ފްރާންސްގެ އިރުމަތީ ހިސާބެއްގައި، 2024ން ފެށިގެން ވޭން އެއްގައި ބަންދު ކޮށްގެން ގެންގުޅުނު އުމުރުން 9 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުން ސަލާމަތް ކޮށްފިއެވެ. އެގައުމުގެ ޕްރޮސެކިއުޓަރު މީޑިޔާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި ޕާކް ކޮށްފައި އޮތް ޔުޓިލިޓީ ވޭން އެއްގެ ތެރޭ ކުއްޖަކު އެބައޮތް ކަމަށާ ކުއްޖާ ރޯއަޑުއިވޭކަމަށް ފުލުހުންނަށް އެންގީ އަވަށްޓެރިއެއް ކަމަށް ވެއެވެ.
ފުލުހުން ގަދަ ކަމުން ވޭން ހުޅުވާ ބެލިއިރު ކުއްޖާ އޮތީ އޮރިޔާން ހާލުގައި ކުނި ފުންޏެއްގެ މަތީގައި ކުރުގެޅުވިގެން ކަހަލަ ގޮތަކަށެވެ.
ގިނަ މުއްދަތަކަށް އިށީދެގެން އިންނަން ޖައްސާފައިވުމުން ކުއްޖާއަށް ހިނގައިގަންނަން ވެސް އުންދަގޫވި ކަމަށް ވެއެވެ. ފުދޭވަރަށް ކާން ނުދިނުމުގެ ސަބަބުން ކުއްޖާގެ ހަށިގަނޑުވެސް ވަނީ ވަރަށް ބޮޑަށް އަނަރޫފް ވެފައެވެ.ކުއްޖާ ފެނުމާއި އެކު މިހާރުވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށް ފަރުވާ ދޭންފަށާފައި ކަމަށް ވެއެވެ.
ކުއްޖާގެ ބައްޕަ ތަހުގީގީ އިދާރާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި 2024 ވަނައަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ކުއްޖާ ވޭންގައި ބަންދު ކޮށްގެން ގެންގުޅެނީ ކުއްޖާގެ ރައްކަލަކަށެވެ.އެއީ އޭނާގެ ޕާޓްނަރު އެކުއްޖާ ނަފްސާނީ ބަލިމީހުންގެ ހޮސްޕިޓަލަކަށް ގެންދަން އުޅޭތީ ކަމަށް އޭނާ ބުނެފައި ވެއެވެ. ނަމަވެސް ކުއްޖާ ގެއްލުނު ކަމަށް އަޑުއެރުމުގެ ކުރީގައި، ކުއްޖާގެ ކިބައިގައި ނަފްސާނީ މައްސަލަ އެއް ހުރިކަމުގެ މެޑިކަލް ރެކޯޑެއް ނެތް ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.
ކުއްޖާގެ ބައްޕަ މިހާރުވަނީ ކުއްޖަކު ކިޑްނެޕް ކުރިކަމުގެ ކުށުގައި ހައްޔަރު ކޮށްފައެވެ. ކުއްޖާ ވޭންގައި ބަންދު ކޮށްގެން ގެންގުޅޭކަން ނޭގޭކަމަށް ބުނި އޭނާގެ ޕާޓްނަރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އޭނާގެ މައްޗަށް ވެސް ވަނީ ބިރުވެރިކަމެއްގައިވާ ކުޑަކުއްޖަކަށް އެހީތެރިނުވި ކަމުގެ ދައުވާ އުފުލާފައެވެ. އޭނާ ދޫކޮށްލާފައި ހުރީ ޖުޑީޝަލް އޮފިޝަލުން އޭނާއުޅޭނޫޅޭ ގޮތް ބަލާގޮތަށެވެ.
ތަހުގީގު ކުރާފަރާތްތަކަށް ކުއްޖާ ކިޔާދީފައިވާ ގޮތުގައި 2024 ވަނަ އަހަރު އޭނާ ވޭންގައި ބަންދު ކުރިއްސުރެ އޭނާ ފެނެއް ނުވަރައެވެ. އޭނާ ބުނި ގޮތުގައި އޭނަކައިރީ ބައްޕަ ބުނެފައިވަނީ އޭނާ ވޭންގައި ބަންދު ކުރަން ޖެހުނީ ޕާޓްނަރުގެ ކަންތައް ބޮޑުކަމުން އެހެން ގޮތެއް ނެތިގެންނެވެ.
އެއާއިލާގެ ރައްޓެހިންނާއި ތިމާގެ މީހުންނަށްވެސް އިގިފައިވަނީ ކުއްޖާވަނީ ސައިކިއޭޓްރިކް ހޮސްޕިޓަލެއް ގައި ކަމެވެ. އަދި ސްކޫލް އަށް އަންގާފައި އޮތީ ކުއްޖާގެ އާއިލާ އެހެން ހިސާބަކަށް ބަދަލު ވެފައިވާ ކަމަށެވެ.
![]()
