ރަމްޟާންމަހުގެ ފަހު ދިހައިގެ ދުވަސްތައް ފެށިފައިވާއިރު،މިދުވަސް ކޮޅުގެ ތެރޭ އުމްރާވުމަށް ދާމީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެގެން ގޮސްފައިވާ ކަމަށް ޚަބަރުލިބެއެވެ.
މިއާއެކު ސައޫދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ދަނީ އުމްރާވެރިން، އުމްރާގެ ރުކުންތައް އަދާކުރުމަށް އުޅޭއިރު ވީހާވެސް ބޮޑަކަށް ބައިބޯވާ ގަޑިތަކުގައި ހަރަމް ފުޅަށާ އެހެންވެސް އެފަދަ ތަންތަނަށް ނުދިއުމަށް އަންގަމުންނެވެ.
އެ މިނިސްޓްރީން ފާހަގަ ކޮށްފައިވާ ގޮތުގައި މެންދުރުފަހު 4ން ރޭގަޑު 10އަށް އަދި ފަތިހު 5ން ހެނދުނު 8އަށް މިއީ މީހުން ވަރަށް ބައިބޯވާ ގަޑިތަކެވެ. މީހުންނާއި އެކުއެކީ މީހުން އުފުލާ ވެހިކަލްތަކުގެ ޓްރެފިކް ވެސް މިގަޑިތަކުގައި އިތުރު ވެގެން ދެއެވެ. އެހެން ކަމުން ހަރަމް ފުޅުގެ ވަށައިގެންވާ ހިސާބުތަކުގެ ކާރޫބާރޫ ކޮންޓްރޯލް ކުރުމަށްވެސް ވަނީ ދަތިވެފައެވެ.
ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ރަމްޟާން މަހުގެ ފުރަތަމަ ދެހަފްތާގެ ޓްރެފިކް ހަރަކާތްތަކަށް ބަލާއިރު، ރޭގަޑު 11ން ފަތިހު 4އަށް ޓްރެފިކް ހުރީ މެދުމިނުގައެވެ. އެންމެ ޓްރެފިކް މަދު، ނުވަތަ މީހުން މަދުވާނެ ވަގުތު ތައް ކަމަށް ފާހަގަ ވެފައިވަނީ ހެނދުނު 8ން މެންދުރުފަހު 3އަށެވެ.
ރަމްޟާންމަސް ނިމެން މިއޮތް ދުވަސް ތަކުގައި އުމްރާވުމަށް ދާމީހުންގެ އަދަދު އަދިވެސް އިތުރު ވާނެ ކަމަށް ބެލެވޭއިރު،އުމްރާ ވެރިންނަށް ފަސޭހަ ވާނެ ގޮތަށް ކަންތައް އިންތިޒާމް ކޮށް ދިނުމަށް ސައޫދީ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.މިގޮތުން ކްރައުޑް މެނޭޖް ކުރުމަށް އޭ.އައި ފަދަ އައު ޓެކްނޮލޮޖީތައް ބޭނުން ކޮށް އިތުރު ބަސް ރޫޓް ތަކެއް ގާއިމް ކުރުން ފަދަ ކަންކަން ދަނީ ކުރަމުންނެވެ.
![]()
