އީރާނަށް ގޮތެއް ނިންމަން މިދެނީ 48 ގަޑިއިރު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވުމާއި ގުޅިގެން އީރާނުން ރައްދު ދީފިއެވެ. ފުރަތަމަ ފަހަރަށް ޖަވާބު ދެމުން އީރާނުން ބުނެފައިވަނީ ޓްރަމްޕްގެ އެ ބުނުމުން ހާމަވަނީ އެމެރިކާއަށް މިހާރު ގޮތް ހުސްވެފައިވާ ކަން، ކަމުގައެވެ.
އީރާންގެ ސެންޓްރަލް މިލިޓަރީ ކޮމާންޑުން ނެރުނު ބަޔާނެއްގައި އީރާނުން ބުނެފައިވަނީ ބިރުދެއްކުމުގެ އިންޒާރު ބަލައި ނުގަންނަ ކަމުގައެވެ.
ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ ސުލްހައިގެ އެއްބަސްވުމަކަށް ގޮސް ހޮރްމޫސް ކަންޑުއޮޅި ހުޅުވަން މިދެނީ 48 ގަޑިއިރުގެ މުހުލަތެއް ކަމަށާ ގަބޫލު ނުކޮށްފިނަމަ ވާރޭ ވެހޭގޮތަށް ހަމަލާތައް އޮއްސާލާ އީރާނުގެ ހުރިހާ މުހިންމު އިންފްރާސްޓްރަކްޗާ ނައްތާލާނެ ކަމުގައެވެ.
ހަމަ ހޮނިހިރު ދުވަހު ޓްރަމްޕް ވަނީ އީރާނަށް ދެވުނު ވަރަށް ވަރުގަދަ ހަމަލާއެއްގައި މިލިޓަރީ ހުރިހާ ލީޑަރުން މަރާލެވިފައިވާ ކަމަށްވެސް ބުނެފަ އެވެ.އަދި ޓްރަމްޕް ވަނީ ވަރުގަދަ ގޮވުމެއްގެ ވީޑިއޯ ވެސް ހިއްސާ ކޮށްފައެވެ.
އީރާނުގެ ޖެނެރަލް އަލީ އަބްދުﷲ އަލީއައްބާދީ ގެ ބަޔާނުގައި ވިދާޅުވެފައިވަނީ ޓްރަމްޕްގެ ”ތުރެޓް“ ނުވަތަ ބިރުދެއްކުމުން ދައްކާދެނީ ހެލްޕްލަސް،ނަރވަސް،އަންބެލެންސްޑް އަދި ސްޓޫޕިޑް ސިފަކަމުގައެވެ.ޓްރަމްޕް ގެ މެސެޖްގައި ނަރަކައިގެ ދޮރުތައް އީރާނަށް ހުޅުވިގެންދާނެ ކަމަށް ބުނެފައިވާތީ އޭގެ ޖަވާބުގައި އީރާނުން ބުނެފައިވަނީ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފިނަމަ މުޅި ރީޖަން ޓްރަމްޕަށްޓަކާ ނަރަކަޔަށް ހަދާލާނެ ކަން ހަނދާން ނައްތާނުލުމަށް ބުނެފައި ވެއެވެ. އިސްލާމިކް ރިޕަބްލިކް ބަލިކޮށްލުމުގެ ”އިލޫޝަން“ އެމެރިކާއަށް ވެފައިވަނީ އޭގެ ތެރެޔަށް ޤަރަގު ކޮށްލާފަދަ ”ސްވޯޕް“ ނުވަތަ ޗަކަސް ގަނޑަކަށް ވެފައިވާ ކަމަށް ސެންޓްރަލް ހެޑްކުއާޓާސްގެ ތަރުޖަމާން އިބްރާހިމް ޒުލްފިގާރީ ވެސް ބުނެފައި ވެއެވެ.
އިރާނުގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ފާސް ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި އީރާނަށް ފައިސާ ދަތިކޮށްލުމަށް އެމެރިކާއިން ގެންގުޅޭ ޕްލޭން ވެސް ވާނީ ބޭކާރު ކަމަކަށެވެ.އަދި މިކަމުގައި އެމެރިކާ އަށާއި އިޒްރޭލަށް ބޮޑު ސަރޕްރައިސް އެއް ދޭނެ ކަމަށްބުނެފައި ވެއެވެ. މީގެ އިތުރުން އީރާންގެ ބްރިޖްތައް ހަލާކުކޮށްލާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާތީ އެކަމާވެސް އަންނަނީ ހިނި ކަމަށް އީރާންގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.
މާޗް 26 ގައި ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނަށް ދެމުން އައި ހަމަލާތައް، މަޝްވަރާތަކަށް ތަން ދިނުމަށް ދިހަ ދުވަހަށް، އެޕްރިލް 6ވަނަ ދުވަހާ ހަމަޔަށް މެދުކަނޑާލާކަމުގައެވެ. ނަމަވެސް އެމެރިކާއިން އައީ ހަމަލާތައް ކުރިޔަށް ގެންދަމުންނެވެ.
![]()
