމާއި އަދި ވަގުތީގޮތުން ހަމަލާތައް ހުއްޓާލުމާދޭތެރޭ އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ވިދާޅުވެފައިވާއެއްޗެއް އަޑުއައްސަވާ ލައްވާށެވެ. މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. 

                            

ކޮންމެ ގައުމެއްގެ ރައްޔިތުންވެސް ރަނގަޅަށް ފުންނޭވާއެއްލުމަށްފަހު ތިމާގެ ގައުމަށްޓަކައި ހަމަޖެހިލައިގެން ވިސްނާލަންޖެހޭ ވަގުތުތަކެއް އަންނާނެއެވެ. ކުރީދުވަހު ވޯޓުލައިގެން އިންތިޚާބު ކުރެވުނު ވެރިންނާމެދުގައެއް ނޫނެވެ. ނޫސްތަކުގެ ފަލަ ސުރުޚީ ބަލައިގެނެއްވެސް ނޫނެވެ. އެކަމަކު ތިމާ ނިސްބަތްކުރެވޭ ގައުމުގެ ލޮލުން ބަލައިގެންނެވެ. އެ ގައުމު އަމާނާތެއްގެ ގޮތުގައި ތިމާގެ ދަރިންނަށް ފޯރުކޮށްދޭން ޖެހޭނެތީއެވެ.                                    

މިއަދު ވާހަކަދައްކަން މިޖެހުނީ އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންގެންދިޔަ ހަނގުރާމައިގާ އީރާނުގެ މުޅި ސިވިލައިޒޭޝަން އެއްކޮށް ބިމުންފޮހެލައްވާނެކަން ރައީސް ޓްރަމްޕް އިއުލާން ކުރައްވާފައިވާ އެންމެ ފަހު ސިކުންތުގެ އެންމެ ފަހު 90 މިނިޓްގެ ތެރޭގައި ވަގުތީގޮތުން ހަމަލާތައް ހުއްޓާލަން ވެވުނު އެއްބަސްވުމާ ދޭތެރޭގައެވެ.                             

އަހަރެންނަކީ އެ ގޮނޑީގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ މީހަކީމެވެ. އެ ގޮނޑީގެ އިއްޒަތާއި ކަރާމާތް އަދި އެ ގޮނޑީގައި އިށީނުމުގެ ފަޚްރާއި ޝަރަފް ވަރަށް ރަނގަޅަށް ތަޖުރިބާ ކޮށްފައިވާ މީހަކީމެވެ. ގަޑީގެ ކަށި އޭގެދައުރު ފުރިހަމަކުރަމުންދާ އިރު އެ ގޮނޑީގައި އިންނަ މީހާގެ ބާރު ދުނިޔޭގެ ކުރިމަތީގައި ތަސައްވުރުކުރެވުންދާ މިންވަރު ރަނގަޅަށް ދެނެހުރި މީހަކީމެވެ. 1994 ވަނައަހަރު އުތުރު ކޮރެއާގެ މައްސަލާގައި އެ ބާރުގެ ނަތީޖާ އަހަރެން ތަޖުރިބާކުރީމެވެ. އޭގެފަހުން ބޮސްނިއާގެ ހަނގުރާމައިގާ ހަމަ އެތަޖްރިބާ ކުރީމެވެ. މިއިން ކޮންމެ ފަހަރެއްގައިވެސް އެމެރިކާގެ ބާރު ބޭނުންކުރަންޖެހޭނީ ބުއްދި ވެރިކަމާއެކުގައިތޯ ނުވަތަ ބޭނުންގޮތަކަށްތޯ ފައިސަލާކުރަންޖެހުނެވެ. އެއީ އެ ދުވަހު ކުރެވޭ ފައިސަލާއަކުން އެމެރިކާއަށް ދުރުހެލިވެ ނުގަނެވޭތީއެވެ.                                                 

އީރާނާ ދެކޮޅަށް ކުރެވެމުންދިޔަ ހަނގުރާމައިގެ ހަމަލާތައް ވަގުތީގޮތުން ހުއްޓާލަން އިއްޔެގެ ވަގުތެއްގައި ވެވުނު ބިއްލޫރީގެ އެއްބަސްވުމައި މިހާރުވެސް ރެނދުލާން ފަށައިފިއެވެ. ހަނުގާރަމައިގާ ނިސްބަތް ކުރެވޭ ދެފަރާތަށްވެސް ނަސްރު ލިބުނުކަން ގެންދަނީ އިއުލާން ކުރަމުންނެވެ. އެކަމަކު އެއްބަސްވުން ލިޔެފައިވާ ދެލި ނުހިކެނީސް އަހަރެމެންގެ އެންމެ ގާތް ބައިވެރިޔާ އަދިވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ. އެއީ ނަސްރެއްކަމަށް އަހަރެން ނުދެކެމެވެ. އަހަރެން ދެކޭގޮތުގައި މިނިވަން ގައުމެއް ނެތިކޮށްލުމުގެ ތުންފަތް މައްޗަށް ގެންދިއުމަށްފަހު ދެން ކުރަންވީ ކަންތަކުގެ ސާފު މަގެއް އިޚްތިޔާރު ކުރުމަކާ ނުލައި ވިސްނުން ބަދަލުވީއެވެ. މިއީ އެމެރިކާގެ ކޮންމެ ރައްޔިތަކު ވިސްނާ ފިކުރުކުރަންޖެހޭނެ ކަމެކެވެ.                      

އެމެރިކާއިން އަމަލުކުރަމުންގެންދާގޮތާއި އަދި އޭގެ ނަތީޖާއާބެހޭގޮތުން އަހަރެން ވާހަކަދައްކަން ބޭނުންވެއެވެ. އަހަރެންގެ ބައެއް ވާހަތަކުން އެމެރިކާގެ ރައްޔިތުންނަށް ހައިރާންކަން ލިބިގެންދާނެއެވެ. އެންމެ ފުރަތަމަ އެމެރިކާގެ ރައްޔިތުން މި ފިޔަވަޅުގެ މައްޗަށް ނެރުނު ސަބަބު ބަޔާންކޮށްދެވޭތޯ ބަލާނަމެވެ. އެއީ ހަމަކުއްލިއަކަށް ވެގެންދިޔަ ގޮތެއް ނޫނެވެ.             

މިއީ 2015 ވަނައަހަރުއްސުރެން ކުރިމަތިވަމުން އަންނަ ހާލަތެކެވެ. 2015 ވަނައަހަރު އަހަރެމެންގެ ބައިވެރިން ނޭޓޯއާއި އަދި ރަޝިޔާއާއި ޗައިނާގެ ބައިވެރިވުމާއެކު އީރާނުގެ ނިއުކްލިއަރ މަޝްރޫއާ ބެހޭގޮތުން އެއްބަސްވުމަކަށް އާދެވުނެވެ. އެ ފެންވަރުގެ އެއްވެސް އެއްބަސްވުމަކީ މުޅިން ފުރިހަމަ އެއްޗަކަށް ނުވާނެކަން އެންމެ ފުރަތަމަ ގަބޫލުކުރާނީ އަހަރެންނެވެ. އެކަމަކު އެއީ ރަނގަޅު ފެށުމެކެވެ. އީރާނުގެ ނިއުކްލިއަރ މަޝްރޫއު އޮތީ ވަރަށް ރަނގަޅު ފެންވަރެއްގައި މަޝްވަރާކުރެވިފައެވެ. އެ މަޝްރޫއު ހިންގަމުން ގެންދާގޮތުގެ މައުލޫމާތު ލިބިގަނެވޭނެ އިންތިޒާމްތަކަށް ބައިނަލް އަގްވާމީގޮތުން ފާރަލެވޭނެ ރަނގަޅު މިންވަރަކަށް ލޯ ހުޅުވާދީފައި ވެއެވެ. އަދި މެދުއިރުމަތީގެ މަސްލަހަތުތަކަށް ޑިޕްލޯމެސީގެ މަގު އޮތީ ތަނަވަސްކޮށްދީފައެވެ.                                                   

ދެން ފެނިގެންދިޔައީ 2018 ވަނައަހަރު ރައީސް ޓްރަމްޕް އެ އެއްބަސްވުމުން އެކަހެރިވެވަޑައި ގެންނެވިތަނެވެ. އެއަށްވުރެން މޮޅު އެއްބަސްވުމެއް ގެންނާނެކަމަށްވިދާޅުވެ ކުރީގެއެއްބަސްވުން ވީދާލެއްވީއެވެ. ދެން ކަންތައްވީ ގޮތަކީ އީރާނުން ޔުރޭނިއަމް ފައްކާކުރަންފަށައިގަތުމެވެ. ކުރީގެ އެއްބަސްވުމުގެ މައްޗަށް 3.67 ޕަރސެންޓްގައި ހިފޭއްޓިފައި އޮތުމަށްފަހު %60 އަށްވުރެން މައްޗަށް ގެންދިޔައީއެވެ. އަހަރެމެން އެޅި ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ރޫޅިގެން ދިޔައީއެވެ. އެ މަޝްރޫއު ހިނގަމުންދާގޮތް ބަލަންތިބި ފާރަވެރިން އީރާނުން ބޭރުކޮށްލީއެވެ. 21 ވަނަ ގަރުނުގައި އެއްބަސްވެވުނު އެންމެ ރަނގަޅު ނިއުކްލިއަރ ނޮން-ޕްރޮލިފެރޭޝަން އެއްބަސްވުން ބޭކާރު އެއްޗަކަށް ވެގެންދިޔައީއެވެ. އޭގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ނެތިގެނެއް ނޫނެވެ. ހަމައެކަނި ސަބަބަކީ އޭގައި އެހެންމީހެއްގެ ނަންއޮތުމެވެ.              

ދެން މިއަހަރު ފެބްރުއަރީ 28 ވަނަ ދުވަހަށް ފާސްޓްފޮރވާރޑް ކޮށްލަމާހެއްޔެވެ. އެއީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް މިލިޓްރީ ހަމަލާތައް ފެށި ދުވަހެވެ. ނަތިޖާއަކީ ދުނިޔޭގެ ބާޒާރަށް ކޮންމެދުވަހަކު ބޭނުންވާ ހަކަތައިގެ %20 ލިބެންއޮތް ހަމައެކަނި މަގު ހޮރްމުޒް ކަނޑުއޮޅި އެއޮތީ އީރާނުން ބަންދުކޮށްލާފައެވެ. ހަކަތައިގެ އަގުތައް އަތްނުފޯރާ މިންވަރަށް އުފުލިގެންދަނީއެވެ. ދުނިޔޭގެ ބާޒާރަށް ބޭނުންވާ ހަކަތަ ނުލިބިގެން މަރަށް ތެޅެނީއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން އިންސާނުންނަށް ބޭނުންވާ ކާބޯތަކެތި އުފުލާދިނުމުގެ ޚިދުމަތް ފޯރުކޮށްދެމުންގެންދާ އާގުބޯޓުފަހަރު އެވަނީ ބޭނުމެއްނެތް ދެކޮޅުވެރިކަމެއްގެތެރޭގައި ރަހީނުކުރެވިފައެވެ.                                 

އެއަށްފަހު ކުއްލިއަކަށް މި ފެނުނީ ސުލްހައިގެ މަގަށް މެދުވެރިއެއްގެ ބައި އަދާކުރަން ޕާކިސްތާނުން ނިކުތްތަނެވެ. ސުލްހައިގެ ވާހަތަކަށް އީރާނުން 10 ޝަރުތެއް ކަނޑައަޅާފައި ވެއެވެ. އެމެރިކާއިން 15 ޝަރުތެއް ވަނީ ކަނޑައަޅާފައެވެ. މި ޝަރުތުތައް ހިމެނޭ ލިއެކިއުންތައް ފެންމަތި ވުމާއެކު ޖެހިގެންއައި އެންމެފަހު 90 މިނިޓްތެރޭގައި ދެ ހަފުތާގެ މުއްދަތަކަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އެއްބަސްވެވިއްޖެއެވެ.                   

ދެން ފެންނަން މިފެށީ އަނެއްކާވެސް ހުރިހާކަމެއް ބޮއްސުންލައިގެންދާތަނެވެ. ހުށައެޅިފައިވާ ޝަރުތުތައް ބުނާއެއްޗެއް އޮޅުންފިލުވާދޭނަމެވެ. ސުރުޚީތަކަކަށް ވުރެންބޮޑަށް އޭގައި ބުނާ އެއްޗެއްގެ ތަފްސީލު އެނގެންޖެހޭނެއެވެ.                                    

އީރާނުގެ 10 ޝަރުތުތަކަށްބަލާލާއިރު ފެންނަންއޮތީ:                                

ހ. އީރާނާދެކޮޅަށް އެމެރިކާއިން ދުވަހަކުވެސް މިލިޓްރީ ހަމަލާއެއް ނުދިނުން              

ށ. ހޮރްމުޒް ކަނޑުއޮޅިއަކީ އީރާނުގެ އިސްތިގްލާލްގެ ދަށުގައި އޮތްތަނެއްކަން ގަބޫލުކުރުން   

ނ. އީރާނުން ބޭނުންވާ މިންވަރަކަށް ނިއުކްލިއަރ ގާބިލުކަން ލިބިފައި އޮންނަންޖެހޭކަން އެއްބަސްވުން.                                                  

ރ. އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުން.              

ބ. އީރާނާ ދެކޮޅަށް ޔުނައިޓެޑް ނޭޝަންސް އިން ފާސްކޮށްފައިވާ ހުރިހާ ގަރާރެއް އުވާލުން.  

ޅ. ޔުނައިޓެޑް ނޭޝަންސްގެ ސެކިއުރިޓީ ކައުންސިލް އިން އީރާނާދެކޮޅަށް ފާސްކޮށްފައިވާ ހުރިހާ ގަރާރެއް އުވާލުން                                              

ކ. އީރާނާދެކޮޅަށް ބައިނަލް އަގްވާމީ ހަކަތައާބެހޭ އޭޖެންސީގެ ގަވަރނަރުންގެ ފާސްކުރުންތައް އުވާލުން.                                                     

އ. ހަނގުރާމައިގެ ސަބަބުން އީރާނަށް ލިބިފައިވާ އެންމެހާ ގެއްލުންތަކަށް ފުރިހަމައަށް ބަދަލު ދިނުން.                                                         

ވ. މެދުއިރުމަތީގައި ތިބި އެމެރިކާގެ އެމެރިކާ ލަޝްކަރުތަކާއި ވަސީލަތްތައް އެ ސަރަހައްދުން ބޭރުކުރުން.                                                       

މ. ޔަމަނާއި އިރާގާއި އަދި ލެބަނަންވެސް ހިމެނޭގޮތުގައި މީގެ ފަހުން އެއްވެސް ދެކޮޅުވެރި ހަމަލާއެއް ނުދިނުން                                                  

މި ހުރިހާ ޝަރުތުތަކަށް އެއްބަސްވެ ވައިޓްހައުސްއިން މިހާތަނަށް ސޮއިކޮށްފައެއް ނުވެއެވެ. އެކަމަކު އެއީ މަޝްވަރާކުރެވި އެއްބަސްވުމަކަށް އާދެވިދާނެ ޝަރުތުތަކެއް ކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.                                          

ދެކޮޅުވެރިކަމެއް ހައްލުކުރަން ހުށައަޅާފައިވާ ޝަރުތުތަކކަަށް ވާހަކަދައްކައި މަޝްވަރާ ކުރެވިދާނެ ކަމަށް ބުނުމަކީ މަޝްވަރާތަކުގެ ލަގަން އަތުން ދޫވެގެންދިއުންކަހަލަ ކަމެކެވެ. ދެން ފާހަގަކުރަންޖެހޭ އަނެއް ނުކުތާއަކީ ހޮރްމުޒް ކަނޑުއޮޅިން ދަތުރު ކުރުމަށްޓަކައި ކޮންމެ ބޯޓަކުން 2 މިލިއަން ޑޮލަރުގެ ޓޯލްފީއެއް ނަގަން އީރާނުން ނިންމާފައިވާއިރު އެކަމުގައި އީރާނާ ގުޅިގެން އެމެރިކާއަށްވެސް ހިއްސާއެއް ލިބޭގޮތަށް ޖޮއިންޓް-ވެންޗަރ ވިޔަފާރީގެ އިޝާރާތެއް ރައީސް ޓްރަމްޕް ހާމަކުރެއްވުމެވެ. ރޮއިޓާރްސްގެ އަންދާޒާއަށް ބަލާއިރު ޓޯލް ފީގެ ގޮތުގައި އީރާނަށް އަހަރަކު 500 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެއެވެ. މިހާތަނަށް ހޮރްމުޒް ކަނޑުއޮޅިން ހިލޭ ސަބަހަށް ދަތުރުމަށް އެއްވެސް ހުރަހެއް ނެތެވެ. ހަނގުރާމައިގެ ސަބަބުން މިހާރު ވާހަކަދެކެވެމުންދަނީ މީގެ ފަހުން އަގުދީގެންނޫނީ އެ ކަނޑުއޮޅި ހުރަސް ނުކުރެވޭނެ ކަމަށެވެ. 

ދެފަރާތުންވެސް ނަސްރުލިބިއްޖެކަމަށް ދައުވާކުރާއިރު ދެފަރާތުންވެސް ހަދަނީ ދޮގުކަން އެނގެއެވެ. އެހެންގޮތަކަށްބުނާނަމަ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލީ ކީއްވެގެންކަން އެއްފަރާތަކަށްވެސް ރަނގަޅަށް އެނގެއެކޭ ނުބުނެވޭނެއެވެ. ހަނގުރާމަ ހުއްޓުނީ ނޫންކަން އީރާނުގެ ސުޕްރީމް ކައުންސިލުން ބުނެފައިވާތީ އީރާނުން ދެކޭގޮތް ވަރަށް ސާފެވެ. އެއީ އަމާންދިނުމުގެ ނިޝާނެއް ނޫނެވެ. އެއިން ދޭހަވަނީ އީރާނުން ކުރަންބޭނުންވާ ކަމެއްގައި ފަސްނުޖެހޭނެކަމެވެ.                                                 

ވަގުތީގޮތުން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމާދޭތެރޭ އަހަރެން ފާޑުކިއަނީއެއް ނޫނެވެ. ބޮން އެޅުން ހުއްޓާލުމުގެ ސަބަބުން މީހުންގެ ފުރާނަތައް ސަލާމަތްކުރެވޭ ކޮންމެ ދުވަހަކީ ރަނގަޅު ހެޔޮ ދުވަހެކެވެ. ބޮސްނިއާ ހަނގުރާމައިގާ އެ ފިލާވަޅު އަހަންނަށް ދަސްވިއެވެ. ކޭމްޕް ޑޭވިޑްގެ ބައްދަލުވުންތަކުގައި އަހަރެންނަށް އެފިލާވަޅު ދަސްވިއެވެ. އެއީ އަހަރެންގެ އީމާންކަމުގެ ބަޔަކަށް ވެއްޖެއެވެ.                                                       

އަހަރެންނަށް ބަލާނުގަނެވިގެން މިއުޅެނީ އެމެރިކާގެ ވެރިކަމުގެފަރާތުން ހަމައެއް ލަމައެއް ނުބަލާ ހަމަލާތައް ބަދަލުކުރުން ހުއްޓާލުން އަވަސް އަރުވާލުމެވެ. މަޝްހޫރު ޑޭޓްން އެއްބަސްވުމަށް 1995  ވަނައަހަރު އަހަރެމެން މަސައްކަތްކުރިދުވަސްވަރު އެތައް މަސްތަކެއްގައި އަހަރެމެން މަޝްވަރާ ކުރަމުންގެންދިޔައީމެވެ. ރަނގަޅު އެއްބަސްވުމަކަށް އައުމަށްޓަކައި ރިޗަރޑް ހޯލްބްރޯކްގެ މައިބަދައަށް ދާންދެން އެ މަޝްވަރާތަކުގެ ބެކް ޗެނަލް ޑިޕްލޯމެސީގައި ގުރުބާންކުރެއްވިއޭ ބުނެވިދާނެއެވެ. ނޭޓޯގެ ބައިވެރިންނާއެކު ފުރިހަމައަށް ސައްލާ ކުރެވުނެވެ. ކޮންގްރެސްއާއެކު ދިގުދެމިގެންދިޔަ މަޝްވަރާތަކެއް ކުރެވުނެވެ. ނާކާމިޔާބީއާ ދޭތެރޭ ވިސްނާ ފިކުރުކުރަމުން ގެނދިޔައީމެވެ. އަހަރެމެން ހާސިލުކުރަން ބޭނުންވި ލަނޑުދަނޑިއެއް އޮތެވެ. މައްސަލަތައް ހައްލުކުރުމަށް ކޮންމެހެން ބޭނުންވާ އުސޫލުތަކަކީ އެއީއެވެ.                 

މިހާރު މިފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މިރޭ ނިދާހޭލާއިރު ދުނިޔޭގެ ޒަމާންވީ ހަޟާރަތެއް ނައްތާލެވޭނެކަން ރައީސް ޓްރަމްޕް އެމަނިކުފާނުގެ ސޯޝަލް މީޑިއާގައި އިއުލާންކުރެއްވިއެވެ. ހެދުނު 8 ޖެހުމުން އެއީ އެންމެ ފަހުވަގުތު ނިމުނީކަމުގެ ކައުންޓްޑައުން މުޅިދުނިޔެއަށް އެމަނިކުފާނު އަމިއްލައަށް އިއުލާންކުރައްވައި އިންޒާރު ދެއްވިއެވެ. އެމެރިކާއިން ދެން ކަންތައް ކުރަން ނިންމާފައިގޮތް މުޅިދުނިޔެއަށް ބޭޒާރު ކޮށްލައިފިއެވެ. އެއަށްފަހު އެންމެފަހު ވަގުތު ދެން ފެނިގެންދިޔައީ ހަދާނެގޮތެއްނެތި އެމަނިކުފާނުގެ ފައިކައްސާލި މަންޒަރެވެ. ވަކިފަރާތަކަށް ބުރަނުވެ ވާހަކަދައްކާނަމަ ބުނެވޭނީ އެމަނިކުފާނަށް ޖެހިވަޑައިގެންނެވީ އީރުން ބުނިހާއެއްޗަކަށް އާއެކޭ ވިދާޅުވާށެވެ. އެމެރިކާގެ ގާނޫނީ އޮނިގަނޑު ދަންނަ ބޮޑެތި ގާނޫނީ މާހިރުންނާއި ގާނުނުތަކުގެ ބެލެނިވެރިންކަމުގައި ބުނެފައިވާ ކޮންގްރެސްއިން ގިނަ ސުވާލުތަމެއް އުފަންކުރުވިއެވެ.                                                 

ރައީސް ޓްރަމްޕްއަށް ކުރެވޭ ނުކުރެވޭ ކަމެއް އެބަ އެނގޭ ބާވައެވެ. އެމެރިކާގެ ޑިޕްލޯމެސީއަކީ އެއްވެސް އިރެއްގައި އަޑުގަދަ މީހާގެ ރުށްގިނަވުމުގެ ފަލްސަފާއެއް ނޫނެވެ. އެއީ އެންމެ ބޮޑަށް ފަރުވާތެރިވުމާއި އަހްދަށް ރައްކާތެރިވުމާއި އަދި ބައިވެރިންނާއެކު އެންމެފުޅާ ދާއިރާއެއްގައި ގުޅުން ދެމެހެއްޓުމުގެ މަތީގައި ގާއިމް ކުރެވިފައިވާ ފަލްސަފާއެކެވެ. އެއްވެސް ނިންމުމެއް އަމިއްލައަށް ނިންމާލީމާ ދެންތިބިމީހުން ތިބޭނީ ލޯމަރާލާނެ ކަމަށް ބަލައިގެން ނުވާނެއެވެ. އެއީ ޑިޕްލޯމެސީއެއް ނޫނެވެ. އެއަށްކިޔާނީ ޖުވާކުޅުން ކަމަށެވެ. އެމެރިކާގެ ރައްޔިތުންގެ ފުރާނައިން ޖުވާކުޅެނީ ކަމަށެވެ. ދުނިޔޭގެ އިގްތިސާދުން ޖުވާކުޅެނީ ކަމަށެވެ.                     

ފުޅާދާއިރާއެއްގައި ބަލަމުން ގެންދާނަމަ މިދެއްކެނީ އެންމެ ހަނގުރާމަ ހުއްޓުވުމެއް ނުވަތަ އެންމެ ޑީލެއްގެ ވާހަކައެއް ނޫނެވެ. މައްސަލައަކީ އެމެރިކާގެ ޑިޕްލޯމެސީ އަރިއަޅާލިޔަ ނުދީ ހިފާއްޓަމުންގެންދާ ގާރޑްރެއިލް ދަބަރުޖެހައި ހަލާކުވެގެންދާތަން ފެނުމެވެ. އެންމެ ފުރަތަމަ ކޮންގްރެސްއަށް ބަލާލަމާ ހެއްޔެވެ.                                      

މިލިޓްރީ ގޮތުން ބާރުގެބޭނުންކޮށްގެން އެމެރިކާއިން އީރާނާދެކޮޅަށް ހަނގުރާމައެއް ފެށީ ކޮންގްރެސްގެ ހުއްދަ ހޯދުމަކާ ނުލައެވެ. ގާނޫނު އަސާސީގައި އެ ބާރު ދީފައިވަނީ ހަމައެކަނި ކޮންގްރެސްއަށެވެ. އެއްވެސް މީހެއްގެ ސޯޝަލް މީޑިއާއަށް އެ ބާރުދީފައެއްނުވެއެވެ. އީރާނަކީ މިނިވަން ގައުމެކެވެ. މެދުއިރުމަތީގެ އެންމެ ބާރުގަދަ އެއް ގައުމެވެ.                     

ދެން ޚާރިޖީ ވުޒާރާއަށް ބަލާލަމާ ހެއްޔެވެ. ޚާރިޖީ ސިޔަސަތުގައި ޚާއްސަކޮށް މެދުއިރުމަތީގެ ގައުމުތަކާއެކު އެތައްއަހަރެއްވާންދެން ގުޅުން ބަދަހިކުރަމުންދިޔަ ތަޖްރިބާކާރުންތައް ކޮބައި ހެއްޔެވެ ؟ އެހުރިހާތަޖްރިބާކާރުން ތިބީ ވުޒާރާއިން ބާކީ ކޮށްފައެވެ. މަޝްވަރާއާއި ލަފާ ލިބެމުންދަނީ ޚާރިޖީ ސިޔާސަތަކީ ކޮބައިކަންވެސް ނުދަންނަ ބައެއްގެ ކިބައިންނެވެ. ނަތިޖާއަކަށް ވެގެންމިދަނީ ސާރޖަންއަކާނުލައި ބަލިމީހަކު ފަޅާލައި ސާރޖަރީ ކުރުމެވެ.             

އަހަރެމެންގެ އެންމެ ގާތް ބައިވެރިން ކަމުގައި ބެލެވޭ ނޭޓޯއަށް ބަލާލަމާހެއްޔެވެ. ހަނގުރާމަ ހުއްޓާލަން އެއްބަސްވީ ދުވަހު ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާރކް ރުޓޭ ވައިޓް ހައުސްއަށް ވަޑައިގަތުމުން އޭނާއަށްވެސް ލިބިވަޑައިގަތީ ހައިރާންކަމެކެވެ. ވެގެންއުޅޭގޮތުގެ އެއްވެސް މައުލޫމާތެއް ނޭޓޯއަކަށްނޭގެއެވެ. އިސްރާއީލުންބުނަނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލެބަނަން ނުހިމެނޭ ކަމަށެވެ. މެދުވެރިއެއްގެ ބައި އަދާކުރަމުން ގެންދާ ޕާކިސްތާނުން ބުނަނީ ލިބަނަންވެސް ހިމެނިފައިވާކަމަށެވެ. އީރާނުންވެސް ބުނަނީ ލެބަނަން ހިމެނިފައިވާ ކަމަށެވެ. އެމެރިކާ އޮތީ ބުނާނެ އެއްޗެއް ނޭގިފައެވެ. މައްސަލާގައި ހިމެނިފައިވާ ފަރާތްތަކަށް ވެސް އެއްބަސްވެވިފައިވާ ގޮތެއް އެނގޭ ކަމަކަށް ނުވެއެވެ. އޭގެ މާނައަކީ ހަގީގަތުގައި އެއްބަސް ވެވިފައި ނެތުމެވެ. އެއްބަސް ވެވިފައި އޮތީ ނޭންގުމެއްގެ ތެރެއަށެވެ.  

އުފެދިގެން އުޅޭ މައްސަލައަކީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގައި ޑްރާމާކުޅޭ ސަރުކާރެއް އުފެދުމެވެ. މި ގައުމުގައި ކުޅެމުންދާ ޑްރާމާގެ އިނގިލި ދިމާކުރެވިގެންދަނީ  ކޮންގްރެސް އާއި ބައިނަލް އަގްވާމީ ގާނޫނުތަކާއި މި ގައުމުގެ އެކުވެރިންނާއި އަދި ޚާރިޖީ ވުޒާރާއާއި ދިމާލަށެވެ. ޑްރާމާ ކުޅޭ މީހުންނަކަށް އެކަމެއް ނޭގެއެވެ.                                 

މުހިންމު އެހެން ކަމަށްވެސް އަލިއަޅުވާލަން ބޭނުމެވެ. އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ ވަރަށް ފުރިހަމައަށް ކާމިޔާބު ކުރެވި ނަސްރު ލިބިއްޖެކަންރައީސް ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވަނީ އިއުލާންކުރައްވާފައެވެ. އީރާނުން ފައްކާ ކޮށްފައިހުރި ޔޫރޭނިއަމް އެމެރިކާގެ ބާރުގެ ދަށަށް ގެނެވޭނެއެވެ. މިކަން އެނގިގެން ޗައިނާއިން ވަނީ އެމެރިކާއާއެކު އެއްބަސްވުމަކަށް އައިސް ހަނގުރާމަހުއްޓާލަން އީރާނަށް ބާރުއަޅާފައެވެ. އެމެރިކާއާއި ގުޅިގެން އީރާނުން ހޮރްމުޒް ކަނޑުއޮޅި މެނޭޖްކުރަން ރާވާފައިވާކަން އެމެރިކާގެ ރައްޔިތުންނަށް ވަނީ ކިޔާދީފައެވެ. ހަނގުރާމަ ހުއްޓުމުގެ ބަދަލުގައި އީރާނާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް އަންނަން ގަސްދުކޮށްފައިވާކަހަލައެވެ. ޕީޓް ހެގްސެތު ދެކޭގޮތުގައި އެއީ ސުލްހަ ގާއިމް ކުރުމުގެ މޮޅުވިސްނުމެކެވެ. ކޮމެންޓޭޓަރުން ބުނަމުން ގެންދަނީ މެދުއިރުމައްޗަށް ރަނުގެ ޒަމާނެއް އައުންކަމުގައެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ދެކޭގޮތް ހާމަކުރުމުގެ ހައްގު ލިބިފައިވާކަން ގަބޫލުކުރުމާއެކު ތަފާތު ފިކުރުތަކަށް އަހަރެން މަރުހަބާ ކިޔަމެވެ. އަހަރެންނަށް އެއްބަސްނުވެވޭ ހިސާބެއް އޮވެއެވެ.                                                  

އީރާނުގެ ރަސްމީ މީޑިއާއިން އެ ގައުމުގެ ރައްޔިތުންނަށް ހާމަކޮށްދީފައިވަނީ އެމެރިކާއަށް ހިފާއްޓާ ނުލެވިގެން ފަހަތަށް ޖެހުނީ ކަމަށެވެ. ވަގުތީގޮތުން ހަމަލާބަދަލުކުރުން ހުއްޓާލުމަކީ ހަނގުރާމައިގެ ނިމުން ނޫންކަން އީރާނުގެ ސުޕްރީމް ކައުންސިލުން ވަނީ ސާފުބަހުން އިއުލާން ކޮށްފައެވެ. 

މި ހާލަތުގައި ކަންތައް ހިނގަމުންދާގޮތާދޭތެރޭ ވިސްނާލުން ރަނގަޅުވާނެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނަމުން ގެންދަނީ ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމުގައި ލެބަނަން ނުހިމެނޭ ކަމަށެވެ. އެމިރެޓްސްއާއި ކުވޭތަށް ދެމުންގެންދާހަމަލާތަކެއް ނުހުއްޓެއެވެ. ގަލްފު ސަރަހައްދުގައި ހަތަރު ސަތޭކައަށް ވުރެން ގިނަ ބޯޓުފަހަރު އޮތީ ތާށިވެފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު ތިރިއެއް ނުވެއެވެ. ޕްރެސް ކޮންފަރެންސެއްގައި އަތްޖެހުމަކުން ނިންމާލެވިދާނެއެވެ. ސުލްހަ ގާއިމް ކުރުމަކީ އެގޮތަށް ކޮށް ނިންމާލެވިދާނެކަމެއް ނޫނެވެ. ބުއްދިވެރި ރައީސަކުނަމަ ޕްރެސްކޮންފަރެންސްގެ ކެމެރާތައް ނިންވާލުމުގެ ކުރިން ސުލްހަ ގާއިމް ކުރުން ކަށަވަރު ކުރެވެންޖެހޭނެއެވެ. މިނަޒަރުން ބަލާއިރު އަހަރެންނަށް ތިން މަގެއް ފެނެއެވެ. 

ފުރަތަމަ މަގަކީ އިސްލާމް އާބާދުގައި ކުރެވޭ މަޝްވަރާތަކުގައި ސުލްހަ ގާއިމްކުރުމުގެ އުންމީދު ހިމެނިފައި ވުމެވެ. ކޮންމެހެން ބޭނުންވާ އަސާސްތަކުގައި ހިފޭއްޓުމާއެކު އިދިކޮޅު މޭޒުގައިވެސް ހަމަ އެ ވިސްނުން ހުންނާނެކަން ދެނެގަންނަން ޖެހޭނެއެވެ. އީރާނުން ބޭނުންވާ މިންވަރަށް ޔުރޭނިއަމް ފައްކާކުރުމުގެ ފުރުސަތު ބޭނުންވާއިރު ބައިނަލް އަގްވާމީ އިންސްޕެކްޓަރުންނަށް ހުޅުވާލެވިފައިވާ ވެއްޓެއް ކަށަވަރުކުރެވިފައި އޮންނަން ޖެހޭނެއެވެ. އެމެރިކާގެ ސިފައިން އެ ސަރަހައްދުން ފައިބާއިރު އެމެރިކާގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވެންވާނެއެވެ. ހޮރްމުޒް ކަނޑުއޮޅި ހުޅުވި ކުރީގެ މިންގަނޑުން މިނިވަންކަމާއެކު ދަތުރު ކުރެވެން ޖެހޭނެއެވެ. ކޮންގްރެސްގައި ތިބި ތަންދޮރުދަންނަ މެމްބަރުންނަށް މިކަން ކުރެވިދާނެއެވެ.                                                  

ދެން އޮތް މަގަކީ ވަގުތީގޮތުން ހަމަލާތައް ބަދަލުކުރުން ހުއްޓާލެވިފައިއޮތުން ދަންމާލުމާއެކު ހޮރްމުޒް ކަނޑުއޮޅި އީރާނުން ކަނޑައަޅާ ޓޯލް ނިޒާމެއްގެ ދަށުން ވަކި މިންގަނޑުތަކެއްގެ މައްޗަށް އީރާނުގެ ބާރުގެ ދަށުގައި ހުޅުވިފައި އޮތުމެވެ. ޓޯލްގެ ނިޒާމުން އީރާނަށް އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީ ލިބިލިބި ހުންނާނެއެވެ. މިހާލަތުގައި މެދުއިރުމަތީގެ މަސްރަހް އޮންނާނީ ފްރީޒް ވެފައެވެ. ސުލްހައެއް ނެތެވެ. ހަނގުރާމައެއްވެސް ނެތެވެ. ދޭތެރެ ދޭތެރެއިން ކޯޅުންތައް ފެންމަތި ވެގެންއަޔަސް މާބޮޑު ނުރައްކަލެއް މެދުވެރިނުވާނެއެވެ. މި ހާލަތުގައި އީރާނަށް ހިންދެމިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެމެރިކާދެތެރޭ ގައުމުތަކުން ދެކޭގޮތް ނިކަމެތިވެގެންދާނެއެވެ. އަހަރެމެންގެ ބައިވެރިން ގެއްލިގެންދާނެއެވެ. އެމެރިކާގެ ރައްޔިތުން ކަރަންޓާއި ގޭހަށްކުރާ ޚަރަދު އިތުރު ވެގެންދާނެއެވެ. އެކަމަކު މިއީ އެންމެ ރަނގަޅުގޮތް ކަމުގައި އަހަރެން ގަބޫލުކުރަމެވެ.                                              

ތިންވަނައަށް އޮތީ  އަހަރެންގެ ނިދި ގެއްލިގެންދާ ވިސްނުމެވެ. ވަގުތީގޮތުން ހަމަލާތައް ހުއްޓާލުން ކާމިޔާބީއަކާ ހަމަޔަށް ނުދެވުމެވެ. އެ ހިސާބުން އަނެއްކާވެސް ނަތަންޔާހޫގެ ހަމަލާތައް ފެށޭނެއެވެ. ގަލްފުގެ ގައުމުތަކުން އަނެއްކާވެސް އެކަމުގެ ތެރެއަށް ވަންނާނެއެވެ. އީރާނުން އަނެއްކާވެސް ޝަރުތުތައް ކުރިމަތި ކުރާނެއެވެ. ދެ ހަފުތާ ފަހުން އަނެއްކާވެސް ހަނގުރާމައިގެތެރެއަށް ވަންނަން ރައީސް ޓްރަމްޕް އަށް މަޖުބޫރު ވެދާނެއެވެ. އެކަމަކު މިފަހަރު އެމަނިކުފާނުގެ އާރާއިބާރު އޮންނާނީ މާބޮޑަށް ދަށްވެފައެވެ. އެމެރިކާއިން ލޯމަރާލިތަން މިހާރު އޮތީ ދުނިޔެއަށް ފެންނާށެވެ.                                          

ނިންމާލުމުގެ ކުރިން އީރާނާއެކު ޑިޕްލޯމެސީ އިސްކުރުމަށް އަހަރެން އިއުތިރާޒު ނުކުރާނެކަން ހާމަކުރަން ބޭނުމެވެ. މީގެ ކުރިންވެސް ނުކުރަމެވެ. ޑިޕްލޯމެސީއިން ނޫންގޮތެއްގައި މައްސަލަތަކަށް ރަނގަޅު ހައްލެއް ނުގެނެވޭނެކަން އަހަރެން ގަބޫލުކުރަމެވެ. ޑިޕްލޯމެސީއަކީ ފަސޭހަ ގޮތަކަށް ނުވެދާނެއެވެ. އެކަމަކު ދެންއޮތް ކޮންމެ މަގެއް އިޚްތިޔާރުކުރުމުގެ ނުރައްކާ އަދި މާބޮޑުވާނެކަންވެސް އަހަރެން ދަންނަމެވެ. މިހާތަނަށް އެމެރިކާއިން ކޮންމެ ސުލްހަވެރި އެއްބަސްވުމެއް ކާމިޔާބު ކޮށްފައިވާނީ އެމެރިކާއާއި މުޅިން އިދިކޮޅު ފިކުރެއް ގެންގުޅެމުން އައި ގައުތަކާއެކުގައެވެ. ޑިޕްލޯމެސީއަކީ އަމާންދިނުމެއް ނޫނެވެ. އަދި އެއީ އެންމެ މީހެއްގެ ފިކުރަކަށްވެސް ވެގެން ނުވާނެއެވެ. އަދި އެއްބަސްވުމުގެ ދެލި ހިކުމުގެ ކުރިން ވިދާލެވިގެންދާ އެއްޗަކަށްވެސް ވެގެންނުވާނެއެވެ.  

Loading

Leave a Reply

ފަހުގެ އަޕްޑޭޓް