ކެންޔާއަށް މޫސުން ގޯސްވެ ފެން ބޮޑުވުމުގެ ސަބަބުން 66 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ކެންޔާއަށް މޫސުން ގޯސްވެ ބޮޑެތި ހިސާބު ތަކެއްގައި ފެންބޮޑުވެ ހިނގި ތަފާތު ހާދިސާތަކުގައި މަދުވެގެން 66 މީހުން މަރުވެފައިވާކަމަށް ޚަބަރު ލިބެއެވެ. އެ ގައުމުގެ އެކި ހިސާބުތަކަށް މޫސުންގޯސްވެ ވާރޭ ވެހެމުން ދާތާ ހަފްތާއެއްހާދުވަސްވަނީ ވެފައެވެ.ވެރިރަށް ނައިރޯބީ އަށް އާދީއްތަދުވަހުގެ ރޭވެސް ބޯކޮން ވާރޭވެހިފައިވީނަމަވެސް އިތުރު މީހަކު މަރުވެފައި ނުވާކަމަށް ވެއެވެ.ފެންގަނޑުބޮޑުވެ މިނީ ބަހެއް ކުރިޔަށް ނުދެވި ހުއްޓިފައިވަނިކޮން އޭގައި ތިބި 11 މީހުން ނާއި ފެންބޮޑުވި ގެއެއްގައި ތިބި ކުޑަދެކުދިން ސަލާމަތް ކޮށްދީފައިވާ ކަމަށް ކެންޔާގެ ރެޑް ކްރޮސް އިން މައުލޫމާތު ދީފައި ވެއެވެ.


ފާއިތުވި ހަފްތާއެއްހާދުވަހު ވެހުނު ބޯވާރޭގެ ސަބަބުން ކޯރުތައް ފުރި ބަންޑުން ވަމުންދިއުމުގެ ސަބަބުންވެސް އެކި ހިސާބު ތަކުގައި ވަނީ ފެންބޮޑުވެފައެވެ. މިކަމުގެ ސަބަބުން ގިނައަދެއްގެ ގެތަކަށް ވެސް ފެންވަދެ މަގުތައް ހަލާކުވެ ކަރަންޓާ ފެނުގެ ޚިދުމަތަށްވެސް ބުރޫ އަރާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ވެރިރަށް ނައިރޯބީއަށް ހޮނިހިރު ދުވަހު ވެހުނު ބޯވާރޭއަށްފަހު ގިނަ މަގުތަކާއި ބްރިޖްތައްވެސް ހަލާކުވެފައިވާ ކަމަށް ވެއެވެ.ބައެއް ސްކޫލް ތަކުގައިވެސް ބޭނުން ނުކުރެވޭވަރަށް ފެންބޮޑުވެފައިވުމާއި ގުޅިގެން ސްކޫލްތައްވެސް ވަނީ ބަންދު ކޮށްފައެއެވެ.އިންޓީރިއަރ މިނިސްޓްރީން ދަނީ ވެރިރަށް ނައިރޯބީގެ އިތުރުން އެހެން ހިސާބުތަކުގައި ވެސް މޫސުން ގޯސްވެ ފެންބޮޑުވެދާނެތީ އެކަމަށް ތައްޔާރުވުމަށް އަންގަމުންނެވެ.މިގޮތުން ބިންތިރި ހިސާބުތަކުގައި ދިރިއުޅޭ މީހުން އުސްހިސާބުތަކަށް ބަދަލުވުމަށް އެންގުމާއި ގުޅިގެން ދެހާހެއްހާމީހުން ގެތައް ދޫކޮށް ރައްކާތެރި ސަރަހައްދު ތަކަށް ވަނީ ބަދަލުވެފައެވެ.
މަރުވި މީހުންގެ ދެބައިކުޅައެއްބައި މަރުވެފައިވަނީ ވެރިރަށް ނައިރޯބީ އިންނެވެ.އެއީ 33 މީހުންނެވެ.ނައިރޯބީގެ ހާލަތު މިހާގޯސްވާން ދިމާވެފައިވަނީ އެސިޓީގައި އަޅާފައިވާ ޑްރެއިން ސިސްޓަމް ރަގަޅަށް މަސައްކަތް ނުކުރުމާއި ކޯރުތަށް ފުރި ބަންޑުން ވިފެންގަނޑުގެ ސަބަބުންނެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިޔަށް އެބަގެންދެއެވެ.
ބައެއްމީހުން މައުލޫމާތު ދީފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ރެޔާ ހަމަޔަށް ބައެއް ހިސާބުތަކުގައި ހަފޫޓެއްހާވަރަށް ފެންބޮޑުވެފައި ހުއްޓެވެ.ނަމަވެސް މިހާރު ވަރަށް ބޮޑަށް ފެންގަނޑު ހިނދެމުން ދާކަމަށް ޚަބަރުތައް ބުނެއެވެ.
ކޮންމެ އަހަރަކު ހެން މިމައްސަލަ ކުރިމަތިވާއިރު ނައިރޯބީގެ ޑްރެއިން ނިޒާމް ރަގަޅު ނުކުރާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.އެމީހުން ބުނާ ގޮތުން ބިންތިރި އެހެން ހިސާބުތަކުގައި ފެންބޮޑުނުވަނީ އެތަންތަނުގެ ފެންހިންދާ ނިޒާމު ރަނގަޅުވީމަ އެވެ.
ރައީސް ވިލިއަމް ރޫޓޯ ވަނީ ބެދިފައިވާ ޑްރެއިން ހޮޅިތައް ސާފުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.އަދި ގެއްލުން ލިބުނު ފަރާތްތަކަށް މެޑިކަލް އެހީއާއި ކާބޯތަކެތީގެ އެހީ ފޯރުކޮށް ދެމުންދާކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ.
ޖެހިގެން އޮތް އިތިއޯޕިޔާއަށް ވެސް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހެމުން ދިއުމުގެ ސަބަބުން ބޮޑެތި ގެއްލުން ލިބި ގިނަބަޔަކު މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް