ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހެޅޭ މައްސަލަތައް ތަހުގީގުކޮށް ނިންމުން ލަސްވަނީ ދައުލަތުގެ އެހެން މުއައްސަސާތަކުން މައުލޫމާތު ދިނުން ލަސްކޮށް އަދި ލިިބިނުދޭތީ ކަމުގައި އެ ކޮމިޝަނުން ބުނެފިއެވެ.
އެކޮމިޝަނުގެ މިދިޔަ އަހަަރުގެ ރިޕޯޓްގައި މިގޮތަށް ހާމަކޮށްފައިވެއެވެ.
އެ ރިޕޯޓްގައި ހާމަކޮށްފައިވާ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނާއި 2013 ވަނަ އަހަރުގެ އެންޓި ޓޯޗާ ގާނޫނުގެ ދަށުން މައްސަލަތައް ތަހުގީގު ކުރުމުގައި ކޮމިޝަނަށް ތަފާތު ގޮންޖެހުންތައް ހުރިކަމަށް ބުނެފާވެއެވެ. ވަރަށްގިނަ މައްސަލަތައް އެކަމިޝަނުގައި ވަނީ ތޮއްޖެހިފައެވެ. އެކަމުގެ ޝަކުވާތައް އަންނަނީ އިތުރުވަމުންނެވެ.
އަދި އިތުރަށް ބުނެފައިވަނީ މައްސަލަތައް ތަހުގީގު ކުރުމަށް ބޭނުންވާ ގާބިލް މުވައްޒަފުން ލިބުމުގައި ދަތިތަކެއް ހުރިކަމަށާއި، މުވައްޒަފުން ވަޒީފާއިން ވަކިވެގެން ދިއުމުގެ ސަބަބުން ކޭސް ލޯޑް އިތުރުވެ، މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ނިންމުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ.
މީގެ އިތުރުން މަސައްކަތަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މުވައްޒަފުން މަދުވުމަކީވެސް ތަހުގީގުތަކަށް ދިމާވާ އިތުރު ގޮންޖެހުމެކެވެ.
އެޗްއާރްސީއެމްގެ ރިޕޯޓުގައިވާ ގޮތުން، ސަރުކާރުގެ އޮފީސްތަކުންވެސް އެކަށީގެންވާ އަވަސް މިނެއްގައި މަޢުލޫމާތު ނުލިބުމާއި، މައްސަލަތަކާ ގުޅުންހުރި ލިޔެކިޔުންތައް ލިބުން ލަސްވުމުގެ ސަބަބުން މައްސަލަތައް ނުނިމި ދިގުލައިގެންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ އިންސާފު ގާއިމުކުރުމަށް އެޅޭ ބޮޑު ހުރަހެއްގެ ގޮތުގައި ކޮމިޝަނުން ދެކެއެވެ.
ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ފާހަގަވާ ނިޒާމީ މައްސަލަތަކާއި އެހެނިހެން ކަންބޮޑުވުންތައް ކަމާގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނައި ނަމަވެސް، އެކަންކަން އިސްލާހުކުރުމަށް ދޭ މުއްދަތުގައި ފުރިހަމަވެފައި ނުވާކަން އެޗްއާރްސީއެމްއިން ފާހަގަކުރެއެވެ. މީގެ ސަބަބުން އެފަދަ މައްސަލަތައް ތަކުރާރުވަމުންދާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
އަދި ބައެއް ހާލަތްތަކުގައި އިދާރާތަކަށް އެކަށީގެންވާ ބަޖެޓު ނުލިބުމަކީ ކޮމިޝަނުން ދޭ ހުށަހެޅުންތަކާއި އިލްތިމާސްތައް ތަންފީޒުކުރުމަށް އެ އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
ހަމައެހެންމެ، އެޗްއާރްސީއެމްގެ މުވައްޒަފުން ތަމްރީނުކުރުމަށާއި އަހަރީ މަސައްކަތު ތާވަލުގައިވާ ކަންކަން ތަންފީޒުކުރުމަށް އެކަށީގެންވާ ބަޖެޓު ނުލިބުމަކީ ވެސް ކޮމިޝަނުގެ މަސައްކަތްތަކަށް ކުރިމަތިވާ ހުރަހެއް ކަމަށް ވަނީ ބުނެފައެވެ. މިހެން ބުނެފާވީނަމަވެސް ރައްޔަތުން ގަބޫލުކުރަނީ އެޗްއާރްސީއެމް އަށް ވަނީ ވަރަށްބޮޑަށް ސިިޔާސީ ނުފޫޒް ވަދެފައެވެ. ބައެއް މައްސަލަތަށް ބެލޭނެ ނިޔަތެއްވެސް ނެތްތަނުގައި ވަޒީފާގެ ބިރުގައި އެތަކެއް މައްސަލަތަށް ނުބަލާ ގަސްދުގައި މޭޒުމަތީ ބަރުއެރުވިފާ ވާކަމަށް އެތަނުގެ މުއްޒިފުންވެސް ވަނީ ސިއްރިޔާތުގައި މަޢުލޫމާތު ޙިއްސާ ކޮށްފައެވެ.
މިހެން ވާންޖެހޭ އެންމެ ބޮޑު ސަބަބަކީ ކޮންމެ ސަރުކާރެއް ވެރިކަަމަށް އިސްވުމަށްފަހު އަވަސްވެގަންނަނީ މިނިވަން މުއައްސަސާތަކުގައި އެބައެއްގެ ބަސްހިންގީ ބަޔަކު އެތަންތަނަށް އިސްކުރުމަށެވެ. އެހެންކަމުން ވެރިކަމުގެ ފަރާތުން ނުރުހުދާނެ މައްސަލައެއްނަމަ ބަރުއެރުވިފާ ބޭއްވަނީ ކަމަށެެވެ.
ރާއްޖޭގައި ހުރި މިނިވަން މުއައްސަސާތަކުގެ ތެރެއިން އެޗްއާރްސީއެމްއަކީ ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ބަލައި، ކަށަވަރުކުރުމަށް އުފެއދިފާވާ ވަރަށް މުހިންމު އެއް އިދާރާއެވެ. ނަމަވެސް އެ އިދާރާއަށް ހުށަހަޅާ މައްސަލަތައް ބެލުމުގައި ލަސްވުމާއި، ޖަވާބު ނުލިބުމާއި، ދިގުލައިގެން ދިއުމުގެ ކަންބޮޑުވުން އާންމުންނާއި، ސިޔާސީ ފަރާތްތަކުގެ ބޮޑުޝަކުވާއެއްވެސް މެއެވެ!
![]()
