މިހާރު ފެށިފައިވާ އީރާން ހަގުރާމަ ހުއްޓާލުމާބެހޭ މަޝްވަރާތަކަށް އީރާން އަދި އެމެރިކާގެ އިސްވަފްދުތައް މިއަދު އިސްލާމް އާބާދަށް ދާނެއެވެ. މިވާހަކަތައް ކާމިޔާބު ކުރުމަށްޓަކައި ޕާކިސްތާން ސަރުކާރުން ފުރިހަމަ އެއްބާރުލުން ދީ ވެވުނު ހުރިހާކަމެއް ކުރާނެ ކަމަށް ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވެފައިވެއެވެ.
އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރު އާއެކު ބޭއްވެވި ބައްދަލް ވުމެއްގައި ބޮޑުވަޒީރު ޝަރީފް ވަނީ ސުލްހައިގެ ޕްރޯސެސްގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކުންވެސް އެކަމަށް ވަރަށް ބޮޑަށް ”ކޮމިޓް“ ވެފައިވާކަން ފާހަގަކުރައްވާ މިކަން ކާމިޔާބް ވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ސުލްހައިގެ ވާހަކަތައް ޕާކިސްތާންގެ ވެރިރަށް އިސްލާމް އާބާދުގައި ބޭއްވުމަށް ނިންމާ ވަފްދުތައް ހުކުރު ދުވަހު ދާން ފަށާފައިވާއިރު ވާހަކަތައް ފަށަން ނިންމާފައިވަނީ ހޮނިހިރު ދުވަހުއެވެ. ވާހަކަ ތަކުގައި ބައިވެރިވާ އެމެރިކާގެ ވަފްދުގައި އިސްކޮން ނާއިބް ރައީސް ޖޭޑީ ވާންސް ހުންނެވި އިރު ދެން ހިމެނި ވަޑައިގަންނަވާނީ ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޯފް އަދި ޓްރަމްޕް ގެ ދަނބި ދަރިފުޅު ޖަރަޑް ކޫޝްނާ އެވެ.
ޕާކިސްތާން އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި އީރާން ގެ ވަފްދުގައި ހިމެނި ވަޑައިގަންނަވާނީ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަދި ޕާލަމެންޓް ގެ ސްޕީކަރު މުހައްމަދު ބާޤިރު ޤާލިބާވް އެވެ. ނަމަވެސްމިކަން އަދި ތެހްރާނުން ޔަގީން ކޮށް ނުދޭކަމަށް ވެއެވެ.
ވާހަކަތަކުގައި ވަޝްވަރާ ކުރެވޭނެ ޕޮއިންތަކާބެހޭ ތަފްސީލް އަދި ވާހަކަތއް ދެމިގެންދާނެ މުއްދަތު އެއްވެސް ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.
މިވަގުތު އެއްމެ ބޮޑު މައްސަލަ އަކަށް ވެފައިވަނީ ހޮރްމޫސް ކަނޑުއޮޅި އަދިވެސް މުޅިން އީރާނުން ހުޅުވާނުލާ މައްސަލަ އެވެ. އީރާނުން ވަނީ ހުއްދަނެތި ހުރަސް ކުރަން އުޅޭ އުލަނދުތައް ނައްތާލާނެ ކަމަށްވެސް ބުނެފައެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލެވިޓް ބުނެފައިވަނީ އެމެރިކާއިން ފެށި މިލިޓަރީ އޮޕަރޭޝަން ގެ އަމާޒުތައް ވަނީ ހާސިލް ކުރެވިފައި ކަމުގައެވެ.އެއީ އީރާނުގެ ނޭވީގެ އިތުން ޑްރޯން އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމް ތައް ނައްތާލުން ކަމަށް އޭނާ ބުނެފައި ވެއެވެ. ލެވިޓް ބުނީ ސުލްހައިގެ ވާހަކަ ތައް ކާމިޔާބް ނުވެއްޖެ ނަމަ މުޅި އީރާންގެ ސިވިލިޒޭޝަން އެއްކޮށް ނައްތާލާނެ ކަމަށް ޓްރަޕް ބުނެފައިވާ ބުނުން އަދިވެސް އެގޮތަށް އެބައޮތް ކަމުގައެވެ.
އަނެއްކޮޅުން ޝަހްބާޒް ޝަރީފް އާއި އާސިމް މުނީރު ބޭއްވެވި ބައްދަލް ވުމުގައި ދެބޭފުޅުންވެސް ވަނީ 10 ދުވަހަށް ހަމަލާތައް ހުއްޓާލާފައި ބޭއްވުމަށް ވެފައިވާ އެއްބަސްވުން ކުރިޔަށް ދާގޮތާމެދު ހިތްހަމަ ޖެހޭކަން ފާޅު ކުރައްވާފައެވެ.
ވާހަކަތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށްޓަކައި ޕާކިސްތާންގައިވަނީ ދެދުވަހުގެ ޗުއްޓީ ވެސް އިއުލާން ކޮށްފައެވެ. އެމެރިކާއާއި އިޒްރޭލު ގުޅިގެން ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި ހަނގުރާމަޔަށް 39 ދުވަސް ވެފައިވާއިރު ހަމަލާތަކުގައި މިހާތަނަށް ތިންހާހަށް ވުރެ ގިނަމީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 13 އަށް ވުރެގިނަ އެމެރިކާ ސިފައިން ވެސް ހިމެނެއެވެ.
![]()
