މިއަދުގެ އަވަސް ޚަބަރުތަކުގެރެއިން އެންމެ ފާހަގަކުރެވޭ ޚަބަރެއްގެ ގޮތުގައި ހުރްމޮޒް ކަނޑުއޮޅިން ޔޫރަޕިއަން ޔޫނިއަންގެ ދިދައިގާ ދަތުރުކުރާ އުޅަނދު ފަހަރަށް މިނިވަންކަމާއެކު ދަތުރުކުރެވޭނެކަން ބަޔާންކޮށް އީރާނުން ރަސްމީގޮތުން ޔޫރަޕިއަން ޔޫނިއަން އަށް ޒައިތޫނި ފަތްކޯޅިއެއް ދިއްކޮށްލި ޚަބަރު އާންމު ވެއްޖެއެވެ.
އީރާނުގެ މި ފިޔަވަޅަކީ ކުރިއްސުރެން އިނގިރޭސި ވިލާތުން ގެންގުޅެމުން އަންނަ “ ޖަމާއަތްތައް ބައިބައިކޮށްލުމުގެ “ ފަލްސަފާގެ ދަށުން ކުރިކަމަކަށްވެސް ބެލެވެއެވެ. ބްރަސެލްސް އާއި އެމެރިކާއާ ދެމެދު އެއްބައިވަންތަ ކަމުގެ އަހްދުނާމާއެއްގެ މައްޗަށް ނޭޓޯގެ ނަމުގައި އަމަލުކުރެވެމުންދެއެވެ. އީރާނުގެ މި ނިންމުމަކީ ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވެފައިވާ ހަކަތައިގެ ގޮންޖެހުންތަކުން އެ ގައުމުތަކުގެ ރައްޔިތުންނާއި ބަންދުކުރަން ޖެހިފައިވާ އިންޑަސްޓްރީތަކަށް ހަމަނޭވާއެއް ލާން ލިބުނު ފުރުސަތެއް ކަމުގައި މީޑިއާތަކުން ބުނެފައިވެއެވެ. އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމަ ހަމައެކަނި 48 ގަޑިއިރަށް ހުއްޓާލުމަށް އެމެރިކާއިން އީރާނަށް އެދުމުން އީރާނުން އެއްބަސްނުވެވޭނެކަމަށް އަންގައި ރައްދު ދީފިއެވެ. ޚަބަރުތަކުގައި ބުނެފައިވާގޮތުން އެމެރިކާގެ ހުށައެޅުމަކީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިތިބި މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަހަނާގައި ހުށައަޅާފައިވާ ހުށައެޅުމެކެވެ. އެހެންނަމަވެސް ވަގުތީ ގޮތުންނަމަވެސް ހަނގުރާމަ ހުއްޓިއްޖެނަމަ މިހާރު ހިނގަމުންދާ ހަނގުރާމަށް ފިނިކަމެއް ލިބިގެންހިނގައިދާނެ ކަމަށް އުންމީދު ކުރެވުނެވެ. ބްރިޓްބަޒްގެ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު އީރާނުގެ އެފް. ވީ. ޕީ. ޑްރޯން އާއި ބެލިސްޓިކް މިސައިލްތައް ތެލް އަވީވު އާއި ހައިފާ އަށް އޮހެމުންދާއިރު އިސްރާއީލުގެ މަޝްހޫރު ދިފާއީ ނިޒާމް އަޔަން ޑޯމް އަށް ކުރެވޭ އެއްވެސް ކަމެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން އިސްރާއީލުގެ އެތައް ހާސް މިލިޓްރީންނެއް ގެންދަނީ ހޮރުހޮރަށް ވަދެ ފިލަމުންނެވެ. ގައުމުގެ އެންމެ ބިޔަ ތެޔޮ ރިފައިނަރީތައް އަނދާ ހުލިވަމުންދާއިރު ކަރަންޓް އުފައްދާ ތަންތަން ދުމަށް އަރައިގެން ދަނީއެވެ. އެއްފަރާތުން ހިޒްބު ﷲ އަނެއް ދިމާލުން ހޫތީ މުޖާހިދުން އަނެއް ފަރާތުން އިރާގުގެ މުޖާހިދުންނާއި އީރާނުގެ މިލިޓްރީ ހަމަލާތައް އަންނައިރު އިސްރާއީލް މިލިޓްރީއަށް ގޮތް ހުސްވެ ގައުމުގެ ހުންގާނު ފާލުން ނެއްޓިއްޖެ ކަހަލައެވެ. ގައުމުގެ ލީޑަރޝިޕް އޮތީ މަރުގެ ތުންފަތްމަތީގައެވެ. އެމެރިކާ މިލިޓްރީގެ އެންމެ ކުރިއަރާފައިވާ ސްޓްރައިކްއެއާރކްރާފްޓެއް އަނެއްކާވެސް އީރާނުން ހަމަލާދީ ވައްޓާލުމާގުޅިގެން ވައިޓްހައުސް އަށް ގޮންޖެހުންތައް ކުރިމަތިކޮށް އެމެރިކާގެ އެތެރެއިން އުފައްދާ ސުވާލުތައް އިތުރު ވެއްޖެއެވެ. މިއީ ހުޅަނގު އެންމެ ފަހުގެ ދިފާއީ އުފެއްދުމަކަށް މެދުވެރިވުން އެކަށީގެން ނުވާ ހާލަތެއްކަމަށް އޮންނަނީ ގަބޫލުކުރުވާފައެވެ. ވައްޓާލެވުނު އެފް 15-އީ ސްޓްރައިކް އީގަލް އެއާރކްރާފްޓްގެ އެއް ޕައިލެޓް ވަނީ އީރާނުން ހައްޔަރުކޮށްފައިކަމަށް ޚަބަރުލިބެއެވެ. އެފް 15-އީ ސްޓްރައިކް އީގަލް އެއާރކްރާފްޓް އީރާނުން ވައްޓާލުމާގުޅިގެން ރައީސް ޓްރަމްޕް އީރާނަށް އަންގަވާފައިވަނީ ވަގުތު އޮއްވާ އަމާން ދިނުމަށެވެ. އަދި އީރަނަކީ މުސްތަގްބަލްގައި ބާރުގަދަ ގައުމަކަށް ވުމުގެ ފުރުސަތު އަދިވެސް ނުގެއްލޭކަމަށެވެ. ރައީސް ޓްރަމްޕްގެ މެސެޖަށް ރައްދު ދެއްވައި އެމެރިކާއާއި އިސްރާއީލުގެ އުދުވާނަށް އީރާނަށް ލިބިފައިވާ އެންމެހާ ވަސީލަތްތައް ބޭނުންކޮށްގެން ދިފާއުކުރާނެކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ޖަވާބު ދެއްވާފައި ވެއެވެ.
![]()
