އީރާނަކީ ނުވަތަ ފާރިސް ކަރައަކީ ދުނިޔެ ދެކިފައިވާ ވަރަށް މުހިންމު އިންސާނީ ސިވިލައިޒޭޝަނަކަށް ނިސްބަތް ކުރެވޭ ބިމެކެވެ. ހަމައެކަނި އިސްލާމީ ނަޒަރަކުން ނޫނެވެ. މާޒީގެ ތާރީޚުގައިވެސް ފާހަގަ ކުރެވިފައިވާ ވަރަށް މުހިންމު ޝަޚްސިއްޔަތު ތަކެއް އުފަންކުރުވި ފަޚުރުވެރި ބިމެކެވެ.
ބައެއް މުއައްރިޚުންގެ ތެރޭގައި ތަފާތު އުފެދިފައިވީ ނަމަވެސް ބީ ސީ އިން 5 ވަނަ ގަރުނުގައި ދުނިޔެއަށް އެންމެ ބޮޑަށް މަޝްހޫރު ވެގެން ޒުލް ގަރުނައިނި ނުވަތަ ސައިރަސް ދަ ގްރޭޓް އަށް ނިސްބަތްކުރެވޭ ސިވިލައިޒޭޝަންގެ ބިމަކީ އީރާނެވެ. 3 ކޮންޓިނެންޓަށް އެ ސިވިލައިޒޭޝަން ވަނީ ފެތުރުގެން ގޮސްފައެވެ. އޭގެތެރޭގައި މަޝްހޫރު އަކައިމަނިދް ނުވަތަ އަޚްމައިނީ އެމްޕަޔަރ ހިމެނެއެވެ. ބުނެވޭގޮތުގައި އެންމެ ފުރަތަމަ ގާނޫނީ އޮނިގަނޑެއްގެ މައްޗަށް ބިނާކުރެވުނީ އަޚްމައިނީ އެމްޕަޔަރ އެވެ. އީރާނުގައި އޭރު ގަބޫލުކުރެވެމުން ދިޔަ މައިގަނޑު މަޒަހަބަކީ ޒަރޯސްޓްރިއަން އެވެ. އިސްލާމުންގެ ބާރުގެ ދަށަށް އީރާން ގެނެވުނު ދުވަސްވަރު ޒަރޯސްޓްރިއަނިޒަމް އަކީ އަހްލު ކިތާބީން ކަމުގައި ބެލެވުނެވެ.
މާތް ނަބިއްޔާގެ ޒަމާނުގައި އީރާނުގައި ވެރިކަން ކުރަމުން ގެންދިޔައީ ސެސާނިއަން އެމްޕަޔަރުންނެވެ. އެއީ 224 ން 651 ސީ އީ އަށެވެ. ރޯމަނުންނާއި ފާރިސީންގެ ހަނގުރާމައިގެ ވާހަކައިގާ ކީރިތި ގުރުއާނުން އިޝާރާތް ކޮށްފައިވަނީ ސެސަނިއަނުންގެ ޒަމާނަށްކަން ފާހަގަކުރެވެއެވެ. އަދި އެއީ ސެސާނިއަނުންގެ އެންމެ ފަހު ރަސްކަން ކަމުގައިވެސް ބެލެވެއެވެ. އެ ރަސްގެފާނަކީ ޚުސްރޯ ޕަރްވޭޒް ކަމަށް ބުނެވެއެވެ. މާތް ނަބިއްޔާގެ ފަތްކޮޅު ފުނުވުމުން އެ ފަތްކޮޅު ވީދާލީ ކިސްރާއަކީ ޚުސްރޯ ޕަރްވޭޒްކަން ތާރީޚުން އެނގެއެވެ. މާތް ނަބިއްޔާގެ ފަތްކޮޅު ވިދާލުމުން އޭނާގެ ރަސްކަން އެފަދައިން ކުދިކުދި ވެހެން ދާނެކަމަށް ހަދީސްކުރެއްވި ކަމަށާއި އެއްހާސް އަހަރުދުވަސް ވާންދެން ފާރިސީން ކުރަމުން ގެންދިޔަ ޚުސްރޯ ފަރްވޭޒްގެ ބާރުގަދަ ރަސްކަން މާތް ނަބިއްޔާ ހަދީސް ފުޅާ އެއްގޮތަށް ފުނޑުފުނޑުވެގެން ދިޔައީކަމަށް ވެއެވެ. އެވަރުގެ ގަދަފަދަ ވެރިކަމެއް ދިހަވަރަކަށް އަހަރުދުވަހުގެ ތެރޭގައި ނިމިދިޔަގޮތް ތާރީޚީ އިލްމުވެރިންވެސް ވަނީ ހައިރާން ކުރުވާފައެވެ.
ރޯމަނުންނާއި ފާރިސީންގެ ހަނގުރާމަ ދިގު އަހަރުތަކަކަށް ދެމިގެން ދިޔަކަމަށް ވެއެވެ. އެއީ ބައިޒައިންޓައިނުންނާއި ސެސާނިއަނުންގެ ހަނގުރާމައެވެ. އިސްލާމް ދީން އައުމާ ހަޔަށްވެސް އެ ހަނގުރާމަ އެއިން އެއްވެސް ބަޔަކަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މުސްލިމުންގެ ނަމުގައި އުފެދުނު 3 ވަނަ ސިވިލައިޒޭޝަން އެ ދެބައިމީހުން ބަލިކުރީއެވެ. ބައިޒަން އެމްޕަޔަރ ދެބައިކޮށްލައި އެ ރަސްކަމުގެ ބާރުގެ ދަށުގައިހުރި ޝާމްކަރައިގެ ރަށްތަކާއި މިސްރާއި އިސްކަންދަރިއްޔާއާއި އުތުރު އެފްރިކާ އަދި ސްޕޭނަށް ދާންދެން މުސްލިމުންގެ ބާރުގެ ދަށަށް ގެނެވުނެވެ. އަދި ސައުދު ބިން ވައްގާސްގެ ލީޑަރޝިޕްގައި ހިނގާދިޔަ ގާދިސިއްޔާ ނަންދެވުނު ހަނގުރާމައިގާ ސެސާނީނުންގެ އެމްޕަޔަރ އެއްކޮށް މުސްލިމުން ފަތަހަ ކުރެއްވިއެވެ.
އެއީ އިސްލާމީ ތާރީޚުގެ ވަރަށް ޚާއްސަ ސަފުހާއެކެވެ. އިސްލާމީ އުންމަތް ވަރަށް ބޮޑަށް ނިކަމެތި ވެފައި ވަނިކޮށް ޚުޝްރޯގެ ވެރިކަން ފަތަހަކުރެވި ސަލްމާނުލް ފާރިސީއަށް އީރާނުގެ ގަވަރނަރކަން ލިބިވަޑައިގަތުމަކީ ހަގީގަތުގައިވެސް އާޔަތު ﷲ އެއް ނުވަތަ މުއުޖިޒާއެކޭ ބުނެވިދާނެއެވެ. ސަލްމާނުލް ފާރިސީ އަކީ ފާރިސް ކަރައިގެ ބޭކަލަކު ކަމުގައި ވިޔަސް ޚުޝްރޫގެ ކިއްލާއަށް ވަދެލުމުގެ ފުރުސަތު ލިބުމަކީވެސް ހުވަފެނަކުންވެސް ނުފެންނާނެ ޝަރަފެކެވެ. މިއަދު އެކަލޭގެފާނަކީ އެ ކިއްލާގައި ވެރިކަންކުރައްވާ ރަސްގެފާނު ކަމުގައި ވެގެން ދިޔައީއެވެ. ގާދިސިއްޔާގެ ހަނގުރާމަ ހިނގާދިޔައީ އުމަރުގެފާނުގެ ޚަލީފާކަމުގައެވެ. އަލީގެފާނުގެ ޚިލާފަތުގައި އިސްލާމީ ދައުލަތުގެ ވެރިކަން މި ސަރަހައްދަށް ބަދަލު ކުރެއްވީއެވެ. އެ ޒަމާނުގައި އިރާގާއި އީރާނަކީ ވަކި ގައުމުތަކެއް ނޫނެވެ. ސެސާނިއަންގެ ވެރިރަށަކީ ސެސިފޯނެވެ. އަރަބި ބަހުން މަދާއިން ކިޔަނީ މި ރަށަށެވެ. އަދި އެއީ މިހާރުގެ ބަޣުދާދު ހިމެނޭ ސަރަހައްދެވެ.
އީރާން ނުވަތަ ފާރިސް ކަރައިގެ ވާހަކަ ދައްކާއިރު އެއީ ގައުމަކަށްވުރެން ބޮޑަށް ސިވިލައިޒޭޝަނެއްކަން ދެނެގަތުން ވަރަށް މުހިންމެވެ. އެ މުޅި ސަރަހައްދަށް ޕާރޝިއަނޭޓް އެމްޕަޔަރ އޭ ބުނެވިދާނެއެވެ.
އުމަވީ ދައުލަތުގެ ވެރިކަން އެ ސަރަހައްދުގައި ގާއިމްވެގެންދިޔައީ އޭގެ ފަހުންނެވެ. އުމަވީ ދައުލަތުގެ ދުވަސްވަރު އެ ސަރަހައްދުގެ އާބާދީތަކުގައި އިސްލާމް ދީން ގަބޫލުކުރަމުން ގެންދިޔައީ ވަރަށް މަދުބައެކެވެ. އުމައްޔަތުގެ ޚިލާފަތުގައި ހޭދަވެގެން ދިޔަ 90 އަހަރުތެރޭގައި އެ ސަރަހައްދުގެ އާބާދީގެ %10 ވެސް އިސްލާމްދީން ގަބޫލުކޮށްފައިނުވެއެވެ. އަދި އުމަވީ ޚިލާފަތުގައި އެކަމަށް ބާރުއަޅާފައެއްވެސް ނުވެއެވެ. އުމަވީ ޚިލާފަތުގައި އަނިޔާވެރިކަން ބޮޑުވެފައި އޮތުމަކީވެސް އިސްލާމްދީން ގަބޫލުކުރި މީހުން މަދުވި ސަބަބެކެވެ. އެއަށްފަހު އައްބާސީންގެ ވެރިކަމުގައި ފާރީސީންގެ ތެރެއިން އިސްލާމްދީން ގަބޫލު ކުރި މީހުންނާ އަރަބިންގެތެރޭގައި ދިރިއުޅެމުން ގެންދިޔަ އަރަބިންނަށް ނިސްބަތް ނުކުރޭވޭ މީސްތަކުންނަށް އަރަބިންނާ ތަފާތު ނުކުރުމުގެ ކެމްޕޭނުތަކެއް އިލްމުވެރިންގެ ބާރުގައި އިންތިޒާމް ކުރެވިގެން ދިޔައެވެ.
އެ ހިސާބުން ގިނަބަޔަކު އިސްލާމްދީން އިޚްތިޔާރުކުރަން ފެށިއެވެ. އިލްމުވެރިން ތެދުވެރިކަމާއެކު މަސައްކަތް ކުރުމުގެ ހެޔޮ ނަތީޖާ އަކީ މިއީއެވެ. އައްބާސީ ދައުލަތް ނިމުނުއިރު އެ ސަރަހައްދުގެ އާބާދީތަކުގެ 90% އަކީ އިސްލާމުންނެވެ. އެ ސަރަހައްދުގެ އާބާދީތަކުން އިސްލާމްދީން އިޚްތިޔާރު ކުރުމުގައި އިލްމުވެރިންގެ ދަރުސްތަކާއި އަދި އައްބާސީ ދަވްލަތުގެ އަދުލުވެރިކަންވެސް އެކަމުގެ ސަބަބުތަކުގެތެރޭގައި ހިމެނެއެވެ. ގަދަބާރުން ހަމައެކަކުވެސް އިސްލާމް ދީނަށް ވަނުން މަޖުބޫރު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އަލަށް އިސްލާމް ދީން ގަބޫލުކުރާމީހުންނަށް ޖިޒްޔަ ނުވަތަ ޓެކްސް މައާފްކުރުން ކަހަލަ އިނާޔަތްތައް ދެވުނެވެ.
މިސްރާއި ލެބަނަން އަދި މެދުއިރުމަތީގެ ގިނަ އެހެން ގައުމުތަކުގައިވެސް މަދުއަދަދަކަށް އިސްލާމުން ނޫން އެހެން ދީންތަކުގެ މީހުން ހިމެނެއެވެ. އީރާނުގެ ރައްވެހިންގެ ތެރޭގައި މިހާރުވެސް ޒޮރާސްޓްރިއަނުންނާއި ނަސޯރާއިން އަދި ޔަހޫދީންވެސް ހިމެނެއެވެ. އެއީ އެ ޒަމާނުގައިވެސް އަދި މިހާރުވެސް އިސްލާމުން ކަންބޮޑުވާ ކަމެއް ނޫނެވެ. އެބައެއްގެ ދީނުގައި ސުލްޙަވެރިކަމާއިއެކު އުޅުމަކަށް އިސްލާމްދީން ހުރަހެއް ނާޅައެވެ. އިސްލާމް ދީން އައުމުގެ ކުރީގައި ބައިޒަންޓައިނުންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ޓަކައި ޔަހޫދީންގެ ގިނަ ބަޔަކު އީރާނަށް ހިޖުރަ ކުރުމުން އީރާނުން ވަނީ މަރުޙަބާ ކިޔާފައެވެ.
ބައިޒަންޓައިނުން ވިއްސިވިހާލިކޮށްލި ޔަހޫދީންގެ ތެރެއިން އެއްބަޔަކު ދިޔައީ މިހާރުގެ އިންޑިއާއަށެވެ. މިއަދުވެސް އިންޑިއާގައި ދިރިއުޅެމުންގެންދާ ފާރިސީންގެ ނަސްލަށް ނިސްބަތްކުރެވޭ އާބާދީއަކީ އެމީހުންގެ ދަރިފަސްކޮޅެވެ.
އީރާނަކީ މުސްލިމް ގައުމެއް ކަމުގައި ވެގެންދިއަގޮތާއި އިސްލާމީ ސްކޯލަރުންގެ ދައުރާދޭތެރޭ ތާރީޚީ އިލްމުވެރިން ސުވާލުކުރެއެވެ. ހަގީގަތުގައި އެ ސުވާލު ކޮށްފައިވަނީ ރަނގަޅަކަށް ނޫނެވެ. އަދި އެއީ ސުވާލުގެ ޖަވާބަކީ އިސްލާމްދީނަށް އަށް އެ ސަރަހައްދު އިލްމުވެރިންގެ ޙިއްސާ ވަރަށް ބޮޑުކަމުގައި އެއްބަސްވާން ޖެހޭކަމަށް ބުނުމެވެ. އިސްލާމްދީނާ ގުޅޭ ކޮންމެ ކަމަކަށް އެބޭފުޅުން ދައްކަވާފައިވާ މަގު މިއަދުވެސް އިންކާރު ނުކުރެވޭނެއެވެ. އެ ކަމަށް ބާރު ލިބިދޭ މާތް ނަބިއްޔާގެ ޙަދީސްތަކަކީ އެއްވެސް އިސްތިސްނާއެއްނެތި އިސްލާމްދީނުގެ ހުރިހާ އިލްމުވެރިން އިއްތިފާގު ވެވަޑައިންނަވާ ޙަގީގަތެކެވެ. ތިރްމިޒީއާއި އަލް ޙާކިމްގެ މުސްތަދަގް އިން އާއި އެހެން ޙަދީސް ފޮތްތަކުން އެ ޙަދީސްތައް ފެންނަން ހުންނާނެއެވެ. ނުނިމޭ….
![]()
