އޭނާ މަރުނުވެ އަދި ދުނިޔޭގައި އެބަހުރި ކަމަށާ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އީރާން މުޅިން ޗަސް ވަންދެން ހަމަލާ ދޭނެ ކަމުގައި އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެއްޖެ ކަމަށް ވިއޯން ޗެނެލުން ބުނެފިއެވެ.
ނަތަންޔާހޫ މިހެން ވިދާޅުވި ކަމަށްވަނީ ބުރާސްފަތިދުވަހު ޖެރޫސަލަމް ގައި ހުންނަ އިޒްރޭލް ސަރުކާރުގެ ޕްރެސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކަމަށް ވެއެވެ.
ނަތަންޔާހޫ ވިދާޅުވި ކަމަށް އެނޫހުން ބުނެފައިވާ ގޮތުގައި ހަނގުރާމަޔަށް 20 ދުވަސްވީއިރު އީރާނުގެ ކިބައިން ޔުރޭނިއަމް ފައްކާކުރުމުގެ ބާރުވެސް އަދި ބެލިސްޓިކް މިސައިލް އުފެއްދުމުގެ ބާރުވެސް ވަނީ ނައްތާލެވިފައެވެ.
ނަތަންޔާހޫ ބަޔާން ފެއްޓީ ހީބްރޫ ބަހުން ކަމަށް ވެއެވެ.ނަމަވެސް ފަހުން ތަރުޖަމާ ފޮނުވަން ފެށިއިރު، އީރާނުގެ ކިބައިގައި ހުރި މިހުރިހާ ކުޅަދާނަކަމެއް މުޅިން ނައްތާލާ އެގައުމު ޗަސް ކޮށްލާނެ ކަމަށް ވިދާޅުވި ކަމަށް ވެއެވެ.
ނަތަންޔާހޫ ވިދާޅުވެފައިވާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ ދިފާއީ ނިޒާމުތައް ހަލާކުވެފައިވާ ވަރުން، އެގައުމުން އިޒްރޭލަށްދޭން ކުރިން ރާވައިގެން ތިބި އެއްވެސް ހަމަލާއެއް ކުރިޔަށް ގެންދިއުމުގެ ގާބިލުކަމެއް އެގައުމަކަށް މިހާރު ލިބިގެން ނުވެއެވެ.
އިޒްރޭލުން މުޅި މެދުއިރުމަތިވެސް ބަދަލުކޮށްލާނެކަމަށާ އަދި އީރާނުގެ ހާލަތު ދުވަހަކުވެސް ނުދާހާ ދަށަށް ގޮސްފައިވާއިރު އިޒްރޭލް ގެ ބާރުއޮތީ ދުވަހަކުވެސް ނުވާހާ ގަދަކޮން ކަމުގައި ނަތަންޔާހޫ ވިދާޅުވި ކަމަށް ވެއެވެ.
ހަނގުރާމަ ދިގުދެމިގެންދާތީ އިޒްރޭލް އަދި އެހެން ގައުމުތަކުގެ ކަންބޮޑުވުން ހުރިކަން ފާހަގަ ކުރައްވާ ވިދާޅުވީ ހަގުރާމައިގެ އަމާޒުތައް ހާސިލުވަންދެން ހަމަލާތައް ކުރިޔަށް ގެންދާނެ ކަމަށާ ކާމިޔާބު ކުރާނީ އެންމެން ގުޅިގެން ކުރާމަސައްކަތުން ކަމުގައެވެ.
ހަނގުރާމައިގެ މައިގަނޑު އަމާޒު ތަކަކީ ކޮބާ ؟
ހަނގުރާމައިން ހާސިލް ކުރަން ބޭނުންވާ މައިގަނޑު ތިން އަމާޒެއް ވާކަމަށް ނަތަންޔާހޫ ވިދާޅުވި ކަމަށް ވެއެވެ. އެއީ ނިއުކްލިއަރ ހަތިޔާރު އުފައްދާ ބޭނުން ކުރުމުގެ ކުޅަދާނަކަން ނައްތާލުން،ބެލިސްޓިކް މިސައިލް ގެ ނުރައްކާ ނައްތާލުން އަދި އީރާނުގެ ރައްޔިތުންނަށް މިނިވަންކަން ހޯދާ ދިނުން ކަމަށް ވިދާޅުވެފައިވެއެވެ.އިޒްރޭލުން ގަބޫލުކުރާ ގޮތުގައި އީރާނުގައި ހުރި ބެލިސްޓިކް މިސައިލްގެ ސްޓޮކް، ބިމުއަޑީގެ ތަންތަނުގައި ރައްކާކޮށްފިނަމަ، މަތިން ހަމަލާ ދިނުމުގެ ފުރުސަތު ގެއްލުނީއެވެ.
ނަތަންޔާހޫގެ ބަޔާނުގައި އިޒްރޭލްގެ އަސްކަރިއްޔާގެ ހަމަލާތައް ރާވާފައިވާ ގޮތް ކިޔާދެއްވިއެވެ.މިގޮތުން ހަމަލާތައް އަމާޒު ކުރަނީ އީރާނުގެ މިސައިލް އަދި ޑްރޯން އާސަނަލް ތަކަށާ އެތަކެތި ލޯންޗް ކުރުމަށް ބޭނުންކުރާ ސިސްޓަމްތަކުގެ އިތުރުން ނިއުކްލިއަރ ހަތިޔާރު އުފައްދާ ފެކްޓަރީ ތަކަށާ ތަންތަނަށް ކަމުގައި ވިދާޅުވިއެވެ. އީރާނުގެ ހުރިހާވައްތަރެއްގެ ހަތިޔާރު އުފައްދާ ތަންތަން ނައްތާލާ ހަލާކުކޮށް ލުމުގެ މަސައްކަތް ކުރިން ދުވަހަކުވެސް ނުކުރާހާ ބޮޑަށް ކުރަމުން ދިޔަނަމަވެސް އަދިވެސް ކުރަން އިތުރު މަސައްކަތް އެބަހުރި ކަމަށް ވިދާޅުވި ކަމަށް ވެއެވެ.
އެމެރިކާ ހަނގުރާމަޔަށް ވެއްދީ އިޒްރޭލުން ކަމަށް ބުނާ ބުނުން ތަކަކީ ފޭކް ނިއުސް ކަމަށް ނަތަންޔާހޫ ވިދާޅުވި ކަމަށް ވެއެވެ.ކަންތައް ކުރަންވީގޮތް އެއްވެސް މީހަކަށް ޓްރަމްޕް ކައިރީ ބުނެވޭނެތޯ ނަތަންޔާހޫ ސުވާލުކުރި ކަމަށް ވެއެވެ. ޓްރަމްޕް އަޅާނެ ފިޔަވަޅެއް އަޅަނީ އެމެރިކާއަށާ އަދި އަންނަން އޮތް ޖީލުތަކަށް އެންމެ ރަނގަޅު ގޮތްތަކަށް ވިސްނެވުމަށްފަހު ކަމުގައި ނަތަންޔާހޫ ވިދާޅުވި ކަމަށް ވިއޯން ޗެނެލުގައި ބުނެފައި ވެއެވެ.
![]()
