ހުރްްމުޒް ކަނޑުއޮޅިއަކީ އިގްތިޞާދީ ގޮތުން ކާލާމަންނަކަން އީރާނުން ސާބިތުކޮށްދީފި

Loading

Facebook
Twitter
WhatsApp

ހޮރްމުޒް ކަނޑުއޮޅިއަކީ އީރާނުގެ އިސްތިގްލާލްގެތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދަށް އީރާނުގެ ގާނޫނީ ބާރު ހިނގާނެ ކަމާއި އަދި ހިންގާނެކަމަށް އީރާނުން ބުނެފިއެވެ. އަދި އެކަނޑުއޮޅީގެ އެއްވެސް ކަމެއްގައި އެމެރިކާއާއެކު ޖޮއިންޓް-ވެންޗަރެއް ހެދުމުގެ ވިސްނުން އީރާނުން ނުގެންގުޅޭކަމަށްވެސް ބުނެފައިވެއެވެ.


އީރާނުން ހޮރްމުޒް ކަނޑުއޮޅިއަށް އަލާފައިހުރި މައިންތައް ސާފުކުރުމުގެ މަސައްކަތް އެމެރިކާގެ 2 މަނަވަރެއް ބޭނުންކޮށްގެން މިހާރުވަނީ ފަށާފައެވެ. މައިންތައް ސާފުކުރުމަކީ ހޮރްމުޒް ކަނޑުއޮޅި އޮޕަރޭޓްކުރުމުގައި އީރާނާއެކު ޖޮއިންޓް-ވެންޗަރަކަށް ދިއުމުގެ ވިސްނުންފުޅުގައި ފެއްޓެވި މަސައްކަތެއްތޯ ރައީސް ޓްރަމްޕްއަށް ސުވާލު ދެންނެވުމުން ވިދާޅުވެފައިވަނީ އެއީ އެހެން ކަމެއް ކަމަށެވެ. މިހާރު ބޭނުންވަނީ މި ކަނޑުއޮޅިއަކީ ބައިނަލް އަގްވާމީ ދަތުރުތަކަށް ރައްކާތެރިތަނަކަށް ހެދުންކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދިޔަ ހަނގުރާމައިގެ ހަމަލާތައް ވަގުތީ ގޮތުން ދެ ހަފުތާގެ މުއްދަތަށް ހުއްޓާލަން އެއްބަސްވެ ޕާކިސްތާނުން މެދުވެރިއެއްގެ ބައި އަދާކުރަމުންގެންދާ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމުގެ ކުރިން 2 ޝަރުތެއް އީރާނުން ވަނީ ހުށައަޅާފައެވެ. އެ ޝަރުތު ތަކަކީ އިސްރާއީލުން ލެބަނަންގައި ހިންގަމުންދާ އުދުވާން ހުއްޓާލުމާއި އަދި އެމެރިކާގެ ބާރުން ހިފާއްޓާފައިވާ އީރާނުގެ ފައިސާއާއި މިލްކިއްޔާތުތައް އީރާނަށް ދިނުމެވެ. މީގެކުރިންވެސް ވާނީ މިކަންތައްތައް ހުށައަޅާފައިކަމަށާއި މިކަންތައްތައް ހަމަޖެހުމުން ނޫނީ މަޝްވަރާތައް ކުރިއަށް ނުގެންދެވޭނެކަމަށް އީރާނުގެ ވަފުދުންވަނީ ބުނެފައެވެ. މަޝްވަރާތައް ފެށުމުގެ ކުރިން މެދުއިރުމަތީގައި ހަމަޖެހުން ކަށަވަރު ކުރެވިގެން ދާން ޖެހޭނެކަމަށްވެސް އީރާނުގެ ވަފުދުން ގެންދަނީ ބާރު އަޅަމުންނެވެ.
ސުލްހައިވާހަކަތަކުގައި އެމެރިކާ ވަފުދުގައި އެންމެ އިސްކޮށްހުންނެވި ނައިބު ރައީސް ޖޭ ޑީ ވޭންސް “ އެމެރިކާއާއި ކުޅެން ނޫޅުމަށް “ އީރާނަށް އިންޒާރު ދެއްވާފައިވާކަން ރޮއިޓާރސް އިން ރިޕޯރޓް ކޮށްފައިވެއެވެ. ތެހެރާނުން ގޮތް ދޫނުކުރާނަމަ މަޝްވަރާކުރުން ކާމިޔާބު ނުކުރެވޭނެކަން ދޭހަވާ މޭރުމަކުން ނައިބު ރައީސް ވާހަކަ ދައްކަވާފައިވާކަމަށްވެސް ރޮއިޓާރސް އިން ވަނީ ރިޕޯރޓް ކޮށްފައެވެ.
އެމެރިކާއާއެކު ސުލްހައިގެ ވާހަކަތައް ފެށުމާއެކު ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ޓޯލް ފީ ނެގުމުގައި އީރާނުން އަމަލުކުރާނެ ގޮތުގެ މާސްޓަރ ޕްލޭން ވަނީ އިއުލާންކޮށްފައެވެ. އެމެރިކާއާއި ހުޅަނގުގެ އިގްތިސާދީ ފިއްތުންތަކާހުރެ އީރާނުފެ ރިޔާލައަކީ ދުނިޔޭގެ ނިސްބަތުން ވަރަށް އަގުދަށް ފައިސާއެކެވެ. އީރާނުން ގަސްދުކޮށްފައިވަނީ ހޮރްމުޒް ކަނޑުއޮޅީގެ ބޭނުންކޮށްގެން އީރާނުގެ ފައިސާއަކީ ދުނިޔޭގައި އެންމެ ވިކޭ ފައިސާގެ ތެރެއަށް ގެނައުމުގެ މާސްޓަރ ޕްލޭނެކެވެ. އަދި މުސްތަގްބަލްގައި އެމެރިކާއިން އަޅާފާނެ އިގްތިސާދީ ފިއްތުމަކުން އެ ގައުމުގެ ފައިސާއަށް ނުރަނގަޅު އަސަރެއް މެދުވެރިނުވާނެކަން ކަށަވަރު ކުރުންވެސް މެއެވެ.
އީރާނުގެ ނިންމުން އިއުލާން ކުރުމާއެކު ދުނިޔޭގެ އިގްތިސާދީ ތަޖްރިބާކާރުންނަށްވެސް ލިބިގެންދިޔައީ ކުއްލި ހައިރާން ކަމެކެވެ. އީރާނުގެ ނިންމުމުގައި ތެލުގެ ވިޔަފާރީގައި އެމެރިކާ ޑޮލަރ އެއްފަރާތްކުރުމަށް ބާރު އަޅާފައިވެއެވެ. އީރާނުގެ ނިންމުމުގައި ބުނެފައިވަނީ ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށް ދައްކަންޖެހޭ ޓޯލްފީ ދައްކަންޖެހޭނީ އީރާނުގެ ގައުމީ ފައިސާ ރިޔާލުން ނުވަތަ ޗައިނާގެ ޔުއާނުންކަމަށެވެ. އަދި ޓޯލް ފީ އެމެރިކާ ޑޮލަރުން ބަލާ ނުގަނެވޭނެ ކަމަށާއި އެ ޓްރާންސެކްޝަންތައް ކުރެވެމުންދާނީ ހަމައެކަނި ޗައިނާގެ ސީ އައި ޕީ އެސް ( ކްރޮސް ބޯރޑަރ އިންޓަރބޭންކް ޕޭމެންޓް ސިސްޓަމް ) އިން ކަމަށެވެ. އީރާނުން އެޅި މި ފިޔަވަޅުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ޑޮލަރަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށާއި އަދި އެމެރިކާގެ ސްވިފްޓް ސިސްޓަމްގެ ބޭރުން ކުރެވޭ މުއާމަލާތު ތަކަކަށް ވީތީ އެމެރިކާއިން އެޅިދާނެ އެއްވެސް ހުރަހެއްވެސް ނޯންނާނެކަމަށް ތަޖްރިބާކާރުން ބުނެފައިވެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވޭނެ މަގެއް ހޯދުމަށް ބައިނަލް އަގްވާމީގޮތުން ކުރެވެމުންދާ މަސައްކަތުގެ އެންމެ ކުރީސަފުގައި ޕާކިސްތާން ހިމެނިގެންދިއުމާއެކު ދުނިޔޭގެ ޖިއޯ ޕޮލިޓިކްސް ގައި ސަރަހައްދުގެ އެންމެ ބޮޑު ބާރު ކަމުގައި ބެލެވޭ އިންޑިއާ ހަމަހިމޭނުން އޮތުމުން ފާޑުކިއުންތަކާ ކުރިމަތިލާންޖެހިއްޖެއެވެ. އިސްލާމް އާބާދުން ދުނިޔޭގެ ހަމަޖެހުމަށް ކުރެވޭ މަސައްކަތުގެ ސެންޓަރ ސްޓޭޖް ކާމިޔާބުކޮށްފައިވާއިރު އިންޑިއާ އޮތީ ނިދިޖެހިފައިކަން ދޭހަވާ މޭރުމަކުން އިންޑިއާގެ ވިންޓޭޖް މީޑިއާއިން ވަނީ ސިފަކޮށްފައެވެ.
މިހާތަނަށް ދުނިޔޭގެ ސުލްހައަށް މަސައްކަތްކުރުމުގެ އެންމެ ކުރީ ސަފުން ފެންނަމުންދިޔަ އިންޑިއާ އަށް މިއަދު އެ ޝަރަފް ގެއްލިގެންދާތަން ފެންނަން ފަށައިފިކަމަށްވެސް އެ ނޫހުން ތުހުމަތުކުރެއެވެ.
އެމެރިކާއާއި އީރާނުން ޕާކިސްތާނުގެ އިސްލާމް އާބާދުގައި ބޭއްވުމަށް ރޭވިފައިވާ ސުލްހައިގެ މަޝްވަރާތަކުގެ ކޮޓަރިކޮޅަށް އީރާނުގެ ޖެނެރަލް ޒުލްގަދަރް ވެދެވަޑައިގަތުމުން އެމެރިކާގެ ވަފުދަށް ކުއްލި ހައިރާން ކަމެއް ލިބިގެން ދިޔައެވެ. ޖެނެރަލް ޒުލްގަދަރް އަކީ 1979 ގެ އިންގިލާބުގައި 120 ދުވަސްވާންދެން އެމެރިކާ އެމްބަސީގައި އެމެރިކާގެ 36 މީހުން ރަހީނުކޮށްގެން ގެންގުޅުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޒުވާނާއެވެ. ޖެނެރަލް ޒުލް ގަދަރްގެ އިތުރު ތަޢާރުފެއް އެމެރިކާއަށް ބޭނުމެއް ނުވާނެއެވެ. ޖެނެރަލް އަލީ ލަރްޖާނީ ޝަހީދުވުމުން އީރާނުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ގެ މަގާމުގައި މިހާރު ހުންނެވީ ޖެނެރަލް ޒުލް ގަދަރް އެވެ. މިއަދު އެމެރިކާގެ ނައިބު ރައީސާއެކު ސުލްހައިގެ ވާހަކަ ދައްކަން އީރާނުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި އެ ހުންނެވީ ޒުލްގަދަރް އެވެ. އެ ވަފުދުގައި އީރާނުގެ މަޖިލީހުގެ ރައީސް ޣަލިބާފް އާއި ޚާރިޖީ ވަޒީރު އަރާގްޗީ ވެސް ހިމެނިވަޑައިގަތުން މަޝްވަރާތަކުގައި އީރާނުގެ ސިޔާސަތުގައި ފަހަތަށް ބެލުން ނެތްކަންވެސް ހާމަވެގެން ހިނގައްޖެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް