އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގައި ހުންނަ، ޑްރަގް ފަރުވާދޭ ހޮސްޕިޓަލަކަށް ދެވުނު ވައިގެ ހަމަލާއެއްގައި އެތައް ސަތޭކަ މީހުން މަރުވެފައިވާކަމަށް ޚަބަރުލިބެއެވެ.
އަފްޣާނިސްތާނުން ބުނަނީ ހަމަލާދީފައިވަނީ ޕާކިސްތާނުން ކަމުގައެވެ.ސަރުކާރުގެ ތަރުޖަމާނު އެކްސްގައި ލިޔަމުން ބުނެފައިވަނީ ހަމަލާދީފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.އަދި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާއިރު،ހަމައެހާގިނަމީހުން ޒަޚަމްވެސް ވެފައިވާ ކަމަށް އަފްޣާނިސްތާން ސަރުކާރުން ބުނެފައި ވެއެވެ.
ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓްރީން ވަނީ ހޮސްޕިޓަލަށް ހަމަލާދިންކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގު ކޮށްފައެވެ.އަދި އެގައުމުން ހަމަލާދިނީ މިލިޓަރީ ތަންތަނަށާ އަދި ކާބުލްގެ އިތުރުން ނަންގަހާރުގައި ހުންނަ،ޓެރަރިޒަމަށް ސަޕޯޓްކޮށް ހަރަކާތްތައް ހިންގާ އިމާރާތްތަކަކަށް ކަމަށް ބުނެފައިވެއެވެ.
ޑްރަގް ހޮސްޕިޓަލަށް ހަމަލާދިންތާ މާގިނަ އިރެއްނުވެ އެތަނަށް ނޫސްވެރިން ދިޔައިރު ވެސް ތިރީހަކަށް ހަށިގަނޑު ސްޓްރެޗަރުގައި ނެރޭތަން ފެނުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.އެތަނަކީ ތިންހާހެއްހާ މީހުންނަށް ޑްރަގް ފަރުވާ ދެމުން އަންނަ ތަނަކަށް ވާއިރު މަރުވި މީހުންގެ އަދަދު އެތައްސަތޭކައަށް އަރާނެ ކަމަށް އަފްޣާނިސްތާންގެ ހެލްތު މިނިސްޓްރީންވެސް ބުނެފައި ވެއެވެ.
ހެލުތު މިނިސްޓްރީގެ ތަރުޖަމާން ބުނެފައިވަނީ ޑްރަގް ހޮސްޕިޓަލާ ކައިރީގައި އެއްވެސް މިލިޓަރީ ފެސިލިޓީ އެއް ނުހުންނާނެ ކަމުގައެވެ.
އެހިސާބުގައި ދިރިއުޅޭ މީހުން ކިޔާދިން ގޮތުގައި ރޭގަނޑު 8:50އެހާއިރު ފުރަތަމަ އިވުނީ ބާރު ގޮވުން ތަކެއްގެ އަޑެވެ.އެއަށް ފަހު މަތިންދާބޯޓުގެ އަޑާ އަދި އެއާ ޑިފެންސް ނިޒާމްގެ އަޑު އިވިފައި ވެއެވެ. އަޑުފަށް ގަޑާ ގުޅިގެން ހޮސްޕިޓަލުގައި ތިބި މީހުންގެ ހާލު އޮޅުންފިލުވުމަށާ، ވެގެން އުލޭ ގޮތެއްގެ މައުލޫމާތު ހޯދުމަށް އާއިލާގެ މީހުން ހޮސްޕިޓަލް ދޮށަށް އެއްވި ކަމަށް ޚަބަރުލިބެއެވެ.
ޖެހިޖެހިގެން އޮންނަ ދެގައުމު ކަމަށް ވާ އަފްޣާނިސްތާނާއި ޕާކިސްތާނާއި ދެމެދު މިދިޔަމަހުން ފެށިގެން އަންނަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ.ޕާކިސްތާނުން ބުނާ ގޮތުގައި އަފްޣާނިސްތާނުން އަންނަނީ ހަރުކަށި ވިސްނުމުގެ ޖަމާއަތްތަކަށް ހިއްވަރުދީ އެގައުމާދެކޮޅަށް ޓެރަރިޒަމްގެ އަމަލްތައް ހިންގަމުންނެވެ.ނަމަވެސް ޠާލިބާން ސަރުކާރުން މިކަން ދޮގުކުރެއެވެ.
ފެބްރުއަރީ 26ން ފެށިގެން އެދެގައުމު ދެމެދު ބޯޑަރު ހުރަސްކޮށް ދެވުނު ހަމަލާތަކުގައި އަފްގާނިސްތާންގެ 75 މީހުން މަރުވެ193 މީހުން ޒަޚަމް ވެފައި ވެއެވެ.
![]()
