ނޯރތު ވޭވްސް ނިއުސްގެ ޚަބަރުގައި އުތުރު ކޮރެއާއިން އީރާނަށް ވާސޯންގް-18 މަރުކާގެ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ފޯރުކޮށްދިން ޚަބާރާއެކު މުޅި ދުނިއަށް ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިލާން ޖައްސައިފިއެވެ.
ބައެއް ޚަބަރުތަކުގެ ތެދު ދޮގު ކަށަވަރު ނުކުރެވޭ ވަގުތުގައިވެސް އެފަދަ ޚަބަރުތަކަކީ އަޑުއިވުމުން ބިރުވެރިކަން ގެނެސްދޭނެއެވެ. އުތުރު ކޮރެއާގެ މިސައިލް އީރާނަށް ފޯރުކޮށްދިންކަން ކަށަވަރު ނުކުރެވޭ ވަގުތުގައިވެސް އޭގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެދާނެ ނުރައްކަލާމެދު ބިރުވެރިކަން އުފެދިގެން ދާނެއެވެ.
އުތުރު ކޮރެއާއިން އިންޓަރކޮންޓިނެންޓަލް ބެލެސްޓިކް މިސައިލް ފޯރުކޮށްދިން ޚަބަރު މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީގޮތުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެހެންނަމަވެސް މިޒަމާނުގައި ދޭދޭ ގައުމުގެ މެދުގައި ކުރެވޭ މުއާމަލާތުތައް ސިއްރުކުރުމަކީވެސް ފަސޭހަކަމެއް ނޫނެވެ. ވާސޯންގް-18 މަރުކާގެ އެންޓިކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ދަތުރުކުރާ ދުވެލީގެ ބާރުމިނަކީ ގަޑިއަކު ފަނަރަހާސް ކިލޯމީޓަރ ކަމަށް ބުނެފައިވެއެވެ.
އީރާން ހަނގުރާމައާއި ސީދާ ގުޅުމެއް ނެތް ކަމުގައިވިޔަސް ޔުނައިޓެޑް ނޭޝަންސްގައި އިޓަލީގެ ބޮޑުވަޒީރު ޖޯރޖިއާ މެލޯނީ އިސްރާއީލާއެކު އޮތް ހުރިހާ ގުޅުމެއް ކަނޑާލައްވައި އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ އުދުވާނަށް އިޓަލީން ދެކޮޅުހަދާކަން އިއުލާން ކުރައްވައި ޔޫރަޕިއަން ޔޫނިއަނުން އިސްރާއީލާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ތާއީދު ކުރައްވާކަން އިއުލާންކުރެއްވައިފިއެވެ. މިއީ ޖީ-7 ގެ ލީޑަރަކު މިވަރުގެ ހަރުކަށި އިބާރާތަކުން އިސްރާއީލާ ދެކޮޅަށް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
އީރާނުން ހަނގުރާމަ ހުއްޓާލުން ބޭނުންވެގެން އެމެރިކާއަށް އެދެމުން ގެންދާކަމަށް މީޑިއާގައި ފެތުރެމުންދާ ޚަބަރާ ދޭތެރޭ ޑެއިލީ އަޕްޑޭޓުގެ ނޫސްވެރިން އީރާނުގެ ޚާރިޖީ ވަޒީރަށް ދެންނެވުމުން ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓާލަން އީރާނުން އެދެންޖެހޭ ސަބަބެއްނެތް ކަމަށާއި އަހަރެމެންނަށް އީރާނުގެ ރައްޔިތުންނާއި ގައުމު ސަލާމަތްކުރުމުގެ ހިތްވަރާއި ފަންވަރު ލިބިފައިވާ ކަމަށެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާ ހަމަޔަށް އީރާނުންގެންދިޔައީ ސުލްހައިގެ މަގަށް މަޝްވަރާ ކުރަމުންނެވެ. ދެން އިތުރަށް އެމެރިކާއާއެކު ދައްކާނެ ވާހައެއް ނެތެވެ. މިހާރުވެސް 3 ހަފުތާގެ ތެރޭގައި ހަގުރާމަ ނިންމާލާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވާތީ ސުވާލު ދެންނެވުމުން ހަނުގާރަމައެއްގައި ކުރާނެ ކަންތަކާއި އަޅާނެފިޔަވަޅުތަކުގެ ވާހަކަ މާކުރިން ދައްކައި އަނގަގަދަކުރުމަކީ ފިރިހެންވަންތަ ސިފައެއް ނޫން ކަމަށާއި އަވަހަށް އެ ވިދާޅުވާ ލަޝްކަރުތައް އީރާނަށް ފޮނުވައި ނަތީޖާއާއި ކުރިމަތި ލައްވަންވީ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. މަޝްހޫރު މީޑިއާއަކުން ކުރިމަތިކުރި ބަސްދީ ގަތުމެއްގައި ޚާރިޖީ ވަޒީރުގެ އަނގަބައްދާލުމަށް މަސައްކަތްކުރަން ފެށުމުން އެމަނިކުފާނަކީ “ ސިޔާސީގޮތުން އަނގަ ބައްދާނުލެވޭނެ ކޫލް ޝަޚްސިއްޔަތެއް ކަމަށާއި އެރޮނގުން ޕީ އެޗް ޑީ ހާސިލުކުރައްވާ ފައިވާ ބޭފުޅެއްކަން އެހެން ބައެއް މީޑިއާ ތަކުގައި ބުނެފައިވެއެވެ.
އެމެރިކާއިން ކުރިއަށް ރާވާފައި އޮތް ހަމަލާތަކުގައި އީރާން އަނެއްކާވެސް ހިލައިގެ ޒަމާނަށް ފަހަތަށް ފޮނުވާލާނެކަމަށް އެމެރިކާގެ ހަނގުރާމައާ ބެހޭ ވަޒީރު ދެއްވި އިންޒާރަށް ރައްދު ދީ “ ކަލޭމެން ހިލައިގެ ތެރޭގައި ބޮނދައިގެން ތިބި ޒަމާނުގައިވެސް އީރާނަކީ ދުނިޔޭގައި އެންމެ ފާހަގަކުރެވޭ ބާރުގަދަ އެމްޕަޔަރެއްކަން “ ދެކުނު އެފްރިކާގައި ހުންނަ އީރާނުގެ އެމްބަސީން އޭނާއަށް ހަދާންކޮށްދީފައިވެއެވެ. އަލިފާން ރޯކުރާނެ ދަރުކޮޅެއް ހޯދަން ފަރުބަދަތަކުގެ ހޮހަޅައަށްދާންދެން ކަލޭމެން އަތްފުނާ އަޅަމުން ދިޔަ ޒަމާނުގައިވެސް އީރާނުން ގެންދިޔައީ އިންސާނީ ހައްގުތަކާއި މީސްތަކުންގެ ދިރިއުޅުމުގެ އާދަކާދަތަކާއި ވައްޓާފާޅިއަށް ހުރުމަތްތެރިކޮށް ހިތުމުގެ ގާނޫނު ދުނިޔެއަށް ދަސްކޮށްދެމުންނެވެ. މާޒީގެ ތާރީޚުގައި ބާރުވެރިކަމުގެ ގޮތުން ހައްދު ފަހަނަޅައި ގޮސްފައިވާ އެލެގްޒެންޑަރ ދަ ގްރޭޓް އާއި މޮންގޯލުން އީރާން އަތުލުމަށް އެމީހުންގެ ހުރިހާ ބާރެއް ބޭނުން ކުރިއެވެ. އެކަމަކު މިއަދުވެސް އީރާނު އެ ގައުމުގެ ގޮތުގައި ދެމިއޮތީތީ ނުފެނޭހެއްޔެވެ. ސަބަބަކީ އީރާނަކީ ގައުމެއްގެ ހައިސިއްޔަތަށްވުރެން ބޮޑަށް ސިވިލައިޒޭޝަނެކެވެ. މަލާމާތުގެ ބަހުރުވައިން އެމްބަސީން ރައްދު ދީފައިވެއެވެ.
ހޮރްމުޒް ކަނޑުއޮޅި އީރާނުން ބަންދު ކުރުމުގެ ސަބަބުން މުޅި ދުނިޔޭގެ ހަކަތަ ބަނޑަށް ޖެހެމުންދާކަން ބަޔާންކޮށް ޔޫ އެން ގެ ސެކިއުރިޓީ ކައުންސިލުން އީރާނާ ދެކޮޅަށް މިލިޓްރީ ބާރުގެ ބޭނުންކުރަން ފާސްކުރުމުގެ ބޭނުމުގައި އަރަބި ގައުމުތަކުން ހުށައެޅި ގަރާރު ރަޝިޔާއާއި ޗައިނާ އަދި ފަރަންސޭސި ވިލާތުން ވީޓޯގެ ބާރު ބޭނުންކޮށް ބޭރު އަރުވާލައިފިއެވެ. އަރަބި ގައުމުތަކުން ހުށައެޅި ގަރާރު ވީޓޯ ކުރުމުގެ ސަބަބަކީ އެފަދަ ގަރާރަކުން ލިބިގެންދާނެ އިތުރު ހަމަނުޖެހުން އަތްނުފޯރާ ހިސާބަށް ދިއުމުގެ ބިރުވެރިކަން މާ ބޮޑުކަމަށް އެ 3 ގައުމުން ބުނެފައިވެއެވެ. އަދި މިހާރުވެސް ހޮރްމުޒް ކަނޑުއޮޅި އާންމު ދަތުރުފަތުރަށްޓަކައި ހުޅުވޭނެ މަގެއް ހޯދުމަށް ސިޔާސީގޮތުން މަސައްކަތް ކުރެވެމުންދާކަން ހާމަކޮށްފައި ވެއެވެ.
މިހާރު ހިންގަމުން ދާ ހަނގުރާމަ ނިމިގެން ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާލެވުނު ކަމުގައިވިޔަސް އެ ކަނޑުއޮޅި ހުރަސްކުރުމަށް އީރާނާއި އޮމާނުން ޓޯލް ނިޒާމް އެކަށައަޅަން ގަސްދުކުރާކަން އީރާނުންވަނީ ހާމަކޮށްފައެވެ.
އެމެރިކާގެ މިލިޓްރީ ކޮމާންޑްގެ އެންމެ އިސް ސަފުގައި ސަރުކާރުގެ ދެކޮޅަށް އުފެދެމުންދިޔަ ވިސްނުން ބޮޑު ތޫފާނަކަށް ބަދަލުވެ އެ ގައުމުގެ ޗީފް އޮފް ސްޓާފް ރޭންޑީ ޖޯރޖް ރިޓަޔަރ ކުރަން އަމުރުކުރުމާއެކު ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލައިފިއެވެ. އަދި އެމެރިކާ މިލިޓްރީގެ އެންމެ އިސް ސަފުން ފާހަގަކުރެވޭ ޑޭވިޑް ހޮޑްނީ އާއި ވިލިއަމް ގްރީން ޖޫނިއަރވެސް މިއަދު ވަޒީފާއިން ވަކިކޮށް ގެއްށް ފޮނުވާލި މިލިޓްރީންގެ ތެރޭގައި ހިމެނެއެވެ. އަދިވެސް އެހެން 11 ޖެނެރަލުންވެސް ވަނީ މިއަދު ވަޒީފާއިން ވަކިކޮށްފައެވެ. އެއީ ގައުމުގެ ފަޚްރުކަމުގައި ބެލެވޭ ބޭފުޅުންނެވެ. ހަޑިހުތުރުހާ މިލަތަކުން ލައްޖެހިފައިތިބި ޕޮލިޓިޝަނުންނެއް ނޫނެވެ. މިލިޓްރީގެ އެންމެ އިސްބޭފުޅުން ކުއްލިއަކަށް މަގާމުން ދުރުކުރުމަކީ ވައިޓްހައުސްގެ ސިޔާސަތުގެ މިސްރާބު އޮޅި ފާލުން ނެއްޓިފައިވާ މިންވަރު އެނގިގެންދާ ނިޝާނެކެވެ. ހަނގުރާމައިގެ ދުވަސްވަރު ކޯރޓް މާޝަލް ކުރުމަކާ ނުލައި މިލިޓްރީގެ އެންމެ އިސް ޖެނެރަލުން ވަޒީފާއިން ވަކިކުރަން ވެސް އެމެރިކާގެ ގާނޫނުން ރައީސަށް ބާރު ލިބިދެއެވެ. އެކަމަކު އެއީ ހިތަށް އެރުމާއެކު އެއްވެސް ގައުމަކުން އަޅާނެ ފިޔަވަޅެއް ނޫނެވެ. އަދި އަމުދުން އެމެރިކާއިން މިހާތަނަށް އީރާނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައެއްވެސް ނުވެއެވެ. އެ ބޭފުޅުން މަގާމުން ވަކިކޮށްފައިވަނީ ރައީސް ޓްރަމްޕް ބޭނުންފުޅުވާ ގޮތަށް އެހެން ޖެނެރަލުންނާއެކު މިލިޓްރީ ބައްޓަންކުރުމުގެ ބޭނުމުގައިކަން ހާމަކޮށްފައި ވެއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައަށް ނޭޓޯގެ އެއްވެސް ގައުމެއްގެ ރުހުން ލިބިފައެއް ނުވެއެވެ.
ބަހްރައިންގައި އެ ގައުމުގެ ރައްޔިތުން މަގުތަކަށް ނިކުމެ ސަރުކާރާ ދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާ ހޫނުވެ ކޮންޓްރޯލުން ނެއްޓިގެން ދާން ފެށުމުން މަގުތަކަށް ފުލުހުން ނިކުމެއްޖެއެވެ. މުޒާހަރާކުރާ މީހުން ގޮވަމުން ގެންދަނީ އެ ޖަޒީރާ ގައުމުގައި އޮންނަ ރަސްކަމުގެ ނިޒާމަށް ރައްޔިތުންގެ ރުހުން ނެތް ކަމަށާއި ވެރިކަމުގެ ނިޒާމް ބަދަލުކުރަން ބޭނުންވާ ކަމަށެވެ. ބަހްރައިންގައި ހިނގަމުންދާ މުޒާހަރާތްކުގެ އަސަރު ގަލްފުގެ އެހެން ގައުމުތަކަށްވެސް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.
![]()
