އެމެރިކާ އާއި ގުޅިގެން ޔަހޫދީން ހޮނިހިރުދުވަހު އީރާނަށް ދޭންފެށިހަމަލާ ތަކުގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.ޓްރަމްޕް ވިދާޅުވީ އީރާނަށް ބޮން އަލަމުން ގެންދާނެ ކަމަށާ މިއީ އިރާނުގެ ރައްޔިތުންވެސް އަމިއްލަ ގައުމު އަތްމައްޗަށް ގެނައުމަށް ލިބޭނެ އެންމެ ބޮޑުއެއް ފުރުސަތު ކަމުގައެވެ.
އެމެރިކާއާއި އެކުއެކީ ޔަހޫދީން ބުނެފައިވަނީ ޚާމާނައީ އަވަހާރަވެފައިވާކަމުގެ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ. އަދި އަވަހާރަކޮށްލާފައިވާ ހާމަނާއީގެ ހަށިކޮޅުގެ ފޮޓޯތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި ނަތަންޔާހޫއަށް ލިބިފައިވާކަމަށް އިސްރާއީލުގެ އެކި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އެމެރިކާއާއި އިސްރާއިލަށް ވާގިވެރިވާ މީޑިއާތަކުން ޚާމަނާއީ އަވަހާރަކޮށްލާފައިވާކަމަށް ރިޕޯޓުކުރި ނަމަވެސް އީރާނުން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. މިކަމުގައި އީރާނުން ބުނަމުން ގެންދަނީ އީރާނުގެ ރައީސާއި ރޫޙާނީ ލީޑަރަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމުގައެވެ. ނަމަވެސް ޚާމަނާއީގެ ދަރިކަނބަލަކާއި އޭނާގެ ފިރިކަލުންގެ އިތުރުން ކާފަ ވިދާޅުވާ ބޭފުޅަކު އަވަހާރަވެފައިވާ ކަމަށް އީރާންގެ ސްޓޭޓް މީޑިޔާއިން އާދީއްތަދުވަހުގެ ފަތިހު ބުނެފައި ވެއެވެ. މިބޭފުޅުންގެ އިތުރުން ޚާމަނާއީގެ ދަނބި ދަރިކަލަކުވެސް މަރުވި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފާސް ނިއުސް އެޖެންސީން ބުނެފައި ވެއެވެ. ނަމަވެސް މިހަބަރު ޔަގީން ނުވާކަމަށް ވެއެވެ.
އީރާނުގެ ސުޕްރީމް ލީޑަރު ނުވަތަ ރޫޙާނީ ލީޑަރަކީ އެ ޤައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ވެސް މެއެވެ. އަދި ޤައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ވިދާޅުވާ ފަރާތަކީ ވެސް ރޫޙާނީ ލީޑަރެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައިވަނީ ހޮނިހިރުދުވަހު އީރާނަށް ދިން ހަމަލާތަކުގައި އިސްރާއީލުން އީރާނުގެ އިސް ބައެއް މެމްބަރުން މަރާލާފައިވާ ކަމަށެވެ. އިސްރާއީލުން މަރާލި ކަމަށް ބުނާ މީހުންގެ ތެރެއިން އެންމެ އިސް މީހަކީ އީރާނުގެ ޤައުމީ ސަލާމަތީ މަޖިލީހުގެ ކުރީގެ ސެކްރެޓަރީ އަދި ސުޕްރީމް ލީޑަރު ޚާމަނާއީގެ ގާތް މުޝީރެވެ.
ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 200 އަށް ވުރެގިނަ މީހުން ޝަހީދުވެ، 700އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ރެޑް ކްރެސެންޓު ސޮސައިޓީއިން ބުނެފައިވެއެވެ. މަރުވި ގިނަމީހުންނަކީ ތެހްރާންގައި ހުންނަ އަންހެން ކުދިންގެ ސްކޫލަކަށް އެރި ހަމަލާއެއްގައި މަރުވި މީހުންނެވެ.އެހަމަލާގައި 85 މީހުން މަރުވެފައިވެއެވެ.
އަނެއް ކޮޅުން، އީރާނަށް ދޭން ފެށި ހަމަލާތަކާބެހޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވަނީ ފަށާފައެވެ. މި ބައްދަލްވުމާއި މުޚާތަބްކޮށް އިޒްރޭލްގެ މަންދޫބު ބުނެފައިވަނީ 47 އަހަރުވަންދެން އީރާނުން ގޮވަމުން އައީ އިޒްރޭލާއި އެމެރިކާއަށް އޮތް ހުކުމަކީ މަރު ކަމުގައެވެ. އަދި އިޒްރޭލުން ހަމަލާދިނީ މިކަން ހުއްޓުވުމަށް ކަމުގައި އެމްބެސެޑަރ ބުނެފައިވެއެވެ. އީރާނުގެ ސަފީރު ވިދާޅުވީ ހަމަލާތަކަކީ ހަމަ އައްސުން ދީފައިވާ ރަހުމެއްނެތް ހަމަލާތަކެއް ކަމަށާ އެކަން ވަގުތުން ހުއްޓުވެން ޖެހޭނެ ކަމުގައެވެ.
އެމެރިކާގެ ކޮންގްރެސްގައިވެސް ވަނީ މިކަމާބެހޭ ކުއްލި ބަހުސެއް ފަށާފައެވެ. އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ގެ މެމްބަރުން ބުނަނީ މިގޮތަށް ހަނގުރާމަ އަކަށް ވަނުމަށް ޓްރަމްޕަށް އެކަނި ނުނިންމޭނެ ކަމުގައެވެ.އަދި އިޒްރޭލާ ގުޅިގެން ހަގުރާމަ ކުރަންފެށުމަކީ ކޮންގްރެސް އިން ހޯދަންޖެހޭ ހުއްދަ ނުހޯދާ ޓްރަމްޕް ކުރެއްވި ކަމެއް ކަމުގައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ތަކުރާރުކޮށް އިންޒާރު ދެމުން އައިމަށްފަހު، އެމެރިކާއާއި ގުޅިގެން ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން އަނެއްކާ ވެސް މި ވަނީ އީރާނަށް ޙަމަލާ ދޭން ފަށާފައެވެ. މިއީ އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް އެ ޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަޑައިގެންނެވިފަހުން، އެމެރިކާއިން އީރާނަށް ޙަމަލާދޭ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ޖޫން މަހު ވެސް ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ ކާރުޚާނާތަކަށް ޢަމާޒުކޮށް ވައިގެ ޙަމަލާތައް ދީފައިވެއެވެ.
ހޮނިހިރު ދުވަހު ގެ ހަމަލާތަކަށްފަހު އީރާނުންވެސް ވަނީ އީރާންގެ ވަށައިގެންވާ،އިޒްރޭލަށް މަދަދުވެރިވާ ބައެއް ޕަރޝިއަން ގަލްފްގެ ގައުމުތަކަށް މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފައެވެ. މިގައުމު ތަކުގެ ތެރޭގައި ދުބާއީ ދޯހާ، ބަހުރެއިން އަދި ކުވެއިތު ފަދަ ގައުމުތައް ހިމެނެއެވެ. މިއީ ހައްތާވެސް އެމެރިކާގެ ބޭސްތައް ހުންނަ ގައުމުތަކެވެ. ޔޫއޭއީ އަށް އެކަނިވެސް 196 ހަމަލާ ދެވި މަތަ ކުރެވިފައިވާ ކަމަށް ޚަބަރު ލިބެއެވެ. އީރާނުން ކުރިން ބުނެފައިވަނީ އިރާނަށް ހަމަލާއެއް ދީފިނަމަ ސަރަހައްދު އެއްކޮން ފޮހެލާނެ ކަމުގައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހޯމަދުވަހު އިޒްރޭލަށް ކުރައްވަން އޮތް ދަތުރުފުޅެއްވަނީ މިފެށުނު ހަމަލާތަކާއި ގުޅިގެން ފަސްކޮށްފައެވެ.
![]()
