އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައަށް މަސްދުވަހަށްވުރެން ގިނަވެގެންދާއިރު ރައީސް ޓްރަމްޕްއަށް ވަގުތު ކުޑަވަމުންދާން ފަށައިފިއެވެ.
ނަތީޖާއެއްގެ ގޮތުން ނުރައްކާތެރިކަމުންފުރިފައިވާ އަދި އެ ކަމުގައި އެތައް ބައެއްގެ ފުރާނަ ގެއްލި ތަކެއްޗާއި މާލީގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ތަޖްރިބާކާރުން އިންޒާރު ދެމުން ދިއުމާއެކުވެސް އެއްގަމު މަގުން އަރައި އީރާނު ހިފުމަށް ރައީސް ޓްރަމްޕް ނިންމަވައިފިއެވެ. އަދި މިހާރު މެދުއިރުމަތީގައި ތިބި 7000 ސިފައިންގެތެރެއަށް އިތުރު 10000 ސިފައިން ފޮނުވަން ރައީސް ޓްރަމްޕް ނިންމަވާފައިވާކަމަށް ވޯލްސްޓްރީޓް ޖާރނަލްގައި ބުނެފައި ވެއެވެ. ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ މިހާތަނަށް އީރާނާ ދެކޮޅަށް ކުރެވުނު ހަނގުރާމަ ވަރަށް ކާމިޔާބު ކަމަށާއި އިތުރު ދެތިން ހަފުތާގެ ތެރޭގައި އީރާން އަނެއްކާވެސް ސްޓޯން އޭޖަށް ފޮނުވާލެވޭނެ ކަމަށެވެ. ރައީސް ޓްރަމްޕްގެ އިންޒާރާ ގުޅިގެން ފުރަތަމަފަހަރު ސިޔާސީގޮތުން އެމެރިކާގެ ރައީސްއަށް އީރާނުގެ ޚާރިޖީ ވަޒީރު ރައްދު ދެއްވައިފިކަމަށް ޕްރޮފެސަރ ޖިއާންގް ގެ އިންސައިޓް ޕްލެޓްފޯރމްގައި ބުނެފައިވެއެވެ. ޚާރިޖީ ވަޒީރު ވިދާޅުވެފައިވާ ކަމަށްވެއެވެ. “ ކަލެއަކީ ފިރިހެނެއްނަމަ ގިނަވާހަކަ ނުދައްކާ ހޮރްމުޒް ކަނޑުއޮޅި ހުޅުވަން ތިޔަބުނާ ބާރުގަދަ ލަޝްކަރުތަކެއް ފޮނުވާބަލާށެވެ. މަތިންދާ ބޯޓުގައި އެ ލަޝްކަރުތައް ފޮނުވަން ޖެހިލުންވާނަމަ ބުނެލާށެވެ. އަހަރެމެން މަތިންދާ ބޯޓެއްވެސް ފޮނުވާ ދީފާނަމެވެ. އަދި ބުނަންހެއްޔެވެ ! ކުރިއަށްއޮތް 30 ދުވަހުގެ ތެރޭގައި ހޮރްމުޒް ކަނޑުއޮޅިއަކީ އީރާނުގެ އިސްގިގްލާލް ތެރޭގައި ހިމެނޭ ކަނޑުއޮޅިއެއްކަމުގައި ގާނޫނީގޮތުން ނިންމާނަމެވެ. އޭގެފަހުން ކުރިއަށް އޮތް 100 އަހަރުދުވަހުވެސް އީރާނުގެ ހުއްދަނެތި އެ މަގުން އެއްވެސް އުޅަނދަކަށް ދަތުރު ނުކުރެވޭނެއެވެ. ކަލޭގެ މިތުރު ނަތަންޔާހޫއަށް އަހަރެމެން މި ކޮށްލާ ވަރު އޭނާ ކުރެން އަހާލަބަލާށެވެ. ކޮންމެ ދުވަހަކު މިގެންދަނީ އިތުރު ބިރުވެރިކަމެއްގެ ތެރެއަށް އޭނާ ވައްޓާލަމުންނެވެ. ކުޑަ ދުވަސްކޮޅެއްފަހުން އެ ބިރުވެރިކަމާ ދޭތެރޭ ކަލޭ ވިސްނާކަށް ނުޖެހޭނެއެވެ. “ މިއީ މި މޭރުމަކުން އީރާނުގެ ޚާރިޖީ ވަޒީރު ވާހަކަ ދެއްކެވި އެންމެ ފުރަތަމަ ފަހަރުކަން ޕްރޮފެސަރ ވަނީ ފާހަގަ ކުރައްވާފައެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގައި އެ ގައުމު ފުނޑިގެންދާއިރު އަދި އެއަށްވުރެން މާ ނުރައްކާތެރި ފުނޑުމެއްގެ ޑަންޑޫރައި އަޑު ތަޅުލާފައިވާ ވައިޓްހައުސްގެ ދޮރުގެ އެތެރޭން އިވެމުންދާން ފަށައިފިއެވެ. އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިން އެމެރިކާ ނިކުންނާނެ ކަމުގެ އަޑުފަށްގަނޑެވެ. އެއީ ބެންޖަމިން ޔަތަންޔާހޫ ނަށަމުންގެންދާ މިއުޒިކް ހުއްޓޭ ދުވަސްކަމަށް ބެލެވެއެވެ. ފާއިތުވެގެންމިދާ ގިނަ އަހަރުތަކެއްގައި ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ މަގާމުގައި އެމެރިކާ ދެމިއޮތުމަށްޓަކައި އިސްރާއީލުގެ ހިއްސާ ކުޑައެއް ނޫނެވެ. މި އެއްބައިވަންތަކަމުގައި އަޅަމުންދިޔަ ރެނދު މާދަމާ ފަޅައިގެންގޮސް ބިންމައްޗަށް ވެއްޓޭނެއެވެ. ރައީސް ޓްރަމްޕް ބޭނުންފުޅުވަނީ އެ މަނިކުފާނުގެ ރިޔާސަތުގައި އެމެރިކާގެ ކޮންމެ ސަރުކާރަކުން ނުރައްކާތެރިކަމަށް ދެކޭ އީރާނު ހަމަ ބިމަށް ގެނައުމެވެ. ރައީސް ޓްރަމްޕް ބޭނުންފުޅުވާގޮތަށް ހަނގުރާމަ ނިންމާލުމުގެ މަގު ފަހިވެއްޖެނަމަ ނަތަންޔާހޫގެ ސަރުކާރު ވެއްޓޭނެއެވެ. އެކަމަކު ރައީސް ޓްރަމްޕް އަށް އެމަނިކުފާނުގެ އެންމެ އަރިސް ބައިވެރިޔާ ގެއްލިގެންދާނެއެވެ. ނަތަންޔާހޫ ބޭނުންވަނީ ޖަލަށް ނުގޮސް ސަލާމަތްވެ މެދުއިރުމަތީގެ އެއްވެސް ގައުމަކުން އިސްރާއީލާ ނުކުޅެވޭނެކަން ރައްޔިތުންނަށް ދައްކައިގެން ބަތޮލެއްގެ މަގާމުގައި ބާރުގައި ދެމިހުރުމެވެ. ހަނގުރާމައިގެ ބަރުގޮނުތަކުގެ ނާމާން އަޑު އިސްރާއީލުގެ ޖައްވުން ހުއްޓުމާއެކު ނަތަންޔާހޫގެ ތަހްގީގުގެ އަޑު އެއަށްވުރެން މާގަދަޔަށް އިވެން ފަށާނެކަން އޭނާއަށް އެނގެއވެ. ރައީސް ޓްރަމްޕް ގެ ވިސްނުމާ ނަތަންޔާހޫގެ ވިސްނުމަކީ މުޅިން ތަފާތު ދެ ވިސްނުމެކެވެ. ހާސިލުކުރަން ބޭނުންވަނީ މުޅިން ތަފާތު ލަނޑު ދަނޑިއެކެވެ. މި ދެބޭފުޅުންގެ ވިސްނުން ހަގީގަތަށް ވުމަށްވުރެން އަވާމެންދުރަކަށްވެ ނިމިގެން ދިއުންވެސް ދުރުނޫންކަމަށް ތަޖްރިބާކާރުން ބުނެފައިވެއެވެ.
އިސްރާއީލުގެ ވިސްނުމަކަށް ވެފައިއޮތީ އީރާނުގެ ލީޑަރުން މަރާ ހުސްކޮށްލުމުން އީރާނު ވާގިނެތިގެން ބިންމައްޗަށް ވެއްޓޭނެ ކަމަށެވެ. ސިޔާސީ ލީޑަރުންގެ ވިސްނުމުގައި މަޝްވަރާއަށް ބޮޑު ޖާގައެއް އޮންނައިރު މިލިޓްރީންގެ ވިސްނުމުގައި މަޝްވަރާ ކުރުމަކީ މުހިންމު ކަމެއް ނޫންކަން ނަތަންޔާހޫއަކަށް ނޭންގެއެވެ. މެދުއިރުމަތީގެ ޗާޓް މިފަހަރު ބަދަލު ކުރެވިގެންދާނެކަމަށް ނަތަންޔާހޫ ބުނަމުންދާއިރު މިހާރުވެސް އިސްރާއީލުގެ ދެކުނު ސަރަހައްދުތަކަށް އީރާނުގެ ހަމަލާތަކުގެ ވާރޭގައި އަނދަމުން ހުލިވަމުންދަނީއެވެ. އިސްރާއީލުގެ އިގްސާދަށް އެއްވެސް ހީނަރުކަމެއް އައިސްފައި ނުވާކަމަށް ރައްޔިތުން ކައިރީގައި ނަތަންޔާހޫ ބުނަމުންދާއިރު ފިހާރަތަކުގައި ވިއްކާނެ އެއްޗެއް ނެތެވެ. ނިދަންޖެހެނީ ވޮށްއަނދިރީގައެވެ. މިލިޓްރީން ލަނޑުދަނޑިއަކީ ހަނގުރާމަ ކާމިޔާބު ކުރުމެވެ. މަޝްވަރާ ކުރުމެއް ނޫނެވެ. އެމެރިކާގެ ރައީސް ދެކިވަޑައިގަންނަވާގޮތަކާއި ގެންގުޅުއްވާ ވިސްނުންފުޅު އީރާނުގެ މިލިޓްރީ އިސްވެރިން ދެނެގަންނާކަށް ޝައުގުވެރިކަމެއް ނުހުންނާނެއެވެ. އޮމާނުގައި ބޭއްވުނު މަޝްވަރާތަކުގައި ޔޫ އެސް އެސް އަބްރަހަމް ލިންކަންގެ ކޮމާންޑިން އޮފިސަރ ބައިވެރިވެ ވަޑައިގަތުމުން މިލިޓްރީންނާއެކު ސުލްހައިގެ ވާހަކަ ނުދެއްކޭނެ ކަމަށް ވިދާޅުވެ އީރާނުގެ ޚާރިޖީވަޒީރު މަޝްވަރާގެ ކޮޓަރިކޮޅުން ނިކުމެ ވަޑައިގެންނެވި ދުވަސް ހަނދާންކުރަން ޖެހެއެވެ.
އެމެރިކާއިން ދެން ހަމަލާދޭންފަށާނީ އީރާނުގެ މަގުތަކާއި ބްރިޖްތައް ފަދަ މަދަނީ އިންފްރާސްޓްރަކްޗަރތަކަށް ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ދެއްވައިފިއެވެ. މި އިންޒާރާ ބެހޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރަށް ނޫސްވެރިއަކު ސުވާލު ދެންނެވުމުން ވިދާޅުވެފައިވަނީ ހަލާކު ކޮށްލެވޭ މަގެއް ނުވަތަ ބްރިޖެއް އަލުން މަރާމާތު ކުރެވިދާނެއެވެ. އެކަމަކު އެކަން ކުރުމުން ރައީސް ޓްރަމްޕްގެ ޝަޚްސިއްޔަތު ދުނިޔޭގެ ކުރިމަތީގައި ހަލާކުވެގެން ދިއުމުން އެކަން މަރާމާތު ނުކުރެވޭނެއެވެ. ޚާރިޖީ ވަޒީރުގެ މިޖަވާބު ސީދާ ސުވާލަށް އަމާޒުވެފައި ނެތަސް ބޭނުންކުރެއްވި ބަސްމަގުގެ ތަރުޖަމާއިން ޖަވާބު ވަރަށް ސާފުކޮށް އެނގިގެން ދެއެވެ.
އިއްޔެ ރޭ 11 ޖެހިއިރު އިސްރާއީލުގެ ޖައްވަށް މެދުވެރިވެފައިވާ ހަމަހިމޭންކަން ނެތިގެން ދިޔައީ ލެބަނަނުން ފޮނުވި 2500 ޑްރޯނާއި އީރާނުން އެއްފަހަރާ ފޮނުވި 450 މިސަލްގެ ހަމަލާއިގެ އަޑުންނެވެ. އިސްރާއީލުގެ ކުޅަދާނަ ދިފާއީ ނިޒާމަށް މިއީ ހުއްޓުވަން ނުކުޅަދާން ހަމަލާއަކަށް ވެގެންދިއައެވެ. އެ ނިޒާމް ފަރުމާކޮށްފައިހުރީ މިވަރުގެ ހަމަލާއަކާ އެއްފަހަރާ ކުރިމަތިލާން ޖެހިދާނެ ފެންވަރެއްގައި ނޫނެވެ. ޖައްވުތެރޭން އެއްފަހަރާ ފެނިގެންދިޔަ 2950 ޑޮޓް ހުއްޓުވާނެގޮތެއް އެ ދިފާއީ ނިޒާމުގެ ސިކުނޑީގައި ޕްރޮގްރާމްކޮށްފައެއް ނެތެވެ. ވަގުތު މިފެންވަރަށް ސިންކްރޮނައިޒް ކުރެވިގެން ދިއުމުން ހުޅަނގު މިލިޓްރީ ތަޖްރިބާރުންނަށްވެސް ހައިރާންކަމެއް ލިބިގެންދިޔަ ކަމަށްވެއެވެ. ހަމަލާގައި ލިބިގެންދިޔަ ގެއްލުންތަކުން ޖައްވަށް އަރަމުންދާ ހިރަފުސްތަކުގެ ހިތި ނަތީޖާއަކަށް ވެގެންދިޔައީ ބިތުފަންގި ނަގައިގެން ވަލު ދޮރާށިން ވަގަށް ވަދެ މެންދަމު 3.45 ގައި ރައީސްޓްރަމްޕް އަވަހާރަފުޅުން ހޭލައްވައި ވަގުތުން ހަނގުރާމަ ހުއްޓުވޭނެމަގެއް ހޯދަން އާދޭސްކުރަން ފެށުމެވެ.
ހަނގުރާމައިގާ ކޮންމެ ހަފުތާއަކު 11.3 ބިލިއަން ޚަރަދުވެގެންދާއިރު އެމެރިކާގައި ގެސޮލިން ގެލަނެއްގެ އަގު 4 އެމެރިކާ ޑޮލަރަށް އަރައިފިއެވެ. އެމެރިކާގެ މަގްސަދުގެތެރޭގައި ޚަރގް ޖަޒީރާ އެމެރިކާގެ ބާރުގެ ދަށަށް ގެނައުމާއި އަދި އީރާނުގެ ގޮނޑުދޮށު ސަރަހައްދުތަކަށް ވެރިވެ ގަތުން ހިމެނެއެވެ. މި މަގްސަދު ހާސިލު ކުރެވިދާނެތޯ ނުވަތަ ނޫންތޯ އެނގޭނީ މުސްތަގްބަލްގައެވެ.
![]()
